ކޮލަމިސްޓްދީނީ ލިޔުންދީން

ޞާލިޙް އަނތްބެއްގައި ހުންނާނެ ސިފަތަށް (ފަހުބައި)

 11.ފިރިމީހާއަށް ޝުކުރުވެރިވުން

ފިރިމީހާ ކޮށްދޭ ރަނގަޅު ކަންތައްތަކަށާއި، އޭނާގެ އަނބިމީހާއަށްޓަކައި ކޮށްދޭ ޚިދުމަތުގެ އަގުވަޒަން ކުރަންޖެހޭނެއެވެ.

މިކަންކަމަކީ ފިރިމީހާއާ ރީތިބަހުރުވައިން ވާހަކަ ދެއްކުން ނުވަތަ ހެޔޮބަހެއް ބުނުން އަދި ފިރިމީހާއަށް ކިޔަމަންތެރިވުމުން އަދި އޭނާ ކޮށްދޭ ރަނގަޅު ކަންތައްތަކުގެ މަތިން ހަނދާން ނައްތާނުލުމާއި އެފަދަ ކަންކަމާ ދެކޮޅު ހެދުމުން ދުރުހެލިވުންފަދަ ކަންކަމެވެ. އެހެނީ އެފަދަ ކަންކަމާ ދެކޮޅު ހެދުމަކީ އަނބިމީހާ ނަރަކައަށް ވެއްޓިދާފަދަ ކަންތައްތަކެވެ.

އިބުނު ޢައްބާސް ރަޟިޔަ ﷲ ޢަންހު ރިވާކުރެއްވިއެވެ. ﷲގެ ރަސޫލާصلى الله عليه وسلمޙަދީޘް ކުރެއްވިއެވެ. " ތިމންކަލޭގެފާނަށް ނަރަކަ ދެއްކެވުނުހިނދު އެތަނުގެ އަހުލުވެރިންގެތެރެއިން ގިނަމީހުންނަކީ ޝުކުރުވެރިނުވާ އަންހެނުން ކަމުގައި ވިއެވެ. އެހިނދު ދެންނެވުނެވެ. އެމީހުންނަކީ ﷲ އަށް އިމާން ނުވާ މީހުންތޯއެވެ؟ އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ، އެބައިމީހުންނަކީ އެބައިމީހުންގެ ފިރިންނަށް ކުފުރުވާ މީހުންނެވެ. އަދި އެބައިމީހުންގެ ފިރިން ކޮށްދޭ ރަނގަޅު ކަންތައްތަކަށް އިންކާރުކުރާމީހުންނެވެ. އެއިން މީހަކަށް މުޅިޢުމުރުގައި ރަނގަޅަށް ކަންތައް ކޮށްދިންކަމުގައިވިޔަސް، އޭނާ ނުރުހޭ ކަމެއް ދިމާވާއިރަށް އޭނާ ބުނާނެއެވެ. ކަލޭގެފަރާތުން އެއްވެސް ހެޔޮކަމެއް އަހަރެން ނުދެކެމެވެ."

ރަސޫލާ صلى الله عليه وسلمޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގާވެއެވެ. " ފިރިމީހާއަށް ޝުކުރުވެރިނުވާ އަންހެނަކަށް މާތްﷲ ބައްލަވާ ވޮޑިގެން ނުވެއެވެ. އަދި އެކަމަކީ ފިރިމީހާއާއިނުލާ އޭނާއަށް ކުރެވޭނެ ކަމެއްނޫނެވެ."

12.ފިރިމީހާގެ ގެއިންބޭރު އެއްވެސް ތަނެއްގައި އަނބިމީހާގެ އަޢުރަ ކަޝްފު ކޮށްގެން ނުވާނެއެވެ.

ރަސޫލާصلى الله عليه وسلمޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގާވެއެވެ. " އެއްވެސް އަންހެނަކު އޭނާގެ ގެ ފިޔަވައ އެހެންތަނެއްގައި ހެދުން ބާލައިފިނަމަ (އަޢުރަ ހާމަކޮށްފިނަމަ) ގަދަފަދަވަންތަ މަތިވެރިވަންތަ ﷲ އޭނާގެނިވާކަން ވީދަވާ ހުއްޓެވެ."

އަލްމަންނާވީ ވިދާޅުވިއެވެ. "މަތިވެރިވަންތަ ގަދަފަދަވަންތަ ﷲ އެކަލާނގެ ނިވާކުރެއްވި ނިވާކުރެއްވުން އަންހެނާގެ ކިބައިންވީއްދަވާލެއްވުމަށް މެދުވެރިވާ ސަބަބަކީ؛ އޭނާއަށް އަމުރުވެވިގެންވަނީ ހިލޭމީހުންގެ ކުރިމަތީގައި އޭނާގެ އަޢުރަ ނިވާކޮށް ރައްކާތެރިވެގެން އުޅުމަށް ކަމަށްވެފައި، އޭނާވަނީ އަމުރު ވެވިގެންވާގޮތާއި ދެކޮޅުވެރިވެ އެކަމުން ދުރުހެލިވެގެންފައި ކަމަށްވާތީއެވެ. އެހެންކަމުން މިއީ އެކަމުގެ ބަދަލެއްގެ ގޮތުން އޭނާއަށްދެވޭ ސަޒާއެކެވެ. މިތަނުގައި އަޢުރަ ކަޝްފުކުރުމޭ ބުނެވޭބަހުގެ މާނައަކީ ޖިންސީ އެދުން ފުއްދުމުގެ ބޭނުމުގައި ނުވަތަ އެކަމަށް މަގުފަހިކޮށްދީފާނެ ފަދަގޮތަކަށް (ޝަހުވަތްތެރިކަމުގެ ގޮތުންނާއި) ހިލޭ ފިރިހެނުންގެ ކުރިމަތީގައި އަންހެނާގެ އަޢުރަ ހާމަކުރުމެވެ. ކޮންމެއަކަސް އަންހެނުންތަކެއްގެ ތެރޭގައި ވަނިކޮށް އޭނާގެ އަޢުރަ ހާމަކުރިކަމުގައިވިޔަސް އޭނާގެ ޖިންސީގުނަވަންތަށް ފުރިހަމައަށް ނިވާވެފައިވާ ކަމުގައިވާނަމަ މިދެންނެވުނު އިންޒާރުތެރޭގައި ނުހިމެނޭނެއެވެ."

13.ހުރިހާ ގޮތަކުންވެސް ފިރިމީހާގެ ރުހުން ހޯދަން މަސައްކަތް ކުރުން

"ތިބާ އަހަރެންނާ ދޭތެޜޭގައި ރުހިއްޖެއުމަށްދާންދެން އަހަރެން ނިދީގެ އަރާމެއް ނުހޯދާނަމެވެ....." މިއީ ޞާލިޙު އަނބިންގެ ބުނުމެއްގޮތުގައި އިސްވެ ގޮސްފައިވާ ޙަދީޘެކެވެ.

އައްޛަހަބީގެ "އަލްކަބާއިރު"ގައިވެސް އައިސްފައިވެއެވެ. އަނބިމީހާގެ މައްޗަށް ވާޖިބުވެގެންވަނީ ފިރިމީހާގެ ރުހުމާއި ލޯބި ހޯދަންމަސައްކަތްކުރުމެވެ. އަދި އޭނާ ރުޅިއެރުވުމުން ދުރުހެލިވުމެވެ. އަދި އޭނާއެދޭ އެއްވެސް ހިނދެއްގައި އެކަމަށް އިންކާރުނުކުރުމެވެ. އަންހެނުންނަށް އެބައިމީހުންނަކީ އެމީހުންގެ ފިރިންނަށް ކިޔަމަންތެރިކަން އަދާކުރަންޖެހޭ ބައެއްކަން އެނގެން ޖެހޭނެއެވެ. އެހެންކަމުން އޭނާގެ ނުވަތަ އޭނާގެ ފިރިމީހާގެ އެއްވެސް މުދަލަކަށް ފިރިމިހާގެ ހުއްދަނެތި އެއްވެސް ގޮތެއް ހަދައިގެން ނުވާނެއެވެ. އަދި އޭނާގެ އަމިއްލަ ކަންތައްތަކަށްވުރެ ފިރިމީހާގެ ކަންތައްތަކުގައި އިސްކަން ދޭންޖެހޭނެއެވެ. އަދި އޭނާގެ ތިމާގެމީހުންނަށްވުރެ ފިރިމީހާގެ ތިމާގެމީހުން އިސްކުރަން ޖެހޭނެއެވެ. އަދި އޭނާ އަބަދުވެސް ސާފުކަމާއި ރީތިކަމާއިއެކު އޭނާގެ ކިބައިން ފިރިމީހާއަށް އުފާ ލިބިގަނެވޭފަދަ ގޮތަކަށް ތައްޔާރުވެގެން ހުންނަން ޖެހޭނެއެވެ. އަދި އޭނާގެ ޒީނަތްތެރިކަމަށްޓަކައި ފިރިމީހާގެ މުދާ ބޭކާރުގޮތުގައި ޚަރަދުކޮށްގެން ނުވާނެއެވެ. އަދި އެކަމުގެ ބަދަލުގައި ފިރިމީހާއަށް ހުތުރު އެއްޗެތިކިޔާ ހަދައިގެން ނުވާނެއެވެ. ފިރިމީހާގެ ކުރިމަތީގައި އަބަދުވެސް ރީތިގޮތުގައި އޭނައަށްޓަކައި ހުންނަންޖެހޭނެއެވެ. އަދިފިރިމީހާގެ އަމުރުތަކަށް ކިޔަމަންތެރިވެ، އޭނާގެކުރިމަތީގައި ބެލުންތިރިކޮށް އޭނާ ވާހަކަދައްކާއިރު މަޑުމައިތިރިވެ އޭނާރުޅި އަތުވެދާނެފަދަ ހުރިހަކަމަކުން ދުރުހެލިވެގެން ހުންނަން ޖެހޭނެއެވެ.

އަދި އޭނާނެތް ވަގުތުގައި އޭނާގެމުދަލާއި ގެދޮރާއި އަދިއޭނާގެ ތަންމައްޗަށް ޚިޔާނާތްތެރިވެގެން ނުވާނެއެވެ. އަދި އޭނާގެ ގައިގެވަސް މީރުތޯ ޔަޤީންކޮށް މީރުވަސް ދުއްވާ، ސިވާކުން ދަތްއުނގުޅާ ސާފުކަންމަތީ ހުންނަންޖެހޭނެއެވެ. އަދިފިރިމީހާގެ ގާތުގައި ހުންނައިރު އަބަދުވެސް ޒީނަތްތެރިވެގެން ތައްޔާރަށް އަދި ގާތުގައި ފިރިމީހާ ނުހުންނައިރު އެފަދައިން ޒީނަތްތެރިވެގެންނުވާނެއެވެ. ފިރިމީހާގެ ޢާއިލާއާއި ތިމާގެމީހުންނާ ދޭތެރޭގައި ރީތިގޮތުގައި ކަންތައްތަށް ކުރަންޖެހޭނެއެވެ. އަދި އޭނާގެ ފަރާތުން މަދު އެތިކޮޅެއް ލިބުނު ކަމުގައިވިޔަސް އެއީ ގިނަ އެއްޗެއް ގޮތުގައި ބަލައިގަންނަންޖެހޭނެއެވެ.

ނިމުނީ!

ގުޅުންހުރި

3 ޚިޔާލު

  1. މާޝާ ﷲ. ވަރަށް ފުރިހަމަ އެހާމެ ބޭނުންތެރި ލިއުމެއް. ދިވެހި އެންމެހާ އުޚްތުންނަށް ހިދާޔަތް ދައްކަވާށި… އާމީން.

  2. ވަރަށް ރަނގަޅު ލިޔުމެއް!

  3. ވަރަށް ބޭނުންތެރި މައުލޫމާތު ކޮޅެއް. ރަވާތިބު ސުންނަތް ކުރާނެގޮތުގެ ތަފްސީލް ފޮނުވާދެއްވަފާނަންތޯ؟

Your email address will not be published. Required fields are marked *