( މިއީ ހަވީރު ނޫހުގެ އެޑިޓަރ މޫސާ ލަޠީފް އެ ނޫހުގައި ލިޔުއްވާފައިވާ ޚަބަރެކެވެ )
މައްކާގެ ހަރަމްފުޅުގެ އިމާމު އަދި ދުނިޔޭގެ އެންމެ މަޝްހޫރު އެއް ގާރީ ޑރ. އަބްދުއްރަހުމާނު އިބްން އަބްދުލް އަޒީޒު އައްސުދެއިސް ރާއްޖެ ޒިޔާރަތްކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ރީތިކޮށް އަދި އެހާމެ އަސަރާ އެކު ކީރިތި ގުރުއާން ކިޔަވާ ވިދާޅުވުމުގައި މުސްލިމުންގެ މެދުގައި ވަރަށް ބޮޑު މަޝްހޫރުކަމަކާއި އެހާމެ ބޮޑު މަގްބޫލްކަމެއް ހޯއްދަވާފައިވާ ގާރީ ރާއްޖެ މި ޒިޔާރަތް ކުރައްވަނީ އަތަމާ ހައްޖު ޖަމާއަތުގެ ރައީސް އިބްރާހިމް ލަތީފު އެރުއްވި ދައުވަތަކަށެވެ.
އިބްރާހިމް ލަތީފު ވިދާޅުވީ ދާދި ފަހުން އޭނާ މައްކާ އަށް ކުރެއްވި ދަތުރެއްގައި ޑރ. ސުދެއިސްއާ ބައްދަލުކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތުމުން ވަރަށް އުފާކުރެއްވި ކަމަށާއި، ސައުދީ އަރަބިއްޔާ އަށް އުފަން އުމުރުން 54 އަހަރުގެ ގާރީ އާއި އެމަނިކުފާނުގެ އާއިލާ ޗުއްޓީ ދަތުރެއްގައި ރާއްޖެ ޒިޔާރަތްކުރެއްވުމަށް އެރުއްވި ދައުވަތު ގަބޫލްފުޅު ކުރައްވައި، މި އަހަރުގެ ތެރޭގައި ރާއްޖެ ޒިޔާރަތް ކުރައްވާނެ ކަމަށް ވިދާޅުވި ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މި އަހަރު ރާއްޖެ ޒިޔާރަތްކުރައްވާނެ ކަމަށް ޑރ. ސުދެއިސް ވިދާޅުވި. އަޅުގަނޑު ދެކޭ ގޮތުގައި މި ފެންވަރުގެ ބޭފުޅަކު ރާއްޖެ ޒިޔާރަތްކުރެއްވުން މިއީ އަޅުގަނޑުމެންނަށް ލިބޭނެ ވަރަށް މަތިވެރި ޝަރަފެއް،" އިބްރާހިމް ލަތީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މައްކާގެ ހަރަމްފުޅުގައި އިމާމުވެ ނަމާދުކުރައްވާ އަދި ކޮންމެ ރޯދަ މަހަކު އިމާމުވެ ތަރާވީހު ނަމާދު ވެސް ކުރައްވާ އަދި ދީނީ ތަގުރީރު ދެއްވާ ޑރ. ސުދެއިސް ރާއްޖޭގައި ހޭދަކުރައްވާ ދުވަސްކޮޅުގެ ތެރޭގައި އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރެއްވުމުގެ އިންތިޒާމާއި ދީނީ ދަރުސެއް ދެއްވުމުގެ އިންތިޒާމް ހަމަޖެއްސެވުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށެވެ.
"އިސްލާމީ މަރުކަޒުގައި ޑރ. ސުދެއިސް އިމާމުވެ ނަމާދު ކުރެއްވުމަކީ ހުރިހާ ދިވެހިންނަށް ވެސް ލިބޭނެ ޝަރަފެއްކަން ޔަގީން. އެހެންވެ އެކަމުގައި އަޅުގަނޑު ކުރިއަށް ދާނަން،" އިބްރާހިމް ލަތީފު ވިދާޅުވި އެވެ.
ފާއިތުވި 36 އަހަރު ހައްޖުގެ އަޅުކަން އަދާކުރައްވާފައިވާ ބޭފުޅެއްގެ ގޮތުގައި ސައުދީ އަރަބިއްޔާގެ މީޑިއާގައި ވެސް ފާހަގަކޮށްފައިވާ އިބްރާހިމް ލަތީފު، ޑރ. ސުދެއިސްއާ ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކައިގައި، މައްކާގެ ހަރަމްފުޅު ބޮޑުކޮށް، މަގުތައް ތަރައްގީކޮށް، ހައްޖާޖީންނަށް ދޭ ހިދުމަތްތައް ފުޅާކުރުމަށް ސައުދީ ރަސްގެފާނުގެ ބެއްލެވުމުގެ ދަށުން ހިންގަވާ ބިޔަ ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްދާ ގޮތަށް ތައުރީފު ކުރެއްވި އެވެ.
ޑރ. ސުދެއިސް ލިއުއްވާފައިވާ ބައެއް ފޮތްތައް މި ބައްދަލުވުމުގައި ޑރ. ސުދެއިސް ވަނީ އިބްރާހިމް ލަތީފަށް ހަދިޔާކުރައްވައިފަ އެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...