ރާއްޖޭގެ ޚަބަރު ސަރުކާރުގެ ވިސްނުން ހުރީ މިއުޒިކާއި ނެށުން މަޖުބޫރު ކުރުމަށް: ސަލަފް

ސަރުކާރުގެ ވިސްނުން ހުރީ މިއުޒިކާއި ނެށުން މަޖުބޫރު ކުރުމަށް: ސަލަފް

ސަރުކާރުގެ ވިސްނުން ހުރީ މިއުޒިކާއި ނެށުން މަޖުބޫރު ކުރުމަށް: ސަލަފް

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

އަންނަ އަހަރު ޕްރީ ސްކޫލުން ފެށިގެން ގްރޭޑް ތިނަކާ ހަމައަށް ތަންފީޒުކުރަން ފަށާ ގައުމީ އާ މަންހަޖުގައި މިއުޒިކާއި ނެށުން މަޖުބޫރުކޮށްފައިވާތީ ކަންބޮޑުވުންފާޅުކުރި ނަމަވެސް މަންހަޖަށް ބަދަލު ގެނައުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް ޖަމިއްޔަތުއް ސަލަފްގެ ރައީސް އަބްދުﷲ މުހައްމަދު އިއްޔެ ވިދާޅުވެއްޖެ އެވެ.

ހަވީރު ނޫހަށް އިއްޔެ ދެއްވި ބަސްދީގަތުމެއްގައި ސަލަފްގެ ރައީސް ވިދާޅުވީ، އާ މަންހަޖުގައި ހުރި ބައެއް ކަންކަމާ ގުޅޭގޮތުން ސަލަފުން ކަންބޮޑުވުންފާޅުކޮށްފައިވާތީ، ރައީސް އޮފީހުން މިއަދު ވަނީ އަބްދުﷲއާ ބައްދަލުކޮށްފަ އެވެ. ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ރިޔާސަތު ބެލެހެއްޓެވި ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމާއި އަދާލަތު ޕާޓީގެ ރައީސް ޝޭހް އިމްރާން އަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް ސަލަފުގެ ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް އޮފީހުން އެދިގެން ބޭއްވި ބައްދަލުވުމުން އިތުރު ކަންބޮޑުވުންތަކެއް ފާހަގަކުރެއްވުނު ކަމަށާއި މަންހަޖަށް ބަދަލު ގެނައުމުގެ ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށެވެ. ރައީސް އޮފީހުގެ އެ ބައްދަލުވުމާ ގުޅޭގޮތުން އޭނާ ސުވާލުކުރެއްވުމުން، އެއީ މަންހަޖާ ގުޅޭގޮތުން މީޑިއާގައި ދެކެވޭ ވާހަކަތަކާ ގުޅިގެން ބޭއްވި ބައްދަލުވުމެއް ކަމަށާއި މަންހަޖުގައި މިއުޒިކާއި ނެށުން މަޖްބޫރުކޮށްފައި ނުވާނެ ކަމަށް ސަރުކާރުގެ މިނިސްޓަރުން ވިދާޅުވެފައިވާ ކަމަށް ވެސް އަބްދުﷲ ވިދާޅުވި އެވެ.

"ބައްދަލުވުމުން އަޅުގަނޑުމެންގެ ކަންބޮޑުވުންތައް އިތުރުވެގެން ދިޔައީ. އަޅުގަނޑަށް ދޭހަވީ މަންހަޖާ ގުޅޭ ގޮތުން ކަންތައްތަކެއް ފޮރުވަން މަސައްކަތް ކުރައްވަނީހެން. މަންހަޖުގައި މިއުޒިކާއި ނެށުން މަޖުބޫރުކޮށްފައި ނޯންނާނެއޭ އެއީ އޮޅުމެކޭ ވިދާޅުވި އަސް އެއީ ގަބޫލުކުރެވޭނެ ވާހަކައެއް ނޫން،" އަބްދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެޑިއުކޭޝަން މިނިސްޓްރީން އާއްމުކޮށްފައިވާ މަންހަޖުގައި، މިއުޒިކާއި ނެށުމުގެ އިތުރުން އެހެން ދީންތަކަށް ދަރިވަރުންގެ "ފިކުރު ހުޅުވާލުމުގެ ކުޑަދޮރެއް" ވެސް ހިމަނާފައިވެ އެވެ.

އަބްދުﷲ ވިދާޅުވީ މަންހަޖުގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް، ސަލަފުން މިއަދު ވަނީ ރައީސް އަބްދުﷲ ޔާމީނަށް ސިއްރު ސިޓީއެއް ވެސް ފޮނުވައިފަ އެވެ. އެ ސިޓީގައި މަންހަޖުގައި ހުރި ކަންބޮޑުވުންތައް ވަރަށް ތަފްސީލުކޮށް ބަޔާން ކޮށްފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އާ މަންހަޖުގައި އިސްލާމް ދީނާ ފުށުއަރާ އަދި ތަފާތުވާ އެއްވެސް ކަމެއް ހިމަނާފައި ނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި ނަމަވެސް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވަނީ އާ މަންހަޖުގައި މިއުޒިކް މަޖުބޫރު ނުކުރަން ކަމާބެހޭ ފަރާތްތަކުގައި އެދިވަޑައިގެންފަ އެވެ.

އެހެން ނަމަވެސް އިސްލާމިކް މިނިސްޓަރު އިއްޔެ ވަނީ މިޔުޒިކާއި ނެށުން ޤައުމީ މަންހަޖުގައި މަޖުބޫރު ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުއްގައްޔޫމް ނިންމަވާފައިވާ ކަމަށް ވިދާޅުވެ ރައީސް ޔާމީނަށް ޝުކުރު އަދާކުރައްވާފއެވެ.

މި މައްސަލާގައި ސަރުކާރުގެ ވިސްނުން ހާމަ ކުރައްވަމުން ރައީސް އޮފީހުގެ ތަރުޖަމާން އިބުރާހިމް މުޢާޒް ޢަލީވެސް ވިދާޅުވީ މިޔުޒިކާއި ނެށުން މަޖުބޫރު ނުކުރުމަށް ރައީސް ޔާމީން ނިންމަވާފައި ވާކަމަށެވެ.

އާ މަންހަޖުގައި މިއުޒިކާއި ނެށުން ހިމަނާފައި ވަނީ ގްރޭޑް އެކަކުން އަށެއްގެ ދަރިވަރުންނަށް މަޖުބޫރު މާއްދާއެއްގެ ގޮތުގައި ހިމަނާފައިވާ ކްރިއޭޓިވް އާޓްސްގެ ބައެއްގެ ގޮތުގަ އެވެ. އެ މައްސަލާގައި ދީނީ ބައެއް ޖަމާއަތްތަކާއި އިސްލާމިކް މިނިސްޓްރީން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.