ދ. ވާނީ ގައި މަސައްކަތްކުރަމުންދާ ފުލުހުންނަށް ޖަމިއްޔަތުއްސަލަފުން ދަރުސްއެއް ބާއްވައިފިއެވެ.
ޖަމިއްޔަތުއްސަލަފުން ހާމަކުރި ގޮތުގައި ދ. ވާނީ ގައި މަސައްކަތްކުރަމުންދާ ފުލުހުންނަށް އެޖަމިއްޔާއިން ދަރުސް ދީފައިވަނީ މިމަހު 3 ވަނަ ދުވަހު ކަމަށާއި ދަރުސް ކުރިއަށްދިޔައީ ދ. އަތޮޅުގައި ބޭއްވި ރިޙްލާގެ ތެރެއިން ކަމަށެވެ. ދ. ވާނީ ފުލުހުންގެ ޓްރެއިނިންގ އިންސްޓިޓިއުޓްގެ މިސްކިތުގައި ބޭއްވި މިދަރުސް ގައި ޖަމިއްޔަތުއްސަލަފުގެ ވަފުދުގައި 5 ބޭފުޅުން ވަޑައިގަތެވެ. މެންދުރު 2:30 ގައި ވާނީއަށް ޒިޔާރަތްކޮށް އެރަށުގައި ފުލުހުންނަށް ދަރުސް ދެއްވީ ޝެއިޚް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް އާއި ޝެއިޚް ހަސަން މޫސާ ފިކުރީއެވެ.
ޝެއިޚް އަބްދުﷲ ބިން އިބްރާހިމް ފުލުހުންނާއި މުޚާތަބުކޮށް ވާހަކަ ދެއްކެވީ "މަންފާ ކުރުވަނިވި މަސައްކަތް" މިމައުލޫއަށެވެ. ޝެއިޚް އަބްދުﷲގެ ވާހަކަފުޅުގައި ފުލުހުންގެ މަސައްކަތަކީ ރަނގަޅު ނިޔަތެއްގައި ކުރާ މަސައްކަތައް ހަދައިގެން ސަވާބާއި ދަރުމަ ހާސިލް ކުރެވިދާނެކަމަށެވެ. ކޮންމެ ރަނގަޅު މަސައްކަތަކަށް ދަރުމަ އާއި ސަވާބު ލިބޭނީ ރަނގަޅު ނިޔަތެއްގައި އެކަމެއް ކުރާނަމަ ކަމަށް ވިދާޅުވިއެވެ. އަސްރު ސޫރަތުގެ މުހިންމުކަން ޝެއިޚް އަބްދުﷲގެ ދަރުސްގައި ވަރަށް ބޮޑަށް އަލިއަޅުވާލެއްވިއެވެ.
ޝެއިޚް ހަސަން މޫސާ ފިކުރީ ފުލުހުންނަށް ދެއްވި ނަސޭހަތުގެ ބަސްކޮޅުގައި "މަސްއޫލިއްޔަތާއި ޒިންމާ"ގެ މުހިންމުކަމާއި ބެހޭ ގޮތުން ވާހަކަ ދެއްކެވިއެވެ. ޝެއިޚް ފިކުރީ ވިދާޅުވީ "ފުލުހުންގެ މަސްއޫލިއްޔަތަކީ ޤައުމީ އަދި ދީނީ މަސްއޫލިއްޔަތެއް ކަމަށާއި އެމަސްއޫލިއްޔަތު ފުރިހަމަ އަށް އަދާކުރަން ޖެހޭނެ."ކަމަށެވެ.
ދ. ވާނީއަށް ޖަމިއްޔަތުއްސަލަފުން ކުރި ޒިޔާރަތުގައި ފުލުހުންގެ އިސްބޭފުޅުންނަށް ވަނީ ބައްދަލު ކުރައްވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...