އިރާގުގައި ހަރަކާތްތެރިވާ އެމެރިކާގެ ކުލީ ސިފައިންގެ ބައެއް ކަމުގައިވާ 'ބްލެކް ވޯޓާރ' އިރާގުން ބޭރުވާން އިރާގުގެ ސަރުކާރުން އަންގައިފިއެވެ.
ބްލެކް ވޯޓާރ އަކީ އިރާގުގެ ސެކިއުރިޓީ ކަންތައްތައް ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ 'ސެކިއުރިޓީ ފާމް'އެކެވެ. ބްލެކް ވޯޓާރގެ އެތައް ސަތޭކަ މީހުން އިރާގުގައި ހަރަކާތްތެރިވަމުންދެއެވެ. އޭގެ ތެރޭން ބައެއް މީހުން ތަފާތު ނަންނަމުގައިވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. ބްލެކްޥޯޓާ އަކީ އިރާގުގެ ރައްޔިތުންގެ ނުރުހުން އިންތިހާއަށް ލިބިގެންވާ 'ގާތިލުންތަކެއް' ކަމަށް އިރާގުގެ ގިނަ ބަޔަކު ޤަބޫލުކުރެއެވެ. އިރާގު ސަރުކާރުންވެސް ވަނީ ބްލެކް ވޯޓާރގެ އެއްވެސް މެމްބަރެއް އެއްވެސް ސެކިއުރިޓީ ފާރމެއްގެ ނަމުގައި އިރާގުގައި އުޅުމަށް 'ނޭދޭ'ކަމަށް ހާމަކޮށްފައެވެ.
ސެޕްޓެމްބާރ 2007 ވަނަ އަހަރު ބްލެކްވޯޓާރ އިންވަނީ ބަގްދާދްގައި އާންމުންގެ ބަޔަކަށް ބަޑިން ހަމަލާދީ 17 މީހުން ޝަހީދުކޮށްލާފައެވެ. ބްލެކްވޯޓާރ އިންދަނީ އިރާގުގެ އެތެރޭގައި ހަމަނުޖެހުން ހިންގުމަށާއި އާންމުން އުޅޭ ތަންތަނުގައި ބޮން ގޮއްވުމުގައި ބޮޑު ރޯލެއް އަދާކޮށްފައެވެ. މުސްލިމުންގެ ހެދުން އަޅައިގެން ތުނބުޅިޖަހައިގެން އިރާގުގެ ބާޒާރުމަތީގައި ބޮން ހަރުކޮށް ގޮއްވާލުމުގެ މަސައްކަތް ކޮށްފައިވާކަންވެސް ވަނީ ފަޅާއަރާފައެވެ. ޖުމްލަކޮށް ބުނާނަމަ ބްލެކްވޯޓާރއިން އިރާގުގައި ދިޔައީ އާންމުންގެ ހިތުގައި މުސްލިމުންނަކީ 'ޤާތިލުން'ކަމުގައި ވިސްނައިދިނުމަށް މަސައްކަތްކުރަމުންނެވެ.
ބްލެކް ވޯޓާރގެ ނުބައި އަމަލުތައް ފަޅާ އަރާ އާންމުގެ ނުރުހުން ލިބެން ފެށުމުން ބްލެކް ވޯޓާރވަނީ ފަރުދާގެ ފުރަގަހަށްވަދެ އެކި ނަންނަމުގައި ހަމަ އެމީހުން އިރާގުތެރޭގައި 'ސެކިއުރިޓީ' ބަލަހައްޓާ ބައެއްގެ ގޮތުގައި ނުކުމެފައެވެ. މިހާރު މިމީހުން އިރާގުގައި ހަރަކާތްތެރިވަނީ އެކި ނަންނަމުގައެވެ.
ބްލެކްވޯޓާރގެ ސިފައިން އިރާގުން ފޭބުމަށް އިރާގުގެ އިންޓީރިއާރ މިނިސްޓާރ ވަނީ 7 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ. އަދި އިރާގުގެ އެތެރޭންވެސް ބްލެކްވޯޓާރގެ ސިފައިންނަށް ދަނީ ދަތިތަކާއި ކުރިމަތިލަމުންނެވެ.
ލިޔުނީ: އަހްސަން

ކޮމެންޓް (0)
ލޯޑް ކުރަމުން...