ރާއްޖޭގެ ޚަބަރު

ކިޔެވުމުގެ މަރުޙަލާ ކުޅިވަރާ ނުލައި ފުރިހަމަ ނުވާނެ: ރައީސް

ކުޅިވަރުގެ ރޮގުން އެންމެ މޮޅު ދަރިވަރު

ކިޔެވުމާ ނުލައި އަހަރެމެންގެ ޙަޔާތަށް ފުރިހަމަ ކަމެއް ނުލިބޭނެ ކަމަށާއި، އެހެންނަމަވެސް ކިޔެވުމުގެ މަރުޙަލާ ކުޅިވަރާ ނުލައި ފުރިހަމަ ނުވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސްކޫލްތަކުގެ މެދުގައި ބޭއްވޭ ކުޅިވަރުގެ އެކިއެކި މުބާރާތްތަކުން ރަންވަނަ ހާޞިލްކުރާ ކުދިންގެ އަގުވަޒަންކުރުމަށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ތަޢާރަފްކުރެއްވި "ސްކޫލް ކަލަރސް އެވޯޑް" ދިނުމަށް މިރޭ ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިގޮތުން މިރޭ މިބޭއްވުނީ ނިމިގެންދިޔަ 2013 ވަނަ އަހަރު ސްކޫލްތަކުގެ މެދުގައި ބޭއްވުނު އެކިއެކި ކުޅިވަރުގެ ޙަރަކާތްތަކުން މަތީ ވަނަތައް ހޯދި ކުދިންނަށް އިނާމު ދިނުމެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން، ކިޔެވުމުގެ ތެރެއިން މަތީ ވަނަ ހޯދާ ކުދިންގެ އަގު ވަޒަންކުރާފަދައިން، ކުޅިވަރުގައި ކުދިން ދައްކާ ހުނަރާއި ފަންނުވެރިކަމަކީވެސް މަދުރަސާގެ ނިޒާމުގެ ތެރެއިން ފާހަގަކުރަންޖެހޭ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ކުޅިވަރު ކުޅުމަކީ މަދުރަސާގައި ކިޔެވުމުގެ ވަގުތު ގެއްލިގެންދާ ކަމެއް ނޫން ކަމަށާއި، ކުޅިވަރުން އެންމެ ރަނގަޅަށް ކުއްޖާއަށް ދަސްކޮށްދޭ އެއްކަމަކީ ކަންކަމަށް ވަގުތު ބަހާލައިގެން، ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފަން ދަސްވުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، މި ކަމުގެ ސަބަބުން އެ ކުއްޖަކު ދިރިއުޅޭނެ ވެއްޓެއްގައި، އަމިއްލަ ބޮޑެތި ޒިންމާތަކެއް އުފުލާނެ ކުއްޖަކަށްވާން ދަސްވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

މިރޭގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން، މަދުރަސީ ތަޢުލީމު ނިމުމުން ވަޒީފާ ހޯދުމަށްޓަކައި، ގަދައަޅައި މަސައްކަތްކުރުމަށް ހުރިހާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވިއެވެ. އަދި، ސްކޫލް ނިންމާ ކުދިންނަށް ވަޒީފާ ހޯދައިދޭން ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށާއި، އެހެންނަމަވެސް މަސައްކަތުގެ މައިދާނަށް ނުކުންނާނެ ކެރުންތެރިކަން ކުދިންގެ ކިބައިގައި ހުންނަންވާނެކަން ރައީސުލްޖުމްހޫރިއްޔާ ހަނދާން ކޮށްދެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ވަޒީފާގެ މައިދާނަށް ބޭނުންވާ ވާދަވެރިކަމާއި، އިސްނެގުމާއި، އެކަކު އަނެކަކާ ގުޅިގެން މަސައްކަތްކުރުމާއި، ކަންކަމަށް ކުރިމަތިލާން ކެރުމަކީ، ކުޅިވަރުގެ ތެރެއިން އަށަގަންނުވާ މުހިންމު ސިފަތައް ކަމުގައިވެސް ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ އަމާންތަނެއް ކަމަށާއި މިގޮތުގައި މިރާއްޖެ ބޭއްވުމަށް ދަރިވަރުންނަށާއި ބެލެނިވެރިންނަށް އިލްތިމާސް ކުރައްވަމުން މިމޭރުމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ފަލަސްޠީނުގެ މިއަދުގެ ޙާލަތަށް ޢިޝާރާތްކުރައްވައި، މިއަދު އެތައް ކިޔަވާކުދިންނެއް ވަންނާނެ މަދްރަސާއެއް، ތަޢުލީމު ޙާޞިލުކުރެވޭނެ ގޮތެއް ނެތިފައި އެބަތިބި ކަމަށާއި، އަޅުގަނޑުމެން އެކުދިންގެ މަތީން ހަނދާންކުރާ ކަމަށެވެ.

އަދި އެއީ އަނިޔާވެރި ސަރުކާރަކުން އެއްވެސް ކުށެއްނެތް ރައްޔިތުންނަކާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކެއް ކަމަށް ވިދާޅުވެ، އިޒްރޭލުން ފަލަޞްޠީނުގެ ޢާއްމު ރައްޔިތުންނާއި ޚާއްޞަކޮށް ކުޑަކުދިންނާ މެދު ޢަމަލުކުރަމުންދާ އިހާނެތި ޢަމަލުތައް ކުށްވެރިކުރެއްވުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ތަކުރާރު ކުރެއްވިއެވެ. އަދި ކުރީގެ ސަރުކާރަކުން އެގްރީމެންޓްތަކެއްގެ ސިފައިގާ އަނިޔާވެރި ދައުލަތެއްގެ ސިލަބަސް ދިވެހި މަދްރަސާތަކަށް ގެނައުމަށް މަސައްކަތްކުރެވުނުކަން ފާހަގަކުރައްވައި އެއީ އޮޅުވާލެވެންނެތް ފާޅުކަންބޮޑު ޙަޤީޤަތެއްކަމުގައި ވިދާޅުވިއެވެ.
މިރޭގެ ޙަފްލާގައި، "ސްކޫލް ކަލަރސް އެވޯޑް 2013" ގެ، 14 އަހަރުން ދަށުގެ އުމުރު ފުރައިން ތަފާތު ކުޅިވަރުތަކުން އެއްވަނަ ހޯދި ދަރިވަރުންނަށް އިނާމު ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙައްމަދު ޖަމީލު އަޙްމަދެވެ. އަދި، "ސްކޫލް ކަލަރސް އެވޯޑް 2013" ގެ، 16 އަހަރުން ދަށުގެ އުމުރު ފުރައިން އެއްވަނަހޯދި ދަރިވަރުންނަށް އިނާމު ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމެވެ. "ކަލާރސް އެވޯޑް 2013" ގެ، 18 އަހަރުން ދަށުގެ އުމުރު ފުރައިން އެއްވަނަހޯދި ދަރިވަރުންނަށާއި، 2013 ވަނަ އަހަރު ކުޅިވަރުގެ ރޮގުން އެންމެ މޮޅު ދަރިވަރަށް އިނާމު ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *