އިޒްރޭލުން ވެރިވެގެންތިބި ފަލަސްތީނުގެ ބިންތަކުން ފައިބަން ދިވެހިރާއްޖެއިން އ.ދގައި ގޮވާލައިފިއެވެ.
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން މިފަދައިން ގޮވައިލެއްވީ ޚާރިޖީ ވަޒީރު މުހައްމަދު އާސިމެވެ.
މިބައްދަލުވުމުގައި ވާހަކަދައްކަވަމުން ޚާރިޖީ ވަޒީރު ވިދާޅުވީ ފަލަސްތީނާއި އިޒްރޭލުގެ މައްސަލާގައި އެއް ބަޔަކު އަނެއް ބައެއްގެ ހައްޤަށް އިހްތިރާމް ކުރަންޖެހޭ ކަމަށާއި ގަވާއިދާ ޚިލާފަށް އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުން ފައިބަން ޖެހޭ ކަމަށެވެ. އަދި އެކަމަށް ބާރު އެޅުމުގެ ގޮތުން އދ. ގެ ސަލާމަތީ މަޖިލީހުން ޤަރާރެއް ފާސް ކުރަން ޚަރިޖީ ވަޒީރުވަނީ ގޮވާލައްވާފައެވެ.
މީގެ އިތުރުން މިބައްދަލުވުމުގައި ޚާރިޖީ ވަޒީރުވަނީ ސީރިޔާގެ އިންސާނީ ހާލަތާއި ގުޅޭގޮތުންވެސް ވާހަކަދައްކަވާފައެވެ. އެގޮތުން ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނެސް، ހާލުގައި ޖެހިފައިވާ މީހުންގެ ހައްގުތަކަށް ވިސްނަންޖެހޭ ކަމަށް ޚާރިޒީ ވަޒީރު ވިދާޅުވި އެވެ. އަދި ހަނގުރާމަ އާއި ހަމަނުޖެހުންތަކުގެ ސަބަބުން ގައުމު ދޫކޮށް އެހެން ގައުމުތަކަށް ހިޖުރަ ކުރަމުންދާ ރެފިއުޖީންނާ މެދު ހަމްދަރުދީވެ، އެ މީހުންނަށް ގައުމުތަކުން އެހީތެރިކަން ދިނުމަށް ވެސް ގޮވާލެއްވިއެވެ.

















ޚިޔާލު