މިއަންނަ ހޮނިހިރުދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓު ލާން ފަށާ ގަޑިއަކީ ހެނދުނު 7:00 ކަމަށް ހަމަޖައްސައިފިއެވެ.
ކުރިން 7:30ގައި ފަށަން ހަމަޖެހިފައި އޮތް ގަޑި 7:00އަށް އަވަސްކުރުމުން ކުރިން ނިންމަން ހަމަޖެހިފައި އޮތް ގަޑިކަމަށްވާ 4:00 އިން މިހާރު ވަނީ 3:30 އަށް އަވަސްވެފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޢާޞިމް ޢަބްދުއްސައްތާރު ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ.
ރާއްޖޭގެ ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލާން ފަށާ ގަޑި އަވަސްކޮށްފައިވީ ނަމަވެސް ރާއްޖެއިން ބޭރުގައި ވޯޓު ލުން ފަށާ ގަޑިއަށް އަދި ބަދަލެއް ގެނެސްފައެއްނުވެއެވެ.
އެގޮތުން އިންޑިއާ އަދި ސްރީލަންކާގައި ވޯޓުލުން ފަށަނީ އެގައުމުތަކުގެ ގަޑިން ހެނދުނު 8:00 ގައިއެވެ. އަދި ނިންމަނީ އެ ދުވަހު ހަވީރު 4:30 ގައެވެ.
މެލޭޝިއާ އަދި ސިންގަޕޫރުގައި އެ ގައުމުތަކުގެ ގަޑިން ހެނދުނު 10:30 ގައި ވޯޓުލާން ފަށާއިރު ނިންމަނީ އެ ރޭ 7:00 ގައެވެ.
ލަންޑަންގައި ވޯޓު ލާން ފަށާނީ އެ ގައުމުގެ ގަޑިން ހެނދުނު 9:00 ގަ އެވެ. އަދި ވޯޓު ލުން ނިންމަން ހަމަޖެހިފައިވަނީ އެ ގައުމުގެ ގަޑިން ހަވީރު 5:30 ގައެވެ. އެއީ ރާއްޖެގަޑިން އެރޭ 10:30އެވެ.
ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރަކަށް ދާން ޖެހިއްޖެނަމަ، ވޯޓުލުން ކުރިއަށް ގެންދާނީ އެދުވަހާ ޖެހިގެން އަންނަ އާދީއްތަދުވަހުގައި ކަމަށް މިހާރު ވަނީ ހަމަޖެހިފައެވެ.




ކޮމެންޓް (0)
ލޯޑް ކުރަމުން...