އަންދަލުސް ދަރުސަކީ ދިވެހި ތާރީހުގައި މިހާތަނަށް ޢިލްމުވެރިއަކު ދިވެހި ޤައުމަށްޓަކައި ދެއްވި އެންމެ ވަރުގަދަ ދަރުސްކަމަށް އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ.
"އަންދަލުސް" ދަރުސް އާއި ބެހޭ ގޮތުން އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް ފޭސްބުކްގައި މިއަދު ލިޔުއްވާފައިވަނީ "ރޭގައި ޝެއިޚް އާދަމް ޝަމީމް ދެއްވި އަންދަލުސް ދަރުސަކީ ދިވެހި ތާރީހުގައި މިހާތަނަށް ޢިލްމުވެރިއަކު ދިވެހި ޤައުމަށްޓަކައި ދެއްވި އެންމެ ވަރުގަދަ ދަރުސް. ރޭގެ ދަރުސް އަޅުގަނޑު ޓީވީއިން ބެލީ ވަރަށް ޝައުގުވެރިކަމާއި އެކު."ކަމަށެވެ. އަދި "ޢިލްމުވެރިން ޤައުމުގެ ކަންކަމުގަ ހިތްވަރާއި ސާބިތުކަމާއި އެކި ބަސްބުނުމަކީ ޖިހާދެއް. އަދި މިޤައުމީ މަސްޢުލިއްޔަތެއް ކަމުގައި އަޅުގަނޑުމެން ދެކޭ"ކަމަށްވެސް ޑރ ޝަހީމް ވިދާޅުވިއެވެ.
"ދިވެހި ރާއްޖެ ވެއްޓިގެން ދާ ފުން އަނދަވަޅުން ރާއްޖެ ސަލާމަތް ކުރެއްވުމަށް ޝެއިޚް ޝަމީމް ފަދަ ޝެއިޚުން ސަމީރު، ޝެއިޚް އިލްޔާސް ހުސެއިން އާއި ޝެއިޚް އިލްޔާސް ޖަމާލް، ޑރ އިޔާޟް، ޝެއިޚް އަލީ ޒާހިރު ފަދަ އަޚުން މަސައްކަތް ކުރެއްވުމަކީ އަޅުގަނޑު ވަރަށް އުފާވާ"ކަމަށްވެސް ޑރ ޝަހީމްގެ ފޭސްބުކްގައި ލިޔުއްވާފައިވެއެވެ.
ޖަމިއްޔަތުއް ސަލަފުން ރޭ ދަރުބާރުގޭގައި ބޭއްވި ދަރުސްއަށް ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވެފައިވާއިރު ރޭގެ ދަރުސް ޓީވީއެމް، ވީޓީވީ، ދިޓީވީ، ސަންޓީވީ އަދި ޗެނަލް13 އިން ވަގުތުން ދައްކާފައިވެއެވެ. އަދި ރޭޑިއޯ އެޓޯލް އާއި ސަންއެފްއެމް އިން ވަނީ ދަރުސް ވަގުތުން ދުރަށް ފޮނުވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...