އިމާމް އަޙްމަދު، އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާކުރެއްވިއެވެ. ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވި ބަސްފުޅުގެ މާނައަކީ “ކުރީގެ އުއްމަތްތަކަށް ދެވިފައިނުވާ ފަސް ކަމެއް ރަމަޟާންމަހުގައި ތިމަންކަލޭގެފާނުގެ އުއްމަތަށް ދެވިފައިވެއެވެ. ރޯދަވެރިޔާގެ އަނގައިގެ ވަހަކީ ﷲ ގެ ޙަޟްރަތުގައި ގޮމަކަސްތޫރީގެ ވަހަށްވުރެމީރުވަސް ގަދަވުން، ރޯދަ ވީއްލުމަށް ދާންދެން ރޯދަވެރިންނަށްޓަކައި ފާފަފުއްސެވުން އެދި މަލާއިކަތުން ދުޢާ ކުރެއްވުން އަދި ކޮންމެ ދުވަހަކު ﷲ ސުވަރުގެ ޒީނަތްތެރި ކުރައްވުމާއެކު ވަޙީ ކުރައްވަތެވެ. ތިމަން އިލާހުގެ ޞާލިޙު އަޅުތަކުންގެ ކިބައިން ބުރަވެތިކަމާއި އުނދަގޫތައް ފިލައިސުވަރުގެއާއި ދިމާއަށް އައުން ކާރިވެގެން ވެއެވެ. އަދި މަގުފުރެއްދުމުގައިއުޅޭ ޝައިޠާނުންތައް އެމައްސަރުގައި ކަސްތޮޅު އަޅުވާލެވުން. ދެން އެސޮރުމެން އެހެން މައްސަރުތަކުގައި ކުރަމުން އަންނަ ކަންތައްތައް ކުރުމަށް ދޫކޮށެއް ނުލެވޭނެއެވެ. އަދި ރޯދަމަހުގެ ފަހު ރޭގައި ރޯދަވެރިންގެ ފާފަ ފުއްސެވޭނެއެވެ. ދެންނެވުނެވެ. އޭ ﷲގެ ރަސޫލާއެވެ! އެއީ ލައިލަތުލް ޤަދްރި ހެއްޔެވެ؟ ޙަދީޘްކުރެއްވިއެވެ. ނޫނެކެވެ. އެހެނެއްކަމަކު، ކޮންމެމީހަކަށްވެސް އޭނާގެ ފުރިހަމަ އުޖޫރަދެވެނީ އޭނަގެ މަސައްކަތް ނިންމާލާ ވަގުތުގައެވެ. (އެހެންވީމާ ރޯދަވެރިންނަށްވެސް އޭގެ ފުރިހަމަ އުޖޫރައާއި ޘަވާބު ދެވޭނީ ރޯދަމަހުގެ އެންމެ ފަހު ރޭގައެވެ.)
(رواه البزار والبيهقي في كتاب الثواب وإسناده ضعيف جداً، لكن لبعضه شواهد صحيحة.)
(މި ޙަދީޘް ރިވާކުރެއްވީ އަލްބައްޒާރު އާއި އަލްބައިހަޤީ އެކަލޭގެފާނުގެ كتاب الثواب ގައެވެ. މި ޙަދީޘަކީ ސަނަދުގެ ގޮތުން ވަރަށް ބަލިކަށި ޙަދީޘެކެވެ. އެހެން ނަމަވެސް މި ޙަދީޘަށް ބާރުލިބޭ އެހެން ޞައްޙަ ރިވާޔަތްތައް އައިސްފައިވެއެވެ.)
ކޮމެންޓް (0)
ލޯޑް ކުރަމުން...