"ދިވެހިން ބޭނުންވަނީ އިސްލާމީ ޝަރީއަތް" މިނަމުގައި ދިވެހި ޒުވާނުންތަކެއް އިސްނަގައިގެން ކުރިއަށް ގެންދާ ސުލްޙަވެރި ހިނގާލުމުގެ ދެވަނަ ބުރު ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.
އޭޕްރީލް 19 ވާ ހުކުރު ދުވަހުގެ ހަވީރު 4:15 ގައި ޒުވާނުންގެ މަރުކަޒު ކުރިމަތިން ފަށާގޮތަށް ވަނީ ހަމަޖެހިފައިވާ މިހިނގާލުމަކީ އިސްލާމީ ޝަރީޢަތާއި މެދު ދިވެހި ފަރުދުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ބޭއްވޭ ހަރަކާތެއްކަމަށާއި، ކުރީފަހަރެކޭ ވެސް އެއްގޮތަށް މިފަހަރުގެ ހިނގާލުމުގައިވެސް ރާއްޖޭގެ ފުންނާބުއުސް ދީނީ އިލްމުވެރިން އިސްލާމީ ޝަރީޢަތާއި ބެހޭ ގޮތުން ދެއްވާ ފައިވާ އޯޑިއޯ ކްލިޕްތަކެއް އިއްވޭނެ ކަމުގައި މި ހަރަކާތުގެ ފަރާތުން ހާމަކުރެއެވެ.
ދިއިސްލާމް އަށް މައުލޫމާތު ދެއްވަމުން މި ހަރަކާތުގެ އިސް ފަރާތެއް ކަމުގައިވާ އަހުމަދު ހަސަން ވިދާޅުވީ މި ހަރަކާތުގައި ޢިލްމްވެރިންގެ އޯޑިއޯ ކްލިޕްތަކުގެ އިތުރައް ލައުޑް މެދުވެރިކޮށް "ތަކުބީރު" ގޮވުމާއި އެކު "އިސްލާމީ ޝަރީޢަތް ޤާއިމްކުރޭ" މިހެން ގޮވޭނެކަމަށާއި، އަދި މިނޫން އެހެން އެއްވެސް ޝުޢޫރެއް މި ހަރަކާތުގައި ފާޅު ނުކުރާނެކަމަށެވެ.
މިހަރަކާތަކީ ސިޔާސީ އެއްވެސް ޕާރޓިއެއް އަދި އެއްވެސް ޖަމްޢިއްޔާ ޖަމާޢަތަކަށް ނިސްބަތްވާ ހަރަކާތެއް ނޫންކަމަށްވެސް އެފަރާތުން ހާމަކުރެއްވިއެވެ.
ޒުވާނުންގެ މަރުކަޒު ކުރިމަތިން ފަށާ، އަދި މަޖީދީ މަގުން އިރަށް ގޮސް ހެދިގޮނޑުދޮށާއި ހަމައިން ނިމޭގޮތަށް ރޭވިފައިވާ މި ހަރަކާތުގައި، ވީހާވެސް ގިނަ އަޚުންނާއި އުޚުތުން ބައިވެރިވުމަކީ، މި ހިނގާލުން އިންތިޒާމް ކުރާ ފަރާތުގެ ވަރަށް ބޮޑު އެދުމެކެވެ.
ޚިޔާލު