އިންޖެކްޝަން ޖަހައިގެން މަރުގެ ހުކުމް ތަންފީޒު ކުރާގޮތަށް ކަނޑައަޅައި މަރުގެ ކުށާއި އެ ކުށާ ގުޅޭ އެހެނިހެން އުސޫލު ގާއިމް ކުރުމުގެ ބިލް އާންމުންގެ ޚިޔާލަށް ހުޅުވާލައިފި އެވެ.
މިކަމާ ގުޅިގެން ބަންޑާރަ ނާއިބް އާއިޝަތު އާޒިމާ ޝަކޫރު މިއަދު ވިދާޅުވީ ބަންޑާރަ ނާއިބް އޮފީހުން ކުރި ދިރާސާތަކެއްގެ މައްޗަށް ބައްޓަންކޮށްފައިވާ އެބިލްގައި މަރުގެ ހުކުމް ތަންފީޒު ކުރާނެ ގޮތެއް ކަމަށް ކަނޑައަޅާފައި ވަނީ އިންޖެކްޝަން ޖަހައިގެން މަރާގޮތަށް ކަމަށާ ނަމަވެސް އެއީ އަދި މުޅިން ފައިނަލް ނިންމުމެއް ނޫން ކަމަށާއި އެކިފަރާތްތަކުގެ ޚިޔާލު ލިބޭ ގޮތަށް ބަލާފައި އެ އުސޫލު ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އާޒިމާ އިތުރަށް ވިދާޅުވީ ބަންޑާނަ ނާއިބް އޮފީހުން އެ ބިލް ޑްރާފްޓް ކުރި އިރު މަރުގެ މައްސަލަތަކުގައި މިސްރު، މެލޭޝިޔާ އަދި އެމެރިކާގައި އަމަލު ކުރަމުންދާ ގާނޫނީ އޮނިގަނޑުތައް ދިރާސާކޮށް ބަލާފައިވާ އިރު އެކަމާ ގުޅޭގޮތުން ރާއްޖޭގެ ގާނޫނީ ވަކީލުންނާއި ދީނީ އިލްމުވެރިންގެ ޚިޔާލު ވެސް ހޯދާފައިވާނެ ކަމަށާއި އެ ބިލާ ގުޅޭ ގޮތުން ޚިޔާލު ދެއްވަން ބޭނުންވާ ފަރާތްތަކަށް އެއް މަސް ދުވަހުގެ މުއްދަތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި ކޮންމެ ފަރުދަކަށް ވެސް އެ ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ލިބިގެންވާ ކަމަށެވެ.
މީގެ އިތުރުން މަރުގެ މައްސަލަތައް ތަހުގީގު ކުރުމާއި ޝަރީއަތް ކުރުމުގެ އުސޫލުތައް އެ ބިލްގައި ކަނޑައެޅިފައިވާނެ ކަމަށާއި އެގޮތުން ހުރިހާ މަރުހަލާއެއްގައި ވެސް ގާނޫނީ ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު އެމީހަކަށް ލިބިގެންވާނެ ކަމަށާއި ޝަރީއަތުގެ މަޖިލީހުގައި ދައުވާ ލިބޭ މީހާ ވަކީލަކު ބޭނުން ނުވިނަމަވެސް ދައުލަތުގެ ފަރާތުން އެމީހަކަށް ވަކީލަކު އައްޔަން ކުރުން ލާޒިމްވާ ގޮތަށް ބިލްގައި ހިމަނާފައިވާނެ ކަމަށް ވެސް އާޒިމާ ވިދާޅުވިއެވެ.
އަދި ހަމަ މިއާއެކު މަރުގެ މައްސަލަތަކުގެ ޝަރީއަތް ދަށު ކޯޓުގައި ހިންގާ އިރު އެ މައްސަލަ ބެލުމަށް ތިން ފަނޑިޔާރުންގެ ބެންޗެއް ކަނޑައެޅުމާ ހައިކޯޓު މަރުހަލާގައި ފަސް ފަނޑިޔާރުންގެ ބެންޗަކާ އަދި ސުޕްރީމް ކޯޓު މަރުހަލާގައި ހުރިހާ ފަނޑިޔާރުން މައްސަލަ ބަލާ ބެންޗުގައި ހިމެނުމަކީ ލާޒިމް ކަމެއްގެ ގޮތުގައި އެ ބިލްގައި ކަނޑައަޅާފައިވާނެ ކަމަށާއި ދަށު ކޯޓުން ކުރާ ހުކުމް އެ އެމީހަކު އިސްތިއުނާފު ނުކޮށްފި ނަމަ ހައިކޯޓާއި ސުޕްރީމް ކޯޓުން އެ ހުކުމް ރިވިއުކުރުމަށް ފަހު އެ ދެ ކޯޓުން އެ ހުކުމާ މެދު ދެކޭ ގޮތް ކަނޑައެޅުން ލާޒިމްކޮށްފައިވާނެ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.
މީގެ އިތުރުން އާޒިމާ ވިދާޅުވި ގޮތުގައި މަރުގެ މައްސަލަތަކުގެ ޝަރީއަތް ކުރާއިރު ވާރިސުންގެ ބަސް ހޯދަންޖެހޭނީ އެ މީހަކު މަރުވިތާ 21 ދުވަސް ފަހުން ކަމަށާއި ހުރިހާ ވާރިސުން ބޭނުންވެގެން މީހަކު މެރުމަށް ހުކުމް ކުރިއަސް އެ ހުކުމް ތަންފީޒު ކުރުމުގެ ކުރިން މަރަށް މަރުހިފަން ވާރިސުން ބޭނުންވޭތޯ ބަލަންޖެހޭނެ ގޮތަށް ބިލްގައި ހިމަނާފައިވާނެ ކަމަށާއި ހުރިހާ ގާނޫނީ ޝަރުތުތަކެއް ހަމަވެގެން ސުޕްރީމް ކޯޓުން ހުކުމް ކޮށްފައި އޮންނަމަވެސް އެކަން އިތުރަށް ކަށަވަރު ކުރުމަށްޓަކައި އުއްތަމަފަނޑިޔާރާއި އެޓާނީ ޖެނެރަލާއި ޕްރޮސެކިއުޓާ ޖެނެރަލާއި ހިއުމަންރައިޓްސް ކޮމިޝަނާއި އިސްލަމިކް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީން ކަނޑައަޅާ ކޮމެޓީއަކުން އެކަން އިތުރަށް ކަށަވަރު ކުރަންޖެހޭނެ ގޮތަށް ވެސް އެ ބިލްގައި ހިމަނާފައި ވާނެ ކަމަށާއި އެ ބިލް ގާނޫނަކަށްވެ ތަސްދީގު ވުމާ ހަމައަށް މެރުމަށް ހުކުމް ކުރެވިފައިވާ މީހުންނަށް "ރީ ޓްރިއަލް"ގެ ހައްގެއް އެ ބިލްގައި ހޯދައިދީފައިވާނެ ކަމަށާއި އޭގެ ބޭނުމަކީ އިސްލާމީ ޝަރީއަތުގައިވާ ހަމަތަކުގެ މަތިން މަރުގެ މައްސަލަތަކުގައި އަމަލު ކުރަންޖެހޭތީ ކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...