ބަލިވުމުން އެބައްޔަކަށް ފަރުވާ ހޯދުމަކީ ކޮންމެމީހަކުވެސް ކޮށްއުޅޭ ކަމެކެވެ. އެމީހެއްގެ މާލީ ކެރިފޯރުންތެރިކަން ހުރި މީންވަރަކުންނެވެ. އެފަދަ ފޯރުންތެރިކަމެއް ނެތް މީހަކުނަމަ ބޭސްފަރުވާއަށްޓަކައި ސަލާންޖަހައިއުޅޭ ވާހަކައަކީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް މަޝްހޫރު ވާހަކައެކެވެ. އަދި މިވާހަކައަކީ ސިޔާސީ ޕޯޑިއަމްތަކުގައި ވަރަށް ގިނައިން ދެކެވޭ ވާހަކައެކެވެ. ހުރިހާ ރައްޔިތުންގެ އިހުސާސްތަކާއި ގުޅިފައިވާ އަސާސީ ހައްގަކަށް ވީތީއެވެ. މި ވާހަކައަކީ ރައްޔިތުންގެ ތާއީދު ހޯދަން މާމޮޅުވާހަކަ އެކޯލައެވެ.
ބަލިވުމުން ފަރުވާ ހޯދުމަށް ދާންޖެހެނީ ޑަކުތަރު ކާރިއަށެވެ. ބަލިމީހާގެ ވާހަކަތައް އަޑުއަހާފައި ނުވަތަ ބަލިމީހާ ލެބޯޓަރީއަށް ފޮނުވައިގެން ތަހުލީލުތަކެއް ކުރުވުމަށްފަހު ބަލިދަނެގަނެ، އެބައްޔަކަށް ދޭނެ ފަރުވާއެއް ޑަކުޓަރު ކަނޑައަޅައެވެ. މިކަން ކުރުމުގައި ޑަކުތަރުންގެ ދައުރަކަށް އާއްމުގޮތެއްގައި ވެފައި އޮންނަނީ އެބައްޔަކަށް ޝިފާލިބޭނީ ކޮންބޭސްތަކެއް ބޭނުންކުރުމުން ކަމާއި އެބޭސް ބޭނުންކުރާނެ ގޮތް ބަލިމީހާއަށް ބުނެދީ އެ ބޭސްތައް ސިޓީއެއްގައި ލިޔެދިނުމެވެ. މި ސިޓީއަށް އާއްމުކޮށް ކިޔާއުޅެނީ ބޭސްސިޓީ އެވެ. ހަގީގަތުގައި ފަރުވާ ފެށެނީ މި ހިސާބުންނެވެ. ސަބަބީ ބައްޔަށް ޝިފާއެއް ލިބޭނީ ބޭސް ބޭނުންކުރާން ފެށުމުން ކަމަށްވާތީއެވެ. ނަމަވެސް ސިޓީއަށް ބޭސްގަތުމަކީ ޞިއްހީފަރުވާގެ ތަކުލީފުތަކުގެ ތެރޭގައި ހިމެނޭ އެންމެބޮޑު އެއްތަކުލީފެވެ. ދިވެހިރާއްޖޭގައި ހުރި އެންމެބޮޑު އަމިއްލަ ހަސްފަތާލުގައި ހުރި ބޭސްފިހާރައަކުން އާސަންދައިގެ ދަށުން ބޭސްގަންނަން، އެއްގަޑިއިރާ ސާޅީސްތިންމިނެޓް ވަންދެން ކިއުގައި އިންނަންޖެހުނެވެ. ސަރުކާރު ހަސްފަތާލުގައި ހުންނަ ބޭސްފިހާރަވެސް މިވަރުނުވިނަމަވެސް މާބޮޑުތަން ސަހަލެއްނޫނެވެ. ޑިއުޓީއާއި ޖީ.އެސް.ޓީ ޑަކުތަރީ ބޭހުން ނުނެގިނަމަވެސް ބޭހަކީ ރާއްޖޭގައި އަގު ބޮޑު އެއްޗެކެވެ. އެއްކުފުންޏަކުން އުފައްދާފައިވާ އެއްނަމެއްކިޔާ އެއްބޭހެއް ތިންފިހާރައަކުން އަގުބަލާލީމެވެ. އެއްތަނުގައި ދެ ރުފިޔާއަށް ގުޅައެއްހުރިއިރު އަނެއްތަނުގައި ހުރީ ދެ ރުފިޔާ ތިރީސް ލާރިއަށެވެ. އަދި ތިންވަނަ ތަނުގައި ހުރީ ތިންރުފިޔާ ފަންސާސްލާރިއަށެވެ. ބޭސްސިޓީ ހިފައިގެންދާ މީހާ އާއްމުގޮތެއްގައި އިތުރު ތަނަކަށް ދާން ބޭނުމެއްނުވާނެއެވެ. ސަބަބަކީ ބޭސްގަންނަން ދަނީ އާއިލާގެ ކޮންމެވެސް މީހަކު ބަލިވެގެންނެވެ. ބޭނުންވާނީ އަވަހަށް ބަލިމީހާއަށް ފަރުވާ ލިބުމެވެ. ފަރުވާލިބޭނީ ބޭސް ބޭނުންކުރާން ފެށުމުންނެވެ. އަގުގެ ތަފާތެއް ހުރިތޯ ބަލާމީހަކު ވަރަށް މަދުވާނެއެވެ. ސަރުކާރުގެ ކަމާއިބެހޭ މުއައްސަސާތަކުންވެސް މިކަން ބަލާކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ބައެއް ބޭސްފިހާރަތަކުން ހިތަށްއެރި އަގަކަށް ބޭސްވިއްކަނީ އެހެންވީމަކަމަށް ފެނެއެވެ.
ބޭސްސިޓީއަށް ސަލާންޖެހުން ހުއްޓޭނެ ގޮތެއް ހޯދުމަށްޓަކައި 2007 ވަނަ އަހަރު މަދަނައިގެ ނަމުގައި ސަރުކާރުން ވަނީ ހިލޭ ބޭސްފަރުވާ ކުރެވޭ ނިޒާމެއް ތަޢާރަފު ކޮށްފައެވެ. ނަމަވެސް މިނިޒާމުގެ ދަށުން ޚިދުމަތް ލިބެނީ ބަލިމީހާއަކަށް ނޫނެވެ. ޚިދުމަތް ދިނުމަތް ރަޖިސްޓްރީ ކޮށްފައިވާ ތަންތަނުގެ ލެޓަރހެޑަށެވެ. މިހެންދަންނަވަން ޖެހެނީ "އާސަންދަ" އިގެ ނަމަށް މިހާރު ބަދަލުކޮށްފައިވާ މިދެންނެވި ނިޒާމުގެ ދަށުން ބޭސްލިބެނީ، އެނިޒާމުގެ ދަށުން ޑަކުތަރަށް ދެއްކޭ ތަންތަނުގެ ލެޓަރހެޑްގައި ލިޔެފައި ހުންނަ ބޭސްސިޓީތަކަށް އެކައްޏެވެ. ރާއްޖޭގައި ކުލިނިކު ހިންގުމުގެ ހުއްދަ ސަރުކާރުން ދީގެން ހިންގާ ކުލިނިކުތަކުގެ ތެރެއިން އެންސްޕާއަށް ދަރަންޏަށް ޚިދުމަތް ނުދޭ އެއްވެސް ކުލިނިކެއްގައި މަސައްކަތްކުރާ ޑަކުތަރުން އެފަދަ ކުލިނިކުތަކުގެ ލެޓަރހެޑުތަކުގައި ލިޔެދޭ ބޭސްސިޓީ ތަކަށް އާސަންދައިގެ ދަށުން ބޭސްލިބޭ ގޮތެއްނުއޮވެއެވެ. ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ޑަކުތަރުންނަކީ ވެސް ބޭސްފަރުވާ ކުރުމުގެ ހުއްދަ ދިވެހިސަރުކާރުން ދެއްވާފައިވާ ޑަކްތަރުންނެވެ. އާސަންދައިގެ ދަށުން ޚިދުމަތްނުދޭ ކުލިނިކުތަކުގައި މަސައްކަތް ކުރާ ޑަކްތަރުންނަށް ސަރުކާރުން އިތުބާރު ނުކުރަނީކަމަށް ވެސް ޤަބޫލުކުރެވޭކަށް ނެތެވެ. އެފަދަ ޑަކުތަރުންވެސް އާސަންދައިގެ ޚިދުމަތްދޭ ކުލިނިކުތަކުގެ ލެޓަރހެޑްގައި ލިޔެދޭ ބޭސްތައް އާސަންދައިގެ ދަށުން ލިބޭތީއެވެ. ވީއިރު އާސަންދައިގެ ދަށުން ހިލޭ ބޭސްލިބެނީ ހަމަ ހަގީގަތުގައިވެސް ރައްޔިތުމީހާއަށްތޯ ނުވަތަ އާސަންދައިގެ ޚިދުމަތްލިބޭ ކުލިނިކުތަކުގެ ލެޓަރހެޑްތަކަށްތޯ ސުއާލު އުފެދެއެވެ.
ސަރުކާރުން ހިންގާ ހިލޭ ބޭސްފަރުވާ ކުރެވޭ ނިޒާމާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވާ، ސަރުކާރުގެ މަސްއޫލުވެރިން އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ ކޮންމެ ރައްޔިތަކަށް އަހަރެއްގެ މައްޗަށް އެއްލައްކަދިވެހި ރުފިޔާގެ ބޭސް ހިލޭ ކުރެވޭނެ ކަމަށެވެ. އެކިކަންކަމަށް އެކިމިންވަރު ކަނޑައެޅިފައިވާ މިނިޒާމުގެ ދަށުން، އެޑްމިޓް ނުކޮށް އަހަރެއްގެ މައްޗަށް ދިހަހާސް ރުފިޔާގެ ބޭސް ހިލޭ ލިބޭނެކަމަށް 1400 އަށް ގުޅުމުން ޖަވާބުދެއްވި ބޭފުޅާވިދާޅުވިއެވެ. ވީއިރު އާސަންދައިގެ ދަށުން ޚިދުމަތްދޭ ކުލިނިކަކުން ޑަކުތަރަށް ނުދެއްކިނަމަވެސް އެމީހާއަކީ ހަމަ ދިވެހި ރައްޔިތެކެވެ. އާސަންދައިގެ ޚިދުމަތްދޭ ބޭސްފިހާރަތަކުން އެމީހާ ގެންނަ، ރާއްޖޭގައި ބޭސްފަރުވާކުރުމުގެ ހުއްދަ އޮންނަ ޑަކުތަރުން ދީފައި އޮންނަ ބޭސްސިޓީއަށް، އާސަންދައިގެ ދަށުން ޚިދުމަތް ނުލިބެންވީ ސަބަބެއް އޮވެގެންނުވާނެއެވެ. ނަމަވެސް ހިލޭ ބޭސްލިބެނީ ރައްޔިތުމީހާއަކަށް ކަމަށްވާނަމައެވެ.
އާސަންދައިގެ ޚިދުމަތް ހޯދުމަށް ދިމާވާ އެހެން ދައްޗެއްވެސް އެބައޮތެވެ. ޚިދުމަތް ހޯދުމަށް ގެންދަން ޖެހެނީ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑެވެ. ހަމަ ހަގީގަތުގައިވެސް ޚިދުމަތް މިދެވެނީ ދިވެހި ރައްޔިތަކަށްތޯ ކަށަވަރުކުރާންވެސް ޖެހޭނެއެވެ. ނަމަވެސް އެއްވެސް ސަބަބަކާއިހުރެ އެމީހެއްގެ އައި.ޑީ ކާޑުގެ މުއްދަތު ހަމަވެފައިވާނަމަ އެމީހަކަށް ޚިދުމަތް ލިބޭނެގޮތެއް ނެތެވެ. ކިތަންމެ ނުރައްކާތެރި ހާލަތެއްގައި ބަލިމީހާއޮވެފައި އޭނަގެ މާލީ ހާލަތު ކިތަންމެދަށް ނަމަވެހެވެ. މިހާ ހިސާބުން އުފެދޭ ސުއާލަކީ ދިވެހިސަރުކާރުން، ގައުމަށްއުފަން ގައުމުގެ ދަރިންނަށް ރަށްވެހިކަންދެނީ ދިހައަހަރުގެ މުއްދަތަށް ބާވައެވެ. ދިހައަހަރުވުމުން އެހަމަވަނީ ރަށްވެހިކަމުގެ މުއްދަތުބާވައެވެ. އެހެންވެއްޖެއްޔާ އައި.ޑީ ކާޑުގެ މުއްދަތު ހަމަވުމަށްފަހު އޭނައަކީ ކާކުބާވައެވެ. އޭނަ ދިވެހިރާއްޖެއިން ޑީޕޯޓުނުކުރަނީ ކީއްވެގެންބާވައެވެ. އޭނަ ފޮނުވާލާނީ ކޮން ގައުމަކަށްބާވައެވެ. އޭނަ ދިވެހިރައްޔިތަކަށްވާނީ އައި.ޑީ ކާޑު އާކުރެވުނު ދުވަހަކުން ބާވައެވެ. މިހެންދަންނަވަން ޖެހުނީ އާސަންދައަކީ ކޮންމެ ދިވެހިރައްޔިކަށް ހިލޭ ބޭސްފަރުވާ ކުރެވޭ ނިޒާމެއްކަމަށް ސަރުކާރުން ތަކުރާރުކޮށްދަނީ ބުނަމުންނެވެ. އެހެންކަމަށްވާނަމަ އެޚިދުމަތުން އެއްވެސްމީހަކު މަހުރޫމުކުރެވޭނީ އެއީ ދިވެހިރައްޔިތަކަށް ނުވާތީއެވެ. އައި.ޑީ ކާޑުގެ މުއްދަތުހަމަވެގެން އާކުރިނަމަވެސް ކާޑުގައިވާ އެމީހާގެ މަޢްލޫމާތަކަށް ބަދަލެއްނާދެއެވެ. އެންމެކުޑަމިނުން އައި.ޑީ ކާޑުގެ ނަންބަރުވެސް ބަދަލެއްނުވެއެވެ. މުޙައްމަދު ކިޔާމީހެއްގެ އައި.ޑީ ކާޑު އާކުރުމަކުން އެމީހާ ޙަސަނަކަށް ބަދަލެއްނުވެއެވެ. އަދި ތުރާކުނު މީހެއްގެ ކާޑު އާކުރުމަކުން އެމީހާ ފިއްލަދޫ މީހަކަށްވެސް ނުވެއެވެ. އެއީ ހަމަ ކުރީގެ ވެސް މީހާއެވެ. ހަމަ އެރައްޔިތުމީހާއެވެ. ވީއިރު ކާޑަށް ވަކިމުއްދަތެއްވުމަކުން އެމީހަކަށް ލިބެންޖެހޭ އަސާސީ ޚިދުމަތަކުން އެމީހާ މަހުރޫމުވެގެން ނުވާނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...