ރާއްޖޭގެ ޚަބަރު ޝެއިހް އިލްޔާސްގެ ވެބްސައިޓް ވުޖޫދަށް އަންނަނީ

ޝެއިހް އިލްޔާސްގެ ވެބްސައިޓް ވުޖޫދަށް އަންނަނީ

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

ދީނީ ދަރުސް ދެއްވުމުގައި ދިވެހިރާއްޖޭގެ ގިނަ ބައެއްގެ ލޯތްބާއި އިޙްތިރާމް ހޯއްދަވާފައިވާ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިންގެ ރަސްމީ ވެބްސައިޓް ވަރަށް އަވަހަށް ލޯންޗް ކުރާނެކަމަށް އެވެބްސައިޓްގެ ވެބްމާރސްޓާރ ހާމަކޮށްފިއެވެ.
" ﷲ އިރާދަ ކުރެއްވިއްޔާ، ވަރަށް އަވަހަށް ޝޭޚް އިލްޔާސްގެ ވެބްސައިޓް ލޯންޗް ކުރެވޭނެ، އަޅުގަނޑުމެން އުއްމީދު ކުރަމުން މިގެންދަނީ މި ޖެނުއަރީ މަހުގެ 27 ވާ ބުރާސްފަތި ދުވަހުގެރޭ މާލޭގައި ބޭއްވޭ، ޝޭޚްގެ ދަރުސްގައި ސައިޓް ލޯންޗު ކުރެވޭތޯ. މިހާރު މަސައްކަތުގެ ބޮޑުބައި ވަނީ ނިމިފައި." – ޝައިޚް އިލްޔާސް ޙުސައިންގެ ވެބްސައިޓް ފަރުމާކުރަމުންދާ އަލްއަޚް މުޙައްމަދު އަނީލް ހާމަކުރިއެވެ.
އަނީލް މަޢުލޫމާތު ދިން ގޮތުގައި، އެރޭ ވެބްސައިޓް ލޯންޗުކުރުމަށް ހަމަޖެއްސީ، ބޮޑު އޯޑިއެންސެއްގައި ވެބްސައިޓް ލޯންޗުކުރުމުން ގިނަ ބަޔަކަށް އޭގެ ފައިދާ ލިބިގެން ދާނެތީކަމަށާއި ވެބްސައިޓް ލޯންޗުކުރުމުގެ މަސައްކަތް، ޢަދާލަތު ޕާޓީގެ އެދަރުސް އިންތިޒާމްކުރާ ފަރާތްތަކާއި ގުޅިގެން މިހާރު ދަނީ ކުރިއަށެވެ. ވެބްސައިޓްގައި ފަޟީލަތުއްޝައިޚް އިލްޔާސްގެ ދަރުސްތަކާއި ޚުޠުބާ ތަކާއި ޓީވީ ޕްރޮގްރާމްތަކުގެ އޯޑިއޯ ވީޑިއޯ ރެކޯޑިންގ ހިމެނޭނެއެވެ. އަދި ފަޟީލަތުއްޝައިޚް އިލްޔާސްގެ ބައެއް ލިޔުއްވުންތައް ހިމެނޭނެއެވެ.
ވެބްސައިޓުގައި ހިމެނޭ އެންމެ މުހިއްމު އެއްކަމަކީ، ފަޟީލަތުއްޝައިޚް އިލްޔާސްގެ ދަރުސްތައް ތާވަލު ކުރެވޭ ގޮތުގެ ޝެޑިޔުލްއެއް އަޕްޑޭޓްކޮށް ސައިޓްގައި ބެހެއްޓިފައިވުމެވެ. އޭގެ ޛަރީޢާއިން ޝޭޚްގެ ދަރުސްތަކާއި ދަތުރުފުޅުތަކުގެ ޝެޑިޔުލް ޢާއްމުންނަށް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.
ފަޟީލަތުއްޝައިޚް އިލްޔާސްގެ ވެބްސައިޓް ފަރުމާކުރުމުގެ މަސައްކަތް ކުރަމުންދާ، އަނީލް ވަނީ މީގެ ކުރިންވެސް ގިނަ ވެބްސައިޓުތަކެއް ފަރުމާކޮށްފައެވެ. މިހާތަނަށް އަނީލް ފަރުމާކޮށްފައިވާ ވެބްސައިޓްތަކުގެ ތެރެއިން ގިނަ ވެބްސައިޓްތަކަކީ، އިސްލާމްދީނާ ގުޅުންހުރި، ދީނަށް ޚިދުމަތްކުރާ ވެބްސައިޓްތަކެކެވެ. މިގޮތުން ދިވެހި ބަހުން ހިންގޭ އެންމެ ބޮޑު އިސްލާމީ ވީޑިއޯ ލައިބްރައީ – ދަރުސްލައިވް ޑޮޓް ކޮމް އާއި، 2006 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ ނޫރުލްއިސްލާމް ޑޮޓް ނެޓް އާއި، މީގެ އަހަރެއްހާ ދުވަސް ކުރިން ވުޖޫދަށް އައި ދީނީ ސުވާލާއި ޖަވާބު ވެބްސައިޓް އެމްވީ އިސްލާމް ކިޔުއޭ ޑޮޓް ކޮމް އަކީ އަނީލްގެ ފަރުމާތަކެވެ.
މީގެ އިތުރުން ދީނީ ޢިލްމުވެރިންގެ ތެރެއިން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީއާއި، އެމިނިސްޓްރީގެ މިހާރުގެ ސްޓޭޓްމިނިސްޓަރު ފަޟީލަތުއްޝައިޚް ޙުސައިން ރަޝީދު އަޙްމަދާއި ޢަދާލަތުޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ މެންބަރު ފަޟީލަތުއްޝައިޚް ޙަސަން ލަޠީފު މޫސާއާއި މިތިންބޭފުޅުންގެ ވެބްސައިޓްތަކަކީވެސް މުޙައްމަދު އަނީލް ފަރުމާ ކޮށްފައިވާ ވެބްސައިޓްތަކެވެ.
ދިއިސްލާމަށް މަޢުލޫމާތު ދެމުން އަނީލް ވިދާޅުވީ "ވަރަށް ކުޑަ ރަމްޒީ އަގެއްގައި މިމަސައްކަތް ކޮށް، އަޅުގަނޑު ބޭނުންވަނީ ދިވެހި ބަހުން އެކުލަވާލެވިފައިވާ އިސްލާމީ ވެބްސައިޓްތައް އިތުރު ކުރުމަށް. އެއީ އޭރުން ކޮންމެ އިލްމުވެރިއަކަށްވެސް އަމިއްލަފުޅަށް އެބޭފުޅެއްގެ ސައިޓުގައި ފަސޭހަކަމާއެކު ދީނުގެ މަޢުލޫމާތު ޝާއިޢު ކުރެވޭނެ. އަދި އަމިއްލަ ވެބްސައިޓަށް ވުމުން ވެބްސައިޓް އަޕްޑޭޓްކުރުމަށްވެސް އެޅޭ ބާރަކަށް ވާނެ." އަނީލް ވިދާޅުވިއެވެ.
"ކުރީގައިވާގޮތަށް ފޮތެއް ޗާޕު ކުރަން ފައިސާ ނެތިގެން، އެފޮތުގެ ފައިދާ މީހުންނަށް ނުކޮށް ގޭގެ މަތާރަންފިލާ މަތީގައި އެފޮތް އޮންނާކަށް ނުޖެހޭނެ މިހާރު... މިހާރު އިންޓަނެޓް މެދުވެރިކޮށް ގިނަ ބަޔަކާ ހަމައަށް ކުޑަ މަސައްކަތަކުން ދީނީ މަޢުލޫމާތު ފޯރު ކޮށްދެވޭނެ. އަޅުގަނޑުގެ މަޤްޞަދަކީ ކުރިއަރަމުންމިދާ ދުނިޔޭގައި އިސްލާމްދީނަށް ލޯބިކުރާ އެދީން ފަތުރަން އުޅޭ މީހުންވެސް ފަހަށް ނުޖެހި ޓެކްނޮލޮޖީގެ މި މައިދާނުގައި ޙަރަކާތްތެރި ކުރުވުން." އަނީލް ވިދާޅުވިއެވެ.
ފަޟީލަތުއްޝައިޚް އިލްޔާސްގެ ވެބްސައިޓް ވުޖޫދަށް ގެނައުމުގެ މަސައްކަތް ކުރެވެމުންދާއިރު، ފަހަކަށް އައިސް ދިވެހިރާއްޖޭގެ ޢިލްމުވެރިންގެ ވެބްސައިޓްތައް ދަނީ ވުޖޫދަށް އަންނަމުންނެވެ. މިގޮތުން ފާއިތުވި ދެއަހަރެއްހާ ދުވަހުގެ ތެރޭގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީއާއި، ފަޟީލަތުއްޝައިޚް ޙުސައިން ރަޝީދު އަޙްމަދާއި، ފަޟީލަތުއްޝައިޚް އާދަމް ޝަމީމާއި،ފަޟީލަތުއްޝައިޚް ޙަސަން ލަޠީފު މޫސާ ފަދަ ޢިލްމުވެރިންގެ ވެބްސައިޓްތައް ވަނީ ދުނިޔެއަށް ނޭވާލާން ފަށާފައެވެ. މި ވެބްސައިޓު ތަކުގެ ސަބަބުން ގިނަ ބަޔަކަށް ދީނީގޮތުން ގިނަގުނަ މަޢުލޫމާތުތަކެއް ދަނީ ލިބެމުންނެވެ.
މުޙައްމަދު އަނީލްގެ ރަސްމީ ވެބްސައިޓަކީ މުޙައްމަދު އަނީލް ޑޮޓް ކޮމް muhammadhaneel.com އެވެ. އަދި އަނީލްގެ މަސައްކަތް ބެއްލެވުމަށް އެބޭފުޅާގެ ފޭސްބުކް ޕޭޖް ބައްލަވާށެވެ.

ޓެގް

އިލްޔާސް އަނީލް ޝެއިޚް ޓެކްނޮލޮޖީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.