ކޮލަމިސްޓް

ލޯބިވާ ދަރިފުޅާއެވެ!

ލޯބިވާ ދަރިފުޅާއެވެ. މަންމަ ދަރިފުޅު ދެކެ ވަރަށް ލޯބިވެއެވެ. ދަރިފުޅަށް މިކަން ޤަބޫލުކުރަން ދަތިވިޔަސް މީ ޙަޤީޤަތެވެ. ދަރިފުޅަށް އެނގޭ ހެއްޔެވެ؟ ދަރިފުޅަށް މަންމަ ބަލިވެއިނީއްސުރެ، ތި ލޯބި ލޯބި ފުރާނަ ދެކިލާހިތުން މަންމައާއި ބައްޕަ ތިބީ ކެތްމަދުވެފައެވެ.ނަމަވެސް، ތަޤުދީރުގެ ޕްލޭން އެކަކަށްވެސް ބަދަލެއް ނުކުރެވޭނެއެވެ. މަންމަގެ ބަނޑަށް ފަސްމަހުގައި ދަރިފުޅުގެ ބައްޕަ ނިޔާވިއެވެ. މަންމަ އެދުވަހު ވަރަށް ދެރަވިއެވެ. ނަމަވެސް، ހިތާމަތަކާ ދުރުވެ މަންމަ ކެތްކުރީ ހަމައެކަނި ދަރިފުޅަށްޓަކައެވެ. ތިއީ މި މަންމަގެ ދިރިހުރުމުގެ އުންމީދު ކަމަށްވާތީއެވެ.

ދުވަސްތަށް ފާއިތުވަމުން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. މަންމަގެ ބަނޑަށް ދުވަސްފުރި ވިހެއުމުގެ ވޭންވަރު ފެށުނެވެ. ދަރިފުޅު ވިހެއުމަށް މަންމަ އުފުލި ވޭން ދުލަކުން ޤަލަމަކުން ބަޔާން ކޮށެއް ނުދެވޭނެއެވެ. އެހާލުގާވެސް ހިތާހިތުން ދުޢާ ކުރަމުން ދިޔައީ ދަރިފުޅު ހެޔޮހާލުގައި ލެހެއްޓެވުމަށެވެ. އިރުކޮޅަކުން އިވުނީ ތުއްތު ތުއްތު ރުއިމެއްގެ އަޑެވެ. ދަރިފުޅު ފެނުމާއެކު މިންމަގެ ގައިގާ އެޅި ހުރިހާ ވޭނެއް ހަނދާންނެތިގެންދިޔައެވެ.

މަންމަ ދަރިފުޅު ބަލާ ބޮޑުކުރީ އެކަނިމާއެކަންޏެވެ. ދަރިފުޅު އުފަލުގައި ބެހެއްޓުމަށް މަންމަ ބުރަކޮށް މަސްއްކަތް ކުރީމެވެ. ދަރިފުޅު ބޭނުންވާހާ އެއްޗެއް ހޯދަދިނީމެވެ. ދަރިފުޅު ބަލިވެގެން ރޯކިތަންމެރެޔަކު މި މަންމަ ނިދިން މަޙުރޫމް ވިއެވެ. ނަމަވެސް މަންމަ ޚިދުމަތް ކޮށްދިނީ ހިތުގާ އެއްވެސް ޝަކުވާއެއް ނެތި، ލޯތްބާއެކީގައެވެ.

ދަރިފުޅަށް ރަނގަޅު ތަޢުލީމު ހޯދަދިނުމަށް މަންމަ ވަރަށް މަސައްކަތް ކުރީމެވެ. މިއަދު ދަރިފުޅު ތިހުރީ ބޮޑުމީހަކަށް ވެފައެވެ. ދަރިފުޅުވެސް ދިރިއުޅުމެއް ފަށައިފީމުއެވެ. ނަމަވެސް ދަރިފުޅުދެކެ ލޯބިވާ މި މަންމަ މިވަނީ މުސްކުޅިވެފައެވެ. އަމިއްލަހާލައިގެން ނޫޅެވޭވަރުވެފައެވެ. މަންމަ ބަލިވީމާ ދަރިފުޅަށް މަންމަ ބެލުމަކީ ބޮޑުތަކުލީފަކަށް ވިއެވެ. ލޯބިވާ ދަރިފުޅާއެވެ! އެކަމާ މަންމަ ނިހާޔަތަށް މާފަށް އެދެމެވެ.

މިއަދު މަންމަ މިހުރީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައެވެ. މަންމަ މި ތަނަށް އައީ އަމިއްލައަށް ބޭނުންވެގެންނެއް ނޫނެވެ. މަންމަގެ ލޯބިވާ ދަރިފުޅަށް މަންމަ ބެލުމަށް އުނދަގޫވެގެން މަންމަ މިތަނަށް ފޮނުވާލީއެވެ. ދަރިފުޅާއެވެ، މަންމަ މިއަދު ވަރަށް ދެރަވެއެވެ މަންމަގެ ލޯބިވާ ދަރިފުޅާ ދުރުގާ މަންމަ ދިރިއުޅޭނީ ކިހިނަކުން ހެއްޔެވެ؟ ދަރިފުޅަށް އެނގޭ ހެއްޔެވެ؟ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ﷲ ވަނީ އަމުރުކުރަށްވާފައެވެ

މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ﷲ ވަނީ އަމުރު ކުރައްވާފައެވެ. ﷲ ގެ ވަޙީ ބަސްފުޅުގައިވެއެވެ. ( وَقَضَى رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا إِمَّا يَبْلُغَنَّ عِنْدَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُلْ لَهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُلْ لَهُمَا قَوْلًا كَرِيمًا وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُلْ رَبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا ) الإسراء/23، 24 މާނައަކީ: " ﷲ އަށް މެނުވީ އަޅުކަން ނުކުރުމަށާއި މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ ނިޔާ ކަނޑައަޅުއްވާ އެންގެވިއެވެ. އެދެމީހުންކުރެ ކޮންމެ މީހަކު ނުވަތަ އެދެމީހުންކުރެ އެކަކު ކަލޭގެ ގާތުގައިވާ ހާލު މުސްކުޅިކަމާހަމައަށް ފޯރައިފިނަމަ އެދެމީހުންނަށް "أف" ވެސް ނުބުނާށެވެ. އަދި އެދެމީހުންނަށް އަޑު ހަރުކޮށް ބަސްބުނެ ނޫޅޭ ހުށިކަމެވެ. އަދި އެދެމީހުންނަށް މާތް ބަހުން ބަސްބުނާ ހުށިކަމެވެ. އަދި އޯގާވެރިވމުގެ ގޮތުން، އެދެމީހުންނަށްޓަކައި ނިކަމެތިކަމުގެ ފިޔަގަނޑު ތިރިކޮށްލާށެވެ. އަދި މިފަދައިން ބުނެ ދުޢާކުރާށެވެ. އޭހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާ ކުޑަކުއްޖެއްގެ ގޮތުގައި ވީހިދު އެދެމީހުން މިއަޅާ ބަލާ ބޮޑުކުރިފަދައިން އެދެމީހުންނަށް ރަޙުމަތް ލައްވާނދޭވެ. " .

.އަދިވެސް އެހެން އާޔަތެއްގައި ވަޙީ ކުރެއްވިއެވެ. ( وَاعْبُدُوا اللَّهَ وَلَا تُشْرِكُوا بِهِ شَيْئًا وَبِالْوَالِدَيْنِ إِحْسَانًا ) النساء/36މާނައީ: " ތިޔަބައިމީހުން މާތްﷲ އަށް އަޅުކަން ކުރާށެވެ. އަދި އެކަލާނގެއަށް ޝަރީކު ނުކުރާށެވެ. އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތާހުށިކަމެވެ."

أَحَبُّ إِلَى اللَّهِ ؟ قَالَ : الصَّلَاةُ عَلَى وَقْتِهَا . قَالَ : ثُمَّ أَيٌّ ؟ قَالَ ثُمَّ بِرُّ الْوَالِدَيْنِ . قَالَ : ثُمَّ أَيٌّ ؟ قَالَ الْجِهَادُ فِي سَبِيلِ اللَّهِ ) މާނައަކީ: ބުޚާރީ އާއި މުސްލިމުގައި ޢަބްދުﷲ ބިން މަސްޢޫދުގެ ފަރާތުން ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ. " ތިމަން ކަލޭފާނުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އަރިހުން ސުވާލު ދެންނެވީމެވެ. (މާތްﷲ ގެ ހަޟްރަތުގައި އެންމެ ހެޔޮކަން ބޮޑު ޢަމަލަކީ ކޮބައިތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ނަމާދު އޭގެ ވަގުތުގައި އަދާކުރުމެވެ. ދެން ކޮންކަމެއްތޯ ދެއްނުވުމުން ޙަދީޘްކުރެއްވިއެވެ. މައިންބަފައިންނަށް ހެޔޮކޮށްހިތާށެވެ. ދެންކޮންކަމެއްތޯ ސުވާލު ދެންނެވުމުން ޙަދީޘްކުރެއްވިއެވެ. ﷲ ގެ މަގުގައި ޖިހާދު ކުރާ ހުށިކަމެވެ.)"

وروى البخاري (5971) ومسلم (2548) عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ : جَاءَ رَجُلٌ إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ : يَا رَسُولَ اللَّهِ مَنْ أَحَقُّ النَّاسِ بِحُسْنِ صَحَابَتِي قَالَ أُمُّكَ قَالَ ثُمَّ مَنْ قَالَ ثُمَّ أُمُّكَ قَالَ ثُمَّ مَنْ قَالَ ثُمَّ أُمُّكَ قَالَ ثُمَّ مَنْ قَالَ ثُمَّ أَبُوكَ ) މާނައި: " ބުޚާރީއާއި މުސްލިމުގައި އަބޫހުރައިރާގެ ކިބައިން ރިވާވެފައިވާ ޙަދީޘެއްގައިވެއެވެ. (މީހަކުއައިސް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއާއި ސުވާލު ކުރެއްވެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. މީސްތަކުންގެ ތެރެއިން ތިމަންނާ އެންމެ ހެޔޮކޮށްހިތުން ޙައްޤުކަން ބޮޑީ ކާކުތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. ކަލާގެ މަންމައެވެ. ދެން ކާކުތޯ ސުވާލުދެއްނެވުމުން ޙަދީޘްކުރެއްވިއެވެ. ކަލޭގެ މަންމައެވެ. ދެން ކާކުތޯ ސުވާލު ދެންނެވުމުން ޙަދީޘްކުރެއްވިއެވެ. ކަލޭގެ މަންމައެވެ. ދެން ކާކުތޯ ސުވާލު ދެންނެވުމުން ޙަދީޘްކުރެއްވިއެވެ. ކަލޭގެ ބައްޕައެވެ

ދަރިފުޅާއެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެކަމެކެވެ. މި ހިސާބުން މަންމަގެ ސިޓީ ކުރުކޮށްލަމެވެ. މަންމަގެ ދުޢާ އަކީ ދަރިފުޅަށް ހެޔޮވިސްނުން ދެއްވުމެވެ. އަދި ބުނެލަމެވެ. މަންމަ މިހުރީ މަންމަގެ ލޯބިވާ ދަރިފުޅު މަންމަ ބަލާ އަންނާނެކަމުގެ ފޮނި އުންމީދުގައެވެ.

ގުޅުންހުރި

1 ޚިޔާލު

  1. މާޝާ ﷲ،

Your email address will not be published. Required fields are marked *