ރާއްޖޭގެ ޚަބަރު

އިސްލާމީ ވަހްދަތާއި އެއްބައިވަންތަކަމަށް ހުކުރު ޚުތުބާގައި ގޮވާލައިފި

އިސްލާމީ ވަހްދަތާއި އެއްބައިވަންތަކަން ދެމެހެއްޓުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

މިއަދު އިއްވުނު ހުކުރު ޚުތުބާގައިވަނީ އިސްލާމްދީނުގެ އިރު ދުނިޔެއަށް އަލިވެ އުޖާލާވެ ބަބުޅައިގަތީ އިސްލާމީ ވަހުދަތުގެ ސަބަބުން ކަމަށާއި އިސްލާމީ ފުތޫހާތުތައް ދުނިޔޭގެ އިރުމައްޗާއި ހުޅަނގަށް ފެތުރި، އިސްލާމީ ދައުލަތުގެ ސިންގާސަނާއަށް ދުނިޔޭގެ ޤައުމުތައް ބޯލަނބައި ކިޔަމަންގަތީ އިސްލާމީ އެއްބައިވަންތަކަމުގެ ސަބަބުން ކަމަށެވެ. އަދި މިވަހްދަތާއި އެއްބައިވަންތަކަން ނެތި ދިޔުމުން އިސްލާމީ ދައުލަތުގެ ގޮށްތައް މޮހި ކަފާސްވެގެން ދިޔަދިޔުމުގެ މައްޗަށް ޚުތުބާގައި އަލިއަޅުވާލިއެވެ.

އިސްލާމީ ވަހްދަތާއި އެއްބައިވަންތަކަމަށް ބޭނުންވާ ކަންކަމަށް އަލިއަޅުވާލައި ޚުތުބާގައިވަނީ އިސްލާމީ ވަހުދަތާއި އެއްބައިވަންތަކަމަށް އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އިސްލާމީ ވަހުދަތުގެ ބިންގާ ވަރުގަދަކުރުން ކަމަށެވެ. އެގޮތުން އެކަމަށް ބޭނުންވާ އީމާންކަމުގެ އަސާސްތަކާއި އަސާސުގެ ޝުއޫރުތައް ހަރުދަނާކުރަންޖެހޭ ކަމަށް ޚުތުބާގައި ގޮވާލެއްވިއެވެ. ދެވަނަ ކަމެެއްގެ ގޮތުގައި ފާހަގަކުރެއްވީ މުސްލިމުންގެ ހިތްތައް އެކަތިގަނޑަކަށް ހެދުމާއި ހިތްތަކުގައި އޯގާވެރިކަމާއި ކުލުނުވެރިކަމާއި ހިތްހެޔޮކަމުގެ ޝުއޫރުތަކުގެ އޮށް އިންދާ އެއަށް ފެންދީ ހައްދާ ބޮޑުކުރުމަށް މަސައްކަތް ކުރުމެވެ.

ބަދުރު ހަނގުރާމައިގެ ޣަނީމާ މުދާ ބެހުމުގެ ހާދިސާ ހަނދާންކޮށްދެމުން ޚުތުބާގައިވަނީ އިސްލާމީ ވަހުދަތު ޤާއިމްކުރުމަށް ދެބަސްވުންތަކާއި އަރާރުންވުންތަކުން ދުރުވާންޖެހޭ ކަމަށާއި އިސްލާމީ ވަހުދަތާއި އުހުއްވަތްތެރިކަން ޤާއިމްކުރެވޭނީ އަމިއްލަ މަސްލަހަތުތަކާއި ދުނިޔަވީ މަންފާތަކަށްވުރެ އުއްމަތުގެ މަސްލަހަތު އިސްކޮށްގެން ކަމުގައި ޚުތުބާގައި ފާހަގަ ކުރެއްވިއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *