އިސްލާމިކް އޮންލައިން ޔުނިވަރސިޓީ (އައީއޯޔޫ) ގެ މިއަހަރުގެ ދެވަނަ ސެމިސްޓާގެ އިމްތިޙާނުތައް ރާއްޖޭގައި ބާއްވައިފިއެވެ.
ދުނިޔޭގެ އެކިކަންކޮޅުތަކުގައި އެއްދުވަސްވަރެއްގައި ބޭއްވޭ އިސްލާމިކް އޮންލައިން ޔުނިވަރސިޓީ (އައީއޯޔޫ)ގެ އިމްތިޙާނު ދިވެހިރާއްޖޭގެ ބާއްވާ ހަމައެކަނި ސެންޓަރު ޖަމްޢިއްޔަތުއްސަލަފް އިން ހާމަކުރި ގޮތުގައި "މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހަށް ކުރިއަށް ދިޔަ މި އިމްތިޙާނު އޮތީ ޖަމްޢިއްޔަތުއްސަލަފުގެ އިދާރާގައި ބާއްވާފައިވާ"ކަމަށެވެ.
އައީއޯޔޫގެ އިމްތިޙާނު ހެދުމަށް ޖަމްޢިއްޔަތުއްސަލަފުގެ އިމްތިޙާނު މަރުކަޒުގައި 10 ދަރިވަރަކު ރަޖިސްޓްރީ ކޮށް އިމްތިހާނު ހަދާފައިވާއިރު އޭގެ ތެރޭގައި ބެޗިލަރސް އޮފް އިސްލާމިކް ސްޓަޑީސްގެ ތިންވަނަ އަހަރުގައި ކިޔަވަމުންދާ ދަރިވަރުންވެސް ހިމެނޭކަމަށް ޖަމިއްޔަތުއްސަލަފް އިން ހާމަކުރެއެވެ.
އައީއޯޔޫއަކީ ޑރ.ބިލާލް ފިލިޕްސްގެ މަސްއޫލުވެރިކަމުގެ ދަށުން ހިނގަމުން އަންނަ، ކިޔަވައިދިނުން މުޅިންހިލޭ ހިންގާ އޮންލައިން ޔުނިވަރސިޓީއެކެވެ. މިޔުނިވަރސިޓީ ދިވެހިރާއްޖޭގެ ތަޢުލީމީ ސަނަދުތަކުގެ އޮނިގަނޑުތަކާބެހޭ މުއައްސަސާއިން ފާސްވެފައި ނެތްކަމުގައިވިޔަސް، އައީއޯޔޫގެ ކޯސްތައް ދުނިޔޭގެ ބައެއް ޔުނިވަރސިޓީތަކުން އެކްރިޑިޓްކޮށް ޤަބޫލުކުރެއެވެ.
އިސްލާމިކް އޮންލައިން ޔުނިވަރސިޓީ (އައީއޯޔޫ) އަކީ ތަފާތު ފެންވަރުގެ ކޯސްތައް މުޅި ދުނިޔޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ އެންމެނަށް ފުރުޞަތު ހުޅުވާލައިގެން ހިންގާ ޔުނިވަރސިޓީއެކެވެ. ބެޗިލަރސް ޑިގްރީ ކޯހުގެ އިތުރުން މާސްޓާރސް ފެންވަރުގެ ކޯސްވެސް އައީއޯޔޫ އިން ހިންގައެވެ. ފާއިތުވެދިޔަ ދެ އަހަރުދުވަހުގެ ތެރޭގައި ޖަމްޢިއްޔަތުއްސަލަފުންވަނީ އައީއޯޔޫގެ އިމްތިޙާނުތައް ބާއްވާފައެވެ.




ކޮމެންޓް (0)
ލޯޑް ކުރަމުން...