ދާދިފަހުން ވިކިލީކްސް އިން ލީކް ކޮށްލި ޑޮކިއުމަންޓްތަކުން ހާމަވެފައިވާ ގޮތުގައި އީރާނަށް ހަމަލާދިނުމަށް ސައުދީއިން ވަނީ ކެތްމަދުވެފައިވާކަމަށާއި "ހަރުފައިގެ ބޯ ބުރިކޮށްލުމަށް" ސައުދީ ރަސްގެފާނު ވިދާޅުވެފައިވާކަމަށް އެމެރިކާގައި ހުންނަ ސައުދީ އެމްބެސެޑާރ އެމެރިކާގެ ސަރުކާރަށް ދަންނަވާފައިވާކަމަށް މިރިޕޯޓްތަކުން ބުނެއެވެ.
ވިކިލީކްސް އިން ލީކް ކޮށްފައިވާ ރިޕޯޓްތަކުން ހާމަވާގޮތުގައި އިރާނަށް ހަމަލާ ދިނުމަށް އެމެރިކާގެ ކިބައިން އެންމެ ގިނައިން އެދެފައިވާ އަރަބި ގައުމަކީ ސައުދީ އަރަބިއްޔާ ކަމަށާއި ސައުދީއިން އީރާނުން ކުރިއަށް ގެންދާ ނިއުކްލިއާ ޕްރޮގްރާމާއި މެދު ކަންބޮޑުވެފައިވާކަމަށެވެ. މީގެ ކުރިން އީރާން މައްސަލަ ހައްލުކުރުމަށް 'މަޝްވަރާ" ކުރުމަށް އަރަބި ޤައުމުތަކުން ބުނަމުން ދިޔަޔަސް ލީކްވި މި ލިޔުންތަކުން އެނގޭ ގޮތުގައި އަރަބި ގައުމުތަކުންވެސް މަޝްވަރާއަށް ވުރެ ބޮޑަށް 'ހަމަލާ' ދިނުމަށް ބޭނުންވެފައިވެއެވެ. އެހެންކަމުން އަރަބި ގައުމުތަކަށް ގިނަ ބަޔެއްގެ ފާޑު ކިޔުންތައް ދަނީ އަމާޒުވަމުންނެވެ.
އަރަބި ގައުމުތަކުގެ 'ފަރުދާގެ ފުރަގަސް' ހާމަވުމުން އެގައުމުތަކުން ތިބީ އެމެރިކާ އާއި ދެމެދު ދައްކާ މިފަދަ ސިއްރު ވާހަކަތައް ލީކުވާވާތީ ނިހާޔަތަށް ކަންބޮޑުވެފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...