ލާދީނީ ނިޒާމަށް ތަބާވުމަކީ މުސްލިމުންނަށް ގެއްލުން ހުރި ކަމެއް

ނޯޓް: މިއީ ހަވީރު އޮންލައިންގައި ސައުދުﷲ ޢަލީ ލިޔުއްވާފައިވާ ލިޔުމެކެވެ.

މަޝްހޫރު ފަރަންސޭސި އިންގިލާބަށް ފަހު ޔޫރަޕުގައި ސެކިއުލަރިޒަމް ނުވަތަ ލާދީނިއްޔަތު ތައާރަފް ކުރެވުނެވެ. އެއީ މި ފިކުރަށް ތަބާވުމަކީ ދުނިޔަވީ މާއްދީ މަންފާތައް ހާސިލު ކުރުމަށް (ޚާއްޞަކޮށް ޣައިރު މުސްލިމުންނަށް) އެކަށޭނަ ގޮތެއް ކަމަށް އެމީހުން ގަބޫލުކުރާތީ އެވެ. ނަމަވެސް މުސްލިމުންނަށް މިއީ އެތައް ގޮތަކުން ގެއްލުންހުރި ކަމެކެވެ. މިގޮތުން އިސްލާމީ ގައުމުތަކުގައި ކުރެވިފައިވާ ތަޖުރިބާތަކުގެ އަލީގައި އިސްލާމީ މުފައްކިރުން މިފަދަ ބައެއް ގެއްލުންތައް ފާހަގަ ކުރައްވާފައި ވެއެވެ. އެކަންކަމަށް އިޝާރާތް ކޮށްލުމުގެ ކުރިން ލާދީނީ ނިޒާމޭ މިބުނާ ބަހުގެ މާނައަށް ބަލައިލުން މުހިންމެވެ.

ލާދީނީ ނިޒާމޭ މިކިޔަނީ ސެކިއުލަރިޒަމަށެވެ. ޔޫރަޕުގެ ބަސްފޮތްތަކުގައިވާ ގޮތުން ސެކިއުލަރިޒަމަކީ ދުނިޔަވީ އެކިއެކި ކަންކަން ކުރާއިރު ދީނީ ރޫހާނީ ކަންކަން އޭގެ ތެރެއަށް ނުވައްދައި އެއް ފަރާތުގައި ބާއްވަން ސަމާލުކަން ދޭ އިޖުތިމާއީ ހަރަކާތެކެވެ. އަރަބި ބަހުގައި ބޭނުންކުރަނީ “ޢަލްމާނިއްޔާ” އެވެ. އެއީ އާލަމަށް ނިސްބަތް ކޮށެވެ. ބައެއް ފަހަރު “ޢިލްމާނިއްޔާ” ވެސް ކިޔައެވެ. އެއީ ޢިލްމަށް ނިސްބަތް ކޮށެވެ. އިސްލާމީ މުފައްކިރުން ވިދާޅުވާ ގޮތުގައި މިބަސް މިބޭނުންކުރެވެނީ ބަހުގެ ގަވައިދުތަކާ ހިލާފަށެވެ. އަދި ޢިލްމަށް ނިސްބަތްކޮށް ބޭނުންކުރުމަކީ ސެކިއުލަރިޒަމްގެ އަސްލު މާނައާ ފުށުއަރާ ކަމެއް ކަމަށެވެ.

ވީމާ ލަފުޒުގެ އަސްލަށް ބަލާއިރު އާއި ކަން ހިނގާ ގޮތަށް ބަލާއިރު އެއަށް ބޭނުންކުރަން ޖެހޭނެ ލަފުޒަކީ “ލާދީނިއްޔަތު” ކަމަށެވެ. ލާދީނިއްޔަތުގެ މާނައަކީ ދީނީ ނުވުމެވެ. މިހެންވެ ދީނެއް ގަބޫލުނުކުރުމާއި މުސްލިމަކަށް ނުވުމާއި މުރުތައްދުވުމާއި ދީނުގެ ނަމުގައި ހުރެމެ ދީނަށް ނޫޅުމާއި އިބާދާތުތައް ފުރިހަމަ ކުރިއަސް ދުނިޔަވީ ކަންކަމުން ދީން އެއްފަރާތް ކުރުން ފަދަ މާނަތައް މިލަފުޒުގައި ހިމެނެ އެވެ. މިފަދަ މާނަތައް މީގައި އެކުލެވިގެން ވިއަސް އިލްހާދާއި ކުފުރާއި މުރުތައްދުވުމާއި ފާސިގުވުމުގެ ވާހަކަ ދައްކާއިރު މިލަފުޒުގެ ބޭނުމެއް ނުކުރެ އެވެ. މިލަފުޒު އާންމުކޮށް ބޭނުންކުރަނީ ދުނިޔަވީ ކަންކަމުން ދީން އެއްފަރާތް ކުރުމުގެ މާނައިގަ އެވެ. އެއީ ސެކިއުލަރިޒަމްގެ ވެސް މާނަ އެވެ.

ލާދީނީ ނިޒާމު މުޅި ދުނިޔޭގައި ފެތުރިގެން ދިއުމަކީ އިސްތިއުމާރީ ބާރުތަކަށް އެމީހުންގެ އިގުތިސާދީ އަދި ސިޔާސީ މަންފާތައް ހާސިލުކުރުމަށް ނުހަނު ބޭނުންތެރި ކަމެކެވެ. އެހެންވެ މިކަމަށް ވަރަށް ބޮޑަށް މަސައްކަތްކުރެ އެވެ. މުސްލިމުން ފިޔަވައި އެހެން މީހުންނަށް މިނިޒާމުން ފަހަރެއްގައި ގެއްލުމެއް ނުލިބިދާނެ އެވެ. އެހެން ނަމަވެސް ކުރިއަރައި ތަރައްގީވެ ތަހުޒީބުވުމަށް ބޭނުންވާ ހުރިހާ ކަމަކާއި ދީނީވެ އުޚުރަވީ ހަޔާތް ކާމިޔާބު ކުރުމަށް ވެސް ބޭނުންވާ ހަމަ ހުރިހާ ކަމެއް އޭގައި ޝާމިލުވެގެންވާ ފުރިހަމަ ދީނެއް ލިބިގެންވާ މުސްލިމުން ލާދީނީ ނިޒާމު އިޚުތިޔާރުކުރާކަށް ނުޖެހެ އެވެ. މި ނިޒާމަށް ތަބާވުމުން ދުނިޔަވީ މާއްދީ ވަގުތީ މަންފާތަކެއް ފަހަރެއްގައި ހާސިލު ކުރެވިދާނެ އެވެ. އަދި އުޚުރަވީ ހަޔާތް ބޭނުންވާ ވަކި ފަރުދަކަށް އަޅުކަންތައްތައް ކުރުމަށް ހުރަސްތަކެއް ނޯވެދާނެ އެވެ. ނަމަވެސް މުޅި މުޖުތަމަ އަށް ބަލާއިރު މިއީ މުސްލިމުންނަށް ބޮޑެތި ގެއްލުންތަކެއްދޭ ނިޒާމެކެވެ.

އިސްލާމީ ގައުމުތަކުގައި ލާދީނިއްޔަތު ނުވަތަ ސެކިއުލަރިޒަމް ފެތުރުމުގެ ސަބަބުން މުސްލިމުންނަށް ތަޖުރިބާ ކުރެވޭ ގެއްލުންތަކުގެ ތެރެއިން އެންމެ ފާހަގަކުރެވޭ އެއް ގެއްލުމަކީ މީސްތަކުންގެ ދުނިޔަވީ ކަންކަމުގައި މާތްﷲގެ އަމުރުފުޅަށް ތަބާނުވެވުމެވެ. އެހެނީ ލާދީނީ ނިޒާމުގައި ސީޔާސީ ކަންކަމާއި އިގުތިސާދީ ކަންކަމާއި އިޖުތިމާއީ ކަންކަމާއި ގާނޫނީ ކަންކަމާ މެދު ބަސްބުނަން އެއްވެސް ދީނަކަށް ފުރުސަތު ނުދޭތީ އެވެ. ބަސްބުނަން ޖެހޭނީ އިންސާނުން ބޭނުންވާ ގޮތަށެވެ.

ވީމާ މިކަން ވެގެންދާނީ ﷲގެ އަމުރުފުޅާ އެއްގޮތަށް ހުކުމް ނުކުރުން ކަމަށެވެ. ﷲގެ އަމުރުފުޅުތަކާ އެއްގޮތަށް ހުކުމް ނުކުރާ މީހުން ކީރިތި ޤުރުއާނުގައި ސިފަ ކުރައްވާފައި ވަނީ ކާފިރުން ނުވަތަ ފާސިގުން ނުވަތަ އަނިޔާވެރިންގެ ގޮތުގަ އެވެ. (އަލްމާއިދަތު 44-47). ކޮންމެއަކަސް ބަސްބުނަން ތިބޭ މީހުންނަކީ މުސްލިމުން ކަމަށްވާތީ ބައެއް ފަހަރު ﷲގެ އަމުރުފުޅުތަކާ ޚިލާފުނުވެ ހިނގައިދާނެ އެވެ. އެހެން ނަމަވެސް ލާދީނީ ނިޒާމުގައި ގިނަ ފަހަރު ކަންކަން ހިނގަނީ އެހެނެއް ނޫނެވެ.

ސަބަބަކީ މިނިޒާމު މުސްލިމުންގެ ތެރޭގައި ފަތުރަން ބޭނުންވާ މީހުންގެ އަމާޒަކީ އެމީހުންގެ މަސްލަހަތާ އެއްގޮތަށް ކަންކަން ނިމުން ކަމަށްވާތީ އެވެ. މިއީ މުސްލިމުންނަށް ލިބޭ ގެއްލުމެކެވެ. ސަބަބަކީ އޭރުން ކީރިތި ޤުރުއާނުގައި ސިފަކުރައްވާފައިވާ ފަދައިން ފޮތުގެ އެއްބަޔަށް އީމާންވެ އަނެއް ބަޔަށް ކުފުރުވެވޭނީ އެވެ. މިފަދަ މީހުންނަށް ދުނިޔޭގައި ވެސް ނިކަމެތިކަން ލިބި އަދި އާޚިރަތުގައި އަޒާބު ލިބިދެއެވެ. (އަލްބަޤަރާ 85)

ލާދިނީ ނިޒާމަށް ތަބާވުމުގެ އަނެއް ގެއްލުމަކީ އިސްލާމްދީނުގައި އައިސްފައިވާ ދިރިއުޅުމުގެ ކަންކަމާ ގުޅޭ ހުކުމްތަކާއި އުސޫލުތައް އެއީ ތަރައްގީއާއި ކުރިއެރުމަށް ހުރި ހުރަސްތަކެއް ކަމަށާއި އެއީ ޒަމާނަށް ނުފެތޭ ކަންކަން ކަމަށް ގަބޫލުކުރަން މަޖްބޫރު ވުމެވެ. މިގޮތަށް ގަބޫލުކުރުމަކީ މުސްލިމުންގެ އީމާންކަން ނިގުޅައިގަންނާނެ ކަމެކެވެ. (އައްނިސާއު 65)

ޝައްކެއް ނެތް ގޮތުގައި އިސްލާމްދީނަކީ ހުރިހާ ޒަމާނަކާއި ހުރިހާ ތަނަކަށް ފެތޭ ގޮތަށް އައިސްފައިވާ ދީނެކެވެ. އެހެންކަމުން އެދީނުގައި ދުވަހަކުވެސް އެއަށް ބަދަލު ނާންނާނެ ސާބިތު ކަންތައްތަކެއް ހުންނަ ފަދައިން ޒަމާނާއި ތަން ބަދަލުވުމުން ބަދަލުވުމުގެ ފުރުސަތު އޮންނަ ފަރުއީ ކަންތައްތަކެއް ވެސް އެކުލެވެ އެވެ. މުސްލިމް މުޖުތަހިދު އިލްމުވެރިންގެ މަސައްކަތާ އެކު އިސްލާމް ދީން އަބަދުވެސް އަންނަނީ ޒަމާނަށް ފެތެމުންނެވެ. އެހެންވެ މިކަމުގައި އިސްލާމް ދީނުގެ އެހެން ރިވާޔަތެއް ނުވަތަ މިނިވަން ރިވާޔަތެއް ބޭނުމެއް ނުވެއެވެ. އިސްލާމް ދީނުގެ ތަފާތު ރިވާޔަތްތަކެއް ނުވަތަ އިސްދާރުތަކެއް ނޯވެ އެވެ. ހައްދުތައް ގާއިމުކުރުމާއި ޝަރުއީ ނިޒާމު ހިންގުމާއި ﷲގެ އަމުރުފުޅާ އެއްގޮތަށް ވެރިކަން ކުރުން ފަދަ ކަންކަމާ ގުޅޭ ސާބިތު ހުކުމްތަކާއި އުސޫލުތަކަކީ ގިޔާމަތާ ޖެހެންދެންވެސް އެއަށް ބަދަލު ގެނައުމުގެ ފުރުސަތު އޮންނަ ކަންކަމެއް ނޫނެވެ.

ލާދީނީ ނިޒާމަށް ތަބާވުމުގެ އަނެއް ގެއްލުމަކީ މުސްލިމުންގެ ދިރިއުޅުމުގެ އެންމެހާ ނިޒާމުތައް ފާސިދުވުމެވެ. މިގޮތުން އެންމެ ފުރަތަމަ ތައުލީމީ ނިޒާމެވެ. ލާދީނިއްޔަތުގައި ތައުލީމީ ނިޒާމުގެ އަސާސްތަކެއް ކަމުގައި ބަލާނީ އިންސާނީ ތަޖުރިބާ އިން ހާސިލުކޮށްފައިވާ ކަންކަމަށް އެކަންޏެވެ. އެހެންވެ ނިޒާމު ބައްޓަން ވެފައިވާނީ އިސްލާމީވަންތަ ގޮތަކަށް ނޫނެވެ. މަންހަޖުތަކާއި ކިޔަވައިދިނުމުގެ ގޮތްތަކާއި އެހެން ހުރިހާ ކަމެއްވެސް ރޭވިފައިވާނީ ލާދީނީ ފިކުރުތަކާ އެއްގޮތަށެވެ.

މުސްލިމް ރައްޔިތުންގެ ފިއްތުންތައް ނޯންނަ ނަމަ އިސްލާމް އޭ ކިޔާ މާއްދާއެއް ވެސް ސްކޫލްތަކުގައި ކިޔަވައިދޭކަށް ބޭނުމެއް ނުވާނެ އެވެ. އަދި ކިޔަވައިދޭން ފުރުސަތު ދިނަސް ކުރެވެން އޮންނަ އެންމެހާ ޖެއްސުންތަކާއި އުނދަގޫތައް އެކަމަށް ފޯރުވާނެ އެވެ. ދެވަނަ އަށް ހަލާކުވެގެންދާ ނިޒާމަކީ އިގުތިސާދީ ނިޒާމެވެ. މިނިޒާމުގައި ﷲ ހަރާމް ކުރައްވާފައިވާ އެތައް މުއާމަލާތެއް ހުއްދަކުރެ އެވެ. ސަބަބަކީ އެއީ އިސްތިއުމާރީ ބާރުތަކަށް ނުހަނު ބޭނުންތެރި ކަންކަމަށްވާތީ އެވެ.

ތިން ވަނަ އަށް އިޖުތިމާއީ ނިޒާމެވެ. މިގޮތުން ވަރި ކައިވެންޏާއި އާއިލީ ގުޅުންތަކާ ބެހޭ އެންމެހާ ކަންކަން ބައްޓަން ކުރާނީ ލާދީނީ ފިކުރުތަކާ އެއްގޮތަށެވެ. މިގޮތަށް ހެދުމުން އިސްލާމްދީން ހުއްދަކުރާ އެތައް ކަމެއް މަނާވެ އަދި ދީން މަނާކުރާ އެތައް ކަމެއް ހުއްދަ ކުރެވެ އެވެ. އިޖުތިމާއީ އެހެން ގުޅުންތައް ވެސް ބައްޓަންވެގެންދާނީ ހަމަ މިފަދައިންނެވެ.
އަނެއް ނިޒާމަކީ ވެރިކަމުގެ ބާރުތަކާ ގުޅޭ ނިޒާމެވެ. އެބަހީ ގާނޫނުތައް ހެދުމާއި ތަންފީޒުކުރުމާއި ފަނޑިޔާރުކަމުގެ ނިޒާމެވެ. ލާދީނިއްޔަތުގައި މިކަންކަމުގައި ވެސް ދީން ބުނާ ބަހަކަށް ކޮންމެހެން ބަލާކަށް ނުޖެހެ އެވެ. މިހެންވެ މުސްލިމް ގައުމުތަކުގައި ދީނާ ފުށުއަރާ އެތައް ގާނޫނުތަކެއް ވަނީ ހެދިފަ އެވެ. އެ ތަންތަނުގައި ފަނޑިޔާރުކަން ވެސް ކުރަނީ އިސްލާމީ ޝަރީއަތާ އެއްގޮތަކަށް ނޫނެވެ.

ވެރިކަން ކުރުމަށް ބޭނުން ކުރަނީ ލިބެރަލް ޑިމޮކްރަސީ އެވެ. އެއީ ސީދާ ހުޅަނގުގައި ބޭނުންކުރާ ޑިމޮކްރަސީ އެވެ. އެ ނިޒާމުގައި ހާކިމިއްޔަތު ނުވަތަ އެންމެ ފަހު ބަސްބުނާ ފަރާތަކީ ރައްޔިތުންނެވެ. ރައްޔިތުންގެ ބަސް ބުނުމުގައި ﷲގެ އަމުރަށް ފުށުއަރާތޯ ނުވަތަ ނޫންތޯ ބަލާކަށް ނުޖެހެ އެވެ. އިސްލާމީ ރޫހެއް ހުރެގެން މިއަދު ފަހަރެއްގައި އެއަށް ސަމާލުކަމެއް ދިނަސް ބޭނުން ގޮތަކަށް ކަންކުރުމުގެ ބާރު ލާދީނީ ނިޒާމުގައި އޮންނާތީވެ މާދަމާ އެކަމަކަށް ސަމާލެއް ނުވެވޭނެ އެވެ. އާދެ މިހެންގޮސް ދިރިއުޅުމާ ގުޅުންހުރި ހުރިހާ ނިޒާމުތަކެއް ހިންގުމުގައި ވެސް ﷲގެ އަމުރުފުޅުތަކާއި ހުކުމްތަކަށް ކޮންމެހެން ބެލުމަކީ ލާދީނީ ނިޒާމުގައި ކުރަންޖެހޭ ކަމެއް ނޫނެވެ.

ލާދީނީ ނިޒާމުގެ އަނެއް ގެއްލުމަކީ މުސްލިމުންނާއި މުސްލިމް ނޫން މީހުން އެއްހަމަ ކުރުމެވެ. ކޮންމެ ގޮތެއްވިއަސް ހައްގާއި ބާތިލަކީ އެކައްޗެއް ކަމަކަށް ނުހެދޭނެ އެވެ. ﷲގެ އަމުރުފުޅުތަކާ ޚިލާފު ނުވާ ކަންކަމުގައި ބާތިލުގެ އަހުލުވެރިންނާ އެއްބައެއް ކަމުގައި ވިއަސް އެނޫން ކަންކަމުގައި އެއްގޮތް ކުރުމަކީ ހައްގާއި ބާތިލު އޮޅޭނެ ކަމެކެވެ. އަނެއް ގެއްލުމަކީ މުޖުތަމައު މަގުފުރެދިގެން ދިއުމަށް އެހީތެރިވުމެވެ.

ސަބަބަކީ ގާނޫނުތަކުން އުގޫބާތްތައް ނަގައި މިނިވަންކަމުގެ ނަމުގައި ﷲއަށް އެއްވެސް ބިރުވެތިކަމެއް ނެތި އުފާކުރުމާއި މަޖާކުރުމާއި ދިރިއުޅުމުގެ އާދަކާދަތައް ބައްޓަންކުރަން ލާދީނީ ނިޒާމުގައި ހިތްވަރު ދޭތީ އެވެ. ނަތީޖާ އަކީ ރާބުއިމާއި ރުހިގެން ކުރާނަމަ ފާޙިޝް އަމަލުތައް ކުރުމާއި އެ ނޫން ވެސް އެހެން މުންކަރާތްތައް އެއީ މައްސަލައެއް ކަމުގައި ނުބެލި މިނިވަންކަމާ އެކު ދޫކޮށްލެވުމެވެ. އަނެއް ގެއްލުމަކީ އިސްލާމީ ޖިހާދަށް ހުރަސްއެޅުމެވެ. މުސްލިމުންގެ ތެރެއިން ތަންދޮރު ނުދަންނަ ބަޔަކު ނުވަތަ މުސްލިމުންގެ ނަމުގައި ތިބޭ ބަޔަކު ހިންގާ އިސްލާމް ދީނާ ޚިލާފު ހަރަކާތްތައް އުޒުރެއްގެ ގޮތުގައި ދައްކާފައި ޖިހާދަކީ ޓެރަރިޒަމް ކަމަށް ހަދަން ލާދީނީ ނިޒާމުގައި މަސައްކަތް ކުރެއެވެ.

މިބަޔާން ކުރެވުނު ކަންކަމުގެ އިތުރުން ވެސް މުސްލިމުންނަށް ލާދީނީ ނިޒާމުގެ ސަބަބުން ލިބޭ އެހެން ގެއްލުންތައް ހުރެދާނެ އެވެ. މިކަން މިހެން އޮތް ނަމަވެސް މިނިޒާމު ފަތުރަން މަސައްކަތްކުރާ މީހުން ވަރަށް ފޯރީގައި މިކަން ކުރަނީ އެމީހުންނަށް ލިބޭ ބޮޑެތި މަންފާތަކެއް ހުންނާތީ އެވެ. އިސްލާމީ ގައުމުތަކުގައިވާ ގުދުރަތީ ވަސީލަތްތަކުގެ ބޭނުން އެމީހުންގެ މަސްލަހަތަށްޓަކައި ހިފުމާއި އިސްލާމީ ހަޟާރަތަކަށް ފުރުސަތު ނުދިނުމާއި އެމީހުން ނޫން ބަޔަކަށް ކުރިއެރުމާއި ތަރައްގީ ގެނައުމަށް ޖާގަ ނުދިނުން ފަދަ ކަންކަމެވެ.
އެހެންވެ މި ޒަމާނުގައި ލާދީނިއްޔަތު ފަތުރައި ކުރިއަރުވަން ތަފާތު އުކުޅުތައް ބޭނުންކުރެ އެވެ. މާއްދީ ކުރިއެރުންތަކާއި ތަރައްގީއާއި ދަޅަގަދަ ބަސްތައް ބޭނުންކޮށްގެން މަކަރާއި އޮޅުވާލުމުގެ ތެރެއިން ބައެއް މުސްލިމުން ވާ ވައްދަ އެވެ. ދީނީ އިލްމުވެރިންގެ ތެރެއިން އެބައިމީހުންގެ ފިކުރާ ޚިލާފުވާ މީހުންގެ އަގުވައްޓާލުމާއި އަނިޔާ ކުރުމާއި މެރުންފަދަ މުޑުދާރު ކަންކަން ކުރެއެވެ. ވީމާ ލާދީނީ ނިޒާމުން ލިބޭ ގެއްލުންތަކާ މެދު މުސްލިމުން ހޭލުންތެރިވާން ޖެހެއެވެ. ހަމަ އެފަދައިން މި ދެންނެވި ފަދަ އުކުޅުތަކާ މެދު ވެސް މުސްލިމުން ހޭލުންތެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ.

4 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. މާޝާﷲ! ޙާލަތާގުޅޭ ވަރަށްފުރިހަމަ ލިޔުމެއް. އެންމެހާ އަޚުންނާއި އުޚުތުންނަށް ހެއުވިސްނުންދެއްވާ، ހެއުމަގަށް މަގުދައްކަވާށި….

  2. ހަވީރުން ތިލިޔުން ނަގައިފި

  3. ވަރަށް މޮޅު ލިއުމެއް. އެގޮތަށް އަމަލުކުރާ ވެރިކަމެއް މި ގައުމަށް މިންވަރު ނުކުރައްވާށި! އާމީން.

  4. ކީއްކުރާނީ؟ ހަވީރު ނޫސް ހިންގާމީހުން މިހާރުވަނީ ތިޔަލިޔުން ނަގާފައި. މީ އެބައިމީހުންގެވެސް ފެންވަރަކީ. ތިމާމެންނަށް ކުރަންނުކެރޭވަރުގެ ކަންކަން ކުރާތީ މައްސަލައަކީ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!