2013 ވަނަ އަހަރު ރާއްޖޭގެ ރައީސަކު ހޮވުމަށްޓަކައި ސެޕްޓެމްބަރު ހަތެއްގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ބައިވެރިވެ އެ ރޭހުގައި ވާދަކުރެއްވޭނެ ކަމުގެ ޔަގީންކަން ޑެންމާކުން ދެއްވާފައިވާ ކަމަށް ދިވެހިރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ޑެންމާކުގެ ދަތުރުފުޅަށް ފަހު މިއަދު ހެނދުނު މާލެވަޑައިގެން "ހަވީރު" ނޫހަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ އެ ދަތުރުފުޅުގައި އެޤައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި އަދި ޑެންމާކު ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއިވެސް ބައްދަލުކުރެއްވި ކަމަށެވެ.
"އިންތިހާބުގައި އަޅުގަނޑަށް ބައިވެރިވެވޭނެ ކަމުގެ ޔަގީންކަން ޑެންމާކުން ދިން،" ނަޝީދު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަމަށް ފުލުހުން ވަމުންދާ ތައްޔާރީތަކަށް އިޝާރާތްކުރައްވަމުން ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބު ކައިރިވެފައި އޮތް އިރު، ފުލުހުން އެ އިންތިހާބަށް މާބޮޑަށް ތައްޔާރުވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
އަދި އިންތިހާބުގެ ކަންކަން ކުރިއަށް ގެންދަން ތައްޔާރުވާން ޖެހޭނީ އިލެކްޝަންސް ކޮމިޝަނުން ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ޚިޔާލު