ރިޕޯޓް ދެހާސް ބާރަ، މީހުން މެރުމުގެ ރިކޯޑާއިއެކު ކަޅު އަހަރަކަށް

ދެހާސް ބާރަ، މީހުން މެރުމުގެ ރިކޯޑާއިއެކު ކަޅު އަހަރަކަށް

ދެހާސް ބާރަ، މީހުން މެރުމުގެ ރިކޯޑާއިއެކު ކަޅު އަހަރަކަށް

ކިޔާލަން ހޭދަވާނީ 5 މިނިޓް

ފޮންޓް ސައިޒް

ނިމިގެންމިދާ 2012 ވަނަ އަހަރަކީ ދިވެހި ތާރީޚް ދުށް ޚާއްސަ އަހަރަކެވެ. ބޮޑެތި އެތައް ކަންތައްތަކެއް މި ދިވެހި ފަސްގަނޑުން ފެންމަތިވެގެން ދިޔަ އަހަރެކެވެ. ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުންވެސް މެއެވެ. އެގޮތުން ބަލާލަން މިއުޅެނީ 2012 ވަނަ އަހަރު ހިނގާފައިވާ ތަފާތު މަރުގެ މައްސަލަތަކަށެވެ.

2012 ވަނަ އަހަރުގެ ފެށިގެން އައީ ހިމޭންކަމާއެކުއެވެ. ހުރިހާ ގޮތަކުންވެސް ދިވެހިންނަށް އުފާވެރި ބާއްޖަވެރި އަހަރަކަށްވާނެކަމުގެ ފޮނި އުއްމީދު ދިވެހިރައްޔިތުންގެ ހިއްތަކަށް ވެރިކުރަމުންނެވެ. އެހެންނަމަވެސް މި ހިތްގައިމު އިހްސާސްތަކުގައި ދިވެހިންނަކަށް މާގިނަ ދުވަހަކު ނުތިބެވުނެވެ. މުޅި ގައުމު ސިއްސުވާލީ އަހަރުގެ ފުރަތަމަ އަނިޔާވެރި މަރާ އެކެއެވެ. 8 ޖެނުއަރީ 2012 ވަނަ ދުވަހުގެ ރޭ 8:30 އެހާއިރު ދ.ކުޑަހުވަދޫގައި ޒަހަމްތަކަކާއިއެކު ލެއިން ތައްތަޅެިފާއި އޮއްވާ ފެނިފައިވަނީ އެރަށު ސަމަންދަރު، އަލީ ހުސެއިން ނަމަކަށް ކިޔާ އުމުރުން 70 އަހަރުގެ މީހެކެވެ. މި މަރާއި ގުޅިގެން ހަ މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރާއިރު އޭގެ ތެރޭގައި ހިމެނެނީ އުމުރުން 18 އަހަރުން ދަށުގެ ތިން ކުއްޖަކާއި އަލީ ހުސެއިންއަށް ދޮންކާފާ ކިޔާ މީހަކާއި އިތުރު ދެ މީހުންނެވެ. މީގެ ތެރެއިން 2 ކުއްޖެއްގެ މައްޗަށް ކުށް ސާބިތުވެ އެއްކުއްޖެއްގެ މައްޗަށް ހެކި ނެތްކަމަށް މި ޑިސެމްބަރ މަހުގެ 13 ވަނަ ދުވަހު ވަނީ ހުކުމްކޮށްފައެވެ. އަލީ ހުސައިންގެ އާއިލާގެ ހުރިހާ ވާރިސުންވެސް ބޭނުންވަނީ މަރަށްމަރު ހިފުމަށެވެ.

އަހަރުގެ ދެވަނަ މަރަކަށް އަޅުގަނޑުމެންނާއި ބައްދަލުކުރީ އެންމެން ނަށްވެސް ބިރުވެރިކަން ގެނުވި މަރެކެވެ. ސަބަބަކީ މި މަރަކީ އޮޅިގެން ދެވުނު ހަމަލާއެއް ކަމަށް ޕޮލިހުން ރިޕޯޓްކޮށްފައިވާތީއެވެ. އޮޅިގެން ދެވޭ މިފަދަ ކޮންމެ ހަމަލާއެއްގެ ޝިކާރައަކަށް އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ވެގެން ހިނގައިދާނެ ނޫންތޯއެވެ. 18 ފެބުއަރީ 2012 ވަނަ ދުވަހުގެ ރޭ މާލެތެރެ ފެނިގެން ދިޔައީ އެހާ އަމާންކޮށެއް ނޫނެވެ. އެގޮތުން 4 މާރާމާރީއެއް ހިނގުމަށްފަހު އެރޭ ދަންވަރު 1:45 އެހާއިރު ފިނޭސްމިނިސްޓްރީ ކައިރީން 12 ވަރަކަށް މީހުންގެ ގުރޫޕަކުން ހަމަލާދި މަރާލީ ގ.ވޭރު، އުމުރުން 21 އަހަރުގެ އަބުދުﷲ މުހީތުއެވެ. މިމައްސަލާގައި ދައުލަތުން ހަ މީހެއްގެ މައްޗަށް ދައުވާކުރަމުން ދާއިރު އޭގެ ތެރޭގައި ތިން ކުޑަކުދިންވެސް ހިމެނެއެވެ.

މާރޗްމަހު ގަސްދުގައި މީހަކު މެރުމުގެ އަމަލެއް ރިކޯޑް ކުރެވިފައި ނެތް ނަމަވެސް ޖެހިގެން އައި އެޕްރީލް މަހުގެ ފުރަތަމަ ދުވަހު ބޮޑުތަކުރުފާނު މަގުގައި އުމުރުން 33 އަހަރުގެ މ.ފެއަރީ ކޯނަރ، އަލީ ޝިފާނަަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލީއެވެ. މިމައްސަލާއިގައި ހަ މީހެއްގެ މައްޗަށް ކުރިމިނަލް ކޯޓްގައި ދައުވާ އުފުލާފައިވާއިރު ނިމިގެން ދިޔަ ނޮވެމްބަރު މަހުގެ 25 ދުވަހު މިމައްސަލައިގެ ހުކުމް ކުރުން ބާއްވާގޮތަށް ހަމަޖެއްސުމަށް ފަހު ފަހުން ވަނީ އެކަން ފަސްކޮށްފައެވެ.

ދެން އަޅުގަނޑުމެންނާއި ބައްދަލު ކުރީ މެއި މަހެވެ. މެއި މަސް ނިމިގެން ދިޔައީ އެއްދުވަހާ ކަހަލަ ގޮތަކަށް ހިނގައިދިޔަ ތަފާތު ދެ މަރާއެކުއެވެ. އެގޮތުން މެއި 30 ވަނަ ދުވަހަށް އިރުއެރީ އުމުރުން 16 އަހަރުގެ ކުޑަކުއްޖެއްގެ ހިތާމަވެރި މަރުގެ ޚަބަރާއެކުއެވެ. ދަރުމަވަންތަ ސުކޫލްގެ ގުރޭޑް 9 ގައި ކިޔަވަމުން ދިޔަ ހއ.ހޯރަފުށީ ނޫރާނީގެ އަރުހަމް މަރާލާފައި އޮއްވާ ފެނުނީ ގައިގެ އެކިތަަންތަނަށް ވަޅި ހަރާ ކުލިއްޔާގެ ޕާކުތެރެއަށް އެއްލާލާފައި އޮއްވައެވެ. ހަމަ މެއި މަހުގެ 30 ވަނަ ދުވަހުގެ ރޭ އަނެއްކާވެސް އަނިޔާވެރި އިތުރު މަރެއްގެ އަޑުތައް ދިވެހި ޖައްވަށް ފެތުރިގެން ދިޔައެވެ. ނ.މާފަރުގައި އުމުރުން 65 އަހަރުގެ ހަސަން އަބޫބަކުރު މަރާލާފައި އޮއްވައިފެނުނީ ކުނި ވަސް ދުވާތީ އެސަރަހައްދު ބަލަން ދިޔަބަޔަކަށެވެ. އޭނާ ފެނުނު އިރު އޮތީ އަތްފައި ބަނދެ އަނގަޔަށް ފޮތިގަނޑެއްލާ އަނގަވެސް ބަންދުކޮށްފައެވެ. މި މައްސަލައިގެ ޝަރީއަތްް މިހާރުވެސް ކުރިއަށް އެބަދެއެވެ.

ޖޫން މަހު ބައެއްގެ އަނިޔާވެރި އަތްތަކުން މީހަކު މަރުނުވި ކަމުގައިވިޔަސް އަނިޔާވެރިންގެ ނުރައްކާތެރި ވަޅިތައް ބައެއްމީހުންގެ ހަށިތަކަށް އުކިފައިވެއެވެ. އެ އަމަލުތަކުގައި މީހަކު މަރުނުވިޔަސް ސީރިއަސް ހާލަތަކަށް ދިޔަ މީހުންނަށް ހޮސްޕިޓަލުތަކުން ފަރުވާދީފައިވެއެވެ. ޖުލައި މަސް ވެގެން ދިޔައީ ރަހުމްކުޑަ މަރުގެ މައްސަލަތަކަށް އާއްމުންނާއި ސަރުކާރުގެ ސަމާލުކަމަށް އައިސްގެން ދިޔަ މަހަކަށެވެ. އެގޮތުން މަރަށް މަރު ހިފުމުގެ ވާހަކަ ދިވެހި ގައުމުގައި ގުގުމައިގެން ދިޔަ މަހަކަށް ޖޫން މަސް ވެގެން ދިޔައެވެ. ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ. އަނިޔާވެރިކޮށް މަރާލާފާއިވާ މީހުންގެ ލިސްޓަށް މިފަހަރު އެރީ އަދުލުއިންސާފު ގާއިމްކުރުމުގެ ބާރުގެ މީހެކެވެ. އާދެ ކުޅަދާނާ ގާނޫނީ ވަކީލު މުހައްމަދު ނަޖީބު ވަރަށް އަނިޔާވެރިގޮތަކަށް މަރާލުމަށްފަހު ޑަސްބިނަކަށް ލާފައި އޮއްވައި ފެނުނީ ޖުލައިމަހުގެ 2 ވަނަ ދުވަހުގެ ރެއެވެ. މި މައްސަލައިގެ ތަހުގީގު ނިންމައި ޝަރީއަތައް ފޮނުވިތާ މާ ގިނަ ދުވަސް ތަކެއް ނުވަނީސް މިމައްސަލައިގަ ތުހުމަތު ކުރެވުނު ދެމީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވުނެވެ. މިމަރަށް ބަރާބަރު 20 ދުވަސް ވީތަނާ އަނެއްކާވެސް އާދަޔާ ހިލާފު އިތުރު މަރެއް ހިނގައިގެންދިއައެވެ. ކ.ކާށިދޫ ޕޮލިސް ސްޓޭޝަންގައި ވަޒީފާ އަދާ ކުރަމުން ދިޔަ އުމުރުން 26 އަހަރުގެ ލާންސް ކޯޕަރަލް އާދަމް ހަލީމަށް ވަޅިން ހަމަލާދީ މަރާލީ 20 ޖުލައި 2012 ވަނަ ދުވަހުގެ ރޭ އޭނާ ޑިއުޓީއަށް ދިޔަ މަގުމަތީއެވެ. މި ހިތާވެރި މަރާއި ގުޅިގެން މުޅި ކާށިދޫ އަށާއި އާދަމް ހަލީމްގެ އާއިލާއަށް އަދި މުޅި ފުލުހުންގެ މުއައްސަސާއަށް ފުން ހިތާމަޔަކާއި ހިތްދަތި ކަމެއް ވެރިކުރުވިއެވެ. އާދަމް ހަލީމްގެ މަރަށް ފަހު ރައްޔިތުންގެ ހިތްތަކުގައި އުފެދިގެން ދިޔަ ސުވާލަކީ ދެން އެ އަނިޔާވެރ ޤާތިލުންގެ ޝިކާރައަކަށް ވާނީ ކާކުބާއެވެ. މި ސުވާލުގެ ޖަވާބަށް ދިވެހިން މާ ގިނަ ދުވަހަކު އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ދެ މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު ދެން މުޅި ގައުމު ސިއްސުވާލީ ތަފާތު މަރެކެވެ. އެތައް ސުވާލުތަކެއް އުފެދިގެން ދިޔަ ގަބޫލުކުރަން ދަތި މަރެއްގެ ވާހަކައިންނެވެ.

2 އޮކްޓޯބަރ 2012 ވަނަ ދުވަހުގެ އިރު ދިވެހި އުދަރެހުން އަރައިގެން އައީ މުޅި ގައުމުރޮއްވަމުންނެވެ. މަޝްޙޫރު ދީނީ އިލްމުވެރިޔާ އަދި ރައްޔިތުން މަޖިލީހުގެ މެމްބަރ ޑރ. އަފްރަޝީމް އަލީ ރަޙްމުކުޑަ ގޮތަކަށް މަރާލައިފައި އޮތް ކަމުގެ ޚަބަރުވެގެން ދިޔައީ ސިޔާސީ ބޭފުޅުންނަށާއި ދީނީ އިލްމުވެރިންނަށް ދެވުނު އިންޒާރަކަށެވެ. އެމަރަށް ފަހު، އެމަރުގެ ހަގީގަތް އެންމެ ތިލައިން ފެށިގެން އެންމެ ފުންމިނަށް އިނގެން ބޭނުން ކަމުގެ އުންމީދުގައި ތިބި ދިވެހި ރައްޔިތުން މިއަދުވެސް މަދެއްނޫނެވެ. މި ރައްޔިތުންނަށް ކުޑަވެސް ހަމަޖެހުމެއް ލިބުނީ މިޑިސެމްބަރު މަހު އަފްރަޝީމްގެ މަރުގެ ތަހުގީގައި ގުޅިގެން ފުލުހުން ބޭއްވި ނިއުސް ކޮންފަރެންސް އާއި ހިސާބުންނެވެ. އަފްރަޝީމް މަރާލުމުގައި އަމަލީ ގޮތުން ބައިވެރވި ދެ މީހެއްގެ މައްސަލަ މިހާރު ވަނީ ޕީޖީއަށް ފޮނުވާ ފައެވެ.

2012 ވަނަ އަހަރު ނިމިގެން މިދަނީ ރިކޯޑް އަދަދަކަށް މީހުން މެރި އަހަރެއްގެ ގޮތުގައެވެ. ކުށެއްނެތް މައުސޫމު ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ދައުލަތުގެ އެކި މުއައްސަސާތަކުގެ މީހުން ގާތިލުންގެ އަތް ދަށުވެ މި ދުނިޔެ ދޫކޮށް ދިޔަ ދިޔުން އެއީ އަޅުގަނޑުމެން އެންމެން ފުންކޮށް ވިސްނުމަށް ފަހު އަވަސް ހައްލު ބޭނުން ވާ ކަމެކެވެ. ހުރިހާ ކަމެއްގެ ވެސް ހައްލު ލިބުންވަނީ މާތް ﷲ ގެ ކިބަފުޅުން ކަމަށް ވީހިނދު އެ ހައްލުގެ ބޭނުން އަޅުގަނޑުމެން ނުހިފައި ދޫކޮށްލައިގެން މި ތިބެނީ ކީއްވެ ތޯއެވެ؟ އާދެ މަރަށް މަރު ހިފުމަށް އަޅުގަނޑުމެން ޖެހިލުންވެ ފަސްޖެހެންވީ ސަބަބެއް އެބައޮތް ހެއްޔެވެ؟

މަރުގެ އަދަބު ދިނުމާއި ބެހޭ ބިލެއްގެ ޑްރާފަޓް މިހާރުވަނީ މަޖިލީހަށް ހުށައެޅުމުގެ މަގުމަތީގައެވެ. މި ބިލުގައި ކޮންމެ ރައްޔިތެއްގެވެސް ހިއްސާ އޮތުމަކީ މުހިންމު ކަމެކެވެ. އެގޮތުން މި ބިލަށް ހިޔާލު ދެއްވުމުގެ ފުރުސަތު މިހާރުވަނީ އޭޖީ އޮފީހުން ހުޅުވާލާފައެވެ. އުންމީދަކީ ފެށިގެން މިދާ 2013 ވަނަ އަހަރަކީ ހުރިހާ ގޮތަކުންވެސް ރައްކާތެރި އަމާން ބާއްޖަވެރި އަހަރަކަށް ވެގެން ދިއުމެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.