އިންސާނުންނަށް ލިބޭ އެންމެ އަގުހުރި ޖައުހަރަކީ މިނިވަންކަމުގެ ނިޢުމަތެވެ. މުދަލާއި ފައިސާއާއި ޖާހާ މަންސަބަށްވުރެ އަދި މާ އަގުބޮޑު ނިޢުމަތަކީ މިނިވަންކަމެވެ. މިނިވަންކަން ފެށިގެންއަންނަނީ އިންސާނުންގެ ފަރުދީ މިނިވަންކަމާ ހިސާބުންނެވެ. ބޮޑުހަނގުރާމާގެ ފަހުން ދުނިޔޭގެ ޤައުމުތަކުގެ ހިންގުމުގެ ދާއިރާއަށް އައިސްފައިވާ ބޮޑެތި ބަދަލުތަކުގެ ތެރެއިން އެންމެ ބޮޑު ކާމިޔާބީއަކީ ދުނިޔޭގެ ދައުލަތްތަކުގެ އެންމެ އަސާސީ އެއް މައްސޫލިއްޔަތަކީ އެ ދައުލަތަކަށް ނިސްބަތްވާ ރައްޔިތުންގެ ރައްކާތެރިކަމާއި މިނިވަންކަން ފަރުދީ ފެންވަރުގައި ޙިމާޔަތްކުރެވޭނެހެން ދައުލަތްތަކުގެ ހިންގުން ބައްޓަންކުރެވިފައި ވުމެވެ. ބިރުވެރިކަމުން އެއްކިބާވެހުރެ އެމީހެއްގެ ފިކުރާއި ޚިޔާލާތުގެ މައްޗަށް (އަނެކާ އަށް އުނދަގުލެއް ނުވަތަ ދަތިކަމެއް ނުފޯރާނެ ހެން) ދިރިއުޅުމުގެ އެންމެހައި ކަންކަން ބައްޓަންކުރުމުގެ ޙައްޤު ލިބިގެންވުމަކީ މިޒަމާނުގެ ތަހުޒީބު މުޖުތަމަޢުތައް އެމައްޗަށް ޤާއިމްއޮންނަ އަސާސީ ރުކުންކަމުގައި ބުނެވޭ އެވެ.
މީލާދީން ދެހާހުގެ އަހަރުތަކުގެ ކުރީކޮޅުންފެށިގެން ދިވެހި ދައުލަތުގެ ހިނގުމަށް އަންނަމުންމިދާ ބޮޑެތި އަދި ހަލުވި ބަދަލުތަކުގެ ތެރެއިންވެސް އެންމެ ބޮޑު ކާމިޔާބަކީ ދައުލަތުގެ ދުސްތޫރީ ނިޒާމުގެ އެންމެ ބޮޑު އަމާޒަކީ ވަކިވަކި ފަރުދުންގެ މިނިވަންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުންކަމުގައި ވުމެވެ. ދެހާސް އަށްވަނަ އަހަރު އުފަންވި ފެހި ޤާނޫނު އަސާސީގެ ދެވަނަ ބާބު، އަދެ! “އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ ބާބު” އެއީ އެންމެ މިޒަމާނުގެ ކުރިއަރާފައިވާ ޤައުމުތަކުގެ އަސާސީ ދުސްތޫރުތަކުގައިވެސް މަދުންނޫނީ ހިމެނިފައި ނުވާފަދަ ‘ފުޅާ’ އަސާސްތަކެއް ހިމަނާފައިވާ ބާބެއްކަމުގައި މާހިރުން ވިދާޅުވޭ އެވެ.
ދެން އޮތީ އަޅުގަނޑުމެން އަލުން އަނބުރާ އިޔާދަކުރަން ބޭނުންވާ އިސްލާމީ އުންމަތުގެ ރަންޒަމާނުގެ ވާހަކަ އެވެ. އިސްލާމީ ޝަރީޢަތަކީ އިންސާނުންގެ އަސާސީ ޙައްޤުތަކާއި ފަރުދީ މިނިވަންކަން އެންމެ އެކަށީގެންވާ ގޮތުގައި ރައްކާތެރިކޮށްދޭ ހަމައެކަނި ދުސްތޫރެވެ. އެހެންކަމުން ދިވެހި-އިސްލާމީ ދައުލަތުގެ ދުސްތޫރީ އެންމެހައި ކަންކަން ބައްޓަންވެފައި އޮންނަންވާނީ ކީރިތި ޤުރުއާނާއި ސަލާމާއި ސަލަވާތްލެއްވި މާތް މުޙަންމަދު ނަބީކަލޭގެފާނުގެ މޫރިތި ސުންނަތުގެ މައްޗަށް ކަމުގައި ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އިން ވަނީ ކަނޑައަޅާފަ އެވެ.
ދުނިޔޭގެ ބައެއް ޤައުމުތަކުގައި، އެ ޤަމުމުތަކުގެ ސަރުކާރުގެ އިދާރާތަކުން ޙައްޤު ނޫންގޮތުގައި ފަރުދުންގެ ޒާތީ މަޢުލޫމާތު ޖަމާކުރުމުގެ މައްސަލަ ފެންމަތިވެ، އެ މައްސަލަ ބައިނަލްއަޤުވާމީ ފެނަވަރުގައި ކަންބޮޑުވާ މައްސަލައަކަށް ވެފައިވާއިރު، އަޅުގަނޑުމެންގެ ރާއްޖޭގައި މި ކުރިމަތިވީ އަދި މާ ލަދުވެތިކަން ބޮޑު ޙާލަތެކެވެ. ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި، ރައްޔިތުންގެ ޖީބުން ބޮޑު ޚަރަދުކޮށްގެން އުފައްދާފައިވާ މުއައްސަސާތަކަށް ރައްޔިތުންގެ ފައިސާއިން ބޮޑު މުސާރަ ދީގެން ވައްދާފައިތިބި ރައްޔިތުންގެ ޚާދިމުންގެ ޙާލަތު ދުނިޔޭގެ ބޮޑެތި މުޖުރިމުންގެ ތެރޭގައި ހިމެނޭ ހެކަރުންނަށްވުރެވެސް ދަށަށްވެއްޓުމެވެ. ދައުލަތުގެ މުއައްސަސާތަކުގައި ރައްކާކުރެވިފައިހުރި ޢާންމު ރައްޔިތުންގެ ޒާތީ މަޢުލޫމާތު ‘ލީކްކޮށްލުމެވެ’. އަދި އެކަންކުރުމުގައިވެސް އެންމެ ނިކަމެތި ދަރަޖައަށް ވެއްޓިގަތުމެވެ. އަށާރަ އަހަރު ފުރިފައިވާ ކޮންމެ ދިވެހި ރައްޔިތެއްގެ ޒާތީ މަޢުލޫމާތުތައް ހިމަނައިގެން، އެއްވެސް ޙައްޤަކާނުލާ ‘ފާރު ނޫސް’ ނެރެ، މިވަނީ ޢާންމުކޮށްފަ އެވެ.
މީގައި އެންމެ އަންތަރީސްވާކަމަކީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ ގޮތުގައި ތިއްބަވައިގެން މި ޖަމރީމާ ހިންގެވި ބޭފުޅުން، ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކަންކަން ފާލުންނެއްޓި، މުޅި ޤައުމު ހަލަބޮލިވެގެން ދިޔަ އިރުވެސް ސުޕްރީމް ކޯޓުގެ ޙުކުމާ އެއްގޮތަށް ވޯޓުލުމުގެ ޙައްޤުލިބިގެންވާ މީހުންގެ މަޢުލޫމާތު ސިޔާސީ ޕާޓީތަކާ ޙިއްސާކުރެއްވުމަށް އިންކާރުކުރެއްވީ ފަރުދުންގެ ޒާތީ މަޢުލޫމާތު އޭގައި ހިމެނޭކަމުގެ ބަހަނާގަ އެވެ. ނަމަވެސް މިއަދު ފޮޓޯ އާއި އުފަންދުވަހާ އެކު ފަރުފުންގެ ޒާތީ މަޢުލޫމާތު ހިމަނައިގެން ‘ފާރު ނޫސް’ ނެރުއްވި އިރު އިއްޔެ ވިދާޅުވެވުނު އެއްޗެއް ހަނދުމަފުޅެއް ނެތެވެ. މިކަމުގެ މައްޗަށް ޤާނޫނީ ބަޙުސެއް ހުށަހެޅުމަކީ އަޅުގަނޑު ކުރަން އެންމެ އެކަށީގެންވާ ކަމެއް ނޫނެވެ. ނަމަވެސް ޔަޤީންވާ ކަމަކީ ދިވެހި އެތައް ރައްޔިތެއްގެ ފަރުދީ މިނިވަންކަމަށް އިލެކްޝަންސް ކަމިޝަނުން އަރާގެނަފައިވާ ކަމެވެ. އަދި އެ ކަމިޝަންގެ ޒިންމާދާރުކަން ކުޑަ ޢަމަލަކީ ފެހި ޤާނޫނު އަސާސީ މިސްރާބު ހިފާ އަސާސްތަކާ ދިމާ އިދިކީލަކަމެކެވެ. މި ހުރިހާ ކަމަކުންވެސް އެނގި ހާމަވަނީ އެންމެ ޙަޤީޤަތެކެވެ. މިއަދު އަޅުގަނޑުމެން ބަލައިގެންފައިމިވާ ‘ސޮފިސްޓިކޭޓެޑް’ ޤާނޫނު އަސާސީ އާއި އެ އަސާސީ ކަނޑައަޅާ އަސާސްތަކާ އެއްގޮތަށް ކަންކަން ކުރުމުގެ ޒިންމާ މަތިކުރެވިފައިވަނީ ހަމަ އެއްވެސް މިންވަރަކަށް ކުފޫ ހަމަނުވާ ބަޔަކާއި ކަމެވެ.
ދެން އޮތީ މިކަމުގެ ތެރެއިން ނިކުތް އެންމެ ނުރައްކާތެރި މައްސަލަ އެވެ. އިލެކްޝަންސް ކަމިޝަނުން ވަނީ ދިވެހި އަންހެނުންގެ އަބުރާއި އިފްއަތް ރައްކާތެރިކުރުމުގެ ޙައްޤަށް އަރާގެންފަ އެވެ. މި ގޮތުން ފާހަގަ ކުރެވޭ ދެކަމެއް އެބައޮތެވެ. ފުރަތަމަ ކަމަކީ އަންހެނުންކުރެ އެތައްބަޔަކު ބުރުގާއަޅާ ޢައުރަ ނިވާކޮށްފައިވަނީ އައި.ޑީ ކާޑުހެއްދުމުގެ ފަހުންކަމުގައިވާ އިރު، އެފަދަ މީސްމީހުންގެ ބުރުގާ ނާޅާ ނަގާފައިވާ ފޮޓޯ ޢާންމު ކުރުމެވެ. ދެވަނަ މައްސަލައަކީ އިސްލާންދީނުގެ ބައެއް ދަންނަބޭކަލުންގެ ރައުޔާ އެއްގޮތަށް މޫނު ނިވާކޮށްގެން އުޅޭ އަންހެނުންވެސް އައި.ޑީ ކާޑު ހެދުމަށްޓަކައި މޫނު ކަޝްފުކޮށްގެން ނަގާފައިވާ ފޮޓޯ ޢާންމު ކުރުމެވެ. މި ކަމާ ގުޅިގެން ދީނީ ޢީލްމުވެރިންނާއި ދީނީ ޖަމްޢިއްޔާ ޖަމާޢަތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ހިނދު، އަދިވެސް ރަސްމީ ސިފައެއްގައި އިލެކްޝަންސް ކަމިޝަންގެ ބަހަކީ ކުރިޔަށް ހުރި އިންތިޚާބުތަކުގައިވެސް މި ޖަރީމާ ތަކުރާރުކުރަމުންދާނެ ކަމުގެ ނުރައްކާތެރި އިންޒާރެވެ.
އިލެކްޝަންސް ކަމިޝަންގެ ޢަމަލުތައް ހުންނަ ގޮތަށް ބަލާއިރު މިކަމުގައި ވަރަށް ނުރައްކާތެރި އެޖެންޑާއެއް ފޮރުވިފައިވާ ކަމުގެ ތުހުމަތު ކުރެވޭ އެވެ. އެއީ އިންތިޚާބުތަކާ ދިމާކޮށް ދީނީ ވިސްނުމުގެ މީހުން ރުޅިއަރުވާލާ އިންތިޚާބުގެ ކަންކަމުން އެމީހުންގެ ސަމާލުކަން ގެއްލުވާލުމެވެ. ބޭނުމަކީ ދީނީ ވިސްނުމުގެ މީހުން ޤައުމުގެ ސިޔާސަތު ކަނޑައަޅާ މަޤާމުތަކަށް އިންތިޚާބު ވުމުގެ ފުރުޞަތު ހަނިކުރުމެވެ. ‘ލާދީނީ’ ނުވަތަ ‘ސެކިޔުލާ’ އޭ ބުނެލާ އިރަށް ‘ދުނިޔެ ރަންވާ’ ލާދީނީ ފިކުރުގެ މީސްމީހުން އެންމެ ބޮޑަށް މޭކަރާނެކަމަކީ އިސްލާމީ މަތިވެރި އުސޫލުތަކާ އެއްގޮތަށް ޤައުމުގެ ސިޔާސަތުތައް ބައްޓަންކުރެވި ކަންކަން ތަންފީޒުވެގެންދާތަން ފެނުމެވެ.
އެހެންކަމުން ދިވެހި ރައްޔިތުންގެ ފަރުދީ މިނިވަންކަމާއި އަދި ދީނުގެ ހައްދުތައް ފަހަނައަޅާފައިވާ މި ޖަރީމާ އިތުރަށް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ދައުލަތުގެ އެންމެ އިސްވެރިޔާގެ ޙައިޞިއްޔަތުން ރައީސުލްޖުމްހޫރިއްޔާ އާއި އެމަނުކުފާނުގެ ސަރުކާރުންވެސް ފިޔަވަޅުއަޅުއްވަން ޖެހޭވެ. އެތައްބައެއްގެ ފަރުދީ މިނިވަންކަމާ ގުޅިފައިވާ މި މައްސަލާގައި ދިވެހިރާއްޖޭގެ ހިއުމަން ރައިޓްސް ކަމިޝަން މިއަދާހަމަޔަށްވެސް ހަނުއޮތުމަކީ އެ ކަމިޝަނަކީ އަބދުވެސް ކުށްވެރިންގެ ދިފާޢުގައި މަސައްކަތްކުރާ މުއައްސަސާއެއްކަމުގައި ބައެއްފަރާތްތަކުން ކުރާ ތުހުމަތަށް ބާރުލިބޭނެ ކަމެއްކަން ކަށަވަރެވެ. ފަރުދުންނާއި ޖަމާޢަތްތަކުގެ ފެންވަރުގައިވެސް މަސައްކަތްކުރަން ޖެހޭވެ. އެހެން ނޫންނަމަ ދިވެހި ދައުލަތުގެ ދުސްތޫރީ ގުނަންތަކަށް ދިވެހިން ކުރާ އިތުބާރު ގެއްލިގެން ހިނގައިދާނެ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...