ކޮލަމިސްޓް

ކާޑު ސެންޓަރ ގެ ވާހަކަ

ދިވެހިރާއްޖޭގެ ގައުމީ ބޭންކު ނުވަތަ ބޭންކް އޮފް މޯލްޑިވްސް އަކީ އާއްމުރައްޔިތުން ހިއްސާވާ ޕަބްލިކް ކުންފުންޏެކެވެ. ކުންފުނީގެ ވިޔަފާރިން ލިބެންއޮތް އެންމެ މަތީ މިންވަރަކަށް، ހިއްސާދާރުންނަށް ނަފާ ހޯދައިދިނުމަކީ ކުންފުނި ހިންގުމާއި ހަވާލުވެގެންތިބޭ ބަޔަކު ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެކެވެ. ވީއިރު އެތަނުން ފޯރުކޮށްދޭ ޚިދުމަތަކީ ފެންވަރު ރަނގަޅު، ޚިދުމަތް ހޯދާ ފަރާތުން ހިތްހަމަޖެހޭ ފަދަ ޚިދުމަތަކަށް ހެދުމަށްޓަކައި ޚިދުމަތްތެރިޔާ ވަރަށް ވިސްނަންޖެހެއެވެ. ނަމަވެސް މިއާ މުޅިން އިދިކޮޅަށް ކަންތައްހިނގާތަން ދަނީ ފެންނަމުންނެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ޚިދުމަތުގެ ތެރެއިން އެންމެ މުހިންމު އެއްޚިދުމަތަކީ ފައިސާ ނަގަން ބޭނުންކުރާ ކާޑުގެ ޚިދުމަތެވެ. މިޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ވަކިތަނެއް، "ކާޑު ސެންޓަރ" ގެ ނަމުގައި ގާއިމުކޮށްފައި ހުރެއެވެ. ޖާގައިގެ ގޮތުން އެހާތަނަވަސް ނޫންނަމަވެސް އެތަނަކީ ހަމައެކަނި ކާޑުގެ ޚިދުމަތަށް ޚާއްޞަކުރެވިފައިވާ ތަނެކެވެ. ވަކިކަމަކަށް ތަނެއް ޚާއްޞަކޮށްގެން ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރާނީ އެޚިދުމަތެއް ހޯދާމީހުން ގިނަވުމުގެ ސަބަބުންކަމަށް ބެލެވެއެވެ. ހަމަ އެހެންމެ ކާޑުގެ ޚިދުމަތަކީ ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ލިބިދޭ ޚިދުމަތުގެ ތެރެއިން، ޚިދުމަތް ހޯދާ މީހާއަތުން އަގު ނަގައިގެން ފޯރުކޮށްދޭ ޚިދުމަތެކެވެ. މެޝިނުން ފައިސާ ނަގާ ކޮންމެ ފަހަރަކު، އެ ފޯރުކޮށްދިން ޚިދުމަތަށް އަގުނަގައެވެ. ކާޑު ބޭނުންކޮށްގެން ކުރާ ކޮންމެ ވިޔަފާރިއަކުން، އެ ކުރި ވިޔަފާރިއެއްގެ ކޮންމެވެސް އިންސައްތައެއް ބޭންކަށް ނަގައެވެ. ވީއިރު ބޭންކަށް ފައިސާ ޖަމާކޮށް ނެގުމާއި ޚިލާފަށް، ކާޑުގެ ޚިދުމަތަކީ ވިޔަފާރި އުޞޫލުން ފޯރުކޮށްދޭ ޚިދުމަތެކެވެ. ނަމަވެސް ބޭންކުން ފޯރުކޮށްދޭ ޚިދުމަތުގެ ތެރެއިން ޚިދުމަތް ލިބިގަންނަން އުފުލަންޖެހޭ ތަކުލީފު އެންމެބޮޑު އެއް ޚިދުމަތަކީ ކާޑުގެ ޚިދުމަތެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ކާޑަކަށް އެދި ހުށަހަޅާއިރު ނަގާ މަޢުލޫމާތުގެ ތެރޭގައި ގުޅޭނެ ފޯނުނަންބަރެއް ވެސް ނަގައެވެ. ދާދި ފަހުން ކާޑަކަށް އެދި ހުށަހަޅައިގެން ކާޑު ނިންމާފައި ގުޅާނެކަމުގެ އިންތިޒާރުގައި ހުންނަތާ މަހެއްހާ ދުވަސްވީއިރުވެސް ނުގުޅާތީ، ކާޑު ނިމިފައި އޮތްތޯ ބަލަން ކާޑުސެންޓަރުގެ މޯބައިލްނަންބަރަކަށް ފޮނުވި މެސެޖަަކަށް ޖެހިގެންއައި ދުވަހު ޖަވާބު ލިބިގެން، ކާޑު ބަލާދިޔަ މީހަކާއިއެކު ކާޑު ސެންޓަރަށް ދިޔައީމެވެ. މީހުން ގިނަކަމުން ތަންއޮތީ ތޮއްޖެހިފައެވެ. ނަންބަރު ދޫކުރާ މެޝިނާއި ހަމައަށް ދިއުމަށްވެސް ކުޑަ ހިއްވަރެއް ކޮށްލަންޖެހުނެވެ. ކޮންމެއަކަސް ނަންބަރެއް ނަގައިފީމެވެ. އޭރުގަޑިން 11:24 އެވެ. ޚިދުމަތް ހޯދަންދާ ފަރާތުން ޢަމަލުކުރާނެ ގޮތުގެ އިރުޝާދު ދީފައިހުރި އެއްވެސް ލިއުމެއްފެނޭތޯ ބަލައިލީމެވެ. ނަމަވެސް އެފަދަ އިރުޝާދެއްގެ ލިސާނެއް ފެންނާކަށްނެތެވެ. ދެންބެލީ އިށީންނާނެ ގޮނޑިއެއް ހުރިތޯއެވެ. އެކަމުގައި ވެސް ވީ ނާކާމިޔާބެވެ. ޚިދުމަތް ލިބިގަތުމަށް އަންނަ މީހުން އިށީނުމަށް ހުރިޖާގައިގެ މިންވަރަކީ 23 އެވެ. އިށީންނާނެ ގޮނޑިއެއްގެ އިންތިޒާރުގައި ހުއްޓާ މީހަކު ތެދުވެގެން ކޮށިގަނޑު ކާރިއަށްދިޔަ ވަގުތު ބަލާފައި، އެކުގައި ދިޔަމީހާ އެގޮނޑީގައި އިށީދެއްޖެއެވެ. ތަން ވަރަށް ބޮޑަށް ތޮއްޖެހިފައި އޮތުމުގެ ސަބަބުން ތަނުގެ ހާލަތު އިތުރަށް ބަލާލަން ޝައުގުވެރިވިއެވެ. ކުޑަކޮަށް ތަނުގެ ހާލަތު ދެކިލުމަށް ކޮޅުކޮޅަށް ހިނގައިލީމެވެ. އިށީންނާނެ ޖާގަނެތުމުގެ ސަބަބުން ކޮޅަށް 38 މީހުން ތިއްބެވެ. އޭރު އެތެރޭގައި ހިނގާލަންވެސް ދައްޗެވެ. ޖާގަނެތުމުގެ ސަބަބުންނެެވެ. އަރާ ފައިބަން ހުރި ލިފްޓާއި ކާޑު ސެންޓަރގެ ދޮރާއި ދޭތެރޭ 11 މީހުން ކޮޅަށް ތިއްބެވެ. ލަފާކުރެވޭ ގޮތުން އެތެރޭގައި ޖާގައިގެ ދަތިކަން ހުރިގޮތުން ބޭރުގައި ކިއުގައި ތިބީއެވެ. ޚިދުމަތް ދިނުމަށް 8 ކޮށިގަނޑު ހުރި އިރު އެތަނުން 7 ކޮށިގަނޑުން ޚިދުމަތް ދެމުން ގެންދިޔައެވެ. މަޢުލޫމާތު ސާފުކޮށްދޭންވެސް ވަކި ކޮށިގަނޑެއް ހުއްޓެވެ. އެތަނުގައި ޚިދުމަތްދިނުމަށް އިނީ އެންމެ މީހެކެވެ. އެކަމަށްވެސް ވަކި ނަންބަރެއް ނަގަން ޖެހެއެވެ. މަޢްލޫމާތު ސާފުކުރާ ކިއުގެ ދިގުމިން ބަލާލުމަށް އެކަމަށް ޚާއްޞަ ނަންބަރެއް ނަގައިފީމެވެ. އެނަންބަރުން ލިބުނު މަޢްލޫމާތަށްބަލާއިރު، މައްލޫމާތު ސާފުކުރާ ކިއުވެސް ވަރަށްދިގެވެ. އެ ދިގު ކިއުގައި ގަޑިއެއްހާއިރު ހޭދަކުރުމަށްފަހު، ލިބޭ މަޢްލޫމާތަކީ އެމީހާ ހޯދަން ބޭނުންވާ ޚިދުމަތަކީ އެމީހެއްގެ އެކައުންޓް އޮންނަ ގޮތްޕަކުންލިބޭ ޚިދުމަތަކަށްވެސް ވެދާނެއެވެ. އެހެންވެއްޖެއްޔާ އެތައްވަގުތެއް ބޭކާރުވެގެންދިޔައީއެވެ. ބީ.އެމް.އެލް ބޯޑުގެ ޗެއަރމަން ކަން ދާދިފަހަކާ ޖެހެންދެން ކުރެއްވި، އަދި މިހާރުވެސް ބޯޑުގެ މެންބަރަކު ކާޑު ސެންޓަރަަށް ވަދެވަޑައިގެން ނެވި މަންޒަރުވެސް އެވަގުތު ފެނުނެވެ. އެބޭފުޅާގެ މޫނުމަތިން ފެންނަންހުރި ހިނިތުންވުމަށް ބަލާއިރު އަޅުގަނޑަށް ދެގޮތަކަށް މާނަކުރެވުނެވެ. އެއްގޮތަކީ ބޭންކުން ޚިދުމަތް ހޯދަން ގޮސްތިބި މީހުންގެ އަދަދު ގިނަކަން ފެނިވަޑައިގަތުމުން ބޭންކުގެ ވިޔަފާރި ރަނގަޅުކަން އިހުސާސްކުރެވިގެން ވެފައި ހުންނެވި އުފާފުޅެއްގެ އަސަރެވެ. އަނެއްގޮތަކީ ކޮޅަށް ތިބެންޖެހުނަސް ބޭރުގައި ކިއުގައި ތިބެންޖެހުނަސް ތިމަންނަމެން ހެދިގޮތެއް ހެދިގެން ޖެހޭނީ ތިބޭށޭ ހިތްޕުޅަށް އަރައިވަޑައިގެން، ވެވަޑައިގެންނެވި ބޮޑަލެއްގެ އަސަރެވެ. މިކަމުގައި ގޮތެއް ނިންމަން ކިއުންތެރިންނަށް ދޫކޮށްލީއެވެ. ކޮންމެއަކަސް އެ ހަލަބޮލި މާހައުލުގައި ތަފާތު ވަހައާއި އަޑުގެ ތެރޭގައި 109 މިނެޓު ހޭދަވީފަހުން، އަޅުގަނޑުމެންގެ ނަންބަރާއި ޖެހިއްޖެއެވެ. ކޮށިގަނޑުގައި މާގިނައިރު ހޭދަކުރާކަށް ނުޖެހުނެވެ. ޚިދުމަތް ލިބިއްޖެއެވެ.

ޚިދުމަތެއް ހޯދުމަށް ކިއުއެއްގައި މަޑުކޮށްލަން ޖެހުމަކީ މައްސަލައެއްނޫނެވެ. ނަމަވެސް ވިޔަފާރީގެ އުޞޫލުން ޚިދުމަތް ދޭތަނެއްގައި އެއީ އެކަށީގެންވާ ވަރަށްވުރެން މާގިނަ ވަގުތެއްވެ. ސަރުކާރު އޮފީހެއްގެ ޒިންމާދާރު ވަޒީފާއެއް އަދާކުރާ މީހަކު އެމީހާއަށް ލިބޭ ހުސްވަގުތުކޮޅުގައި ބޭންކަށް ކާޑު ބަލާގޮސް 1 ގަޑި 49 މިނެޓް ހޭދަކުރަން ޖެހުމުގެ ސަބަބުން އޭނަގެ އޮފީހުގައި ކުރާ މަސައްކަތަށްވެސް އެކަމުގެ ނޭދެވޭ އަސަރު ކުރާނެއެވެ. އޭނަ އޮފީހުގައި ނެތުމުގެ ސަބަބުން އެ އޮފީހުން ފޯރުކޮށްދޭ ޚިދުމަތަށް ބުރޫއަރާނެއެވެ. ބޭންކް އޮފް މޯލްޑިވްސްއަކީ ދިވެހިރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ހިންގާ ބޭންކެވެ. ޚިދުމަތް ލިބިގަންނަމީހުން އެހާގިނައެވެ. ވީއިރު ޚިދުމަތުގެ ފެންވަރު ރަނގަޅު ނުކޮށްދެވެންވީ ސަބަބެއްނެތެވެ. ބޭންކް އޮފް މޯލްޑިވްސްގެ އިސްބޭފުޅަކު ދާދިފަހުން ގައުމީ ޓީވީގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވި ގޮތުގައި ބީ.އެމް.އެލް ގައި ފައިސާ ވަރަށްގިނައެވެ. މިހާރު ބޭންކުން ދަނީ ތަފާތު ލޯނުތައްވެސް ތަޢާރަފުކުރަމުންނެވެ. ލޯނަށް އެދޭމީހުންގެ އަދަދުކަމުން ބޭންކުން ޝަކުވާކުރާ ކަހަލައެވެ. އެހެންވީއިރު ބޭންކަށް އަރަނިވެސް ކުޑައެއް ނުވާނެތާއެވެ. ވީއިރު ކާޑު ސެންޓަރުގެ ޚިދުމަތް ރަނގަޅު ނުކޮށްދެވެންއޮތް ހަމައެކަނި ސަބަބަކީ ހިންގަންތިއްބެވި ވެރިންގެ އިޚުލާޞްތެރިކަން ނެތުން ނޫންބާވައެވެ.

ބީ.އެމް.އެލް ކާޑު ސެންޓަރުގެ ވާހަކަ ދައްކާއިރު އަދި އެހެންވާހަކައެއްވެސް އެބައޮތެވެ. ފައިސާ ނަގަންބޭނުންކުރާ ކާޑުގެ ޕިން ނަންބަރަކީ ވަރަށް މުހިންމު އެއްޗަކަށްވާތީ އެއަށް ރައްކާތެރި ވުމަށް އަބަދުވެސް ބޭންކުން އިލްތިމާސްކުރައެވެ. އަދި ޓީ.ވީ މެދުވެރިކޮަށް ހޭލުންތެރިކުރުމުގެ ވީޑިއޯކޮޅެއްވެސް ދައްކާތީ ފެނެއެވެ. ވަރަށް ފުރިހަމަ މެސެޖެކެވެ. "ތިޔަ ދެވުނީ ބިލުގައިވާ އަދަދު އެކައްޏެއްނޫނެވެ. މުޅި އެކައުންޓުގައިވާ ހުރިހާ ފައިސާއެވެ. ތެދުވެގެންނުގޮސް، ފަސޭހައަށް ކާޑުގެ ޕިން ނަންބަރު ދޭނީތޯއެވެ. ނުވަތަ ގޮސްގެން ޕިން ނަންބަރު ޖަހައިދޭނީ ތޯއެވެ." އަޅުގަނޑުގެ ކާޑުގެ ޕިން ނަންބަރ މީހަކަށް ނުދެމެވެ. ނަމަވެސް ކާޑުން ފައިސާ ނަގާ މެޝިންތައް ބަހައްޓާފައި ހުންނަގޮތުން ކާޑުގެ ޕިން ނަންބަރަކީ ބަލަންބޭނުންވާ ކޮންމެމީހަކަށްވެސް ބަލާލެވޭ ގޮތަަށް އޮންނަ އެއްޗެކެވެ. މެޝިންތައް ބަހައްޓާފައި ހުންނަނީ ސަރާސަރު ތަންތަނުގައެވެ. ފަހަތުގައި އޮންނަ ކިއުގެ ކުރީގައި ހުންނަމީހާއަށް ނުފެންނަގޮތަށް ޕިން ނަންބަރ ޖެހުމަކީ މުސްތަޙީލު ކަމެކެވެ. އަދި މެޝިނުން ފައިސާ ނިކުންނަވަގުތު ވަރަށް ފާރަވެރިވެގެން ނެތިއްޔާ ފައިސާކޮޅު، ފަހަތުގައި ހުރިމީހާ ޖަހައިނުގަންނާނެ ކަމުގެ ޔަޤީންކަމެއް ނުއޮވެއެވެ. މެޝިން ބަހައްޓާފައި ހުންނަތަނުގެ ތެރެއަށް އެކަކަށް ވަދެވޭގޮތަށް ހަދާފައި ހުންނަނަމަ ކާޑުގެ ޕިން ނަންބަރާއި، ފައިސާނަގަން ދާމީހާގެ ސަލާމަތީ ކަންތައްތަކަށް ކޮންމެވެސް މިންވަރެއްގެ ރައްކާތެރިކަމެއް ލިބުނީހެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *