ކަލާނގެ ވޮޑިގެންވާކަން ޤަބޫލުނުކޮށްވެސް ސުވަރުގެދެވޭނެކަމަށް، ކެތޮލިކް ޗާރޗްގެ މިހާރުގެ ބޮޑު ޕޯޕްކަމުގައިވާ ޕޯޕް ފްރޭންސިސް ހާމަކޮށްފިއެވެ.
ކެތޮލިކް ޗާރޗްގެ "އެންމެ ފުރަތަމަ ޖެސުއިޓް ޕޯޕް"ގެ ލަޤަބު ލިބިފައިވާ ޕޯޕް ފްރޭންސިސް މިހެން ހާމަކޮށްފައިވަނީ ލާ ރިޕަބްލިކާ ނޫހުގެ ބާނީ ސްކެލްފަރީއަށް ލިޔުނު ދިގު ހުޅުވާލެވިފައިވާ ސިޓީއެއްގައެވެ. ރޯމަން ކެތޮލިކްގެ މަޒްހަބަށް ތަބާނުވާ އެ ނޫހުގެ ބޮޑުމީހާއަށް ލިޔުނު ސިޓިގައި ޕޯޕް ހާމަކޮށްފައިވަނީ ކަލާނގެ ޤަބޫލުނުކުރާ މީހުންވެސް އަމިއްލަ ބުއްދިއަށް ތަބާވެއްޖެނަމަ ސުވަރުގެ ދެވިދާނެކަމަށެވެ. އަދި މީހުން ކުށްކުރަނީވެސް ހަމައެކަނި ސިކުނޑީގެ ބޭނުން ނުކުރާތީކަމަށް ޕޯޕް ހާމަކޮށްފައިވެއެވެ.
ނަމަވެސް، ކްރިސްޓިއަނުންގެ ފޮތްތަކުގައިވަނީ އެއާ މުޅިން ޚިލާފަށް ކަމަށް ޕޯޕަށް ފާޑުކިޔަމުންދާ ފަރާތްތަކުން ހާމަކުރެއެވެ. އަދި ޕޯޕް އެދަނީ ޒަމާނުގެ ފިކުރަށް މީސްތަކުންގެ މަޤްބޫލުކަން ހޯދުމުގެ ގޮތުން ފޮތް ބަދަލުކުރަމުންކަމަށްވެސް އެމީހުން ހާމަކުރެއެވެ. އޮންލައިން މީޑިޔާގައި ޕޯޕްގެ ބަހަށް ރައްދު ދެމުން އެކަކު ބައިބަލް އިން ވަރސްއެއް ނެގުމަށް ފަހު، ޕޯޕްގެ ބަސް ބައިބްލް އާ ޚިލާފްވާކަމަށް ބުނެފައިވެއެވެ. އިބްރީ 11:6 ގައި ވަނީ "އީމާންކަމާ ނުލާ މާތް ރަސްކަލާނގެ ރުހުން ނުލިބޭނެއެވެ. އެހެނީ، މާތް ރަސްކަލާނގެ އާ ކުއްތަންވާން ބޭނުން މީހާ އެކަލާނގެ ވޮޑިގެންވާކަމަށާއި، އެކަލާނގެއަށް ކުއްތަންވާ މީހުންނަށް އަޖުރު ދެއްވާނެކަމަށްވެސް އީމާންވާންޖެހޭނެއެވެ." އެފަދަ ފަރާތްތަކުން ބުނަމުން އަންނަނީ ޕޯޕް ދީން ބަދަލުކުރަމުން ވާހަކަދެއްކިޔަސް ވަރސްގައި ވާ ގޮތުން ސުވަރުގެ ދާނެ ޖެހޭ ނަމަ ކަލާނގެ ވާކަމަށް އީމާންވާން ޖެހޭނެއެވެ.
ރޯމަން ކެތޮލިކް މަޒްހަބަކީ މަންޞޫޚްވެފައިވާ އަދި މިހާރު ބަދަލުކޮށްފައިވާ ބާޠިލް ޝަރީޢަތެއްކަމަށްވާ ނަޞާރާދީނުގެ ބާޠިލް މަޒްހަބެކެވެ. ބާޠިލް ގިނަ ދީންތަކެކޭ އެއްގޮތަށް އެދީނުގައިވެސް ދީނުގެ ބޮޑުން އަންނަނީ އެޒަމާނަކަށް ފެތޭ ގޮތަކަށް ބަހާއި ފޮތްވެސް ބަދަލުކުރަމުންނެވެ. ޕޯޕް ފްރޭންސިސް އަކީ ރޯމަން ކެތޮލިކް މަޒްހަބުގެ ތެރޭގައި ހިމެނޭ ޖެސުއިޓްސް ނުވަތަ ސޮސައިޓީ އޮފް ޖީސަސްގެ ރަހްބާނިއްޔަތުގެ ފާހަގަކޮށްލެވޭ މެމްބަރެކެވެ. ފްރޭންސިސް ޕޯޕްއަކަށްވެފައިވަނީ މިއަހަރުގެ މާރޗްމަހުގެ ތެރޭގައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...