"ދިވެހި ޙައްޖުވެރިންނަށް އެހީތެރިވުމުގައި ސައުދީ އަރަބިއްޔާގައި ކިޔަވާ ދިވެހި ކުދިންގެ ދައުރަށް ޝުކުރު ހައްޤު" މިއީ ވަރަށް ގިނަ ބަޔެއްގެ ދުލުން ނުކުންނަ ޖުމްލައެކެވެ. މިޖުމްލަ ގިނައިން އިވެނީ ޙައްޖަށް ގޮސް އަންނަ މީހުންގެ އަނގައިންނެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ޙައްޖުވެރިންނަށް އެހީތެރިވުމުގައި ސައުދީގައި ކިޔަވާ ކުދިންގެ ދައުރަކީ ވަރަށް ފުޅާ ދައުރެކެވެ. އަބަދުވެސް ސައުދީގައި ކިޔަވާ ދިވެހި ކުދިންނަށް ޙައްޖު މޫސުމަކީ 'ވަރަށް ބިޒީ' މޫސުމެކެވެ. ޙައްޖުވެރިންނަށް އެހީތެރިވުމުގައި އެކުދިން އުޅެނީ އަމިއްލަ ކަމެއްކަމުގައި ދެކިގެންނެވެ.
މުހައްމަދުބޭ (އަސްލު ނަމެއް ނޫން) އަކީވެސް ވަރަށް ފަހުން ޙައްޖަށް ގޮސްފައިވާ މީހެކެވެ. އެބޭބެ ބުނާގޮތުން ސައުދީގައި ކިޔަވާ ދިވެހި ކުދިން ޙައްޖުވެރިންނަށް އެހީވަނީ ވަރަށް އޯގާތެރިކަމާއި ކުލުނާއި އެކުގައެވެ. ސައުދީއަށް ދިޔުމާއި އެކު އެކުދިން ޙައްޖުވެރިންނަށް މަރުހަބާ ކިޔަނީ ވަރަށް ފުރިހަމައަށް ކަމަށްވެއެވެ. ޙައްޖުވެރިންނާއި ވާހަކަ ދައްކާ އެކި ކަންކަން އޮޅުން ފިލުވައިދެނީ 'ވަރަށް ގާތް ބަޔެއް'ގެ ގޮތުގައި ދެކިގެން ކަމަށް މުހައްމަދުބޭ ބުނެއެވެ. ސައުދީ އަރަބިއްޔާގައި ކިޔަވާ ދިވެހި ކުދިންގެ އެހިތެރިކަން ގިނަ ފަހަރު މުސްކުޅި ޙައްޖުވެރިންނަށް ވަރަށް ބޭނުންތެރިވެފައި މުހިންމެވެ. ގިނަ ފަހަރު އާއިލާ މީހެއް ނެތި މުސްކުޅިން ޙައްޖަށް ދަނީ ޙައްޖަށް ދާ ޖަމާއަތަކާއި ގުޅިގެންނެވެ. އެހެންކަމުން ބައެއް ފަހަރު މުސްކުޅި ވުމުގެ ސަބަބުން އިތުރު މީހެއްގެ އެހީތެރިކަން ބޭނުންވެއެވެ. އެފަދަ ދަނޑިވަޅުގައި އެންމެ ގާތުގައި ތިބެނީ އެމީހުން ބުނާގޮތުންނަމަ 'ދިވެހި ކިޔަވާ ކުދިން'ނެވެ. އެހެންކަމުން އެފަދަ ކޮންމެ ޙައްޖުވެރިއަކުވެސް ދިވެހި ކުދިންގެ ރަނގަޅުކަމަށްޓަކައި ޝުކުރުވެރިވެއެވެ.
ޙައްޖުގެ ތެރޭގައި މީހުން ގިނަވެ ބައިބޯވުމުގެ ސަބަބުން ޙައްޖުވެރިން ގެއްލުމަކީ އާންމު ކަމެކެވެ. އެގޮތުން ދިވެހި ޙައްޖުވެރިން ގެއްލުނަ ނުދީ ސަލާމަތްތެރިކަމާއި އެކު މަންޒިލަށް ވާސިލްވުމަށްޓަކައި 'ބޮޑީގާޑުންގެ ގޮތުއިވެސް" ދިވެހި ކިޔަވާ ކުދިން ހަރަކާތްތެރިވާކަމަށް ބައެއް ޙައްޖުވެރިން ބުނެއެވެ. ބައެއް ފަހަރު ޙައްޖުވެރިން ގެއްލިއްގެން ހޯދަން ޖެހިއްޖެ ހާލަތެއްގައި ބައިބޯ ހަރަމްފުޅުގައިވެސް އެކަމަށް އިސްނަގަނީ ދިވެހި ކުދިންކަން ގިނަ ޙައްޖުވެރިން ފާހަގަ ކުރަނީ އުފަލާއިއެކުގައެވެ. ބައެއް ޙައްޖުވެރިން ސައުދީއަށް ގޮސް ހައްޖު ފެށުމުގެ ކުރިންނާއި ޙައްޖު ނިމުމަށްފަހު ލިބޭ ހުސްވަގުތު ތަކުގައި ވާހަކަ ދައްކާލާ ހަދަން ތިބޭ މިތުރުންނަކީވެސް ހަމަ ދިވެހި ކިޔަވާކުދިންނެވެ. ޙައްޖުގެ އަޅުކަން ނިންމާ ގިނަ ދިވެހި ހައްޖުވެރިން ބާޒާރު ކުރަން ދާއިރު މަގު ދައްކާ އާރުކާޓީންގެ ގޮތުގައި ތިބެނީވެސް ދިވެހި ކިޔަވާކުދިންނެވެ.
ކޮންމެ އަހަރެއްގެވެސް ޙައްޖު މޫސުމް ފެށިގެން ގޮސް ނިމެންދެން ފޫހިކަމެއް ނެތި ޙައްޖުވެރިންނަށް ހިދުމަތް ކޮށްދިނުމުގައި ދިވެހި ކުދިން އެއްވެސް އުޖޫރައެއް ނެތި މަސައްކަތް ކުރަމުންދާކަމަށްޓަކައި 'ޝުކުރިއްޔާ' ނޫން އެއްޗެއް ގިނަ ފަހަރު ނުލިބެއެވެ. އެހެނަސް އެކުދިންގެ ނަޒަރުގައި އެފަދަ އެހީތެރިކަމެއް ވެދެވޭތީ އެލިބޭ ހިތްހަމަޖެހުން އެއީވެސް 'ބޮޑު އެއްޗެއް' ކަމަށެވެ. ދިވެހި ކިޔަވާކުދިންގެ މަސައްކަތައް އަގުވަޒަންކޮށް އަޅުގަނޑަށް މިވަގުތު ދެވެން އޮތީ 'ހިތްވަރު ދިނުމުގެ' މިލިޔުމެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...