ދިވެހިންނަކީ ވަރަށް ހަނދާން ބަލި ބަޔެކޭ ޢާއްމު ކޮށް ބުނެ އުޅެނީ ވެސް ހަމަ ދިވެހިންނެވެ. މިއީ ދިވެހި ރާއްޖެ އަށް ގަދަކަމުން އަރައިގެން އުޅޭ ބަޔަކު ނުވަތަ ބޭރުގެ ބިދޭސީ ބާރަކުން ދައްކަމުން ގެންދާ ވާހަކަ އެއް ނޫނެވެ. ދިވެހި ރާއްޖޭގައި ގަރުދިޔަ ހޮޅިން ފެށިގެން ގޮސް ހޮޅިތައް އަޅަމުން އަޅަމުން ގޮސް ދުނިޔެއިން ހޮޅި ހުސްވެދާނެއޭ ހީވާ ހިސާބަށް ދިޔައިރު ވެސް ދިވެހިން ތިބީ އެކަން ޤަބޫލު ކޮށްގެން އުފަލުން ހެވިފައި އަތް ޖަހާށެވެ.
އެންމެ ފަހުން ރާއްޖޭގެ ހުރިހާ ރަށެއްގައި ގޭސް ހޮޅި އާއި ޖޫސް ހޮޅިއަށް ދާންދެން އަޅާ ނިމިގެން ފަސްފަހަތަށް ބަލާލި އިރު، ކަމަކު ދާކަށް ނެތެވެ. ހޮޅިވިޔުގަ އޮތީ މުޅިން ފުރި ބާރުވެ އެ ހޮޅިތައް ހިންގުމަށް އެކި ބާވަތް ބާވަތުގެ ފެކްޓްރީ އަޅާން ޖެހިފައެވެ. ދެން އައީ ފެކްޓްރީ މޫސުމެވެ. މި މޫސުމުގައި ރާއްޖޭގައި ނާޅާކަ ފެކްޓްރީއެއް ވެސް ނެތޭ ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ. އެގޮތުން ފޭރާން ވިޔާ ފެކްޓްރީ އާއި ކަރަންޓް އުފައްދާ ފެކްޓީން ފެށިގެން ގޮސް ގަރުދިޔަ ބަންދު ކުރާ ފެކްޓްރީ އާއި ކުށްޅަވައް ފަނި ގިރާ އެ ފަނި ބަންދުކޮށްގެން އެކްސްޕޯޓް ކުރާ ފެކްޓްރީ ތައް އަޅާ ނިންމާލި އިރުވެސް ދިވެހިން ތިބީ ނަނާ ހުވަފެނުގެ ޖަޒްބާތުގައި ޖެހި އަތްތިލަބަޑި ޖަހާށެވެ.
ކަން މިހެން އޮތް ނަމަވެސް ފާއިތުވެ ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގެ ނަތީޖާއިން ދައްކުވައިދިނީ ދިވެހި ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ދިވެހިންގެ ހަނދާނުން މި ކަންކަަން މުޅިން ނެތި ފިލައިގެން ގޮސްފައި ވާކަމެވެ. މީގެ ހެއްކަކީ ޑިމޮކްރަސީގެ ދަޅަ ދައްކައި މި ހުރިހާ ހޮޅި ތަކާއި ފެކްޓްރީ ތައް އަޅާ ނިންމާލާފައި ވަޑައިގެންނެވި އިރު އެއިން ތަނެއް ދިވެއްސެއްގެ ހަމަ ލޮލަށް ނުފެނުނު ނަމަވެސް ތަބަކަކަށްލާ ވެދުންކުރި އެއްލައްކަ އަށްވުރެ ގިނަ ވޯޓެވެ.
މީގެ އިތުރުން މި ޕާޓީން މިފަހަރުގެ ޢާއްމު އިންތިޚާބުގެ ކުރިން ބޭއްވި ޕްރައިމަރީ ތަކުގެ ވާހަކަ އަދި ހެޔޮވާނީ ނުދެއްކުމެވެ. ޕާޓީގެ ރޫޙާނީ ލީޑަރާއި ޖެހިގެން ހުރި ލީޑަރުގެ ޚިޔާލު ތަފާތުވެ ބުޅާ ގޯނިން ބޭރުވެފައި ވަނީ ވެސް މަދެއްކޮށް ނޫނިއްޔާއެވެ. ބައެއް ފަހަރު މަތިން ނިންމާފައި އޮތް ގޮތް ނޫން އެހެން ގޮތަކަށް ނަތީޖާ ނުކުތުމުން އެ ނަތީޖާ ބާޠިލު ކޮށް މަތިން ނިންމި ގޮތަށް ނިމެންދެން ފަހަރަކު ނަތީޖާ އެއް ބާޠިލުކޮށް އަލުން ޕްރައިމަރީ ބާއްވާން ޖެހުނެވެ. އަނެއްބައި ފަހަރު މުޅިން ރޯ ގޯސް ލިސްޓެއް ބަލައިގެން އެހެން ޕާޓީ ތަކުގެ އެކްޓިވިސްޓުން ނުކުމެ ވޯޓުލައިގެން ނަތީޖާ ނެރުމުން ވޯޓުގެ ކަންކަމުގައި އިސްކޮށް އުޅުނު އޮފިޝަލުންނާއި، ކެންޑިޑޭޓުން ސޮއި ނުކުރިޔަސް މައްސަލައެއް ނެތެވެ. ނަތީޖާ ހަމަ ބަރާބަރެވެ. ވަރަށް ފައްކަލެވެ. އެއީ ތަބަކްރެޓިކް ނިޒާމުގައި އޮންނަ އުޞޫލުން ތަބަކަށް ލާފައިވާ ބޭފުޅާ ހޮވުމުން ނެވެ. ނަމުން ޑިމޮކްރަސީވެ ޑިމޮކްރެޓިކް އަނދުން އަޅުވައިގެން ތަބަކްރެޓިކް ނިޒާމު ޕާޓީގެ ތެރޭގައި ރަނގަޅަށް ހިންގާލައިގެންނެވެ.
މި ދެންނެވީ އަނެއް ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ސިޔާސީ ޕާޓީ އާއި މި ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން މިއަދު ތިބި ޙާލަތުގެ ވާހަކަ އެވެ. މިބައި މީހުންނަކީ އެހެން މީހުންނާއި އެހެން ޕާޓީ ތަކުން ތަބަކަށް ލައިގެން މަޤާމް ތަކާއި އެހެނިހެން ކަންކަން ވެދުންކޮށް ރާއްޖޭގައި ތަބަކްރަސީ އަށަގަންނަމުން ދާކަމަށް ބުނެ އެންމެ އަޑު ހަރުކޮށް ހަޅޭއްލަވައި އެކަންކަމާއި ދެކޮޅަށް އެންމެ ގަދައަށް އަޑު އުފުލި މީހުންނެވެ. މީގައި އެންމެ ހެއްވާ ތަންކޮޅަކީ މި ދެންނެވި ޕާޓީ އަކީ ނަމާއި ބަހާއި ކަމުން ވެސް މި ރާއްޖޭގައި އޮތް އެންމެ ޑިމޮކްރެޓިކް ޕާޓީއެވެ. އެހެން ނަމަވެސް ހިތާމަޔަކީ މިހާތަނާއި ޖެހެން ދެންވެސް ޕާޓީގެ އިސްސަފުގައި އިންތިޚާބީ އެއްވެސް ބޭފުޅަކު ހަރުނުލުމެވެ. މުޅިން ވެސް ހަރުލާފައި ވަނީ ތަބަކްރެޓިކް ނިޒާމުގެ ދަށުން ތަބަކަށްލާ މަޤާމް ތައް ހިލޭ ސާބަހަށް ވެދުން ކޮށްފައިވާ ފަރާތްތައްކަން އެއީ ދެބަސްވެވެން ނެތް ޙަޤީޤަތެކެވެ.
ދިވެހި ރާއްޖޭގައި ތަބަކްރަސީ އަށަގަންނަމުން ދަނީ ހަމައެކަނި މި ދެންނެވި ޕާޓީ އަކު ނޫނެވެ. ރާއްޖޭގައި ދެންތިބި ހުރިހާ ޕާޓީ ތަކާއި ސަރުކާރާއި ކޯލިޝަނުގެ ތެރޭގައި އަދި ތަބަކްރަސީ އޮތް މިންވަރު އުޅެނީ މާ މަތީގައެވެ. އެވާހަކަ އަކީ ދައްކާ ކޮޅުން ނުލާނެ ވާހަކައެއް ކަމުން އެވާހަކަ އެހެން ފަހަރަކަށް ބާއްވަމާ ހިނގާށެވެ. ދެން ފަހަރަކުން ދައްކާލާނީ ދިވެހި ރާއްޖޭގައި އެންމެ ވަރުގަދައަށް ތަބަކްރަސީ އަށަގެންފައިވާ މި ރާއްޖޭގެ ދެވަނަ އަށް އެންމެ ބޮޑު ޕާޓީގެ ވާހަކައެވެ. ދެވަނަ އެއް ތިންވަނަ އެއް ހަތަރު ފަސް ވަނައެއް ކިޔާނެ ކަމެއް ނެތެވެ. ހައްތަހާވެސް ތަބަކްރަސީ އެވެ. ތަބަކަށް ލާފައި ވެދުން ކުރުމެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...