ރިޕޯޓް

ފަލަސްތީނުގައި ހުރި މުގައްދަސް ތަންތަނާއި ބައެއް އާސާރުތައް

ޣައްޒާގައި އިސްރާއީލުން ދިން ހަމަލާއެއްގައި މިސްކިތެއް ބިމާ ހަމަވެފައި -- ފޮޓޯ: އޭއެފްޕީ

ފަލަސްތީނަކީ މުސްލިމުންގެ އެންމެ މުގައްދަސް އެއް ބިމެވެ. މި ބިމުގެ ބޮޑު ބައެއް މިއަދު އޮތީ ޒަޔަނިސްޓުން އުފައްދައިފައި އޮތް އިސްރާއީލޭ ކިޔޭ ދައުލަތުގެ ބާރުގެ ދަށުގައެވެ. ޒަޔަނިސްޓުން ގެންދަނީ ފަލަސްތީނުގެ ބިމުގައި ހުރި އިސްލާމީ އާސާރުތަކުގެ ތާރީޚު އޮޅުވައިލުމަށް މަސައްކަތް ކުރަމުންނެވެ. އެހެންކަމުން މި ދަންނަވާ އާސާރުތަކާ ބެހޭ މައުލޫމާތު ހޯދުމަށް ކޮންމެ މުސްލިމަކު ވެސް ވަރަށް ބޮޑު އިސްކަމެއް ދޭން ވަނީ ޖެހިފައެވެ.

ފަލަސްތީނަކީ ވަރަށް ގިނަ ނަބީންނާއި ރަސޫލުންގެ ތާރީޚާ ގުޅިފައިވާ ބިމެކެވެ. ފަލަސްތީނުގެ ރަށްތަކުގެ ތެރެއިން އެންމެ މުހިންމު ރަށަކީ ޤުދުސް (ޖެރޫސަލަމް) އެވެ. ޤުދުސްގެ ގަދީމީ ޝަހަރަކީ މުސްލިމުންގެ އެންމެ މުޤައްދަސް ބިނާތައް ހުރި ބިމެވެ. ޤުދުސްގެ ގަދީމީ ޝަހަރުގެ އިން ވަކި ކުރަނީ ޝަހަރުގެ ބޭރު ފާރުންނެވެ.

ޤުދުސްގެ ގަދީމީ ޝަހަރަށް ބަލާ އިރު، މަސްޖިދުލްއަޤްޞާގެ ހަރަމްފުޅު ނުވަތަ ޙަރަމްއައްޝަރީފު ވަނީ ޝަހަރުގެ އިރުދެކުނުގައެވެ. ޙަރަމްއައްޝަރީފުގެ އުތުރުން އޮތް ބިމާއި ޙަރަމްއައްޝަރީފުގެ ހުޅަނގު ފާރުގެ މެދަކާ ހިސާބުން އުތުރަށް އަދި ގަދީމީ ޝަހަރުގެ މެދުން ފެށިގެން އިރަށް އޮތް ބިމަކީ "މުސްލިމް ކުއާޓަރ" ގެ ނަމުން ފާހަގަ ކުރެވޭ ސަރަޙައްދެވެ. މުސްލިމް ކުއާޓަރ" ގެ ހުޅަނގުން، ގަދީމީ ޝަހަރުގެ ހުޅަނގު އުތުރުގައި އޮތީ "ކްރިސްޓިޔަން ކުއާޓަރ" އެވެ. ކްރިސްޓިޔަން ކުއާޓަރ" ގެ ދެކުނުން ގަދީމީ ޝަހަރުގެ ހުޅަނގު ދެކުނުގައި އޮތީ "އަރްމީނިޔަން ކުއާޓަރ" ގެ ނަމުން ފާހަގަ ކުރެވޭ ސަރަޙައްދެވެ. ގަދީމީ ޝަހަރުގެ ދެކުނު ފަޅީގައި "އަރްމީނިޔަން ކުއާޓަރ" ގެ އިރުން އަދި "މުސްލިމް ކުއާޓަރ" ގެ ދެކުނުން ޙަރަމްއައްޝަރީފުގެ ހުޅަނގުގައި އޮތީ "ޖުވިޝް ކުއާޓަރ" ގެ ނަމުން ފާހަގަ ކުރެވޭ ސަރަޙައްދެވެ. ކްރިސްޓިޔަން ކުއާޓަރ" ގެ އިރުދެކުނު ކަނުގައި ހުންނަނީ ނަޞާރާއިންގެ "ޗަރޗް އޮފް ހޯލީ ސެފަލްކަރ" އެވެ. ޒައިތޫން ފަރުބަދަ ހުންނަނީ ޤުދުސްގެ ގަދީމީ ޝަހަރުގެ އިރުދެކުނު ކަނާ ދިމާގައެވެ. މަރްޔަމްގެފާނުގެ މަހާނަފުޅާއި ޒަކަރިއްޔާގެފާނުގެ މަގްބަރާ ހުންނަނީ މި ސަރަޙައްދުގައެވެ. ސަހްޔޫން ފަރުބަދަ ހުންނަނީ ގަދީމީ ޝަހަރުގެ "އަރްމީނިޔަން ކުއާޓަރ" ގެ ދެކުނާ ދިމާގައެވެ. ދާއޫދު ނަބީކަލޭގެފާނުންގެ މަގްބަރާ ހުންނަނީ މި ސަރަހައްދުގައެވެ.

ޙަރަމް އައްޝަރީފަކީ ކޮބައިތޯ، މިއީ ބައެއް ބޭފުޅުންގެ ހިތްޕުޅުގައި މިހާރު އުފެދިފައި ވެދާނެ ސުވާލެކެވެ. ޙަރަމްއައްޝަރީފަކީ މަސްޖިދުލްއަޤްޞާގެ ހަރިންމައެވެ. މިއީ ގާތްގަނޑަކަށް 35 އޭކަރުގެ ސަރަޙައްދެކެވެ. ޔަހޫދީން ދަނީ ޙަރަމްއައްޝަރީފަކީ ޔަހޫދީންގެ ފުރަތަމަ ހައިކަލް އާއި ދެވަނަ ހައިކަލް ހުރި ތަން ކަމަށް ބުނަމުންނެވެ. ޙަރަމްއައްޝަރީފުގެ ހުޅަނގު ފާރަކީ ޔަހޫދީންގެ ގާތުގައި ވެސް މުޤައްދަސް ތަނެކެވެ.

ޢީސާ ޢަލައިހިއްސަލާމްގެ އުފަން ރަށް ކަމުގައިވާ ބައިތުލަހްމާއި ތުއްޕުޅު އިރު އުޅުއްވި ރަށް ކަމުގައިވާ ނާޞިރާ އޮންނަނީ ވެސް ފަލަސްޠީނުގައެވެ. އިސްމާޢީލު ޢަލައިހިއްސަލާމާއި އިސްޙާޤު ޢަލައިހިއްސަލާމާއި ޔަޢުޤޫބު ޢަލައިހިއްސަލާމާއި ޔޫސުފު ޢަލައިހިއްސަލާމް އުފަންވެވަޑައިގަތީ ފަލަސްޠީނުގެ ބިމުގައެވެ. މޫސާ ޢަލައިހިއްސަލާމާއި ހާރޫން ޢަލައިހިއްސަލާމާއި، ޔޫޝަޢު ނަބީކަލޭގެފާނާއި، ދާނިޔާލް ނަބީކަލޭގެފާނާއި، އިލްޔާސް ނަބީކަލޭގެފާނާއި، އިލްޔަސައުގެފާނު ފަސްދާނު ލެވިފައިވަނީ ވެސް ފަލަސްޠީނުގެ ބިމުގައެވެ.

މަސްޖިދުލް އަޤްޞާ

ފަލަސްޠީނުގައި ހުރި މުސްލިމުންގެ އެއްމެ މުޤައްދަސް ތަނަކީ ޤުދުސްގައިވާ އަލްމަސްޖިދުލް އަޤްޞާއެވެ. ކީރިތި ޤުރުއާނުގެ އިސްރާ ސޫރަތުގެ ފުރަތަމަ އާޔަތުން އެނގޭ ގޮތުގައި އަލްމަސްޖިދުލްއަޤްޞާ އާއި އެ ތަނުގެ ވަށައިގެންވާ ޙަރަމްފުޅަކީ މާތްﷲ ބަރަކާތް ލައްވައިފައިވާ މުޤައްދަސް ތަނެކެވެ. އަލްމަސްޖިދުލްއަޤްޞާ އަކީ މުސްލިމުންގެ ފުރަތަމަ ޤިބްލައެވެ. މުސްލިމުންގެ ތިންވަނަ ޙަރަމްފުޅެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އިސްރާގެ ދަތުރުފުޅު ކުރެއްވީ އަލްމަސްޖިދުލް ޙަރާމް އިން އަލްމަސްޖިދުލް އަޤްޞާއަށެވެ. އިސްރާ އާއި މިޢުރާޖުގެ ދަތުރުފުޅުގައި އިތުރު އެކަލޭގެފާނު ވަނީ މަސްޖިދުލްއަޤްޞާގައި ނަބީބޭކަލުންގެ ޖަމާޢަތެއްގައި އިމާމުވެ ނަމާދުފުޅު ކުރައްވައިފައެވެ. އަލްމަސްޖިދުލްއަޤްޞާ އަކީ ﷲ އަށް އިބާދަތު ކުރުމަށް ދުނިޔޭގެ ބިމުގައި ބިނާ ކުރެވުނު ދެވަނަ އިބާދަތުގާހެވެ. މައްކާ އާއި މަދީނާގެ ޙަރަމްފުޅު ފިޔަވައި އެހެން ކޮންމެ މިސްކިތެއްގައި ކުރެވޭ އަޅުކަމަކަށް ވުރެ މަސްޖިދުލްއަޤްޞާގައި ކުރެވޭ އަޅުކަމުގެ ސަވާބު 500 ގުނަ އިތުރުވެގެން ވާ ކަމަށް ރިވާ ވެފައި ވެއެވެ.

މިއަދު ޔަހޫދީން ބުނަނީ މަސްޖިދުލްއަޤްޞާ އަކީ މާ ފަހުން އުމަވީންގެ ފަސްވަނަ ޚަލީފާ ޢަބްދުލް މަލިކު ބިން މަރްވާން ބިނާ ކުރެއްވި މިސްކިތެއް ކަމުގައެވެ. ނަމަވެސް ހަގީގަތަކީ މަސްޖިދުލްއަޤްޞާ ވީރާނާވެ ހަލާކުވެފައި ވަނިކޮށް ޚަލީފާ ޢަބްދުލްމަލިކު ބިން މަރްވާން އެތަން އާ ކުރެއްވީއެވެ. ޚަލީފާ ޢަބްދުލްމަލިކު މުޅީން އަލަށް ބިނާކުރެއްވި މިސްކިތަކީ އަލްމަސްޖިދުލް އަޤްޞާއާ މާދުރު ނޫން ހިސާބެއްގައި ހުރި މަސްޖިދު ޤުއްބަތުއްޞަޚްރާއެވެ. ޤުދުސްގައި ދައްލާލުންގެ ގޮތުގައި އުޅޭ ޔަހޫދީން، މަސްޖިދުލްއަޤްޞާއޭ ކިޔާފައި ފަތުރުވެރީންނަށް ދައްކައި ހަދަނީ ވެސް މި ރަން ގުއްބު ލީ މިސްކިތެވެ. މިއީ ވެސް މަސްޖިދުލްއަޤްޞާ އާއި އެތަނުގެ ތާރީޚު އޮޅުވައިލުމަށް އެމީހުން ކުރާ މަސައްކަތުގެ އެއްބައެވެ.

މަސްޖިދު ޤުއްބަތުއްސަޚްރާ

މަސްޖިދު ޤުއްބަތުއްސަޚްރާ ނުވަތަ މަޝްހޫރު ރަން ގުއްބު ލީ މިސްކިތަކީ، އުމަވީ ޚަލީފާ ޢަބްދުލް މަލިކު ބިން މަރްވާން ބިނާ ކުރެއްވި މިސްކިތެކެވެ. މި މިސްކިތް ބިނާ ކުރެވިފައިވަނީ ކީރިތި ރަސޫލާ މިޢުރާޖުގެ ދަތުރުފުޅު ފެއްޓެވި މަޤާމުފުޅު ހުރިތަނުގައެވެ. ބައިތުލްމަޤްދިސްގެ ޙަރަމް ޝަރީފުގައި، މަސްޖިދުލްއަޤްޞާއާ ވަރަށް ކައިރީގައެވެ. މިސްކިތް ބިނާކޮށް ނިމުނީ މީލާދީން 692 ވަނަ އަހަރުއެވެ. ކީރިތި މާތް ރަސޫލާ މިޢުރާޖަށް އަރައިވަޑައިގަތް އިރު، އެ ހިލަކޮޅެއްގެ މަތީގައި އެ ކަލޭގެފާނު ޤާއިމު ވެވަޑައިގެން ހުންނެވި ހިލަކޮޅު ވަނީ މި މިސްކިތުގެ ތެރޭގައެވެ. މިސްކިތަށް މަސްޖިދު ޤުއްބަތުއް ސަޚްރާއޭ ކިޔަނީ އެ ހިލަކޮޅަށް ނިސްބަތް ކޮށެވެ. މިސްކިތް މާތް ވަނީ ވެސް އެ ހިލަކޮޅުގެ ސަބަބުންނެވެ.

އިބްރާހީމީ މިސްކިތް
ފަލަސްތީނުގައި ވާ މުގައްދަސް ތަންތަނުގެ ތެރެއިން އެންމެ މުހިންމު އަނެއް ތަނަކީ އިބްރާހީމުގެފާނުގެ މިސްކިތް ނުވަތަ މަސްޖިދު އިބްރާހީމީ އެވެ. މި މިސްކިތް ހުންނަނީ އިބްރާހީމް ޢަލައިހިއްސަލާމުގެ ޙަޔާތްޕުޅުގެ ފަހު ބައި ހޭދަ ކުރެއްވި ރަށް ކަމުގައިވާ ޚަލީލު ޝަހަރު ނުވަތަ ހަބްރޫނުގައެވެ. އިބްރާހީމްގެފާނާއި އެކަލޭގެފާނުގެ އަނބިކަނބަލުން ސާރާ އާއި އިސްޙާޤުގެފާނާއި އިސްޙާޤުގެފާނުގެ އަނބިކަނބަލުން ރިފްޤާއާއި ޔަޢުޤޫބުގެފާނާއި އެކަލޭގެފާނުގެ އަނބިކަނބަލެއް ކަމަށް ވާ ލައްޔާ ވެސް ފަސްދާނު ލެވިފައިވަނީ މި ތަނުގައި، ޚަލީލު ޝަހަރުގައެވެ.

އިސްރާއީލުން 1967 ގައި ޚަލީލު ޝަހަރު ހިފުމަށް ފަހު ވަނީ މި މިސްކިތަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މިސްކިތުގެ ވަޅުކޮޅާއި އިރުމަތީ ދޮރޯށްޓާއި މުންނާރެއް ވަނީ ހަލާކު ކޮށްލައިފައެވެ. 1972 ވަނަ އަހަރުގެ ފަހުން ޔަހޫދީން ދިޔައީ މުސްލިމުންނާ އެކު މިސްކިތް ބޭނުން ކުރަމުންނެވެ. 1994 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 25 ވަނަ ދުވަހު ޒަޔަނިސްޓު އިރުހާބީއެއް ކަމަށް ވާ ޑރ. ގޯލްޑްސްޓީން، މިސްކިތުގެ ތެރޭގައި ހިންގި ގަތުލުއާންމެއްގައި 60 މުސްލިމުން ޝަހީދުކޮށް200 އަށް ވުރެ ގިނަ މުސްލިމުން ޒަޚަމްކޮށްލިއެވެ. މި ހާދިސާ ހިންގި އިރުހާބީއާ މެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި އިސްރާއީލުން ނިންމީ އެފަދަ ހާދިސާއެއް ހިނގީ އެ މިސްކިތް މުސްލިމުންނާއި ޔަހޫދީންނަށް ވަކީން ބައިކޮށް ވަކި ކުރެވިފައި ނުވާތީ ކަމަށެވެ. މި ގޮތަށް ނިންމުމަށް ފަހު، އިސްރާއީލުން މި މިސްކިތް ދެ ބަޔަށް ބަހައިލިއެވެ. މިސްކިތުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބައި މިއަދު ވަނީ ޔަހޫދީން އަޅުކަން ކުރާ ސަނާގިގާއަކަށް ބަދަލުކޮށްފައެވެ. މުސްލިމުންނަށް މިސްކިތަށް ވަނުމުގެ ފުރުސަތު ދެނީ ފަހަރަކު 300 މީހުންނަށް ވުރެ ގިނަ ނުވާ ގޮތަށެވެ.

އިބްރާހީމީ މިސްކިތުގެ އިތުރުން މަސްޖިދުލްއަޤްޞާ އާއި މަސްޖިދު ޤުއްބަތުއްސަޚްރާ ނައްތައިލުމަށް ޒަޔަނިސްޓުން ވަނީ ރާވައިފައެވެ. އެމީހުންގެ ރޭވުމަކީ މަސްޖިދުލްއަޤްޞާ އާއި މަސްޖިދު ޤުއްބަތުއްސަޚްރާ ހުރި ބިމުގައި އެމީހުންގެ ހައިކަލް ނުވަތަ ފައްޅި ބިނާ ކުރުމެވެ. އިސްރާއީލުގެ ފުރަތަމަ ބޮޑުވަޒީރު ޑޭވިޑް ބެންގޫރިޔަން ބުނެފައިވެއެވެ. "ޤުދުސްއާ ނުލައި އިސްރާއީލުގެ މާނައެއް ނެތެވެ. "ހައިކަލް" އާ ނުލައި ޤުދުސްގެ މާނައެއް ނެތެވެ."
މި ލިޔުމުގައި ބަޔާން ކުރެވިފައިވާ ތަންތަނުގެ އިތުރުން ވެސް އިސްލާމީ ތާރީޚާ ގުޅުން ހުރި ވަރަށް ގިނަ އާސާރުތަކާއި ޝަހަރުތަކާއި ތަންތަން ފަލަސްތީނުގެ ބިމުގައި އެބަ ހުށްޓެވެ. މުސްލިމުންގެ ޚަލީފާ ޢުމަރު ބިން ޚައްޠާބު ހިޖްރައިން 15 ވަނަ އަހަރު ފަލަސްޠީނަށް ވަޑައިގެން ނަމާދުފުޅު ކުރެއްވި ތަނުގައި، "ޗަރޗް އޮފް ހޯލީ ސެފަލްކަރ" ކައިރީގައި ހުންނަ މަސްޖިދު ޢުމަރާއި، ރަމްލާގައި، ޞާލިޙު ނަބީކަލޭގެފާނަށް ނިސްބަތް ކުރެވޭ މަގާމުފުޅެއް ހުރި ތަނުގައި އުމަވީން ބިނާ ކުރި ހުދު މިސްކިތް ފަދަ ތަންތަނެވެ. މީގެ އިތުރުން، އިބްރާހީމްގެފާނާއި، އިސްޙާޤުގެފާނާއި، ޔަޢުޤޫބުގެފާނާއި، ލޫޠުގެފާނާއި، ޔޫސުފުގެފާނާއި، ދާއޫދުގެފާނާއި، ސުލައިމާނުގެފާނާއި، ހާރޫނުގެފާނާއި، މޫސާގެފާނާއި، ޒަކަރިއްޔާގެފާނާއި، ޔަޙްޔާގެފާނާއި، އިލްޔާސްގެފާނާއި، އިލްޔަސަޢުގެފާނާއި، މަރްޔަމްގެފާނު، އަދި ބައެއް މުއައްރިޚުންގެ ރައުޔުގައި، އިންސާނީ ނައުޢުގެ ބަފައިކަލުން އާދަމުގެފާނު ފަސްދާނު ލެވިފައިވަނީ ވެސް ފަލަސްތީނުގެ ބިމުގައެވެ. އިސްލާމީ އާސާރީ ޝަހަރުތަކުގެ ހިތަކަށް ފަލަސްތީނު ވެފައިވަނީ މި ސަބަބަށް ޓަކައެވެ.

ގުޅުންހުރި

1 ޚިޔާލު

  1. ދެން ކީއްވެބާ އަރަބިދުނިޔޭގެ ރައްޔަތުންގެ މައްޗަށް ވެރިވެގަނަގެންއުޅޭ ރަސްކަލުން އަހަރުމެން މުސްލިމުންގެ މިމާތްބިމާއިމެދު އާފިލުވެތިބެ ދުނިޔޭގެ ދަޅައަށް ހެއްލިގެން އެމެރިކާނުންގެ މުށުތެރޭގައި އުޅެންޖެހުނީ، އަހަރެން މިބައިމީހުންގެ ޖާހިލުކަމާއިމެދު އަޖާއިބުވެ ހައިރާން ވަމެވެ

Your email address will not be published. Required fields are marked *

More in ރިޕޯޓް