ރިޕޯޓްކޮލަމިސްޓް

ދަރުސް ބެނާ މަގު ހުރަހަށް ދެމުން މަނާ

މާލޭގައި މަގު ހުރަހަށް ބެނާ އާއި ފޮތިތައް ދެމުމަކީ މަނާކަމެއްކަމަށް މާލޭ ސިޓީ ކައުންސިލުން ދީނީ ޖަމްޢިއްޔާތަކަށް މީގެ ކުރިން އަންގާފައިވެއެވެ. ދީނީ ޖަމާޢަތްތަކުން ބާއްވާ ދަރުސްތައް އިޝްތިހާރު ކުރުމަށްޓަކައި މަގުތަކުގައި ބެނާތައް ދެމުމުން މާލެ ސިޓީ ކައުންސިލުން އެ ބެނޭތައް ނަގާފައިވެއެވެ. އަދި އެއީ މަނާކަމެއްކަމަށް އެ ޖަމާޢަތްތަކަށްވަނީ އަންގާފައިވެސް ވެއެވެ. މަގުހުރަސްކޮށް ބެނާ ޖެހުމަކީ މަނާކަމެއްކަމަށް ސިޓީ ކައުންސިލުން އެންގި އެއް ޖަމާޢަތަކީ ވިލިމާލޭގެ ޒުވާނުން އުފައްދާފައިވާ ޕީސް ފައުންޑޭޝަން އެވެ.

ޕީސް ފައުންޑޭޝަންގެ ފަރާތުން ބޭއްވި ދެ ދަރުސެއްގެ ބެނާތައް މާލޭ ސިޓީ ކައުންސިލުން ނަގާފައިވެއެވެ. އެއީ މިދިޔަ އަހަރު ބޭއްވި ދަރުސެއްގެ ބެނާ އަކާއި، މިއަހަރުގެ ކުރީކޮޅު ބާއްވާން އުޅުނު ދަރުސެއްގެ ބެނާ އެކެވެ. ބެނާތައް ކަނޑާލައިގެން ސިޓީ ކައުންސިލަށް ގެންދިއުމުން އެކަމުގެ ޝަކުވާ އެޖަމާޢަތުން އޭރުގައި ކުރިއެވެ. ސިޓީ ކައުންސިލުން ޕީސްފައުންޑޭޝަން އަށް އެންގީ އެއީ މަނާކަމެއްކަމަށާއި އެއްވެސް ބަޔަކަށް އެގޮތަށް ބެނާ ދެމުމުގެ ހުއްދަ މީގެފަހުން ނުދެވޭނެކަމަށެވެ.

މާލޭގެ މަގުތަކުގައި ހުރަހަށާއި ދިގަށް ސިޔާސީ ޕާޓީތަކުގެ ބެނާ އާއި ޕާޓީތަކުގެ ދިދަތައް ދެމުމަކީ ސިޔާސީ ޕާޓީތައް އުފެދުނީއްސުރެ ކުރަމުން އަންނަ ކަމެކެވެ. އެކަމަކީ ޢާއްމުންނަށް ކިތަންމެ ތުރާލެއް ކުރިމަތިވާ ކަމެއްކަމުގައިވިޔަސް ހުއްދަ ކަމެކެވެ. ކުރިންވެސް އަދި މިހާރުވެސް ހުއްދަ އެވެ. ނަމަވެސް ދީނީ ދަރުސްތަކުގެ ބެނާތައް ދެމުމަށް މަނާ "ޤަވާޢިދެއް" އޮތްކަމަށް ވެއްޖެއެވެ. އެ ޤަވާޢިދަކީ ކާކު ކޮން އިރަކު ކިހިނެއް ހެދި އެއްޗެއްކަމެއްވެސް ނޭނގުނެވެ. ކުއްލިއަކަށް ފެނުނީ މާމޮޅު ޤަވާޢިދެއް އުފަންވި ތަނެވެ. ދިވެހިރާއްޖެއަކީ ޑިމޮކްރަސީއަށް ދަތުރު ފަށާފައިވާ އެހެން ނަމަވެސް ޑިމޮކްރަސީގެ ބާލިޣު ޢުމުރަށް ނުދާ ޤައުމެއްކަމަށް ޑިމޮކްރަސީއަށް އަޅުކަން ކުރާ އަހުލުވެރިން ބުނަމުން ދާތީ ދެން ބަލަންވީ އެއީ ޑިމޮކްރަސީގެ ޅަފަތުގައި ވީމައި ވާހައި ކަންތައްތައްކަމެވެ. ބާލިޣު ވީމައި ރަނގަޅު ވާނެކަމަށެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ބޭނުމަށް އެކި ގޮތްގޮތަށް މަގުތަކުގައި ބެނާ އާއި ދިދަ ދެމުން ހުއްދަ ކޮށްފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފައިވަނީ އިއްޔެ އެވެ. މީޑިއާ އާއި ވާހަކަ ދައްކަމުން ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއު ބުނެފައިވަނީ މާލޭގެ މަގުތަކުގައި ދަތިނުވާ ގޮތަށް ފޮތި ދެމުމަކީ މައްސަލައެއް ނޫން ކަމަށާއި އެކަމަކު އެއީ ހަމައެކަނި ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ދިން ހުއްދައެއް ކަމަށެވެ. މިހާ ހިސާބުން ސިކުނޑި ހަމައަށް ހުރި އިންސާނެއްގެ ގާތަށް ހިނި ނައިސް ހުންނާނީ ކިހިނެއް ހެއްޔެވެ؟ ނުވަތަ ރުޅި ނައިސް ހުންނާނީ ކިހިނެއް ހެއްޔެވެ؟ މިއީ މިއަދު މާލޭގެ މިސްކިތްތަކާއި ހަވާލު ވެގެން ތިބި ގައިން އިސްތަށި ފަޅާފައިތިބި ބޮޑެތިސިންގާ މުސްލިމުންކަމަށް ދަޢުވާ ކުރާ މީހުން ދައްކާ ވާހަކަ އެވެ. ﷲ ގެ ދީނަށް ދަޢުވަތު ދިނުމަށް ދެމޭ ބެނާތައް މަނަލެވެ. އެނޫން ކޮންމެފަދަ ބެނާއެއްވެސް ހުއްދައެވެ. އަދި ފާޙިޝް ޝޯއެއްގެ ބެނާއެއް ނަމަ ވަކީން ބޮޑަށް ހުއްދައެވެ. އިސްލާމް ދީން ދެކެ ވާ ލޯބި ފެނޭ ނޫންހެއްޔެވެ.

ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއު އިތުރަށް ބުނެފައިވަނީ "އެބައެއްގެ ސްޓްރެންތުގައި ހުރިހާ ޕާޓީތަކަށް ވެސް މަގުތަކުގައި ދިދަ އާއި ބެނާތައް ދަމަން މިހާރު އެއޮތީ ހުއްދަ ދީފައި. އެއީ ހަމަހަމަކަން ޤާއިމް ކުރުމުގެ ބޭނުމުގައި އަޅުގަނޑުމެން އެޅި ފިޔަވަޅެއް"

ހަމަހަމަކަން ޤާއިމު ކުރުން، އަދުލް އިންސާފް، އިންސާނީ ޙައްޤު، ދެފުށް ފެންނަ، ހެޔޮ ވެރިކަން، އަތް ފޯރާ ފަށަށް، ތާހިރު ދިރިއުޅުން، ތަރައްޤީ... މިހެންގޮސް ރީތިހެން ހީވާ ބަސްތަކުން ޅެން ކިޔުމަކީ ޑިމޮކްރެޓިސްޓުންނަށް ވަރަށް ފަރިތަ ކަމެކެވެ. ދުލުން ބޭރު ކުރާ އެއްޗަކާއި ތިމާގެ ޢަމަލާއި ދިމާ ނުވުމަކީ ޑިމޮކްރަސީގެ ހަމަ އެވެ. މަޤާމުތަކަށް އަންނަން ރައްޔިތުން ކައިރީ އާދޭސްކޮށް ސަލާން ޖަހައި، މަޤާމުތަކަށް އާދެވުމުން މީހާގެ ޚުދުމުހުތާރުކަމާއި ނުވިތާކަށް ގޮތްކުޑަކަން ދައްކާ މީހުންނަކީ ޑިމޮކްރަސީގައި ވަރަށް ގިނަ އެއްޗެކެވެ. އެފަދަ ޚުދުމުހުތާރު ވެރިން މީގެ ކުރިން ދިވެހިންވަނީ ދެކެފައެވެ. އަދި އެމީހުންނަށް ވެގެން ދިޔަގޮތްވެސް ދިވެހިން ވަނީ ދެކެފައެވެ. އެފަދަ ޚުދުމުހުތާރު ވެރިން އެކިއެކި މަޤާމުތަކަށް އައުމަކީ މިއަދު ދިވެހިން ބަލައިގަންނާނެ އަދި ބޭނުންވެސް ވާނެކަމެއް ނޫންކަން މިފަހަރު އިންޝާﷲ ފެނިގެން ދާނެއެވެ. ދަރުސް ބެނާ ދެމުން މަނާކޮށްގެން ތިބޭށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް