ސިފައިންގެ ހިތްތަކުގައި ދީނީ ލޯތްބާއި ގައުމީ ރޫޙް އާލާކުރުމުގެ ގޮތުން ހިންގޭ ސިލްސިލާ ޕްރޮގްރާމްތަކުގެ ތެރެއިން މިމަހު ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ ކަޅުތުއްކަލާކޮށީގައި ބާއްވައިފިއެވެ.
ކަޅުތުއްކަލާކޮށީގެ ހެވިކަމުގެ މައިދާނުގައި މިރޭ 21:00 ގައި ބޭއްވި މިޖަލްސާ ޝަރަފުވެރިކޮށްދެއްވީ އަލްފާޟިލް ކަށިމާ އަޙްމަދު ޝާކިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ކީރިތި ޤުރުއާނުގެ ބަރަކާތުން ޖަލްސާ ފަށްޓަވައިދެއްވީ ސްޓާފް ސާރޖަންޓް ޢަލީ އާޞިމެވެ.
ޖަލްސާ ތަޢާރަފް ކުރުމާއި ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަދެއްކެވީ ލެފްޓިނެންޓް މުޙައްމަދު ނާޞިރެވެ. އެއަށްފަހު އޮތީ ޖަލްސާގެ ޝަރަފުވެރި މެހުމާނުގެ ތަޤްރީރު ކުރެއްވުމެވެ.
ޝަރަފުވެރި މެހުމާނުގެ ވާހަކަފުޅު ބިނާކުރެއްވީ "ޤައުމިއްޔަތުގެ ރުކުންތައް ދިރުވުން" މިމައުޟޫގެ މައްޗަށެވެ. ޝަރަފުވެރި މެހުމާނުގެ ވާހަކަފުޅުގައި ދިވެހި ޤައުމިއްޔަތުގެ އެންމެ މުހިއްމު ރުކުންތަކަކީ އިސްލާމްދީނާއި ދިވެހި ބަހާއި ސަޤާފަތް ކަމުގައި ވިދާޅުވިއެވެ.
ޝަރަފުވެރި މެހުމާނުގެ ވާހަކަފުޅަށްފަހު ޖަލްސާ ނިމިގެން ދިޔައީ ދުޢާ ދެންނެވުމުންނެވެ.
އިސްވެދުޢާ ދެންނެވީ ކޯޕްރަލް މުޙައްމަދު ތަޢުފީގެވެ.
މިޖަލްސާގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙުމަދު މުޙައްމަދާއި، ޖެނެރަލް އޮފިސަރުންނާއި، އޮފިސަރުން އަދި ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއިއެކު ރިޓަޔަރ ކުރައްވާފައިވާ ބޭފުޅުންނާއި، ގިނަ އަދަދެއްގެ ސިފައިންނާއި ސިފައިންގެ ޢާއިލާތަކުން ބައިވެރިވެވަޑައިގެންނެވިއެވެ.




ކޮމެންޓް (0)
ލޯޑް ކުރަމުން...