އިނގިރޭސިވިލާތުގެ ޗެނަލް 4 ޓީވީން ރޯދަމަހު ބަންގި ފޮނުވާ ގޮތަށް ހަމަޖައްސައިފި

ޙާތިމް ޔޫސުފް

އިނގިރޭސިވިލާތުގެ މަޝްހޫރު ޕަބްލިކް ޓީވީ ޗެނަލެއްކަމަށްވާ ޗެނަލް 4 ގެ ފަރާތުން މިއަހަރުގެ ރަމަޟާން މަހު މުސްލިމުންގެ ނަމާދު ވަޤުތުތަކުގައި ދުރަށް ބަންގި ފޮނުވާ ގޮތަށް އެޗެނަލްގެ ފެކްޗުއަލް ޕްރޮގްރާމިންގ ގެ އިސްމީހާ ރަލްފް ލީ ނިންމަވައިފިއެވެ.

ގިނަ ބަޔެއްގެ ފާޑުކިޔުންތައް މިނިންމުމާމެދު އަމާޒުވެފައިވީނަމަވެސް، ރަލްފް ލީ ވަނީ އޭނާގެ ނިންމެވުމާމެދު ހިތްހަމަޖެހޭކަން ހާމަކުރައްވާ އެކަން ދިފާޢުކުރައްވާފައެވެ. ރަލްފް ލީ ވިދާޅުވާ ގޮތުގައި އިނގިރޭސިވިލާތުގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބޭ އިވެންޓްތަކަށްވުރެ ބޮޑަށް މުސްލިމުންގެ އާބާދީގެ ފަރާތުން ސަމާލުކަން ލިބުމަކީ އެކަށީގެންވާކަމެކެވެ. އެގޮތުން ރަލްފް ޤަބޫލުކުރައްވާ ގޮތުގައި ރަމަޟާން މަހު އިނގިރޭސިވިލާތުގެ އާބާދީގެ ގާތްގަނޑަކަށް 5 އިންސައްތަ ޙަރަކާތްތެރި ގޮތެއްގައި އެމަހުގެ އަޅުކަމުގައި އުޅޭނެއެވެ. "އަޅުގަނޑުމެންނަށް ބުނެވިދާނެތޯ އެހެން ޤައުމީ އިވެންޓްތަކުގައި މިމިންވަރަށްވެސް ތަރުޙީބު ލިބޭކަމަށް. ހުރިހާ މީޑިޔާތަކުން އެއްފަހަރާ ޓީވީންވެސް ކަވަރުކުރަމުންދާ ޙަރަކާތްތައް، މިސާލަކަށް ރާނީ ކޮލިލެއްވުމުގެ ޙަރަކާތް ފަދަ ޙަރަކާތްތަކަށް އެވަރަށް ތަރުޙީބު ލިބޭތޯ؟" އިނގިރޭސިވިލާތުގެ އެންމެ މަޝްހޫރު މުޙިއްމު އިވެންޓްތަކަށްވުރެވެސް ރަމަޟާން މަސް މުޙިއްމުކަން ހާމަކުރައްވާ ރަލްފް ލީ ވިދާޅުވެފައިވެއެވެ.

ތަފާސްހިސާބުތައް ބުނާގޮތުން ރަލްފް ލީ ގެ ވާހަކާގައި ވަރަށް ބޮޑު ބުރަދަނެއް އެބަހުއްޓެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުން މަޝްހޫރު ބީބީސީ އިން ނިމިދިޔަ ޖޫން 4ގައި ދެއްކި ރާނީ ކޮލިލުމުގެ ރަސްމިއްޔާތު ބަލާފައިވާކަމަށް ބެލެވެނީ 1.8 މިލިޔަން މީހުންނެވެ. ނަމަވެސް އިނގިރޭސިވިލާތުގެ މުސްލިމުންގެ އާބާދީ އުޅެނީ އެއަށްވުރެ މާމަތީގައެވެ. އިނގިރޭސިވިލާތުގެ މުސްލިމުންގެ އާބާދީ މިހާރު އުޅޭނީ 2.8 މިލިޔަނަށްވުރެ މަތީގައިކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

"އަހަރެމެން ހަނދާން ނައްތާލައިގެންނުވާނެ، އިސްލާމްދީނަކީ މިއަދު އިނގިރޭސިވިލާތުގައި ކުރިއަރަމުން އަންނަ، ޙަޤީޤަތުގައިވެސް އިތުރުވަމުން އަންނަ މަދު ދީންތަކުގެ ތެރެއިން ދީނެއްކަން. ޗެނަލް 4ގެ އޯޑިއެންސް އަމާޒުކުރެވިފައިވާ ފަދައިން، އެދީނަށް ތަބާވާ މީހުންނަކީ ޒުވާނުން. ނިކަން ފަހަކުން ހާމަކޮށްފައިވޭ އިނގިރޭސިވިލާތުގެ މުސްލިމުންގެ ދެބައިކުޅަ އެއްބަޔަކީ 25 އަހަރުން ދަށުގެ ކުދިންނޭ."

ރަމަޟާން މަސް އެއްކޮށް ކޮންމެ ރެޔަކުވެސް ފަތިސްނަމާދުގެ ބަންގި ދުރަށް ފޮނުވަން ހަމަޖެހިފައިވާއިރު، ނިންމާފައިވާ ގޮތުން ޗެނަލް 4ގެ ވެބްސައިޓް މެދުވެރިކޮށްވެސް ބަންގި ގެނެސްދެވޭނެއެވެ.

"ފަރުވާތެރި ވަރަށް ގިނަ މުސްލިމުންގެ ފަރާތުން ކޮންމެ އަހަރަކުވެސް ރަމަޟާން މަސް އަޅުކަމުގައި ހޭދަކުރޭ. ނަމަވެސް އިނގިރޭސިވިލާތުގެ ގިނަ މީހުންނަށް ނޭނގެ އެއީ އޮންނަ އެއްޗެއްކަމެއްވެސް. ޢާއްމު ޓީވީތަކުން އެކަން ނުފެންނާތީ ދެން ޙައިރާންވާނެކަމެއް ނެތް."

"މީގެ އަނެއްކޮޅުން، ޓިވީގައި ގިނަ މުސްލިމުން ސިފަކޮށްފައިވާ ގޮތަށް ބަލާ. މުޅިންކަހަލަ ގޮތަކަށް ފެންނާނީ ހައްދުފަހަނައަޅާ ދިޔުމާ ނުވަތަ ޓެރަރިޒަމާ ގުޅުވާފަ އޮންނަތަން." އިނގިރޭސިވިލާތުގެ މީޑިޔާގައި މުސްލިމުންނަށް ދެމުންދާ ނުބައި ތަޞައްވުރާމެދު ރަލްފް ލީ ޝަކުވާކުރެއްވިއެވެ.

މުސްލިމުންނާ ދެކޮޅު ޙަރަކާތްތައް އިނގިރޭސިވިލާތުގައި ގިނަވަމުންދާ ދުވަސްވަރެއްގައި ރަލްފް ލީ މިނިންމެވި ނިންމެވުމުގެ ސަބަބުން ހައްދުފަހަނަ އެޅި އިންގްލިޝް ޑިފެންސް ލީގްގެ ފާޑު ކިޔުންތައް ވަނީ އޭނާގެ ޓީވީއާއި އޭނާއަށް ކުރިމަތިވެފައެވެ.

ޗެނަލް 4 އަކުން ފޮނުވާ ބަންގިއަކީ ކުޅަދާނަ މުޢައްޒިން ޙަސަން ރަސޫލްގެ ފަށުވި އަޑުން ކިޔާ ބަންގިއެއްގެ ރެކޯރޑިންކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އެހެން ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.