އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން، ދެލައްކަ ރުފިޔާއިން ރާއްޖެ ޓީވީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ޖޫރިމަނާކޮށްފި އެވެ.
ރާއްޖެ ޓީވީ ޖޫރިމަނާކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 19 ވަނަ ދުވަހު ތިން ގަޑިއެއްގައި ފޮނުވި، އައްޑޫ ސިޓީގެ ހިތަދޫގައި ހިނގި ރޭޕު މައްސަލައަކާ ގުޅޭ ޚަބަރެއްގައި، އެ މައްސަލާގައި ހިމެނޭ ކުއްޖާގެ އާއިލާއާ އެކު މަސައްކަތް ކުރާ ސޯޝަލް ވޯކަރެއް ކަމުގައިވާ ފަސާހަތު ހުސައިން، ރޭޕްގެ އެ މައްސަލަ އޮއްބާލަން މަސައްކަތްކޮށް، އެ މައްސަލަ ބެލުމަށް ނުފޫޒު ފޯރުވުމަށް ތުހުމަތުކޮށްފައިވާ ކަމަށް ރިޕޯޓު ކޮށްފައިވާތީއެވެ.
އެ މައްސަލައާ ގުޅިގެން ފަސާހަތު ހުސެއިނާ އެއްވެސް ސުވާލެއް ނުކޮށް ފަސާހަތު ހުސެއިންގެ ފުރިހަމަ ނަން ރާއްޖެ ޓީވީގެ ހުރިހާ ޚަބަރެއްގައި ކިޔާފައި ވާތީ އޭނާ ވަނީ އެ ޝަކުވާ ކޮމިޝަނަށް ހުށަހަޅާފަ އެވެ.
މި މައްސަލަ ކޮމިޝަނުން ބަލައި، ނިންމާފައި ވަނީ އެ ޚަބަރު ރާއްޖެޓީވީ އިން ގެނެސްދީފައި ވަނީ އަބުރުގެ ގާނޫނުގެ 100 ވަނަ މާއްދާއާ ޚިލާފަށް، ފަސާހަތުގެ އަބުރުގެ ކަރަމާތަށް އުނިކަން ލިބޭ ގޮތަކަށް ކަމަށެވެ.
އެހެންކަމުން ކޮމިޝަނުން ނިންމާފައި ވަނީ އަބުރުގެ ގާނޫނުގެ ހަވަނަ ބާބުގެ ދަށުން ޖޫރިމަނާކުރުމާ ބެހޭ އުސޫލުގެ 14 ވަނަ މާއްދާގެ (ށ) އަދި (ބ) އަށް ރިޢާޔަތް ކުރުމަށް ފަހު، އެ އުސޫލުގެ 10 ވަނަ މާއްދާގެ ދަށުން ރާއްޖެޓީވީ ދެލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ.
މީގެ އިތުރުން އެ ޚަބަރު ތައްޔާރުކުރި ރާއްޖެޓީވީގެ ނޫސްވެރިޔާ އާލާ އިބްރާހިމް، އެ އުސޫލުގެ 10 ވަނަ މާއްދާގެ (ށ)ގެ ދަށުން 50،000 ރުފިޔާ އިން ޖޫރިމަނާކުރުމަށް ވެސް ކޮމިޝަނުންވަނީ ނިންމާފައެވެ.
މިފައިސާ 30 ދުވަސްތެރޭ ރާއްޖެ ޓީވީއިން ކޮމިޝަނަށް ދައްކަން ޖެހެއެވެ.

















ޚިޔާލު