ދިވެހި ރާއްޖެއަކީ މިހާރު ދުނިޔޭގައި އޮތް ހަމައެކަނި ސައްތައިން ސައްތަ ސުންނީ މުސްލިމް ޤައުމެވެ. މިއީ ޤައުމެއްގެ ބަޔަކަށް ލިބޭނެ އެންމެ ބޮޑު އިލާހީ ނިޢުމަތް ކަމާމެދު ޝައްކެއްނެތެވެ. އިލާހީ ސުންނަތުގައިވާ ފަދައިން ޤައުމެއްގެ ބަޔަކަށް މާތް ﷲ ދެއްވާފައިވާ ނިޢުމަތެއް އެބައިމީހުން އަމިއްލައިން ބަދަލުކޮށްފުމަށް ދާނދެން މާތް ﷲ އެ ނިޢުމަތް ބަދަލުނުކުރައްވާނެއެވެ.
ސޫރަތުލް އަންފާލުގެ 53 ވަނަ އާޔަތަށް ބައްލަވާލައްވާށެވެ. ((ذَٰلِكَ بِأَنَّ اللَّهَ لَمْ يَكُ مُغَيِّرًا نِعْمَةً أَنْعَمَهَا عَلَىٰ قَوْمٍ حَتَّىٰ يُغَيِّرُوا مَا بِأَنْفُسِهِمْ )) މާނައީ : " އެއީ ބަޔަކުމީހުންނަށް މާތް ﷲ ދެއްވާފައިވާ ނިޢުމަތެއް އެބަޔަކު އަމިއްލަ ނަފްސުތަކުގައިވާ ކަންތައް (އެ ނިޢުމަތް ލިބުމަށް މެދުވެރިވި ކަންތައް) އަމިއްލައިން ބަދަލުކޮށްފުމަށް ދާނދެން، ހަމަކަށަވަރުން (އެ ނިޢުމަތް) މާތް ﷲ ބަދަލުނުކުރައްވާނެއެވެ."
އިލާހީ މިފަދަ ބޮޑު ނިޢުމަތެއްގެ މަތީގައި އަޅުގަނޑުމެން ހޭދަކުރަމުންދާތާ 800 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. ނަމަވެސް، އެ ދުވަސްތައް ތާރީޚުގެ ޞަފުޙާތަކުގެ ތެރެއަށް ވަދެ، އަޅުގަނޑުމެންގެ ލޭ ހިނގާ ދަރިންތަކެއް ވަނީ މިއަދު އެ ނިޢުމަތަށް ފުރަގަސްދީ އެނިޢުމަތް ބަދަލުކޮށްލުމަށް އަތުކުރި އޮޅާފައެވެ. ޒަމާނީ ޑިމޮކްރަސީގެ ނަމުގައި އިސްލާހީ ހަރާކާތް ފެށުނު ހިސާބަކީ ރަނގަޅު ހިސާބެކޭވެސް ދެންނެވިދާނެއެވެ. އިސްލާހަށް މުޅި ޤައުމު ބޭނުންވެފައިވާ ދުވަސްވަރަކަށް އެދުވަސްވަރު ވާތީވެސް މެއެވެ. އެހެންކަމުން، އިސްލާހީ ޙަރަކާތުގައި މުޅި ދިވެހި ޤައުމު ބައިވެރިވީ މަތިވެރި ނިޔަތެއްގައެވެ. ޒަމާނުއްސުރެ ދެކެމުން އައި ޚުދުމުޚުތާރު ވެރިކަމެއްގެ ނިމުން ގެނެސް، ހަމަހަމަ ކަމާއި އިންސާފު ޤާއިމުވާނެ ދުވަހެއްގެ އުއްމީދުގައެވެ.
ނަމަވެސް އިސްލާހީ ހަރަކާތުގެ ނިވާފަތްގަނޑުގައި އައިސްދާނެ ލާދީނިއްޔަތަކާމެދު ފިކުރުކުރައްވަން ތިބެއްވީ ޝަރުޢީ ޢިލްމު އުނގެނި ވަޑައިގެން ތިއްބެވި ޢިލްމުވެރިންނެވެ. ލިބަރަލް ޑިމޮކްރަސީއަކީ ކޮބައިކަމާއި ޕާޓީ ނިޒާމުގެ އަނެއް ފަރާތަކީ ކޮބައިކަން އެބޭކަލުންނަށް ރަނގަޅަށް އެނގިލައްވައެވެ. ޢަލްމާނިއްޔަތުގެ އަހުލުވެރިންނަށް ޑިމޮކްރަސީއަކީ ކަނޑިއެކެވެ. އެކަނޑިން ދީން ކޮށައި ކުދިކުދިކޮށްލުމަކީ ޢަލްމާނީންނަށް ވަރަށް ފަސޭހަ ކަމެކެވެ. ޢަލްމާނިއްޔަތަކީ ލާދީނިއްޔަތޭވެސް ބުނެވިދާނެއެވެ. އިންސާނީ ޙަޔާތުން ދީން ވަކިކުރުމެވެ. ދަޢުލަތުން ދީން ވަކިކުރުމެވެ.
އިސްލާހީ ގޮވެއްޔަށް ގަދަކަން ލިބި ޕާޓީ ނިޒާމު ރާއްޖޭގައި ތަޢާރަފްވުމާއެކު، ކުރިން ދެންނެވި ޢިލްމުވެރި ބޭފުޅުންނާއި ދީނަށް ލޯބިކުރާ ހަރު ބޭފުޅުންތަކެއް ހިމެނޭގޮތަށް ބައްދަލުވުން ބޭއްވި އިސްލާމްދީނަށް އައިސްދާނެ ގޮން ޖެހުމަކަށް ކުރިމަތިލާނެ ގޮތަކާމެދު މަޝްވަރާ ކުރެވެން ފެށުނެވެ. އެ މަޝްވަރާތަކުން ނެރެވުނު ނަތީޖާއަކީ ހަމަ އެންމެ ނަތީޖާއެކެވެ. ދެއަތް އުރާލައިގެން ވާނެ އެއްޗެއް ވާން ބަލަން ތިބުމުގެ ބަދަލުގައި، އިސްލާމްދީނަށް އައިސްދާނެ ކޮންމެ ގޮންޖެހުމަކަށް ކުރިމަތިލާނެ ދީނީ ޕާޓީއެއް ވުޖޫދަށް ގެނައުމެވެ. މަޤްސަދަކީ އެންމެ މަޤްސަދެކެވެ. މި ދިވެހިރާއްޖޭގައިވާ ތައުހީދުގެ ދީން ނައްތާލައި ގިނަ ދީންތަކަކަށް މި ދިވެހި ފަސްގަނޑުގައި ޖާގަ ހޯދައިދޭން އައިސްދާނެ ހުރިހާ ފިކުރަކާ ކުރިމަތިލުމެވެ. ޒަމާނީ ޑިމޮކްރަސީއެއްގައި އެކަން އެންމެ ފަސޭހައިން ކުރެވޭނީވެސް ޕާޓީއެއް އުފައްދައިގެން ކަމަށްވާތީއެވެ. މިފަދަ ހާލަތެއްގައި ދީނީ ކަންކަން ހިމާޔަތްކޮށް އެކަމަށް ވަކާލާތު ކުރުމަށް ޕާޓީއެއް ހެދިދާނެކަމަށް ގިނަ ޢިލްމުވެރިން ފަތުވާ ދެއްވާފައިވެއެވެ.
ޢަދާލަތު ޕާޓީގެ ވުޖޫދަކީ މިއީއެވެ. ދިވެހި ޢިލްމުވެރިން ލަފާކުރެއްވި ގޮތަށް ޑިމޮކްރަސީއަށް މާގިނަ ދުވަހެއް ނުވަނީސް، ޢަލްމާނިއްޔަތުގެ ބޯތައް ވަނީ ދީނާއި ސިޔާސަތު މުޅިން ވަކިކޮށްލުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. ރާއްޖޭގެ ތަޢުލީމީ މަންހަޖުން އިސްލާމްދީން އިތުރަށް ބަލިކަށި ކުރުމުގެ ނިޔަތުގައި ރެއާއި ދުވާލު އެބައިމީހުން ވަނީ މަސައްކަތް ކޮށްފައެވެ. ދީނުގެ މުހިއްމު އެއް އަސާސުކަމުގައިވާ ޢަރަބި ތަޢުލީމު އުނގަންނައިދޭ ހަމައެކަނި ޢަރަބިއްޔާއާއި މައުހަދަށް ނުކުޅަދާނަ ވާވަރުގެ ދަތިތަކާއި ފިއްތުންތައް ކުރިމަތިކުރިއެވެ. އިސްލާމީ ޙުދޫދުތަކަކީ ހަރުކަށި ބޯދާ ކަޓު ޙުކުމްތަކެއް ކަމަށް ފާޅުގައި ބުނެ އިސްލާމީ ޝަރީޢަތަށް ކުޑައިމީސް ބަސްބުނެ އުޅުނެވެ. މިހެން ގޮސް ދީނީ ވަޙުދަތާއި، އަޚްލާޤިއްޔާތު މުޅިން ނައްތާލާފަދަ އެތަކެއް ކަމެއް ކޮށްފައިވާ ކަމީ އިއްޔެ އަޅުގަނޑުމެންނަށް ފެނިފައިވާ ޙަޤީޤަތެކެވެ.
ނަމަވެސް، ޢަދާލަތު ޕާޓީ ވުޖޫދުވި މަޤްޞަދުމަތީ ސާބިތުވެ، މި ދެންނެވި ކޮންމެ ކަމަކާ ދެކޮޅަށް އެޕާޓީން ވަނީ ތެދުވެފައެވެ. އަދި ﷲ ގެ ރަޙްމަތުން އެކަންކަމާ ދެކޮޅަށް ކުރި ހޯދާފައެވެ. ޢަލްމާނީ ފިކުރުގެ ބޮޑުންގެ ކޮންމެ މަކަރުވެރި ރޭވުމެއް އެބައިމީހުންގެ ލޯތަކުގެ ކުރިމަތީގައި ޢަދާލަތާއި ދިވެހިރައްޔިތުން ގުޅިގެން ވަނީ ފެއިލްކޮށްލާފައެވެ. ޢަދާލަތު ޕާޓީ ކަހަލަ ދީނީ ފިކުރެއް އޮތުމެގެ ބޭނުން މިއިން ކޮންމެ ކަމަށް ނަޒަރު ހިންގާލިޔަސް ހާމަވެގެންދާނެއެވެ.
އެހެންކަމުން، ދީނުގެ ޙައްޤުގައި ޢަދާލަތަށް ދިހަހާސް މެމްބަރުން ހަމަކޮށް ދިވެހި ޖައްވުގައި ޢަދާލަތު ޕާޓީ އޮންނާނެ ގޮތެއް ހެދުމަކީ ދިވެހި ކޮންމެ މުސްލިމެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެކެވެ. މިފަދަ ދަނޑިވަޅެއްގައި ޢަދާލަތު ޕާޓީއާ ގުޅުމަށް ދީނީ އެކިއެކި ޝެއިޚުންވެސް ވަނީ ގޮވާލައްވާފައެވެ. ވުމާއެކު، ދީނާއި ޤައުމުގެ ޙައްޤުގައި ޢަދާލަތާ ގުޅެމާތޯއެވެ.
އަޅުގަނޑު ކިތަށްމެހާވެސް ބޭނުން ޢަދާލަތު ޕާޓީ އަށް ސޮއި ކުރަން އެކަމަކު އަޅުގަނޑު އުޅެނީ ރާއްޖެޔަކު ނޫން ވީމާ އަޅުގަނޑަށް ޢަދާލަތު ޕާޓީ އާއި ގުޅެވޭނެ އެއްވެސް ގޮތެއް ހަމަ ނޯންނާނެތޯ؟
ައަދާލަތުޕާޓީއަށް ވަނުމަށް އެ ޕާޓީގެ ސައިޓް އިން ފޯމް ޑައުންލޯޑް ކޮށްފަ އެ ފުރާފަ އެ ގަނޑު ސްކޭން ކޮށްފަ އެމީހުންނަށް މެއިލް ކޮށްލުމުން ވާނެކަން ނޭންގެ…
އަދާލަތު ޕާޓީގެ މެމްބަރަކަށް އެދޭ ފޯމް އަދާލަތު ވެބްސައިޓުން ލިބިވަޑައިގަންނަވާނެ. އައިޑީ ކާޑުގެ ސާފު ކޮޕީއަކާއިއެކު ފުރުއްވާފައިވާ ފޯމް ފޮނުއްވާ ދެއްވަވާ.
މިހާރުވެސް ޖުޑިޝަލް ސާރްވިސް ކޮމިޝަނުން މަސައްކަތް ކުރަމުން އެދަނީ ދިވެހިރާއްޖެއިން ސުއްނަ ޖަމާޢަތުގެ ސިފަ ކަންޑުވާލާ ބިދުވަ ވެރިންގެ ސިފަ މިތާގައި ޖައްސަމުން، އަލްމާނީ ސެކުލާ ބުރާންޑަށް ޖުޑިޝަރީވެސް ބައްޓަން ކުރަން، ރައްޔިތުން ނިކުމެ ޖޭއެސްސީ އިސްލާހު ކުރަން އެބަޖެހޭ! އިސްލާމް ދީނާއި ބީރައްޓެހި ސިފަތަކެއް އަށަގަނުވަމުން!
އަޅުގަނޑަކީ ރާއްޖޭގައި މިއޮއް ސިޔާސީ ޒާތީ ނިޒާމަށް ތާއިދު ކުރާ މީހެއްނޫން އެހެނަސް އަދާލަތު އުވި ދިއުމުން ސަލާމަށް ކުރުމައްޓަކާ އަދާލަތަ ވަންނާން އެބަ ވިސްނުން ގެންގުޅެން
ވަރަށް ފުރިހަމަ އާޓިލްއެއް…………..