ރާއްޖޭގެ ޚަބަރު

މަރުގެ ދިޔައިގެ ގޮތުގައި 100،000 ރުފިޔާ ދިނުމަށް ހުކުމް ކޮށްފި

އުމުރުން 18 އަހަރުނުވާ މީހަކު ބާރު ސްޕީޑްގައި ދުއްވި ސައިކަލަކުންޖެހި މަރުވި މީހެއްގެ، މަރުގެ ދިޔައިގެ ގޮތުގައި 100،000 ރުފިޔާ ދިނުމަށް ޖުވެނައިލް ކޯޓުން ހުކުމް ކޮށްފިއެވެ.

2013 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތިން ވަނަ ދުވަހުގެ ރޭ، ޏ ފުވައްމުލަކުގައި ހިނގި މިއެކްސިޑެންޓްގައި މަރުވެފައިވަނީ އެރަށު ދަނޑިމަގު، އަތަ މުހައްމަދު ޝުޖާއުއެވެ.

މިކަމާއިގުޅިގެން އުފުލާފައިވާ ދައުވާއަށް ހުކުމްކުރަމުން ޖުވެނައިލް ކޯޓުން ބުނެފައި ވަނީ އެކްސިޑެންޓުގައި މަރުވި ޝުޖާއު ސައިކަލް ދުއްވީ މަޑުން ކަމަށާއި މަގުގެ އަނެއްފަޅިއަށް އެޅުމުގެ ކުރިން ޝުޖާއު ސިގުނަލް ދީފައިނުވާ ކަމަށް މަންޒަރުދުން މީހެއްގެ ހެކިބަހުން އެނގެން އޮތް ނަމަވެސް، އެ އެކްސިޑެންޓު ހިނގާފައި ވަނީ މަގަށް ދޭންވާ ސަމާލުކަން ނުދީ ދައުވާ ލިބޭ 18 އަހަރު ނުފުރޭ މީހާ ބާރު ސްޕީޑުގައި ސައިކަލް ދުއްވުމުގެ ސަބަބުންކަން ޝަރިއަތަށް ސާބިތުވާ ކަމަށެވެ. އަދި ދައުވާ ލިބޭ ފަރާތުން ސައިކަލް ދުއްވީ ބާރު ސްޕީޑުގައި ކަން ހެކީންގެ ހެކިބަހުން އެނގޭއިރު އޭނާގެ އަތުގައި ސައިކަލް ދުއްވުމުގެ ލައިސަންސް ނެތް ކަމަށް އެ ހުކުމްގައި ފާހަގަކޮށްފައިވެއެވެ.

މިހުކުމުގައިވާ ގޮތުން މަރުގެ ދިޔައިގެ ފައިސާ ތިން އަހަރު ދުވަހުގެ ތެރޭގައި ފެމެލީ ކޯޓަށް ދައްކައި ހަލާސްކުރުމަށްވަނީ ދައުވާ ލިބުނު ފަރާތުގެ މައްޗަށް އަމުރުކޮށްފައެވެ. އަދި އެ ކުށުގެ ކައްފާރައެއްގެ ގޮތުގައި ވިދިވިދިގެން ދެ މަސް ދުވަހުގެ މުއްދަތަށް ރޯދަ ހިފުމަށްވެސް ވަނީ އަމުރުކޮށްފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *