ކޮލަމިސްޓް

މައްސަލަތައް ހައްލުކުރުމުގައި ހެޔޮ ފިކުރު ޚިޔާރުކުރަން ޖެހިފައި

އިންސާނީ ހަޔާތުގައި މައްސަލަތަކާއި ދަތިތައް ކުރިމަތި ވުމަކީ ދިރިއުޅުމުގެ ހަގީގަތެކެވެ. މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުވި ވަރަކަށް، މައުލޫމާތު އާންމުވި ވަރަކަށް މައްސަލަތައް މީހުންގެ ސަމާލުކަމަށް އާދެއެވެ. މި ފަދަ ހާލަތެއްގައި މައްސަލަތައް އާދަޔާ ޚިލާފަށް ގިނަ ކަމުގައި ފާހަގަ ކުރެވުމަކީވެސް ތަބީޢީ ކަމެކެވެ. އަދި އެ މައްސަލަތަކާ ދެކޮޅަށް ކުރެވޭ މަސައްކަތް އިތުރު ވެއެވެ. އަޅުގަނޑުމެންގެ މި ދިވެހި ރާއްޖެއަށް މި ފަދަ ހާލަތެއް ކުރިމަތިވެފައިވާކަމީ އެންމެން ދަންނަ ކަމެކެވެ. ނަމަވެސް، މިފަދަ މަސައްކަތްތަކުގައި ގެންގުޅެމުންދާ ފިކުރުތަކާއި، ހަރަކާތްތަކަކީ އެންމެ ރަނގަޅު ކަންތައްތަކެއްތޯ ވިސްނައިލީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންތޯއެވެ؟

އަޅުގަނޑުމެންގެ މުޖުތަމަޢު އިސްލާހު ކުރުމުގެ ނަމުގައި ނުވަތަ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ވަރަށް ގިނަ ގޯސް ފިކުރުތަކެއް ފަހަކަށް އައިސް އަޅުގަނޑުމެންގެ ތެރޭގައި ފެތުރިފައި ވެއެވެ. މިގޮތުން އަންހެނުންގެ ހަރަކާތުގެ ނަމުގައި އަންހެނުންނަށް ދިމާވާ މައްސަލަތަކާއި ދަތި ތަކަކީ ހަމައެކަނި އަންހެނުންނަށް ޚާއްސަ، ފިރހެނުންނާ ވަކިން ބަލަންޖެހޭ ކަންތައްތަކެއް ކަމަށް ދެކޭތަން އެބަ އާދެއެވެ. ހަމަ މި އުސޫލުން ފިރިހެނުންނަށް ކުރިމަތިވާ ދަތިތަކަކީ ހަމައެކަނި ފިރިހެނުން ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް ކަމުގައި ބައެއް މީހުން ގަބޫލުކުރަމުން ދެއެވެ. މި ފިކުރަކީ ގޯސް އަދި ބުއްދީގެ ހަމަތަކުން ބަލާއިރު ރަނގަޅު އުސޫލެއް ކަމުގައި ސާބިތުކުރެވިފައިވާ ފިކުރެއް ނޫނެވެ.

މި ދަންނަވާ ފިކުރާމެދު މިއަށްވުރެ ފުޅާ ދާއިރާއެއްގައި ވިސްނައިފި ނަމަ އެފިކުރުން ކުރިފަޅަނީ އަންހެނުންގެ މައްސަލަތަކުގެ އިތުރަށް، ފިރިހެނުންގެ މައްސަލަތަކާއި، ޒުވާނުންގެ މައްސަލަތަކާއި، މުސްކުޅިންގެ މައްސަލަތަކާއި، މަސައްކަތްތެރިންގެ މައްސަލަތަކާއި، މަސައްކަތްދޭ ފަރާތްތަކުގެ މައްސަލަތަކާއި، ޑޮކްޓަރުންގެ މައްސަލަތަކާއި، ގާނޫނީ ވަކީލުންގެ މައްސަލަތަކާއި، ޢަރަބީންގެ މައްސަލަތަކާއި، އިންޑިޔާ މީހުންގެ މައްސަލަތަކާއި، މިފަދަ އެތައް ބައިވަރު ނަންތަކާއެކު ކިޔޭ ނިމުމެއްނެތް ދިގު ލިސްޓެކެވެ. މި ފިކުރުން ނުކުންނަ އަނެއް މައްސަލަ އަކީ މި ފިކުރު އިންސާނުންނާއި އިންސާނީ މުޖުތަމަޢުތައް އިންތިހާ ދަރަޖައަށް ކުދި ބައިބަޔަށް ބަހާލާ ކަމެވެ. މިގޮތުން ބަހާލެވިފައިވާ ކޮންމެ ވަކި ބަޔެއްވެސް އެބަޔެއްގެ މައްސަލަތައް ނުވަތަ ދަތިތަކާމެދު ސަމާލުކަންދީ އަމިއްލަ މަސްލަހަތުތައް ހިމާޔަތްކުރަން އެހެން ބައިތަކާ ވާދަކުރަމުން ދެއެވެ. ޝައްކެއްނެތްގޮތުގައި، މިފަދަ ބައިބައިވުމެއްގެ ތެރޭގައިވެސް ކުދި އަދި ބާރުކުޑަ ފެކްޝަންތަކަށްވެސް މި ނިމުމެއްނެތް ހަރަކާތުގެ ޒަރީއާއިން ކޭކުފޮތީގެ ކޮންމެވެސް ފަޅިވަރެއް ލިބެއެވެ. އަދި އެންމެ ބާރުގަދަ ފެކްޝަނުން ކޭކުފޮތީގެ މައިބައި ހޯދައިގަނެ އެވެ. މިޒަމާނުގެ ލިބަރަލް ޑިމޮކްރަސީތަކުގައި ގިނަފަހަރަށް ކަން ހިނގަނީ މިފަދަ ބީދައަކުންނެވެ.

އިސްލާމްދީނުގައި މައްސަލަތަކާމެދު ދެކޭގޮތް މިއާ ތަފާތެވެ. އިސްލާމް ދީނުގައި މައްސަލަތަކާ ކުރިމަތިލަނީ މި ފަދައިން ފަޅިފަޅި ކޮށްލެވިފައިވާ (މިސާލަކަށް އިޖްތިމާޢީ، އިޤްތިޞާދީ މައްސަލަ) މައްސަލަތަކެއްގެ ގޮތުގައި ނުވަތަ ގުރޫޕުކޮށްލެވިފައިވާ މީހުންތަކެއް (މިސާލަކަށް އަންހެނުން، ފިރިހެނުން، މަސައްކަތްތެރިން) ގެ މައްސަލަތަކެއްގެ ގޮތުގައެއް ނޫނެވެ. މިއާ ޚިލާފަށް އިސްލާމްދީން ހުރިހާ މައްސަލަތަކެއްވެސް ދެކެނީ "އިންސާނީ މައްސަލަ"ތަކެއްގެ ގޮތުގައެވެ. މި މައްސަލަތަކުގެ ހައްލުތައް ހޯދަނީ ޝަރުޢީ ޙުކުމްތަކުންނެވެ. މިގޮތުން މުޖްތަހިދުން ކޮންމެ މައްސަލައެއް އެއީ އިންސާނިއްޔަތަށް ދިމާވެފައިވާ މައްސަލައެއްގެ ގޮތުގައި ދެކި އެމައްސަލައިގެ ހަގީގަތާއި ޝަރީޢަތުގެ މަސްދަރުތައް ދިރާސާކޮށް އެ މައްސަލައެއްގެ ހައްލު ނެރެއެވެ. އެ ހައްލު ހޯދޭ ހިސާބުން ފެށިގެން ޝަރުޢީ ޙުކުމެއްގެ ގޮތުގައި ތަންފީޒުކުރެވެން ފަށައެވެ. އަދި އެންމެހާ މީސްތަކުން އެ ޙުކްމަށް ތަބާވާން ޖެހެ އެވެ. ހަމަ އެހެންމެ، ހިސާބު ބައްލަވާ ދުވަހު އެއާމެދު ޖަވާބުދާރީވާން ޖެހެ އެވެ.

މި ގޮތުން އެންމެހައި މީސްތަކުން އެއްބައިވަންތަކަމާއެކު އިންސާނުންގެ ހައިސިއްޔަތުން މައްސަލަތައް ހިއްސާކޮށް، އެ މައްސަލަތަކުގެ ހައްލު ހޯދުމުގައި ޒިންމާ ނަގައެވެ. މިއާ ޚިލާފަށް، މިހާރު ފެތުރިފައި މިވާ ފިކުރުގައި ކޮންމެ ފެކްޝަނަކުންވެސް އެމީހުން އަމިއްލަކޮށްފައިވާ މައްސަލަތަކަކީ އެމީހުންގެ އަމިއްލަ މައްސަލައެއް ކަމަށް ދެކޭހިނދު، އެހެން އެންމެން އެހެންޏާ އެއްގޮތަކަށްވެސް އަޅައެއް ނުލައެވެ. ނުވަތަ ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް މެނުވީ ނުދެއެވެ. ނަތީޖާއަކީ މުޅި އިންސާނީ މުޖުތަމަޢު ބައިބައިވެ ހަގީގީ ހައްލުތަކެއް ލިބުމުން މަހުރޫމް ވުމެވެ.

ވިސްނަވާށެވެ. މަތީގައި ބަޔާންކުރެވުނު ފަދައިން އިންތިހާއަށް ބައިބައިވެފައިވާ މުޖުތަމަޢެއްގެ އަލިގަދަ މިސާލަކަށް މި ދިވެހި ރާއްޖެ ނުވޭތޯ އެވެ؟ އަޅުގަނޑުމެންގެ މައްސަލަތައް ހައްލުކުރުމުގައި މަތީގައި ބަޔާންކުރި ނުރަނގަޅު ފިކުރުތައް އިސްކުރުމުގެ ނަތީޖާއަކީ ހަގީގީ ހައްލުތަކެއް ނުލިބި މުޅި މުޖުތަމަޢު މާޔޫސްކަމުގެ ތެރެއަށް ވެއްޓުން ނޫންތޯއެވެ؟ ވިސްނަވާށެވެ. މުޖުތަމަޢު އިސްލާޙު ކުރުމުގެ މަސައްކަތުގައި ހެޔޮ ނިޔަތުގައި، ހީވާގިކަމާއެކު މަސައްކަތް ކުރައްވާ ބޭފުޅުން އިތުރަށް ވިސްނަވާށެވެ. ތިޔަ ބޭފުޅުންގެ ވަގުތާއި ހަކަތައިގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށްޓަކައި ނަތީޖާ ނެރެވޭފަދަ ފިކުރަކަށް ބަރޯސާވެ އެހެން ފަނާކުރުވަނިވި ފިކުރުތައް ދޫކޮށްލަން މިހާރުވެސް މާ ލަސްވެއްޖެ އެވެ. ޝައްކެއްނެތްގޮތުގައި މި ދަންނަވާ ނަތީޖާ ނެރެވޭފަދަ ފަންވަރު ހުރި، ހެޔޮ ފިކުރަކީ އިސްލާމީ އުސޫލުން މައްސަލަތައް ހައްލުކުރުމެވެ.

ނޯޓް: މިއީ ޙިޒްބުއްތަހްރީރް އޮސްޓްރޭލިޔާގެ ތަރުޖަމާން އުސްމާން ބަދްރުގެ ލިޔުއްވުމެއް އަސްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.

ގުޅުންހުރި

1 ޚިޔާލު

  1. މި ލިޔުން ހުލާސާކޮށް ބުނާނަމަ މި ބުނަނީ، އިސްލާމީ މުޖުތަމައުގާ ހުރި މައްސަލަތައް ހައްލުކުރުމަށް މިހާރު އަމަލު ކުރެވެނީ ގޯސް ކޮށް ކަމާ ރަނގަޅު ގޮތަކީ ތިމަންނާ މި ބުނާ ގޮތް ކަމެވެ.. އަދި ތިމަންނާ މިބުނަނީ އިސްލާމް ދީނުގައި ބުނާ ގޮތެއްވެ… އިސްލާމް ދީނުގައި ބުނަނީ މުޖުތަމައުގައި އުފެދޭ ކޮންމެ މައްސަލައަކާ މުޅި މުޖުތަމައުގެ އެންމެން އެއްވަރަކަށް ކަންބޮޑުވެ ވިސްނާ އެއަށް ހައްލު ހޯދާނީ ކަމުގައެވެ. ވަރަށް މޮޅު ވާހަކައެކެވެ. އެކަމަކު މައްސަލައަކީ އެއީ މުސްތަހީލު ކަމަކަށްވާތީއެވެ. އަންހެނުންނަށް ދަތި ތަކެއް ދިމާވާނަމަ އެވާހަކަ ދައްކާ އެކަމަށް ހައްލު ހޯދުމަށް އުޅޭނީ އަންހެނުންނެވެ. އެއި އެ މައްސަލައިގެ ސަބަބުން އުނދަގޫވާ ބަޔަކީ އަންހެނުން ކަމުގައިވާތިއެވެ. އަނެއްކޮޅުން އަނހެނުންގެ މައްސލަަތއް ހައްލު ކުރުމުަށް މި މަސައްކަތް ކުރެވެނީ އެތައް ދިރާސާތަކެއް ކުރެވީ އެތައް މަސައްކަތްތަކެއް ކުރެވުމާއެކުއެވެ.. އެކަމަކު ހަމަ މީހަކު ހުރެލާފަ ހިޔާލަށް ފެންނަ ގޮތަކަށް ބަޔާންކޮށް މިއީ އިސްލާމް ދީނުގައި ވާ ގޮތޭ ބުނުމުން ހަގީގަތުގައި އެއީ އިސްލާމް ދީނަށް ރައްދުކުރެވޭ ބަދުބަހެއްކަމުގައި ނޫނީ ނުވާނެއެވެ.ް ޝައްކެއް ނެތް ކަމަކީ އިންސާނިއްޔަތަށް ދިމާވާނެ ކޮންމެ މައްސަލައެއްގެ ހައްލު ދީނުގައި ވާކަމެވެ.. ދީނުގެ މަސްދަރު ތަކުގައި އޮތީ ހައްލު ހޯދަން ހަދާނެ ގޮތެވެ.. ދީނުގައި ބުނަނީ ހައްލު ހޯދުމަށް އެ ކަމާ ބެހޭ މާހިރުންނާ މަޝްވަރާ ކުރުމަށެވެ. ދިރާސާ ކުރުމަށެވެ… ތިޔަބައިމީހުން ފިކުރު ކުރުމަށް އަންގަވާފައިވަނީ އެބީދައިންނެވެ..

Your email address will not be published. Required fields are marked *