ދިވެހި ޤައުމުގެ މާޒީގައި ޤައުމާއި ދީނަށް ކޮންމެ ޢުދުވާނެއްވެސް ކުރިމަތިވީ ދިވެހިންގެ ތެރެއިން ބަޔަކު ޚާއިނުވުމުން ކަމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
މިއަދު މުޅި ރާއްޖޭގައި ފާހަގަ ކުރަމުން ގެންދާ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ވިދާޅުވީ، 3 ނޮވެންބަރުގެ ޢުދުވާނީ ޙަމަލާގައި، މާތްﷲގެ ވާގިފުޅާއެކު، ދިވެހިންނަށް ނަޞްރު ލިބުނީ، ދިވެހި ރައްޔިތުން އެދުވަހު ދައްކަވައިދެއްވި އެކުވެރިކަމާއި، އުޚުއްވަތްތެރިކަމާއި، އެއްބައިވަންތަކަމުގެ ސަބަބުން މި އެންމެން އެއް އަޑަކުން، އެއް ފިކުރެއްގައި ތިއްބަވައި ކުރެއްވި މަތިވެރި ދުޢާއިން ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ، ދިވެހިރާއްޖެއަށް މާޒީގައި ކުރިމަތިވި ކޮންމެ ޢުދުވާނެއް ކުރިމަތިވެފައިވަނީ، އެކަމުގައި ދިވެހިންގެ ތެރެއިން ޤައުމާއި ދީނަށް ލޯތްބެއް ނެތް، ޤައުމަށް ޚިޔާނާތްތެރިވި ޚާއިނުންގެ ބަޔަކު ޝާމިލުވެގެންކަން މިއީ މިއަދުވެސް ހަނދާން ކުރަން ޖެހޭކަމަށާއި، މާޒީން ޢިބްރަތް ހާސިލުކޮށް، ދީނާއި ޤައުމަށް ލޯބިކުރާ މީހަކަށް ވުމަށް، ރާއްޖޭގެ ރައްޔިތުންނަށް އިލްތިމާސް ކުރަައްވާ ކަމަށެވެ.
ދިވެހި ތާރީޚުގައިވެސް ދިވެހިން ކުރިމަތިލާންޖެހުނު އެންމެ ބިރުވެރި އެއް ޙަމަލާއަށްފަހު، ރާއްޖޭގެ ރައްކާތެރިކަމާއި ސަލާމަތާބެހޭ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެވި، ސަލާމަތީ ކަންތައްތައް އިތުރަށް ހަރުދަނާ ކުރުމަށް ފިޔަވަޅުތަކެއް އަޅާފައިވާކަން ރައީސް ޔާމީން ވަނީ ފާހަގަ ކުރައްވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...