ޞިއްޙަތު

ގުރުދާ (ކިޑްނީ)ގެ ބަލިތައް

އުފެދުމުގައި ހުންނަ ބަލިތައް
އަސް ފައިގެ ބައްޓަމަށް ގުރުދާ ހުރުން : މިއީ އުފެދުމުގައި ދެގުރުދާ ގުޅި އަސްފައިގެ ބައްޓަމަށް ދެގުރުދާ ހުރުމެވެ. މިއީ ދެގުރުދާ ގުޅިގެން އުފެދުމުގެ ތެރޭގައި ކުރިމަތިވާ އެންމެ އާންމު ޢައިބެކެވެ. އާބާދީގެ ކޮންމެ 600 މީހުންގެ ތެރެއިން އެކަކަށް މިބަލި ޖެހޭ ކަމަށް ދިރާސާ ތަކުން ދައްކައެވެ. ޓާރނަރ ސިންޑްރޯމް ހުންނަ މީހުންގެ 15 އިންސައްތަ މީހުންނަށް މިބަލި ކުރިމަތިވާ ކަމަށް ދިރާސާ ތަކުން ދައްކައެވެ.
ގުރުދާ ގައި ވައިކޮތަޅު އުފެދުން : މިއީ އުފެދުމުގައި އާދަޔާ ޚިލާފަށް ގުރުދާގައި ވައިކޮތަޅު ހެދިފައި ހުރުމެވެ. އެގޮތުން ދެ ގުރުދާގައި އާދަޔާ ޚިލާފަށް ގިނައިން ވައިކޮތަޅު(Cyst) އުފެދެއެވެ. މިބަލި ޖެހުމުން ފުރަމޭ،ޗިސްމޭ، ސިކުނޑި، އަދި ހިތަށް އަސަރު ފޯރައެވެ. މިބަލީގެ ދެވައްތަރެއް ހުންނަކަން ފާހަގަ ކުރެވިފައި ވެއެވެ.

އެކިގޮތްގޮތުން ޖެހޭބަލިތައް
ހަކުރު ބަލީގައި ގުރުދާ ހަލާކުވުން : މިއީ ހަކުރު ބަލީގެ ސަބަބުން ގުރުދާ ހަލާކުވެ ދިއުމެވެ. މިބައްޔަށް '''ކިމެލްސްޓީލް-ވިލްސަން ސިންޑްރޯމް'''، އަދި '''އިންޓަކެޕިލަރީ ގްލޯމެރިޔުލޯ ނެފްރައިޓިސް''' އޭ ވެސް ކިޔައެވެ. މިބަލީގެ ސަބަބުން ގުރުދާގެ ގްލޯމެރިޔޫލަސް ތަކުގައި ހުންނަ ކުދިކުދި ލޭހޮޅި ނުވަތަ ކެޕިލަރީ ތައް ހަލާކު ކޮށްލައެވެ. ވަރަށް ގިނަ މީހުންނަށް މިބަލީގެ ސަބަބުން ޑައަލިސިސް ހަދަން ޖެހެއެވެ.

ގްލޯމެރިޔޫލޯ ނެފްރައިޓިސް : މިއީ ގުރުދާގައި ހިމެނޭ ކުދިކުދި ގްލޯމެރިޔޫލަސް ނުވަތަ ކުދިކުދި ލޭހޮޅި ތަކުގައި އިންފްލެމޭޝަން އުފެދުމެވެ. މިބަލި ޖެހުމުން ކުޑަކަމުދާ ތަކެތީގައި ލޭހުރުން، ކުޑަކަމުދާ ތަކެތީގައި ޕްރޮޓީން ހުރުން، ފަދަ ކަންކަން ކުރިމަތި ކުރުވައެވެ. ނެފްރެޓިކް ސިންޑްރޯމް، ނެފްރިޓިކް ސިންޑްރޯމް، ވަގުތީ ސިފައެއްގައި ގުރުދާ ފޭލްވުން، ދާއިމީ ސިފައެއްގައި ގުރުދާ ފޭލްވުން މިއިން ކޮންމެ ކަމަކީ މިބައްޔާއި ގުޅިގެން ކުރިމަތިވެދާނެ މައިގަނޑު ބައެއް ކަންތައްތަކެވެ. މިބަލީގެ ތަފާތު ވައްތަރުތައް ހިމެނޭ އިރު މައިގަނޑު ގޮތެއްގައި މިބަލީގެ ވައްތަރުތައް ވަނީ ދެބަޔަކަށް ބަހާލެވިފައެވެ.

ހައިޑްރޯނެފްރޯސިސް : މިއީ ގުރުދާ އިން ކުޑަކަމުދާ ތަކެތި ބޭރުވުމަށް ހުރަސްތަކާ ކުރިމަތިވެ، ކުޑަކަމުދާ ތަކެތި ޖަމާވުމުން ގުރުދާގެ ޅިނދު ފުޅާވެ ފުފޭ ގޮތް ވުމެވެ. އެންމެ ސާދާ ބަހުން ބުނާނަމަ މިއީ [[ގުރުދާ]] އިން ކުޑަކަމުދާ ތަކެތި ބޭރުނުވެ، އޭގައި ޖަމާވެފައި ހުރުމެވެ. ލަފްޒީ މާނައަށް ބަލާއިރު މީގެ މާނައަކީ ގުރުދާގައި ފެންޖަމާވުން ނުވަތަ ގުރުދާގައި ފެންހަރުލުމެވެ.

ގުރުދާގެ ކެންސަރު : ގުރުދާގެ ކެންސަރުގެ ތަފާތު ވައްތަރު ތައް ހުރެއެވެ. އޭގެ ތެރެއިން ފާހަގަ ކުރެވޭ އެއް ވައްތަރަކީ ވިލްމްސް ޓިއުމަރު ގެ ނަންދީފައިވާ ކެންސަރުގެ ވައްތަރެވެ. އަނެއް ވައްތަރަކީ ގުރުދާގެ ސެލްތަކުގެ ކެންސަރު ގެ ނަމުން މަޝްހޫރު ވެފައިވާ ވައްތަރެވެ. ވިލްމްސްޓިއުމަރަށް '''ނެފްރޯބްލާސްޓޯމާ''' އޭ ވެސް ކިޔައެވެ. މިޓިއުމަރު އެންމެ ފުރަތަމަ ހޯދީ ޖަރުމަނުގެ ސާޖަރީ ޑޮކްޓަރެއް ކަމުގައި ޑރ ވިލްމްސް އެވެ. އެހެންކަމުން މިޓިއުމަރަށް މިބުނި ޑޮކްޓަރުގެ ނަމުން ނަންދެވުނެވެ. އާންމު ގޮތެއްގައި ވިލްމްސް ޓިއުމަރު ކުރިމަތިވަނީ ކުޑަކުދިންނަށް ކަން ފާހަގަ ކުރެވެއެވެ.

ޕައިއެލޯނެފްރައިޓިސް : މިއީ ކުޑަކަމުދާ ނިޒާމްގެ އިންފެކްޝަން މައްޗަށް ގޮސް ގުރުދާގެ ޅިނދަށް އޭގެ އަސަރު ނުވަތަ އިންފެކްޝަންގެ އަސަރު ފޯރުމެވެ. ޕައިއެލޯ ނެފްރައިޓިސް މިބަހުގައިވާ ޕައިއެލޯ ނިސްބަތްވަނީ '''ޕައިއެލަމް''' އަށެވެ. މާނައަކީ ގުރުދާ ގެ ޅިނދެވެ. '''ނެފްރޯސް'' މިބަހުގެ މާނައަކީ ގުރުދާ އެވެ. ނެފްރޯސް އަކީ ގްރީކް ބަހުން ގުރުދާއަށް ކިޔާ ނަމެވެ. "އައިޓިސް" މާނައަކީ ދުޅަވުމެވެ. އެހެންކަމުން ލަފްޒީ މާނައަކީ ގުރުދާގެ ޅިނދު ދުޅަވުމެވެ.
ލޫޕަސް ނެފްރައިޓިސް : މިއީ ދިފާޢީ ނިޒާމަށް ޖެހޭ ބައްޔެއް ކަމުގައިވާ '''ސިސްޓެމިކް ލޫޕަސް އިރިތްމަޓޯސަސް(އެސްއެލްއީ) ކިޔާ ބައްޔެއްގެ ޖެހުމުން އޭގެ ސަބަބުން ގުރުދާއަށް އަސަރުކޮށް ގުރުދާގައި އިންފްލެމޭޝަން އުފެދުމެވެ. މިބުނި ބަލީގެ ސަބަބުން ގުރުދާގެ އިތުރުން ހަމާއި، ހުޅުތައް، އަދި ނާރުތަކުގެ ނިޒާމަށް އަސަރު ފޯރުވައެވެ.

ގުރުދާގައި ހިލައުފެދުން : އާބާދީގެ ކޮންމެ 20 މީހަކުން އެކަކަށް އުމުރުގެ ކޮންމެ ވެސް ދުވަސްވަރެއްގައި ގުރުދާގައި ހިލައުފެދުން ކުރިމަތިވާ ކަމަށް ތަފާސް ހިސާބު ތަކުން ދައްކައެވެ. ގުރުދާގައި އުފެދޭ ހިލައަކީ ތަފާތު މަޢުދަން ތަކާއި، ކްރިސްޓަލް ތައް އެއްވެގެން އުފެދޭ ހަރު މާއްދާ އެކެވެ. ކުޑަކަމުދާއިރު ލޭއައުން، ދަށްބަނޑުން އެއްފަޅިއެއްގައި ރިހުން ފަދަ ކަންކަމަކީ ގުރުދާގައި ހިލައުފެދުމުން ފެނިދާނެ ބައެއް އަލާމާތްތަކެވެ.

ގުރުދާ ފޭލްވުން : ގުރުދާ ފޭލްވުމަކީ ހަށިގަނޑުގައިވާ ދެގުރުދާގެ މަސައްކަތް ހުއްޓުމަކަށް އައުމެވެ. ބައޯކެމިކަލް ގޮތުން ގުރުދާ ފޭލްވިކަން އަންގައިދެނީ ލޭގައި ކްރިއެޓިނިން ހިމެނޭ މިންވަރު އާދަޔާ ޚިލާފަށް އިތުރުވެފައި ވާނަމަ އެވެ. ފިޒިއޮލޮޖިކަލް ގޮތުން ބަލާއިރު ގުރުދާ ފޭލްވުން ކަމުގައި ބެލެވެނީ ގުރުދާ ގްލޯމެރިޔޫލަސް ތަކުން ލޭ ސާފުކުރާ މިންވަރު(Glomerular filtration rate) ދަށްވުމަށެވެ. ގުރުދާ ފޭލްވުން ދެބަޔަކަށް ބަހާލެވެއެވެ. އެއީ ވަގުތީ ސިފައެއް ގައި ގުރުދާ ފޭލްވުން އަދި ދާއިމީ ސިފައެއްގައި ގުރުދާ ފޭލްވުން މިދެވައްތަރެވެ.

ގުރުދާ ބަލީގެ އިންޒާރު ދެނިވި ޢަލާމާތްތައް
· ފޮއްސިވުން : އަތްފައި، ލޯ ފޮއްސިވުން
· ނޭވާކުރުވުން
· ކުޑަކަމުދާ ތަކެތީގައި ލޭހުރުން ނުވަތަ ފުސް ކުލައަށް ހުރުން
· ވިސްނުމުގެ ހާލަތު ބަދަލުވުން
· ލޭ އަދި ކުޑަކަމުދާ ތަކެތީގެ ޓެސްޓް ނަތީޖާތައް ތަބީޢީ ގޮތެއްގައި ނުހުރުން
· ބޮލުގައި ރިހުން
· ލޭގެ ޕްރެޝަރު މަތިވުން
· އާދަޔާ ޚިލާފަށް ވަރުބަލިވުން
· ރޭގަނޑު އާދަޔާ ޚިލާފަށް ކުޑަކަމުދެވުން
· ކާހިތްނުވުން
· ބަރުދަން ލުއިވުން
· ގައިގައި ކަހައި ހިރުވުން

 

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *