2011 ނޮވެމްބަރު 10 އިން 11 އަށް އައްޑު އަތޮޅުގައި ބޭއްވި ސާކު ސަމިޓަށް ރަށުތެރެ ޒީނަތްތެރި ކުރުމަށްކަމަށްބުނެ އަތޮޅުގެ ރަށްތަކުގައި ބަހައްޓާފައިވާ ބޮޑެތި ބިޔަ ބުދުތަކަކީ ޚާއްސަކޮށް މިދެންނެވި މުސްލިމް އާބާދީއަށް ޖެއްސުމާއި މަލާމާތްކޮށް، ޢާއްމުކޮށް ދިވެހި މުސްލިމު ރައްޔިތުންނަށް ފުރައްސާރަ ކުރުމަށް ސަރުކާރުގައި ތިބި، ފާސިޤު ވެރިން ހިންގި އަނިޔާވެރި ޣައިރު ޤާނޫނީ ޢަމަލެކެވެ. ސާކުގެ ޤައުމުތަކުގައި އެއްހާސް ދީން އޮވެފައި އިންޑިޔާގައި އެއްލަކަ ދީން އޮތަސް މިދިވެހި ރާއްޖޭގައި އިސްލާމްދީނުގެ އިތުރުން އެހެން އެއްވެސް ދީނެއް އޮވެގެން ނުވާނެއެވެ. ﷲ އިރާދަކުރެއްވިޔާ އެކަން އެނޫންގޮތަކަށް ވިޔަކަ ނުވެސް ދޭނަމެވެ. ދަންނާށެވެ. މިޤައުމަކީ މުސްލިމުންގެ ޤައުމެކެވެ. މުސްލިމުން ނޫން ބަޔަކަށް މިޤައުމަކު ނޫޅެވޭނެއެވެ. ރަށްވެހި ކަމެއްވެސް ނުލިބޭނެއެވެ. ދިވެހީންގެ ޠާހިރު ބިން ޝިރުކުގެ ނަޖިހުން ކަޅިނުކުރުމަށް މިޤައުމުގެ އަނިޔާވެރި ވެރިންނަށް ހަރުއަޑުން ގޮވާލަމެވެ.
އައްޑު އަތޮޅުގައި ބަހައްޓާފައިވާ ބުދުތައް ނެގުމަށް ގޮވާލައި، އެތަކެތި ބެހެއްޓުމާއި ދެކޮޅުހެދި އެންމެހައި ލޮބުވެތި މުސްލިމު ދަރީންނަށް އައްސަރި ބަހާއި ސާބަސް ރައްދުކުރަމެވެ. ތިޔަބޭފުޅުންގެ ތިޔަ ގޮވާލެއްވުމަކީ ﷲ ގެ ނަބިއްޔާ ނޫޙު ޢަލައިހިއްސަލާމްގެ ގޮވާލެއްވުމެވެ. ތިޔަ ޢިއްޒތްތެރި އަޚުން އެމަތިވެރި ނަބީއްޔާގެ ބަސްފުޅު ދިރުވާފީމުއެވެ. ވަކީން ޚާއްސަކޮށް އެބުދުތައް ވައްޓާލައި، އިހާނެތިކަން ލިބިގެންވާ ނަޖިސްތަކެތީގައި ހުޅުޖަހާހެދި ހިތްވަރުގަދަ އައްޑޫގެ މުސްލިމް އަބުޠާލުންގެ އެހިތްވަރަށް ސާބަސް ދެމެވެ. ތިޔަ ބޭފުޅުން، ﷲ ގެ ޚަލީލް އަދި މާތް ރަސޫލު އިބްރާހީމް ޢަލައިހިއްސަލާމްގެ ސުންނަތް މިއަދު ދިރުވައިފީމުއެވެ. ﷲ އެއްކައުވަންތަކޮށް ތައުޙީދުގެ ކަލިމަ ޤާއިމުކުރުމުގެ ޙަޤީޤީ ޢަމަލެއް ކޮށްފީމުއެވެ. އުފާކުރައްވާށެވެ. ﷲ ގެ ސުވަރުގެތައް އިރާދަކުރެއްވިއްޔާ ތިޔަ އަޚުންނަށް ހުއްޓެވެ.
ބަނީ އިސްރާއީލުބާގައިގެ ޔަހޫދީންފަދައިން، ﷲ ގެ މަތިވެރި ރަސޫލު މަރިޔަމްގެފާނުގެ ދަރިކަލުން ޢީސާ ޢަލައިހިއްސަލާމްއަށް މަލާމާތްކޮށް އެނަބިއްޔާއަށް އިހާނެތިކޮށް ދިވެހިންގެ ތެރެއިން ބަޔަކު ހިތައިފިއެވެ. މުސްލިމު ދައުލަތެއްގެ، މުސްލިމު ވެރިކަމެއްގެ، މުސްލިމުން ހިމެނޭ ކެބިނެޓެއްގެ، މުސްލިމް ވަޒީރުން މިފަދަ ޖަރީމާއެއް ހިންގުމަށް ހުއްދަދީ، މުސްލިމުންގެ ފައިސާ އެފަދަ ގޮތްކުޑަ ކަމަކަށް ހޭދަކުރުމަށް ރުހުންދޭނޭކަމަކަށް ޤަބޫލެއް ނުކުރަމެވެ. ސަލާމްލެއްވި ޢީސާގެފާނުގެ ކާޓޫނުކުރަހައި އޭގެ ފުރަގަހުގައި ޞަލީބު ކުރަހާ ހެދުމުން އަޅުގަނޑުމެންނަށް ތަމްސީލުވެގެންދަނީ ޔޫރަޕްގެ ހައްދު ހައްދު ފަހަނައަޅަފައިވާ ޞަލީބީން މިއުއްމަތުގެ މަތިވެރި ނަބިއްޔާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމަގެ ކާޓޫނު ކުރެހި ކުރެހުމެވެ. މުސްލިމުންނަކީ ފަރަޤު ކުރުމެއްނެތި ﷲ ފޮނުއްވި ހުރިހާ ރަސޫލުންނަށް އީމާންވާބަޔެކެވެ. ވަކީން ޚާއްސަކޮށް މަރިޔަމް ގެފާނުގެ ދަރިކަލުން ޢީސާ ޢަލައިހިއްސަލާމްއަކީ ޢުލުއްޢަޒުމުގެވެރި މަތިވެރި ރަސޫލެއްކަމަށް ޤަބޫލުކުރާ ބަޔަކެވެ. އެހެންކަމުން މުސްލިމުން ރުޅިއަރުވައި އެމީހުންނަށް އިހާނެތިކޮށް ހިތުމަށް ހިންގޭ މިފަދަ ޢަމަލުތަކަކީ ކުފުރުގެ ތެރެއިން ހިމެނޭ ޢަމަލުތަކެއްކަން ކަށަވަރެވެ. އެއީ ޝިރުކު ފަތުރާ ކުފުރަށް ހިތްވަރުދިނުމެވެ. ތައުޙީދާއި ރައްޔިތުން ދުރުކޮށް، ﷲ އެއްކައުވަންތަ ކުރުމަށް އިންކާރު ކުރުމުގެ ތެރެއިން ހިމެނޭ ޢަމަލެކެވެ.
"މުސްލިމުން ރުޅިއަރުވައި އެމީހުންނަށް އިހާނެތިކޮށް ހިތުމަށް ހިންގޭ މިފަދަ ޢަމަލުތަކަކީ ކުފުރުގެ ތެރެއިން ހިމެނޭ ޢަމަލުތަކެއްކަން ކަށަވަރެވެ. އެއީ ޝިރުކު ފަތުރާ ކުފުރަށް ހިތްވަރުދިނުމެވެ. ތައުޙީދާއި ރައްޔިތުން ދުރުކޮށް، ﷲ އެއްކައުވަންތަ ކުރުމަށް އިންކާރު ކުރުމުގެ ތެރެއިން ހިމެނޭ ޢަމަލެކެވެ."
އައްޑޫގައި ބެހެއްޓުނު ބުދުތަކުގެ ޙިމާޔަތުގައި މިޤައުމުގެ ސަލާމަތީ ބާރުތަކުން ކުޅަ މަސައްކަތްތައް އެންމެ ހަރުކަށި ޢިބާރާތުން ކުއްވެރި ކުރަމެވެ. ތިޔަބޭފުޅުން ތިޔަ ކުރެއްވީ، ﷲ ގަންދީ އިސްލާމްދީން ޙިމާޔަތް ކުރުމަށް ކޮށްފައިވާ ހުވަޔާއި ޚިލާފް ޢަމަލެވެ. އަވަހަށް ތައުބާވެ ވަޑައިގަތުމަށް ނަޞޭޙަތްތެރިވަމެވެ. އަދި އަނިޔާވެރި ވުމަށް ތިޔަބޭފުޅުންގެ ވެރީން ކުރައްވާ އަމުރުތަކަށް ކިޔަމަން ނުވުމަށްވެސް ވަޞިއްޔަތް ކުރަމެވެ. އެހެނީ ކިޔަމަން ގަތުން އޮތީ ﷲ އާއި އެއިލާހުގެ ރަސޫލާއަށް އުރެދުމެއް ނުވާކަންކަމުގައެވެ. މިތާނަގައި ތިޔަ އަޚުންނަށް ޓަކައި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘެއް ޛިކުރު ކޮށްލާނަމެވެ. ހަނދާކޮށް ދިނުމަކީ މުއުމިމުންނަށް ފައިދާ ހުރި ކަމަކަށްވާތީއެވެ. رسول الله ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރެއްވި ކަމަށް ޠާރިޤްބިން ޝިހާބުގެ އަރިހުން އިމާމް އަޙްމަދު ރިވާކުރެއްވި ޙަދީޘެއްގެ މާނައިގައިވެއެވެ. " މެއްސެއްގެ ސަބަބުން މީހަކު ސުވަރުގެއަށް ވަނެކެވެ. އަދި މެއްސެއްގެ ސަބަބުން މީހަކު ނަރަކައަށް ވަނެވެ." ދެން އިތުރު އެކަލޭގެފާނުގެ ޞަޙާބީން ސުވާލުކުރެއްވިއެވެ. " އޭ ﷲ ގެ ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމައެވެ. އެފަދައިން އެކަންވީ ކިހިނެއްތޯއެވެ." އެކަލޭގެފާނު ވިދާޅުވިއެވެ. "ތަނެއްގައި ބުދެއް ބަހައްޓައި، އެބުދަށް ޤުރްބާނީއެއް ކަތިލުމަށްފަހުގައި ނޫނީ އެހިސާބުން އެއްވެސް މީހަކަށް ހުރަސް ނުކުރެވޭނޭ ގޮތަށްހަދައި މަގުބަންދުކޮށްގެން ތިބި ބައެއްގެ ކައިރިން ދެމީހަކު ދިޔައެވެ. އެބުދަށް އެއްޗެއް ޤުރްބާންކުރުމަށް އެބައިމީހުން އެތަނުން އެކަކަށް އަމުރު ކުރިއެވެ. އެހިނދު އަހަރެންގެއަތުގައި އެބުދަށް ޤުރްބާންކުރުމަށް އެއްވެސް އެއްޗެއް ނެތޭ އޭނާބުންޏެވެ. އެމީހުން ބުންޏެވެ. ކޮންމެވެސް އެއްޗެއް ޤުރްބާން ކުރާށެވެ. މެއްސެއްވިއަސް އެންމެ ރަނގަޅެވެ. ދެން (އެމީހުންގެ ބުދަށް ޤުރްބާން ކުރުމަށްޓަކައި) އޭނާ މެއްސެއް ހަދިޔާކުރިއެވެ. އެގޮތުގެ މަތީން އޭނާއަށްޓަކައި އެބައިމީހުން އެމަގު ހުޅުވައިދިނެވެ. އަދި އޭނާގެ އެޢަމަލުގެ ސަބަބުން އޭނާ ނަރަކައަށް ވަނެވެ. ދެން އަނެއްމީހާއާ މުޚާޠަބުކޮށް އެބައިމީހުން ބުންޏެވެ. ކޮންމެވެސް އެއްޗެއް ޤުރްބާން ކުރާށެވެ. އޭނާ ބުންޏެވެ. ﷲ ފިޔަވައި އެއްވެސް ފަރާތަކަށް އަހަރެން ޤުރްބާނެއް ނުކުރާނަމެވެ. ދެން އެބައިމީހުން އޭނާ ޤަތުލު ކުރިއެވެ. އަދި އެކަމާގުޅިގެން އޭނާ ސުވަރުގެއަށް ވަނެވެ." ލޮބުވެތި ޢިއްޒަތްތެރި އަޚުންނޭވެ. ހޭއަރައި ރަނގަޅަށް ބަލާށެވެ. ކަންއޮތީ މިހެންނެވެ. ކިތަންމެ ކުޑަމިންވަރަކަށްނަމަވެސް ޝިރުކަށް ވާގިދެވިއްޖެނަމަ ތިބާގެ ޙާލަތު ﷲ ޙަޟުރަތުގައި އޮތީ ކޮންފަދަ ބިރުވެރި ގޮތަކަށްކަމެއް ތަޞައްވަރު ކުރާކަށްވެސް ނޭނގެއެވެ. އެހެނީ ތައުބާ ނުވާހާ ހިނދެއްގައި ނުފުއްސަވާނޭ ހަމައެކަނި ފާފައަކީ ޝިރުކު ކުރުމެވެ.
ޖާހިލުކަމުގައި ހައްދު ފަހަނައަޅައި، ތިމާމެންގެ ބޮޑުންނަށް ތަބާވެގެންތިބި ބަޔަކު މިޤައުމުގައި އެބަތިއްބެވެ. ޚާލިޞް މުސްލިމުންގެ ބިމަކަށް މުޝްރިކުން އަޅުކަން ކުރަންގެންގުޅޭ ބުދުތަކެއް ގެނެސް މީހުން އެއްވެ އުޅޭ ޢާއްމު މައިދާންތަކުގައި އެތަކެތި ބެހެއްޓުމުން އެކަމާއި ނުރުހުން ފާޅުކުރި އީމާންކަމުގެ އަހުލުވެރިންނާއި ދިމާއަށް މަލާމާތާއި ފުރައްސާރަކުރާ ބަޔަކުވެސް މިދަނޑިވަޅުގައި ފާޅުވެއްޖެއެވެ. އެފަދަ މީހުންގެ ވާހަކަ ކީރިތި ޤުރްއާނުގައި މާތް ﷲ މާކުރީންވަނީ ވަޙީކުރައްވާ އަންގަވާފައެވެ. ޢިބްރަތެއްގެ ގޮތުންނެވެ. ތައުބާ ސޫރަތުގެ 66 ވަނަ އާޔަތް ކިޔަވާ ވިދާލުވާށެވެ. لَا تَعْتَذِرُوا قَدْ كَفَرْتُم بَعْدَ إِيمَانِكُمْ ۚ إِن نَّعْفُ عَن طَائِفَةٍ مِّنكُمْ نُعَذِّبْ طَائِفَةً بِأَنَّهُمْ كَانُوا مُجْرِمِينَ ﴿٦٦﴾ މާނައީ: "ތިޔަބައިމީހުން عذر ނުދައްކާށެވެ! ތިޔަބައިމީހުން إيمان ވުމަށްފަހު، ތިޔަބައިމީހުން ތިޔަތިބީ كافر ވެފައިކަން ކަށަވަރެވެ. ތިޔަބައިމީހުންގެ ތެރެއިން ބަޔަކަށް ތިމަންރަސްކަލާނގެ عفو ކުރެއްވިޔަސް، އަނެއްބަޔަކަށް ތިމަންރަސްކަލާނގެ عذاب ދެއްވަމެވެ. އެއީ ހަމަކަށަވަރުން، އެއުރެން ކުށްވެރި ބަޔަކު ކަމުގައި ވީކަމަށްޓަކައެވެ." މުސްލިމުންގެ މިފަދަ ޠާހިރު ބިމެއްގައި އުޅުނުނަމަވެސް ﷲ ގެ ދީނުގެ ހިދާޔަތުން އަލިކަމެއް އެބައިމީހުންގެ ހިތްތަކަށް ނުވަދެ ޣަފްލަތުގެ އަނދިރިކަން ވެރިވެފައިވާ ސިކުނޑިއަކަށް އީމާންކަމުގެ ލައްޒަތު އިޙްސާސް ކުރެވޭނީ ކޮންފަދައަކުން ތޯއެވެ. ވާނީވެސް އެހެންތާއެވެ. ޢިލްމާއި ހިދާޔަތަކީ ﷲ ގެ ނޫރެކެވެ. އެނޫރު ލިބޭހުށީ އެކަލާނގެ އިރާދަކުރެއްވި އަޅަކަށެވެ. ބަޔަކުމީހުން ކިތަންމެ ވަރަކަށް މީހަކަށް ހިދާޔަތުގެ ނޫރުން އަލިކޮށްދޭން މަސައްކަތް ކުރިކަމުގައިވިއަސް އެމީހާ އަމިއްލައަށް އެނޫރު ނިއްވާލުމުން ދެންދާނީ އަނދިރިކަމުގެ މައްޗަށް އަނދިރިކަން އިތުރުވެގެންނެވެ.
މިޤައުމުގެ ވެރިކަން ހިންގަންތިބި މީހުންނަށް ދަންނަވާލަން ބޭނުންވަނީ ބުދުތަކަށް އިހާނެތި ކޮށްހިތުމުން ނަމްރޫދުވެސް އިބްރާހީމް ޢަލައިހިއްސަލާމަށް އަނިޔާދިނުމަށް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އަނިޔާ ލިބިގެން ދިޔައީ ނަމްރޫދު ރަސްގެފާނަށް ކަން ތިޔަބޭފުޅުންނަށް އިސްލާމްދީނުގެ ތެރެއިން އެނގިވަޑައިގެންފައި އޮންނާނެއެވެ. އެހެންކަމުން ބުދުތަކާއި ޝިރުކާއި ދެކޮޅަށް ތެދުވާ މުސްލިމު ދިވެހި ދަރިންނަށް ގޯނާ ނުކުރުމަށް ސަރުކާރަށް އަންގާ ނަޞޭޙަތް ތެރިވަމެވެ. ނަމްރޫދު ހިނގިމަގުން ހިނގާން ޤަސްދުކޮށްފީމުން ޤައުމުގައި ބޮޑުވެގެން ފިތުނައެއް ޢާއްމުވެގެން ދާނޭކަމުގެ ރަތް އިންޒާރު ދެމެވެ. ދިވެހިން ތިބީ އިސްލާމްދީނުގެ ޙިމާޔަތުގައި ޤުރްބާން ވާން ތައްޔާރައްކަން ނިކަން ހޭލާތިބެ ދަންނާށެވެ. (ނިމުނީ)
ކޮމެންޓް (0)
ލޯޑް ކުރަމުން...