ކޮލަމިސްޓް އަންހެންތަކުންނަށް ޙައްޤު ހޯދައިދޭންޖެހެއެވެ. އެކަމަށް އަޅުގަނޑު ގޮވާލަމެވެ.

އަންހެންތަކުންނަށް ޙައްޤު ހޯދައިދޭންޖެހެއެވެ. އެކަމަށް އަޅުގަނޑު ގޮވާލަމެވެ.

އަންހެންތަކުންނަށް ޙައްޤު ހޯދައިދޭންޖެހެއެވެ. އެކަމަށް އަޅުގަނޑު ގޮވާލަމެވެ.

ކިޔާލަން ހޭދަވާނީ 6 މިނިޓް

ފޮންޓް ސައިޒް

'' ކަންކުރަނީ ދެމީހުން. ހައްދު ޖަހަނީ އަންހެނުންނަށް.'' މިއީ ދާދިފަހުން ދިވެހިފަސްގަނޑުގައި ކުރެވުނު މުޒާހަރާއެއްގައި ބައިވެރިއެއް ހިފައިގެން ހުރި ބޯޑެއްގައި ލިޔެފައި ވާ ލިޔުން ކޮޅެކެވެ. ލިޔުންކޮޅު ލިޔެފައިވާ ބޯޑު ހިފަހައްޓައިގެން ހުރީ އަޅުގަނޑުމެން ބަހުން ވާހަކަ ދައްކާ އަޅުގަނޑުމެންގެ ކުލައިގެ އަޅުގަނޑުމެންގެ ތެރެއިންވާ ދިވެއްސެއްކަމާއި މެދު ޝައްކެއްނެތެވެ. އަދި މުޅި މުޒާހަރާއި ގައިވެސް ތިބީ އެފަދަ އަންހެން ބޭފުޅުންތަކެކެވެ. އެކަމަކު އަޅުގަނޑަށް ލިޔުން ފެނުމާއިއެކު ހިތައް އެރީ ވަރަށް އެހެންކަހަލަ ޝުޢޫރުތަކެކެވެ. އަދި ހިތާހިތާ ކިޔާލެވުނެވެ. އެލިޔުން ހިފައިގެން ހުރި ދިވެހި އެ ދަރިޔަށް އެބޯޑުގައި އެ ބުނާއެއްޗެއްގެ ޙަޤީޤީ މާނަ އެނގޭބާވައެވެ؟ ނުވަތަ އެބޯޑުން އެބައިވެރިން ބުނެދެން އެ އުޅެނީ ކޮން ވާހަކަކައެއް ބާވައެވެ؟ ނުވަތަ އޭގެ މަޤުޞަދަކަށް ވާނީ ކޮން ކަމެއްބާވައެވެ؟ އެޔާމެދު ފުންކޮށް ވިސްނާލާ އޭގެން ހެޔޮ މާނައެއް ކުރުމަށް ވަރަށް ހިއްވަރު ކުރީމެވެ. އެހެނީ އޭގެން ނެގިދާނެ ދެތިން ހަތަރު މާނާއެއް އޮވެދާނެތީއެވެ.

ކޮންމެއަކަސް މިބަސްކޮޅަކީ އެޔާމެދު ވިސްނާލީމާ އެމީހެއްގެ ނިސްބަތުން ވަރަށް ގިނަ ޝުޢޫރުތައް ހިތައް އައިސްދާނެ ޖުމްލައެކެވެ. އެގޮތުން ޙައްޤުތައް ހޯދުމުގެ ނަމުގައި ނިކުމެ މުޒާހަރާ ކުރާއިރު '' ކަންކުރަނީ ދެމީހުން. ހައްދު ޖަހަނީ އަންހެނުންނަށް.'' އޭ ބުނެ އިސްލާމްދީނުގެ ހައްދަކާ ގުޅުވާފައި އެކަން ކުރީމާ އޭގެން ދެވޭ އެއްމެ ސާފް މެސެޖަކީ އިސްލާމްދީނުގައި އަންހެނުންގެ ހައްޤުގެ އުނިވާހަކަ އެވެ. ނުވަތަ އިސްލާމްދީންނުގައި ކަނޑައެޅިގެންވާ ޙައްދު ތަކުގައި އަންހެނާއަށް އިހާނެތިކޮށް ހިތާފައިވާ ވާހަކައެވެ. އެހެނަސް އިސްލާމްދީނުގައި ކަން އޮތީ އެފަދަ ގޮތަކަށް ނޫންކަން ހަމަ ބުއްދިން ވިސްނާ އެންމެ އާދައިގެ މީހާއަށްވެސް އެގޭނެ ކަމާއި މެދު ޝައްކެއްނެތެވެ. އާއެކެވެ. އެއީ މެންދުރުގެ އިރު ހުރީ އަރާފަކަން ސާފުވަރަށް ސާފް ކަމެކެވެ. އަދި ހަމައެޔާއި އެކު އެ ލިޔުން ހިފައިގެން ހުރިފަރާތައް ވެސް މިކަން މިވަރަށް ސާފުވާނެކަމާއިމެދުވެސް ޔަޤީންކުރަމެވެ. އަދި އެލިޔުމުން އެފަދަ މާނައެއް ދޭހަވާނެކަން އެނގިހުރެ އެކަންކޮށްފިނަމަ އެހިންގަނީ ޙައްޤުތަކުގެ ނަމުގައި ވަރަށްބޮޑު ޖަރީމާއެއްކަން ކަށަވަރެވެ. އަދި ކިޔެއްހެއްޔެވެ. އެއީ ހެޔޮނިޔަތުގައި ޙައްޤުތަކަށް އެދި މަސައްކަތް ކުރާފަރާތްތަކަށް ކުރާ މަލާމާތެކެވެ. ކުރާ ޖެއްސުމެކެވެ. ސަބަބަކީ އެފަދަ މާނައެއް ދޭހަވެދާނޭ ބަހެއް ދުލުން ބުނުން ނުވަތަ ލިޔުމަކުން މީހުންނަށް އެންގުން އެއީ އެމީހަކަށް ދީނީގޮތުންނާއި ޤާނޫނީގޮތުންވެސް އޭގައި ބޮޑެތި އަދަބު ދޭންޖެހޭނެ ކަމަކަށްވުމެވެ. އަދި އެޔާއިއެކު އޭގެ ސަބަބުން މީސަތްކުންގެ ހިތްތަކުގައި އެފަދަ ޙައްދުތަކަށް އޮތް އިތުބާރާއި އިޙްތިރާމް ކުޑަކޮށްދޭކަމެކެވެ. އޭގެ ސަބަބުން ބަސްބުނި މީހާ ނުވަތަ ލިޔުން އާންމު ކުރި ފަރާތައް ކަމުގެ ޙައްޤު ޖަޒާ އެ ޙައްދު ޝަރުޢުކުރެއްވި އިލާހު ދެއްވާނެކަމެކެވެ. އެހެން ކަމުން އެނގިނަމަވެސް ނުވަތަ ނޭގި ނަމަވެސް ކުރާ ނުވަތަ ކުރެވޭ މިފަދަ ކަންނަމަށް ހުށިޔާރު ވާށެވެ. ނޫނީ ނޭގި ތިބެ ކުރެވޭ ކަމަކުން އަންނާނެ ދުވަހެއްކަން ޔަޤީންވާ އެ ޤިޔާމަތް ދުވަހުގައި އަބަދުގެ އަބަދައް ހިތާމަ ކުރާ ބަޔަކަށް ވެގެން ހިގައިދާނެއެވެ.

އިސްލާމްދީނަށް މަލާމާތް ކުރާފަރާތްތަކާއިމެދު ﷲތަޢާލާ ވަހީކުރައްވަފައި ވެއެވެ.

(( وَلَئِنْ سَأَلْتَهُمْ لَيَقُولُنَّ إِنَّمَا كُنَّا نَخُوضُ وَنَلْعَبُ قُلْ أَبِاللَّهِ وَآيَاتِهِ وَرَسُولِهِ كُنْتُمْ تَسْتَهْزِئُونَ . لَا تَعْتَذِرُوا قَدْ كَفَرْتُمْ بَعْدَ إِيمَانِكُمْ )) التوبة/ 65،66

މާނައީ: '' ހަމަކަވަރުން، ކަލޭގެފާނު، އެއުރެންނާ ސުވާލު ކުރައްވައިފިނަމަ، އެއުރެން ދަންނަވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، ތިމަންމެން ހަމައެކަނި ވާހަކަދައްކާލައި، ކުޅިވަރު ކުޅޭކަމުގައި ވީމުއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތިޔަ މަލާމާތްކޮށް އުޅުނީ، اللَّه އާއި، އެކަލާނގެ އާޔަތްތަކާއި، އެކަލާނގެ ރަސޫލާއަށް ހެއްޔެވެ؟ ތިޔަބައިމީހުން ޢުޒުރު ނުދައްކާށެވެ! ތިޔަބައިމީހުން އީމާން ވުމަށްފަހު، ތިޔަބައިމީހުން ތިޔަތިބީ ކާފަރު ވެފައިކަން ކަށަވަރެވެ.''

ތަންކޮޅެއް ''އޯޕަން މައިންޑަކުން'' ވިސްނާލަމާތޯއެވެ. '' ކަންކުރަނީ ދެމީހުން. ހައްދު ޖަހަނީ އަންހެނުންނަށް.'' އިސްލާމްދީނުގައި ކަން އޮތީ މިހެންތޯއެވެ؟ ނޫނެކެވެ. އެއީ ބޮޑުވެގެންވާ އޮޅުވާލުމެއްކަމާއި މެދު ޝައްކެއްނެތެވެ. ޒިނޭކުރާ އަންހެނަކާއި ޒިނޭކުރާ ފިރެހެނެއް، އެ ނުބައި ފާހިޝް ޢަމަލު ހިންގިގަން އެއްވެސް ޝައްކެއްނެތް މިންވަރަށް ސާބިތުވެއްޖެނަމަ އެކަމަށް ކަނޑައެޅިގެންވާ ޙައްދު އޭގެ ތެރެއިން ކޮންމެ މީހަކަށްވެސް އަންނާނެއެވެ. އެކަމަކު އެޔާއި ޚިލާފަށް ކަންދިމާވާ ގޮތަކުން ދެމީހުންކުރެ އެކަކު އެކަން ކުރިކަމަށް ޝައްކެއްނެތްމިންވަރަށް ސާބިތުވެ، އަނެކަކު ކުރިކަމަށް ޝައްކެތްނެތް މިންވަރަށް ސާބިތު ނުވެއްޖެނަމަ އެތަނުން ޙައްދު އަންނާނީ ސާބިތުވި މީހާ އަށް އެކަންޔެވެ. ފިރެހެން މީހާގެ މައްޗައް ސާބިތުވިނަމަ ފިރެހެން މީހާއަށެވެ. އަދި އަންހެންމީހާގެ މައްޗަށް ސާބިތު ވިނަމަ އެމީހަކަށް އެޙައްދެއް އަންނާނެއެވެ. އެހެން އެކަން އޮއްވާ ''ހައްދު ޖަހަނީ އަންހެނުންނަށް.'' އޭ ބުނުން އެއީ ކަނޑައެޅިގެން ޙަޤީގަތް އޮޅުވާލަނީ އެވެ. ޝައްކެއް ނެތްމިންވަރަށް ސާބިތުވަންދެން ހެއްކާއި ޤަރީނާއަށް ބަލަންޖެހޭ ސަބަބަކީ އިންސާނުންނަށް ޣައިބު ނޭގޭތީއެވެ. ވާންހުރި އަދި ވަމުންދާ ހުރިހާކަމެއް ނޭގޭތީއެވެ. އެގޭނަމަ އެކަން އެހެން ކުރާކަށް ނުޖެހުނީހެވެ. އެހެނީ އެކަންކުރިކަން ޝައްކެތްނެތް މިންވަރަށް ސާބިތު ނުވަނީސް ޙުކުމްކޮށް އެޙައްދު ޖަހާކަމުގައި ވާނަމަ ޙައްޤުނޫން އެތައްބަޔަކަށް އެ ޢަދަބު ދެވިދާނެތީއެވެ. ޙަޤީޤީ ޢަދުލުވެރި ކަމަކީ މިއީ ނޫންތޯއެވެ.

އެހެން ނުކުތާއެކެވެ. '' ކަންކުރަނީ ދެމީހުން. ހައްދު ޖަހަނީ އަންހެނުންނަށް.'' މިހެން ބުނެފައި މިއީޤާޒީންގެ ވާހަކައޭ ބުނެފާނެއެވެ. އެއްބަހެވެ. ރާއްޖޭގައި ބައެއް ގާޒީންނާއި އަދިވެސް ޝަރުޢީ ދާއިރާގެ ބައެއް ފަރާތްތަކާއި މެދު މިވަނީ ދިވެހިގައުމުގައި މީގެ ކުރިން ދުވަހަކުވެސް އާންމުން ޝައްކާއި ތުހުމަތު ނުކުރާވަރަށް ތުހުމަތު ކުރެވެން ފަށާފައެވެ. އެގޮތައް އެކަން އޮތްކަމުގައި ވާނަމަ އެހެން ލިޔާށެވެ. ނުވަތަ އެވާހަކަ ދައްކާށެވެ. ނުވަތަ ކަމާއިބެހޭ ފަރާތައް މައްސަލަ ހުށަހަޅައިގެން ހައްލުހޯދާށެވެ. އިސްލާމްދީނުގެ މަތިވެރި ޝިއާރެއް ކަމުގައިވާ ކަނޑައެޅިފައިވާ ހައްދު ޤާއިމުކުރުމަށް ބަސްތައް ރައްދުކޮށް އެކަމާއި ނުބެހޭށެވެ. ތިމަންނާމެންގެ ޙައްގޭ ބުނެ އަޅުގަނޑުމެންގެ ޚާލިގުވަންތަ އިލާހުގެ އެންގެވުމަށް އަދާކުރަމުންދާ ޙައްޤަކަށް އިހާނެތިކަން ދޭނަމަ ޙައްޤޭ ކިޔަގެން ދެކެވޭ ވާހަކާގައި ދެކޮޅެއް ނުޖެހެއެވެ. އެގޮތައް އެކަން ކުރާނަމަ ބޭރުފުށަށް ޙައްޤުތަކުގެ ދަޅަ ދައްކައިގެން އެކުރަނީ އެހެން ކަމެކެވެ.

އިންސާވެރި ނަޒަރަކުން ވިސްނާ އިރު އަޅުގަނޑުމެންގެ ޙައްޤަކަށް އަރައިގަންނަ ނަމަ އެ ޙައްޤަކަށް އެދި ވަކާލާތު ކުރުމަކީ އެމީހާކަށް ދީނީގޮތުން ވެސް އަދި ޤާނޫނީ ގޮތުންވެސް ލިބިދޭ ޙައްޤެކެވެ. އެކަމަކު މިތާ އުފެދޭ ސުވާލަކީ ޙޯދަން އުޅުނު ޙައްޤު އެއީ ޙަޤީގަތުގައި ވެސް ޙައްޤެން ޤެއްލިގެން ހޯދަން އުޅުނު ޙައްޤުތަކެއް ބާވައެވެ؟ ނުވަތަ އެއީ އެހެން ބޭނުމެއްގައި ކުރެވޭ ކަމެއްބާ ވައެވެ؟ މި ސުވާލުތައް އުފައްދަން ޖެހޭ ސަބަބަކީ ކާއިނާތުގެ ވެރި އިލާހުގެ ފަރާތުން އަންހެނާ އަށް ކަށަވަރު ކޮށްދީފައިފައިވާ އެތައް ޙައްޤެއް ފާޅުގައި ނިއުޅާގަނެވޭ އިރު އެ ޙައްޤުތަކުގެ ވާހަކަ ދައްކާނެ ފަރާތެއް ނެތުމެވެ. ދަރިން ހޯދުން ފަސްކޮށްލުން ނުވަތަ ފެމިލީ ޕްލޭނިންގެ ނަމުގައި، ދަރިން ހޯދުން ލިބުމުން އެއްކިބާ ވެލުމަށް ތިމާގެ އަނބިމީހާ އަށް އޭނާގެ ފުރަގަސް ފަރާތް ބޭނުންކުރަން ފިރިންގެ ފަރާތުން މަޖުބޫރު ވެފައިވާ އެތައް އަންހެނުންނެއް އެކަމުގެ ވޭނާއި ކެކުޅުމުގައި އުޅޭއިރު ގެއްލިގެންދާ އެ ޙައްޤުގެ ވާހަކަ އެއް ނުދެއްކެއެވެ. އަދި ހަމަ އެޔާއި އެކު ދަރިންލިބުން ނޭދި ތިބެ ކުރާ ޒިނޭގެ ސަބަބުން ބަލިވެއިންނަ އެތައް އަންހެނަކަށް ''ބޯއީފްރޭންޑް' އާއި އާއިލާއަށް ލިބިދާނެ ދުނިޔަވީ ލަދަކަށް ބަލާ އެ ކުޑަ މައުސޫމު ދަރފުޅު އެބޯރޓްކޮށްލަން މަޖުބޫރުކުރާއިރު ގެއްލިގެން އެދަނީ އެއަންހެން ކުއްޖާއާއި ކުޑަ ތުއްތު ދަރިފުޅުގެ ޙައްޤެއްނޫންބާވައެވެ. އެވާހަކަ ދަންނަ އެއްވެސް މީހަކު ޙައްޤައް ގޮވާ މީހުންތެރޭގައި ނޫޅޭކަމީ އަޖައިބެކެވެ. އަދި ހަމައެޔާއިއެކު އަންހެންތަކުންގެ އިއްފަތްތެރިކަމުގެ ނިޝާނެއްގެ ގޮތުން ޝަރުކުރައްވާފައިވާ ޙިޖާބުވުމާއި މޫނު ބުރުގާ ގެ މަތިވެރި ހެދުމުމުން ނިވާވެގެން ތިބޭ އަންހެންތަކުންނަށް ސިރާއި ފާޅުގައި ފުރައްސާރަ ކުރެވި، އެކި ގޮތްގޮތުން ކަންކަމުން މަހުރޫމުކޮށް އެއްކައިރި ކުރަމުން ދާއިރު އެޙައްޤުގެ ވާހަކަ ދައްކާލާނެ ދުލެއް މުޅި މި ދިވެހިފަސްގަނޑުގައިވެސް ނެތެވެ. ދެޖިންސު ވަކިން ތަޢުލީމު ޙާސިލްކޮށް އިއްފަތްތެރިކަމާއި އެކު ދިރިއުޅުމާއި ކުރިމަތިލާނެ މަގެއް އެދިއެދި ތިބޭ އެތައް އުޚުތުންނަކަށް އެޙައްޤު ނުލިބުމުން އެކަމާއި ބޭހޭގޮތުން ''ހޭ'' ވެސް އަހާލާ ޙައްޤުގެ ވާހަކަ ދައްކާނެ މީހަކު ނެތެވެ. މީހަކާއި ނީނދެވި އުމުރުން ދުވަސް ވުމުން ނުވަތަ ފިރި މަރުވުމުން ނުވަތަ އެހެންވެސް ސަބަބަކާ ހުރެ ވަރިވެފައިވާ އަންހެނާއަށް ދިރިއުޅުމުގައި ބައިވެރިޔަކު ފަސޭހަކަމާއި އެކު ހޯދެން އިސްލާމދީން ގެނެސްދެއްވި މަގު ކަމުގައިވާ މީހާކާއި އިދެނގެން އުޅޭ ފިރިހެނަކާއި އިނުމުގެ ޙައްޤު އަންހެނާގެ ކިބައިން ނިއުޅާގަނއފައިވާއިރު އެވާހަކަ ދައްކަނީ ކާކުބާއެވެ. އާއެކެވެ. އެހައްޤުވެސް ވަނީ ނިއުޅާއިގަންފައެވެ. ސީދާ އެހެން ނުބުނެ އެހެން ގޮތްގޮތުން އެކި ކެމްޕޭންކޮށް އެކަން ކުރުމުގެ ދޮރު ފިރެހެނުންނަށް ބަންދުވާވަރަށް އުނދަގޫ ވާގޮތައް އުސޫލުތައް ހަދައިގެންނެވެ. މީގެ ސަބަބުން 2 އަންބައް ނަމަވެސް ރަނގަޅުމީހަކާ ކައިވެއްޔެއް ކުރައް މަސައްކަތް ކުރާ އެތައް އަންހެނުންނަކަށް އެކަން ނުވެ އެ ޙައްޤު ގެއްލިފައި ވާއިރު އެޙައްޤަށް ވަކާލާތު ކުރާނެ ފަރާތެއް ހަމަ ނެތީއެވެ. މިހެންގޮސް ކިޔާނެ ކަމެއްނެތެވެ. މީގެ އެތައްވާހަކަ ތަކެކެވެ. ކަންއޮތީ މިހެންކަމުން ޙައްޤަށް އެދި ގޮވާ މީހުންގެ ގޮވުމުގައި ހަރުދަނާ ކަމެއް އެބައޮތްތޯ މީ މިއަދު އަޅުގަނޑުމެން އެންމެންވެސް ވިސްނާލަން ޖެހޭ ކަމެކެވެ. އެހެނީ ކަމަކަށް އެދި ވަކާލާތު ކުރަން ވާނީ އެކަމެއް އޭގެ ގޮތުގައި އެނގި ތިބެއެވެ. ނޫނީ އެފަދަ އަންހެންތަކުން އެބުނާ ކަހަލަ ''ފިސާރި އަންހެނެއްކަށް'' ވުމުގެ ބަދަލުގައި ވާނީ ''ފިސާރިކަމުން'' އެއްކިބާވެ ރަނޑުކަމާއި ޤަމާރުކާއި ނޭއްގާނީ ކަމާއި ޖާހިލުކަމުގައި ޙައްދު ފަހަނަ އަޅާފައިވާ އަންހެންތަކުންގެ ތެރެއިންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.