ރިޕޯޓް

ޑިމޮކްރަސީގެ އިންސާފުވެރިކަން

ޑިމޮކްރަސީގެ ޗެމްޕިއަނުންކަމަށްވާ އެމެރިކާއާއި އިނގިރޭސިވިލާތުން އަޅުގަނޑުމެންގެ ރާއްޖެއަށް އިމްޕޯޓުކޮށްގެން މިއުޅޭ ޑިމޮކްރަސީގެ ޢަދުލު އިންސާފުވެރިކަން ހުރި މިންވަރު ނިކަންފަހެ ބައްލަވާލައްވަބަލާށެވެ. އެއްވެސްމީހަކު ކުށްކުރާކަމަކަށް ނުވެއެވެ. ކުށްކޮށްކޮށް މީހާޖެހެނީ ވަރުބަލި ވާށެވެ. އޭނާއަކީ އިނޮސެންޓު މިނިވަނެކެވެ. އެކިއެކިކުށްކުރާމީހުންނަކީ ކޮންމެވެސް ބައްޔެއްޖެހިފައިތިބޭ އަދި އެއީ އެމީހުންގެ މައްސަލައެއްނޫންކަމަށް ބައެއްޒިންމާދާރު ވެރިން ބުނާއަޑު އަޅުގަނޑުމެންއަހަމުއެވެ. އެގޮތުން އެންމެފަހުން އިވިގެންދިޔައީ ކުޑަކުދިންނަށް ޖިންސީގޯނާކުރާމީހުންނަށް އެވަނީ ބައްޔެއްޖެހިފާ ކަމެވެ. ވީމާ ކުދިންގެ މައިންބަފައިން އެވަރު ވިސްނައިގެން އުޅެންވީޔޯލައެވެ. މީހުންމަރަމުން ދުވެނަގަންވީއެވެ. އެއީވެސް ބައްޔެކެވެ.

މިދިޔަބުރާސްފަތިދުވަހު އިންޑިއާގެޓްރިވެންޑްރަމުން މާލެ އެތެރެކުރި އެއްކިލޯގެ މަސްތުވާތަކެތީގެ ފަހަތުގައިވާ މީހުންގެތެރެއިން އެކަކީ މަސްތުވާތަކެތީގެ މައްސަލައިގައި ދެފަހަރެއްގެ މަތިން އުމުރަށްޖަލަށް ލުމަށް ޙުކުމް ކޮށްފައިވާމީހެކެވެ. ދެންއޮތީ ތިންވަނަފަހަރަށް ހުކުމް ކުރުމެވެ. އޭރުން މެޑެލްއެރީއެވެ. މިއަންނަހުކުރު ދުވަހުގެރޭ ހުޅުވޭ ޑިމޮކްރަސީފެއަރ 2009 ގައި އޭނާއަށް ހިއްވަރުދިނުމުގެ އިނާމު ލިބޭނެކަމަށް ވަރަށްބޮޑަށް ބެލެވެއެވެ. އޭނާއަށް އިންސާފުހޯދައިދިނުމުގެ ގޮތުންނެވެ.

އަޅުގަނޑުމެންގެރާއްޖޭގައި ޒިނޭކޮށްގެން ނަހަލާލަށް ބަލިވެ އިންނަނީ އަހަރަކު ކިތައް ކުދިންތޯއެވެ. ދެވެނީކޮންއަދަބެއްތޯއެވެ. އަނެއްފަހަރުވެސް ޒިނޭކޮށްގެން ބަލިވެއިނދެ ވިހަންވީއެވެ. އެގޮތަށް ދިހަބާރަކުދިންވެސް ހޯދަންވީއެވެ. މައްސަލައެއްނުޖެހޭނެއެވެ. މާބޮޑަށް ކުދިންނާހެދީ އުނދަގޫވަންޏާ ކުއްޖަކު ފެންއެއްޗަކަށްލާފައި ނަމަވެސް މަރާލަންވީއެވެ. ޚަބަރުތަކުން ވަރަށްބާރުލާފައި އެވާހަކަ ގޮވާލާނެއެވެ. ދެތިންދުވަހެއްވަންދެން ބަންދުކޮށްލާނެއެވެ. އަނެއްދުވަހު ކޮންމެވެސް އަނދިރި ގޯޅިގަނޑެއްގެތެރޭ ކޮންމެވެސް ފިރިހެނަކާއެކު އެމީހުން އެހަދާއެއްޗެއްހަދަންތިބޭތަން ފެންނާނެއެވެ. އަޅާލާނެމީހަކުނުހުންނާނެއެވެ. އެތަންފެންނަ ބަޔަކުޖެހޭނީ ނުފެންނަކަމަށް ހަދާށެވެ.

ކުށުގެ މައްޗަށް ކުށްކުރަމުންދާ މީހުން އަޅުގަނޑުމެންގެ ތެރޭގައިބައިވަރެވެ. އެބައިމީހުން ބުނާގޮތުން ކިތަންމެ ބޮޑު ކުށެއްކުރިއަސް ދުވަސްކޮޅަކުބަނދުގައި ބައިތިއްބާލާފައި ދޫކޮށްލާނެއެވެ. ބަންދުގައި ގިނަދުވަސްވަނީ އެދުވަސްތަކުގައި ނުކިޔަމަންތެރިކަން ދައްކާތީއެވެ. އެހެންނޫނީ ވަރަށްފަސޭހައިން މިނިވަންވާނެއެވެ. މިހެންވުމުން ކިތަންމެބޮޑު ކުށެއްކުރާކަށްވެސް ބައެއްމީހުން ޖެހިލުމެއްނުވެއެވެ. މިއީވެސް ހަމަ އަޅުގަނޑުމެންގެ ތެރޭގައިއޮތް ޢަދުލުއިންސާފުގެ ފުރިހަމަކަމުން ވާހައި ކަންތައްތައްތޯއެވެ.

އަޅުގަނޑު ހިތަށްއަރައެވެ. އަޅުގަނޑުމެން ލަދުގަންނަން ދަސްކުރާނީ ކޮންދުވަހަކުން ބާއެވެ. ދުނިޔެއާއި ދުނިޔޭގައި ވާހައި ތަކެއްޗެއްހައްދަވައި އިންސާނުން ފުރިހަމަ ކުރައްވައި އިންސާނުން އުޅެންވާގޮތުގެ ޤާނޫނު ﷲތަޢާލާ ލެއްވެވި މަޤްޞަދު އެނގެނީ ކިތައްމީހުންނަށް ބާއެވެ. ބޮޑެތި ކުއްފާރުންގެ ކިބައިން ފާޑުފާޑުގެ ގާނޫނުތަކާއި ގަވާއިދުތައް ގެނެސްގެން މިތެޅިއަރުވަނީ ކޮންމޮޅެއްވާތީހެއްޔެވެ. ޚުދު އެބައިމީހުންވެސް ވަނީ އެގާނޫނުތަކުގައި ބެދި ސަލާމަތް ނުވެވޭވަރުވެފައެވެ. ފެއިލްވެފައެވެ. ދުވާލަކު ގާނޫނެއްހަދަމުން ދަނީއެވެ. ހެދޭއެއްޗެއް އަނެއްބަޔަކަށް ކަމަކު ނުދެއެވެ. ކުއްކުރާމީހުންނަށް ދޭންވާ އަދަބުތައްހުސްވެ އެއްހާސްއަހަރަށް ނުވަތަ ދެހާސްއަހަރަށް ޖަލަށްލުމަށް މީހުންނަށް ހުކުމްކުރަމުންދަނީއެވެ. ވަލުޖަނަވާރުންފަދައިން އެކިއެކި މީހުންނާއި ޖިންސީގުޅުން ހިންގަމުންދަނީއެވެ. ވައްކަމާއި ފޭރުމާއި އަންހެންކުދިންގެ ޢިއްފަތް ފޭރެމުން މަރަމުންދަނީ ދެވަނައެއްނެތްފަދަ ގާނޫނާއި ގަވާޢިދު ތަންފީޒުކުރެވެމުންދާތީ ހެއްޔެވެ. އެއީޑިމޮކްރަސީގެ ފުރިހަމަކަމުން ހެއްޔެވެ. ޤާނޫނާއި ޤަވާޢިދު ހެދިފައިހުންނަލެއް ފުރިހަމަ ކަމުންހެއްޔެވެ. އަޅުގަނޑު ތިޔަބޭފުޅުންނާއި ސުވާލު ކުރަމުންމިދަނީ ކޮންމެހެން އޭގެ ޖަވާބު ހޯދާކަށް ނޫނެވެ. އަޅުގަނޑުމެންގެ ގިނަބަޔަކަށް އެވަރެއް ނެތިގެން އުޅޭ ކާފަރުންގެ މޮޅު ޤާނޫނަކީ ތާކުންތާކު ޖެހޭއެއްޗެއް ނޫންކަން ވިސްނައިދިނުމުގެ އެދުންވެރިކަން އޮތްލެއްބޮޑު ކަމުންނެވެ. މަޢާފުކުރައްވާށެވެ. އަޅުގަނޑަކީ ތިޔަބޭފުޅުންނަށް ވިސްނައިދެވޭވަރުގެ މީހެއްނޫނެވެ. ނަމަވެސް ދަންނާށެވެ. އަޅުގަނޑު މިލިޔުން ލިޔުނުކަމަށް ﷲ ހެކިވެ ވޮޑިގަންނަވާނެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް