ލިޔުނީ : މުޙައްމަދު ވިޝާހް
ދާދި ފަހުން އަލް ޖަޒީރާ އިން ލީކު ކޮށްލި ފަލަސްޠީނުގެ ޞޮފްހާތަކުން ހާމަވާ ގޮތުގައި ޕަލަސްޓީނިއަން އޮތޯރިޓޯ (ޕީއޭ) ވަނީ އެބައިމީހުންގެ އަމިއްލަ ރައްވެހި ފަލަސްޠީނު ރައްޔިތުން މެރުމުގައި އިޒްރޭލަށް އެހީތެރިވެދީފައެވެ.
އެގޮތުން 2005 ވަނަ އަހަރު ޕީއޭ އާއި އިޒްރޭލާ ދެމެދު ބަދަލު ކުރެވުނު އަތުން ލިޔެފައިވާ ލިޔުމަކުން ޣައްޒާގައި ދިރިއުޅެމުންދިޔަ ފަލަސްޠީނުގެ މުޖާހިދެއް ކަމުގައިވާ ޙަސަން އަލް މަދްޢޫން ޝަހީދުކޮށްލަން ރާވާފައިވާކަން ހާމަވެއެވެ. އަލް މަދްޢޫނަކީ އޭރު ޣައްޒާ ކޮންޓްރޯލް ކުރަމުން ދިޔަ ފަތަޙަ ޖަމާޢަތާ ގުޅިފައި އޮތް އަލް އަޤްސާ ބްރީގޭޑްސް ގެ އިސް މެމްބަރެކެވެ. އިޒްރޭލުން ތުހުމަތު ކުރާ ގޮތުގައި އަޝްދަދް ޕޯޓް އަދި ޣައްޒާ އާއި އިޒްރޭލާ ދެމެދު އޮންނަ ޤަރްނީ ކްރޮސިން ގައި ގޮއްވާލި ބޮންތައް ރާވާފައިވަނީ އަލް މަދްޢޫނެވެ.
2005 ވަނަ އަހަރުގެ މެދު ތެރޭގައި ތެލް އަވިވް ގައި ރެފިޔުޖީންނާ ބެހޭގޮތުން ބޭއްވުނު ކޮމިޓީތަކުގެ މަޝްވަރާ ތަކުގައި އޭރުގެ އިޒްރޭލުގެ ޑިފެންސް މިނިސްޓަރ ޝައުލް މޮފާޒް، ޕީއޭގެ އިންޓީރިއަރ މިނިސްޓަރު ނަސީރު ޔޫސުފް ގާތުން އަލް މަދްޢޫން މަރާލަން ވަނީ އެދިފައެވެ.
މޮފާޒް : ..... ޙަސަން މަދްޢޫން، އަހަރަމެންނަށް އެނގޭ އޭނަގެ އެޑްރެސް. އަދި ރަޝީދު އަބޫ ޝަބަކް ( އޭރުގެ ޣައްޒާގެ ޕްރިވެންޓިވް ސެކިޔުރިޓީ އޯގަނައިޒޭޝަންގެ ވެރިޔާ) އަށް ވެސް އެނގޭ. ކަލޭމެން އޭނަ މަރާލަން ވީނުން ؟ ހަމާސް އިން ރޮކެޓް ހަމަލާ ދިނީ އިލެކްޝަނުގެ ސަބަބުން އަދި މިއީ ކަލޭމެންނަށް ހުރި ގޮންޖެހުމެއް އެއް އަދި އަބޫ މާޒިން (މަޙްމޫދު އައްބާސް- ޕީއޭ ގެ ރައީސް) އަށް ހުރި އިންޒާރެއް.
ޔޫސުފް : އަހަރަމެން ރަޝީދު އަބޫ ޝަބަކަށް އެކަން ކުރަން އިރުޝާދު ދީފިން ، ދެން ބަލަން ތިބެމާ....
މޮފާޒް : މީގެ 4 ހަފްތާ ކުރިން އަހަރަމެން އެންމެ ފަހުން ވާހަކަ ދެއްކީއްސުރެ މަދްއޫން ދަނީ އިތުރު އޮޕަރޭޝަނެއް ރާވަމުން. އަދި އަހަރަމެންނަށް އެނގޭ އޭނާ ހަމަލާ ދޭން ބޭނުންވަނީ ޤަރްނީ އަށް ނުވަތަ އެރެޒް އަށް ( ޣައްޒާއާއި އިޒްރޭލާ ގުޅޭ ހިސާބުގައިވާ އެހެން ބޯޑަރ ކްރޮސިން އެއް). އެއީ ހަމާސްގެ މީހެއްނޫން. އެހެންވީމާ ކަލޭމެންނަށް އޭނަ މަރާ ލެވިދާނެ!
ޔޫސުފް : އަހަރަމެން އެބަ މަސައްކަތް ކުރަން. ޤައުމު އެހާ ފަސޭހައެއް ނޫން . އަހަރަމެންގެ ގާބިލިއްޔަތުވެސް ހުރީ ވަކި މިންވަރަކަށް ހިފެހެއްޓިފަ. އެހެންނޫނަސް ، ކަލޭމެން އަދި އެއްވެސް އުޖޫރައެއް މިކަމަކަށް ހުށަނާޅަމެއްނު!
މޮފާޒް : އަހަރެންނަށް އިނގޭ ޣައްޒާގައި އެއްވެސް ކަމެއް ހާސިލް ކުރެވިފައި ނުވާކަން ................
އެ ބައްދަލުވުމުގެ 01 މަސް ފަހުން ނޮވެމްބަރ 01 ވަނަ ދުވަހު އަލް މަދްއޫން ކާރުގައި ދަނިކޮށް ޣައްޒާގެ މަތިން އިޒްރޭލުގެ ހެލިކޮޕްޓަރަކުން ދިން މިސައިލް ހަމަލައެއްގައި އޭނާ ވަނީ ޝަހީދުކޮށްލެވިފައެވެ. މި ހަމަލާގައި އިޒްރޭލުގެ ވޯންޓެޑް ލިސްޓުގައިވާ ހަމާސްގެ އެކްޓިވިސްޓެެއްވެސް ވަނީ ޝަހީދުވެފައެވެ. އަދި އިތުރު 3 މީހަކު ވަނީ ޒަހަމް ވެފައެވެ.
ޖެހިގެން އައި ދުވަހު ވޮޝިންޓަންގައި ހުރި މޮފާޒް، ފަލަސްޠީނުގެ ރައްޔިތުންނަށް އަޅާފައިވާ ހުރަސްތައް މަދު ކުރުމަށާއި ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާސްއާއެކު އަލުން ސުލްހައިގެ ވާހަކަތައް ފެށުމަށް ވަނީ ވައުދު ވެފައެވެ.
"އަހަރަމެން މިތިބީ ރައީސް އައްބާސާއެކު ސުލްހައިގެ ވާހަކަތައް އަލުންފަށަން ތައްޔާރަށް " ކުރީގެ އެމެރިކާގެ ޚާރިޖީ ވަޒީރު ކޮންޑަލީޒާ ރައިސާ ބައްދަލު ކުރުމަށްފަހު މޮފާޒް ބުންޏެވެ. "އަހަރުމެން މަޑުކޮށްގެން މިތިބީ ޕަލަސްޓީނިއަން އޮތޯރިޓީ (ޕީއޭ) އިން ޓެރަރިސްޓް ގްރޫޕް ތަކާ މެދު ކަންތައްތައް ކުރާ ގޮތް ބަލަން."
ދިރާސާ ކުރައްވާ ފަރާތްތަކުން ވިދާޅުވާ ގޮތުގައި ޕީއޭ އިން މި ފަދައިން ކަންތައް ކޮށްފައިވަނީ 2 ބޭނުމެއް ހާސިލް ކުރުމަށްޓަކައެވެ. އެއީ 1 – ސިޔާސީ ގޮތުން ފިއްތުންތަކާއި ސުވާލު ކުރުންތައް ކުރުމަތި ވެފައިވާ ދަނޑިވަޅެއްގައި ސިޔާސީ މަޤާމު މަތިކުރުން. 2 – ކޮންމެ ފަދަ ނަތީޖާއެއް ނިކުތް ކަމުގައިވިޔަސް ސުލްހައިގެ ވާހަކަތަކުގައި އެމެރިކާ ގެ ރުހުން ހޯދުން ބޭނުންވާކަމުގެ ސިގްނަލެއް ދިނުމެވެ. އަދި ކިއެއްހެއްޔެވެ. މެދު އިރުމަށްޗަށް ކަނޑައަޅާފައިވާ އެމެރިކާގެ ނައިބު ސަފީރު ޑޭވިޑް ހޭލާއެކު ޕީއޭގެ އެންމެ އިސް ނެގޯޝިއޭޓަރ ސައީބް އެރެކެޓް 17 ސެޕްޓެމްބަރ 2009 ގައި ބޭއްވުނު ބައްދަލުވުމުގައި މިކަމަށް އިއުތިރާފްވެފައިވެއެވެ.
އެރެކެޓް: އެއްވެރިކަމެއް، އެއް ބަޑިއެއް، އަދި ގާނޫނާއި ގަވައިދު ގާއިމް ކުރަން އަހަރަމެން ފަލަސްޠީނުގެ ރައްޔިތުން މަރާއިފިން. އަހަރަމެންގެ ވާޖިބުތައް އަދާކުރުންމަތި ދެމިތިބީން. އަހަރަމެން މަސައްކަތްކޮށް ވަގުތު ހޭދަކޮށް އަދި އަހަރަމެންގެ އަމިއްލަ މީހުން މަރައިފިން. ގާނޫނާއި ގަވައިދު ދަމަހައްޓަން.
އެރެކެޓް ހާމަކޮށްފައި އެވާ މެރި މީހުންނަކީ ކޮބައިކަން މުޅިން ސާފެއް ނުވެއެވެ. ނަމަވެސް އަލް މަދްއޫން މަރާލަން ރޭވި ރޭވުމާ އެކަމުގެ މަޝްވަރާތަކަކީ މީގެ ކުޑަކުޑަ މިސާލެކެވެ. ޔާސިރު އަރަފާތަށްފަހު، ފަތަހަ ޖަމާއަތް ވަނީ އިޒްރޭލުގެ މިތުރުންނަށް ވެފައެވެ.
2008 ގައި ބޭއްވުން އެނަޕޮލިސް ޓޯކްސް ގައި ކުރީގެ ފަލަސްޠީނުގެ ބޮޑުވަޒީރު އަހްމަދު ޤުރެއި (އަބުލް އަލާ) އާ އިޒްރޭލުގެ ކެބިނެޓްގެ މެންބަރެއް ކަމުގައިވާ ޒިޕީ ލިވްނީ އާދެމެދު ފަތަހަ ޖަމާއަތުގެ އަޤްސާ ބްރިގޭޑްސާއި އިޒްރޭލުގެ ސިފައިން އެއްބާރުލުމާ ބެހޭގޮތުން މަޝްވަރާ ކުރެވުނެވެ.
ޤްރެއި ، ލިވްނީ ގާތުގައި ބުނެފައިވެއެވެ. "އަލް އަޤްސާ ބްރިގޭޑްސް އަކީ ފަތަހަ ޖަމާއަތުގެ ބައެއް. އަދި އެމީހުން ވަނީ އަމަން ބެލެހެއްޓުމުގައި އެއްބާރުލުން ދޭނެކަމަށް ބުނެފައި. މީ އަހަރެން ޕްރައިމް މިނިސްޓަރަކަށް ހުރި އިރު މީ އަހަރެން ބޭނުން ވި ގޮތެއް ނޫން. އަހަރެން ބޭނުން ވީ ބްރިގޭޑްސް ހަމާސްއާ ކުރިމަތިލާ ބައެއް ގޮތުގައި ދެމި އޮންނަން. "
އަމިއްލަ ސިޔާސީ ފައިދާއަށްޓަކައި ބައެއް ކަންކަމުގައި ހަމާސާއެކު ގުޅިފައިވިޔަސް، ޕީއޭއާއި، އެމެރިކާ އަދި އިޒްރޭލުންވަނީ ހަމާސް ނައްތާލުމަށްޓަކައި ގުޅިފައެވެ.
"........ އެއްބަސް ވެވުމަކާ ހަމައަށް އާދެވުމަކީ އަހަރުމެން ސަލާމަތުން ހުރުމަށް ކޮންމެހެންވެސް ބޭނުން ކަމެއް. ހަމާސް ބަލިކޮށްލެވޭނެ ގޮތަކީ އެއީ " 2008 ވީ ޖޫން މަހު ޕީއޭގެ އެންމެ އިސް ނެގޯޝިއޭޓަރ އެރެކެޓް ، އީޔުގެ ނެގޯޝިއޭޓަރ މާރކް އޮޓް ގާތުގައި އެފަދައިން ބުނެފައިވެއެވެ."
މީގެ އިތުރުން ހަމަ އެއަހަރު ޖެނުއަރީ 22 ވަނަ ދުވަހު ޤުއެރީ ، ލިވްނީ ގާތު ބުނެފައިވެއެވެ. އެއްބަސް ވެވުމަކާ ހަމައަށް އާދެވިއްޖެނަމަ، އަހަރަމެން ހަމާސް ބަލިކޮށްލާނަން. އަދި މިކަން ވެގެންދާނީ އެބައިމީހުން އަހަރަމެންގެ ބިން ހޯދޭނެ ހަމައެކަނި ގޮތަކީ ކުރިމަތިލާ ދެކޮޅުހެދުން ކަމުގައި ބުނާބުނުމަށް ދޭ ރައްދު ޖަވާބަކަށް."
ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިބަރަސްކަލާންގެ ދީނަށް ޚާލިސްކަމާއެކު ނަސްރުދޭން ތިބި މުޖާހިދުންނަށް ނަސްރު ދެއްވާންދޭވެ! އެބައިމީހުން ސާބިތު ކޮށްދެއްވާންދޭވެ! އަދި އަދުއްވުންނާއި ޖާސޫސުންގެ ލޯތަކުން އެބައިމީހުން ވަންހަމާ ކުރައްވާންދޭވެ.! ފަލަސްޠީނުގެ މުޖާހިދުންނަށް ގަދަކަން ދެއްވާންދޭވެ! ޚާއިނުންގެ ނުބައިކަމުން ސަލާމަތްކޮށްދެއްވާންދޭވެ! އަދި މަސްޖިދުލް އަޤްސާ އަޅަމެންގެ މުޖާހިދުންގެ ބާރުގެ ދަށަށް ގެންނަވާންދޭވެ!
ކޮމެންޓް (0)
ލޯޑް ކުރަމުން...