ރިޕޯޓް ނޮވެމްބަރު ތިނެއްގެ ”ނުދެކެވޭ“ ވާހަކަތައް

ނޮވެމްބަރު ތިނެއްގެ ”ނުދެކެވޭ“ ވާހަކަތައް

ނޮވެމްބަރު ތިނެއްގެ ”ނުދެކެވޭ“ ވާހަކަތައް

ކިޔާލަން ހޭދަވާނީ 10 މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގެ ލިޔެވިފައިވާ ތާރީޚެއް ފެންނަން އޮތީ މީގެ ގާތް ގަޑަކަށް 800 އަހަރު ކުރިންނެވެ. އެ ތާރީޚު ހެކިދޭ ގޮތުން ދިވެހިންގެ އަމިއްލަ ވެރިކަމާއި ސިޔާދަތު ދިވެހިންގެ އަތުން ބީވެގެން ގޮސްފައިވަނީ ހަމަ އެންމެ ފަހަރަކުއެވެ.  އެއީ މީލާދީން 1558 އިން 1573 އަށް ރާއްޖޭގެ މައްޗަށް ޕޯޗްގީޒުން އަތްގަދަކޮށް ވެރިކަން ހިންގި ދުވަސްވަރެވެ. އޭގެ ފަހުން ހިޖުރައިން 1166 ވަނަ އަހަރު ހޮޅިން ރާއްޖެ ހިފިކަމުގައި ވިޔަސް، އެގޮތުގައި އެމީހުނަށް ފައިހަރުކޮށްލެވުނީ އެންމެ 3 މަހާއި 20 ދުވަހުއެވެ. މިއަށް ފަހުން ވެސް ދުނިޔޭގެ ބާރު ގަދަ ގައުމުތަކުގެ އަތްގަދަ ކުރުމުގެ އުދަގުލާ ކުރިމަތިލާން ޖެހިފައިވެއެވެ. ފަހުގެ ތާރީޚެއްގައި މިފަދަ ކަމާއި ދިވެހިން ކުރިމަތިލީ މީގެ 24 އަހަރު ކުރިންނެވެ. އާދެ 3 ނޮވެމްބަރ 1988 ވީ ބުރާސްފަތި ދުވަހުއެވެ. އެދުވަހުގެ ވާހަކަތަކަކީ އަޅުގަނޑުމެންނަށް އައު ވާހަކަތަކެއް ނޫނެވެ. ކޮންމެ އަހަރެއްގެ ވެސް މި ދުވަސް ނަސްރުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން ދާއިރު އެދުވަހުގެ ހަނދާންތަކާއި ބިރުވެރިކަމުގެ ވާހަކަ އަޅުގަނޑުމެންގެ ތެރޭގައި ފަށްފަށް ކުރެވެއެވެ. އެގޮތުން އެދުވަހު، ކުށެއް ނެތް 19 ދިވެހިން ޝަހީދު ކޮށްލިކަމާއި އެއީ ބޭރުގެ ކުލީ ސިފައިންނާއި ރާއްޖޭގެ ބަޔަކު ގުޅިގެން އޭރު ރާއްޖޭގަ އޮތް ވެރިކަން ބަދަލުކޮށްލަން ހިންގި ބަޣާވާތެއްކަމުގައި ދެކެވޭ ވާހަކަ ތަކަކީ އާންމު ވާހަކަ ތަކެކެވެ. އެހެން ކަމުން މިފަހަރު ބަލާލަން މިއުޅެނީ 3 ނޮވެމްބަރާ ގުޅިގެން އަޅުގަނޑުމެންގެ ތެރޭގައި އެއްގޮތަކަށް ވެސް ނުދެކެވޭ ނުވަތަ ފަނޑު ގޮތެއްގައި ދެކެވޭ ވާހަކަ ތަކަށެވެ.

ލުތުފީގެ ތައާރަފެއް

ޢަބްދުﷲ ލުޠުފީ އަކީ އައްޑުއަތޮޅު ހިތަދޫ އައްޝައިޚް އިބްރާހީމް ލުޠުފީ (އައްޑޫ ތުއްތީދީ) ގެ ގެ އަލްއުސްތާޛް މުހަންމަދު އިބުރާހީމް ލުތުފީ އާއި ހ.ހާޖަރާގޭ އަލްފާޟިލާ ޢާއިޝަތު ފަރީދާ (ހާޖަރާގޭ ސިއްތި) ގެ ދޮށީ ފިރިހެން ދަރިފުޅެވެ. ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގައި އަމަލީގޮތުން ބައިވެރިވެ ކުށް ސާބިތުވެ އެންމެ ބޮޑު ޙުކުމެއް ކޮށްފައިވަނީ ލުތުފިގެ މައްޗަށެވެ. ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލައިގެ މާކުރިން 1968 ވަނަ އަހަރުގެ ތެރޭގައި އޭރު އޮތް ސަރުކާރު ބަދަލުކުރުމަށް ރޭވުނު ރޭވުމުގައި އަމަލީ ގޮތުން ލުތުފީ ބައިވެރިވިއެވެ. އޭރު އޭނާއަކީ އުމުރުން އެންމެ 20 އަހަރުގެ ޒުވާނެކެވެ. އެ ބަޣާވާތް ނާކާމިޔާބު ވުމުގެ ސަބަބުން އޭނާ ކުށަށް އިއުތިރާފުވިއެވެ. ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖޭގެ ޤާނޫނުލް އުގޫބާތުގެ ދަށުން ލުތުފީ 18 އަހަރަށް ޖަލަށް ލުމަށް ހުކުމްކުރެވުނެވެ. ޖަލަށްލެވުނީ 23 މާރޗް 1968 ގައެވެ.ޖަލުގައި 4 އަހަރާއި 4 މަހާއި 13 ދުވަސް ފަހުން ރައީސުލް ޖުމްހޫރިއްޔާ ދެއްވި މަޢާފެއްގެ ދަށުން 1972 ވަނަ އަހަރު އޯގަސްޓް މަހުގެ 5 ވަނަ ދުވަހު ޖަލުން ދޫކޮށްލެވުނެވެ.

އޭގެ ހައެއްކަ އަހަރު ފަހުންވެސް ލުތުފީގެ އަމަލުތައް ހުރިގޮތުން އޭނާ ދޫކޮށްލާފައި ބަހައްޓަން ސަރުކާރަށް ފެނިވަޑައި ނުގަތުމުގެ ސަބަބުން 1975 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 17 ގައި ޖަލުގައި ހައްޔަރު ކުރެވުނެވެ. އަހަރެއްހާ ދުވަހު ޖަލުގައި ބެހެއްޓުމަށްފަހު 18 ނޮވެމްބަރު 1976 ގައި ހއ. އުލިގަމަށް އަރުވާލެވުނެވެ. އެހެން ހުއްޓާ މާލެ ގެނެސް އަނެއްކައި ޖަލަށް ލެވުނެވެ. ޖަލުގައި ހުއްޓާ ގޭ ބަންދަށް ބަދަލުކުރިއެވެ. ލުތުފީ އެއްކޮށް މިނިވަން ކުރެވުނީ 1978 ވަނަ އަހަރުގެ ޖޫން މަހުގެ 17 ވަނަ ދުވަހުއެވެ. އޭރު އޭނާގެ އުމުރަކީ 29 އަހަރެވެ. 1978 ން ފެށިގެން 1986 ވަނަ އަހަރާއި ހަމައަށް ލުތުފީ ހަރަކާތްތެރި ވަމުން ގޮސްފައިވަނީ ވިޔަފާރީ އާއި އެނޫން ވެސް ތަފާތު މަސައްކަތްތަކުގައި ރާއްޖެ އާއި ރާއްޖޭން ބޭރުގައެވެ. ވިޔަފާރި ކުރުމުގައި ވެސް ލުތުފީ ގަވާއިދާއި ހިލާފުވެފައި ވަތީ ފަހުންވެސް އޭނާ ގޭގައި  ބަންދުކުރެވިފައިވެއެވެ.

ލުތުފީ އާއި ޕުލޮޓް ޖަމާއަތާއި ނުވަތަ ތަމަޅައިންނާއި ދިމާވިގޮތް

ލުތުފީގެ ގޭ ބަންދުން ވީއްލުމުން އޭނާ ގަސްދުކުރީ ސްރީލަންކާއަށް ދިއުމަށެވެ. މިގޮތުން 29 އޮކްޓޯބަރ 1986 ގައި ލުތުފީގެ އަންހެނުންނާއި ދަރިފުޅު ގޮވައިގެން ލަންކާއަށް ދިއައެވެ. އެކޮޅަށް ގޮސް އެތަނުގައި ސިލޯނު މީހަކާ ގުޅިގެން އަސްދޫނި ގެންގުޅުމާއި ހިކި ކަނޑުމަސް ތައްޔާރުކުރުމުގެ މަސައްކަތެއް ފެށިއެވެ. މިހެން އުޅުނު އުޅުމުގައި ލުތުފީ ބަނބުޅަޕެޓިޔާ ކޯވިލް ކައިރީގައި ހުންނަ ހޮޓަލަކަށް ސައިބޯން ގޮސް އުޅެއެވެ. މިތަނުން ލުތުފީއާއި ރުޑުލާ ކިޔާ ތަމަޅައަކާއި ރައްޓެހިވެއްޖެއެވެ. މިހެން އުޅެނިކޮށް 1987 ވަނަ އަހަރުގެ ފަހުކޮޅު އަނެއްކާވެސް ރުޑުލާ އާ ސައި ހޮޓަލުން ބައްދަލުވެއްޖެއެވެ. މިދުވަހު ޕްލޮޓްގެލީޑަރ ލުތުފީއާ ބައްދަލުކުރަން ބޭނުންވާ ވާހަކަ ރުޑުލާ ބުނުމުން ލުތުފީ އެކަމާ އެއްބަސްވެ އަނެއް ދުވަހު ބައްދަލުވުމަށް ގަޑި ކިއުމަށް ފަހު އެދުވަހު ވަކިވިއެވެ.

ޖެހިގެންއާ ދުވަހު ލުތުފީ އެބުނި ގަޑިއަކަށް އެއަވަށުގައި ހުންނަ ޕްލޯޓް ޖަމާއަތުގައި އޮފީހަށް ދިއައެވެ. ޕްލޯޓަކީ ސްރީލަންކާގައި ވަކިވެ ގަތުމަށް މަސައްކަތްކުރާ 36 ޖަމާއަތުގެ ތެރެއިން އެއް ޖަމާއަތެވެ. އެތަނުން ލުތުފީއަށް މަރުހަބާކީ ކުރިން ވެސް ދިމާވި ރުޑުލާ އެވެ. އޭގެ އިތުރުން އެ ސަރަހައްދުގައި ހުންނަ ޕްލޯޓުގެ ކޮމާންޑަރު ކަމަށްވާ ވަސަންތީވެސް ހުއްޓެވެ. މި ވަސަންތީ އަކީ 3 ނޮވެމްބަރުގެ އުދުވާނީ ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި މީހިކެވެ. މި ބައްދަލުވުން ނިމުނީ ޕްލޯޓް ޖަމާއަތުގެ ވެރިޔާ ކަމަށްވާ އުމާ މަހޭޝްވަރަމް ލުތުފީއާ ފަހުގެ ތާރީހެއްގައި ބައްދަލުކުރުމަށް އެއްބަސްވެފައެވެ.

ރާއްޖޭގެ ވެރިކަން ބަދަލުކޮށްލަން ރާވަން ފެށުން

1987 ވަނަ އަހަރުގެ ފަހުކޮޅު ވަސަންތީ ފޯނުކޮށްފައި ލުތުފީ މަހޭޝްވަރަމްއާ ބައްދަލުކުރުމަށް އެމީހުން ތިބޭ ހޮޓަލަށް އައިސް ދިނުމަށް އެދުނެވެ. މި ބައްދަލުމުގައި މައިގަނޑުގޮތެއްގައި ދެކެވިފައިވަނީ ރާއްޖެގެ ރީތި ކަމުގެ ވާހަކައާއި ރާއްޖޭގައި ކުރެވިދާނެ ތަފާތު މަސައްކަތްތަކުގެ ވާހަކައެވެ. މި ބައްދަލުވުމުގައި ޕްލޯޓުން ގެންނަން އުޅޭ ހަތިޔާރު ކޮންޓެއިނަރެއް ރާއްޖޭ މަގުން ގެނެވިދާނެ ތޯ އެހުމުން އެއީ ވަރަށް ދަތި ކަމެއް ކަމަށް ލުތުފީ ބުނިކަމަށް ވެއެވެ. ދެން ޕްލޯޓް ގެ މުސްތަގުބަލާއި ބެހޭގޮތުން ވާހަކަ ދައްކަން ތިބެލާފައި އެހެން ފަހަރަކުން ބައްދަލުވުމަށް ޝަރުތުކޮށް އެދުވަހުގެ ބައްދަލުވުން ނިންމާލީއެވެ.

ދެވަނަ ފަހަރަށް ލުތުފީ އާއި މަހޭޝްވަރަމް ބައްދަލުވީ 1988 ވަނަ އަހަރުގެ ފެބްރުއަރީ ހާނތާގައެވެ. މި ހިސާބުން ދެ މީހުންގެ ބޭނުން އެއްބޭނުމަކަށް ހަދާ ދިވެހިރާއްޖޭގެ ވެރިކަން ބަދަލުކޮށްލުމުގެ މަޝްވަރާތައް ރަސްމީކޮށް ފަށައިގަތެވެ. ދިވެހިރާއްޖޭގައި އޮތް ޤާނޫނީ ސަރުކާރު ވައްޓާލައި ލުތުފީގެ އަތްމައްޗަށް ވެރިކަން އަނބުރާ ލެވިއްޖެނަމަ އެކަމުގެ ހަދިޔާ އެއްގެ ގޮތުން ތަމަޅައިންނަށް 3 ކަމެއް ކޮށްދިނުމށް އެއްބަސްވެ އެގްރިމެންޓެއް ހެދިއެވެ. އެކަންކަމަކީ ޕްލޯޓް ގެ މީހުން ތަމްރީނު ކުރަން ދިވެހިރާއްޖޭގެ ފަޅުރަށެއް ދިނުމާއި، ޕްލޯޓް ޖަމާއަތަށް ހަތިޔާރު ހޯދައި ދިނުމަށާއި އެ ތަކެތި އެތެރެ ކޮށްދިނިމަށް ލުތުފީގެ ސަރުކާރުން އެހީވެދިނުމާއި އަދި ޕްލޯޓް ޖަމާއަތުގެ ޚަޒާނާ މުއްސަނދި ކުރުމަށްޓަކައި ރާއްޖޭގެ ރިސޯޓެއް އެމީހުންނަށް ދިނުމެވެ.

ހަމަލާ ރޭވުމަށްޓަކައި ލުތުފީ ދިޔައީ ތަފާތު މުހިންމު މައުލޫމާތު ތަކެއް އެއްކުރަމުންނެވެ. އެގޮތުން ސިފައިންގެ އެތެރެ އޮންނަ ގޮތާއި އެތަނުގައި ފޯރިއަށް ތިބެނީ ކިހާ މީހުންނެއްކަމާއި އެމީހުން ތިބޭ ތަންތަނަށް ދާންދެން ލުތުފީ ބަލާ ހޯދިއެވެ. މިކަމުގައ އޭނާއަށް ދިވެހިންގެ ތެރެއިން އެތައް ބައެއްގެ އެހީތެރިކަން ލިބިފައިވެއެ. އޭގެތެރޭގައި ސިފައިންގޭގެ މަތީ މަގާމުތައް ފުރުއްވާފައި ތިއްބެވި ބޭފުޅުންވެސް ހިމެނެއެވެ. އަނެއްކޮޅުން މަހޭޝްވަރަމް ދިޔައީ ހަމަލާއަށްޓަކާ އެމީހުން ނިންމަންޖެހޭ ކަންކަން ނިންމަމުންނެވެ. އެގޮތުން އެޖަމައާތުގެ މީހަކު ޖާސޫސް ކުރުމަށްޓަކައި 1988 ވަނަ އަހަރުގެ މާރޗްމަހުގެ ތެރޭގައި ފޮނުވުނެވެ. އަދި އެއަށް ފަހުން ހަމަ އެއަހަރުގެ ޖުލައި މަހުގެ ތެރޭގައި ވަސަންތީވެސް މާލެއައެވެ. އޭނާގެ މަސައްކަތަކީ ދިވެހި ސިފައިން ގެންގުޅޭ އެކިއެކި ހަތިޔާރުތައް ދެނެގަތުމެވެ. ލުތުފީމެންގެ އަމާޒަކަށްވީ 1988 ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހު މާލެ އެރުމެވެ. އެހެން ނަމަވެސް ރާއްޖޭއައުމަށް ބޭނުންވާ ބޯޓެއް ނުލިބުމުން އެކަން ނާކާމިޔާބު ވިއެވެ. 29 އޮކްޓޯބަރ 1988 ގައި މަހޭޝްވަރަމް އާއި ލުތުފީއާއި ވަސަންތީގެ އިތުރުން ދެންވެސް މާލެ އަންނަ ހަމަޖެހިފައިވާ ގުރޫޕް ތަކުގެ ލީޑަރުން ހިމެނޭ ގޮތަށް ބައްދަލުވުމެއް ބޭއްވިއެވެ. މިބައްދަލުވުމުގައި މާލޭގެ ޗާޓައި ސިފައިންގޭގެ ޗާޓުގެ އިތުރުން އެހެންވެސް ފޮޓޯ ފަދަ ތަކެތި ދައްކާ ހަދާފައިވެއެވެ. މީގެ އިތުރުން މި ހަމަލައިގެ އިސް ކޮމާންޑަރަކަށް ވަސަންތީ ހަމަޖެއްސިއެވެ. މީގެ އިތުރުން މާލެ ގެންނަން ބޭނުންވާ ހަތިޔާރުތައް ކަނޑައެޅިއެވެ. އޭގެ ތެރޭގައި ހިމެނެނީ އޭ.ކޭ 47 ގެ ރައިފަލް، ޖީ3ގެ ރައިފަލް، ޓީ 56 ގެ ރައިފަލް،އާރ.ޕީ.ޖީ 7 މޯޓާރޒް، ޑައިނަމައިޓް، އެލް.އެމް.ޖީ މެޝިން ބަޑި އަދި ފިސްތޯލަ އާއި ވަޅިއެވެ.

ރާއްޖެއަށް އައުމަށްޓަކައި ދަތުރުފެށުން

ހަމަލަ ދިނުމަށް ބޭނުންވާ ހުރިހާ ހަތިޔާރެއްވެސް ބޯޓަށް އެރުވީ ރަބަރު ކޮތަޅުގައި ބަންދުކޮށްގެންނެވެ. މާލެ އައުމަށްޓަކައި ހަމަޖެއްސީ ދެ މަސް ބޯޓެވެ. މި ދެ ބޯޓަކީ ޓީ52 އާއި ސައުތްވެސްޓް 37 އެވެ. ސައުތްވެސްތް 37 އަކީ ކަނޑުމަތިން ފޭރިގަތް ބޯޓެކެވެ. މާލެއަށް ހަމަލާ ދިނުމަށް އައީ ލުތުފީ އާއި ނާސިރުގެ އިތުރުން ޕްލޯޓް ޖަމާއަތުގެ 80 މީހުންނެވެ. މާލެ އައުމަށްޓަކައި ސިލޯނުގެ މުލިއްކުލަމުން ލުތުފީމެން ފުރީ 29 އޮކްޓޫބަރ 1988 ދުވަހުގެ ރޭ 8:30 އެހާއިރުއެވެ. ޖެހިގެން އައި 30 ވަނަ ދުވަހު އަނެއްކާވެސް ކަނޑުމަތިން މަސްބޯޓެއް އަތުލައިގަތެވެ. އޭގައި ސިންގަޅައިންގެ ފަސް މަސްވެރިންވެސް ތިއްބެވެ. ދެން ރާއްޖޭއާއި ދިމަޔަށް މިސްރާބު ޖެހީ އެދުވަހު 10:30 ހާއިރުއެވެ. އެދުވަހު އިރުއޮއްސުނު އިރު ދެކުނު އިންޑިޔާގެ ސޫތުކުޅިއާ ހަމައަށް އާދެވިއްޖެއެވެ. މިމީހުން ދަތުރުކުރަމުން ގެންދިޔައީ މަހޭޝްވަރަމް ކުރަހާފަ އޮތް ޗާޓެއް ބަލައިގެންނެވެ. ޖެހިގެން އައި ދުވަހު، ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުގެ އިރާކޮޅު ލުތުފީ މެން ވިސްނާލިއިރު ކަމަކު ދާކަށް ނެތެވެ. ދަތުރުކޮށްފައި ދެވެނީ މުޅިން ނުބައި ދިމާއަކަށެވެ. ދެން އެރޭ މެންދަމު 11 ޖަހާ އެހާއިރު މިސްރާބު އަލުން ރަނގަޅު ކޮށް ކުރިއަށް ދުއްވަން ފެށިއެވެ. ދަތުރުކުރަމުން އައިސް 2 ނޮވެމްބަރު ވީ ބުދަދުވަހު ބަލާލިއިރު ބިސްކޯދު ކޮޅެއް ފިޔަވައި ކާނެ އިތުރު އެއްޗެއް ބޯޓަކު ނެތެވެ. ބޯ ފެންވެސް ހުސްވެއްޖެއެވެ. ކޮންމެއަކަސް އެރެއަށް އިރު އޮއްސުނުއިރު ހދ އަތޮޅުގެ އިރުމަތީ ބިތުގެ ރަށްތައް ފެންނަ ހިސާބަށް އާދެވިއްޖެއެވެ. މިހާ ހިސާބުން ދެ ބޯޓުގެ ފަލްކާ ތެރޭގައި ހުރި ހަތިޔާރުތައް ނަގަން ފަށައިފިއެވެ. އަދި މާލެ ފޭބުމަށް ފަހު ގުރޫޕްތައް ދާންވީ ތަންތަނާއި ހަދަންވީ ގޮތްތައް އެގުރޫޕް ތަކުގެ ލީޑަރުން ކިޔާދޭން ފެށިއެވެ. 3 ނޮވެމްބަރު 1988 ވީ ދުވަހުގެ ރޭ މެންދަމުން އަލިވެ އެކެއް ދޭއް ޖެހިއިރު މާލޭގެ އަލި މި ވެރިންނަށް ފެންނަން ފަށައިފިއެވެ. އޭރު ޖަމާއަތުގެ އެންމެންނަށް ތިބީ ޔުނީފޯމް ލައްވާފައެވެ، އެއީ ކަޅުފެހި ކުލައިގެ ގޮޅިޖެހި ގަމީހާއި ނޫކުލައިގެ ޖީންސްއެވެ. އޭރު އެންމެންގެ އަތަށް ހަތިޔާރުދީ ބޯޓުގެ އަރިމަތީގައި އަތުރާފައި ބޭތިއްބިއެވެ. ލުތުފީގެ ކައްޕި ކަމުގައި އައި ޓީ 52 ބޯޓް މާލެ ވަދެފައިވަނީ ގާތްގަނޑަކަށް އެރޭ 3:30 އެހާއިރުއެވެ. މިހާ ހިސާބުން އެބައިމީހުންގެ ހަނގުރާމަ ފެށުނީއެވެ.

ހަމަލާ ބަދަލުކުރުން

ހަމަ ވަގުތުން ސިފައިންގެއިން ވެސް ރައްދު ހަމަލާ ދޭން ފެށިއެވެ. އެ ގޮތުގައި ދެ ފަރާތުން ވެސް ވަރުގަދަ ހަމަލަތަކެއް އެދުވަހުގެ ހަވީރާ ޖެހެންދެން ބަދަލުކުރިއެވެ. އެދުވަހުގެ 10 ޖަހާ އެހާއިރު ދިވެހި ސަރުކާރުން އިންޑިޔާ ސަރުކަރުގެ އެހީއަށް އެދުނެވެ. އެދުވަހުގެ ހަވީރު 5:30 ހާއިރު މާލެ މަތިން ބޭރުގެ މަތިންދާ ބޯޓެއް ބުރެއްޖެހިތަން ފެނިފައި ދުޝްމަނުން ބިރުން ތެޅިފޮޅި ގަތެވެ. އެރޭ ގާތްގަނޑަކަށް 9:30 ގައި ރާއްޖެއަށް އެހީވުމަށް އިންޑިޔާ އިން ފުރަތަމަ އައި ދެ މަތިންދާ ބޯޓް ހުޅުލެއަށް ޖެއްސިއެވެ. އަނެއްކޮޅުން އެ ދަނޑިވަޅު ލުތުފީ އާއި އޭނާގެ ބައިވެރިން ފިލާ ރައްކާވުމަށްޓަކައި ބައިބައަށް ގޮސް ޕްރޮގްރެސް ލައިޓް ބޯޓަށް އަރަން ފަށައިފިއެވެ. 11 ޖަހާއެހާ އިރު ގާދޫ ކޮލުން ބޯޓު ނިކުންނަން ދަނިކޮށް އިންޑިޔާ ސިފައިން ފޮނުވާލި ހަމަލައެއް ބޯޓަށް އަމާޒުވިއެވެ.

ޖެހިގެން އައި ދުވަސް:

4 ނޮވެމްބަރ 1988 ވަނަ ދުވަހުގެ ހެނދުނު 7:45 ގައި ދިވެހިރާއްޖޭގެ އަޑުގެ ޓްރާންސްމިޝަން އަލުން ދުރަށް ފޮނުވަން ފެށުނެވެ. އެގޮތުން އެންމެ ފުރަތަމަ ފޮނުވީ ކީރިތި ޤުރުއާނުގެ ނަޞްރު ސޫރަތެވެ. އެއަށްފަހު އޭރުގެ ރައީސް މައުމޫން ގައުމާ މުޚާތަބު ކުރެއްވިއެވެ.

ބަޣީން އަތުލައިގަތުން

އިންޑިޔާ ސިފައިން ރާއްޖެއައި ވަގުތުން ފެށިގެން ދުޝްމަނުން ހިފާހައްޔަރު ކުރުމުގެ މަސައްކަތް ފެށިއެވެ. އޭރު ލުތުފީއާއި ތަމަޅައިންގެ ގުރޫޕް ދިވެހިންގެ ތެރެއިން ބަޔަކު ރަހީނުކޮށްގެން ޕްރޮގްރެސް ލައިޓް ގައި ފިލަންވެގެން ފުރައިފިއެވެ. ނޮވެމްބަރ 4 ވަނަ ދުވަހު އެ ބޯޓުގެ މިސްރާބު ހުރީ ސީދާ ސިލޯނާ ދިމާއަށެވެ. ޖެހިގެން އައި ދުވަހު ލުތުފީމެންގެ ބޯޓާއި ދިމާ ފަހަތުނ އެއްޗެއް އަންނަތަން ފެނިއްޖެއެވެ. އޭގެ އިރުކޮޅެއް ފަހުން އިންޑިޔާ ސިފައިންގެ ހެލިކޮޕޮޓަރެއް ބޯޓު ކައިރިން ބުރުޖަހަޏް ފެށިއެވެ. ބޯޓުގެ ފަހަތުން އަންނަތަން ފެނުނީ އިންޑިޔާގެ މަނަވަރެކެވެ. އޭރު 5 ނޮމެވްބަރު ދުވަހުގެ ހެނދުނު 11 ޖަހައިފިއެވެ. އޭރު އިންޑިޔާ މަނަވަރާ ލުތުފީމެންގެ ބޯޓާއި ހުރީ ރޭޑިޔޯ ސެޓްގެ ޒަރީއާއިން ގުޅިފައެވެ. ލުތުފީމެން އަންގަމުން ދިޔައީ މަނަވަރު އޮތް ހިސާބަށްވުރެ ބޯޓާއި ކައިރިވެއްޖެނަމަ ރަހީނުންގެ ތެރެއިން މީހަކު މަރާލާނެކަމަށެވެ. އެރޭ 8 ޖެހިތަނާ މަނަވަރުން ބޯޓަށް ބަޑި ޖަހަން ފަށައިފިއެވެ. އެގޮތަށް ގޮސް ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހުގެ ހެނދުނު މަނަވަރުން ދެމުން ގެންދިޔަ ހަމަލަތައް ވަރަށް ވަރުގަދަ ކުރިއެވެ. އެހިނދު ބޯޓުގެ ބައިތައް ހަލާކުވާން ފަށައިފިއެވެ. އަދި ބޯޓުގެ ކުރީކޮޅުގައި އަލިފާން ރޯވެއްޖެއެވެ. އިރުކޮޅަކުން ބޯޓުގައި ތިބި ތަމަޅައިންގެ މީހުން ޑެކް މައްޗައް ނިކުމެ އަމާންދިނުމުގެ ގޮތުން އަތްމައްޗައް ނަގާ މަނަވަރާ ދިމަޔަށް ހޫރަން ފެށިއެވެ. ދެން މަނަވަރު ބޯޓާއި ބައި މޭލެއްހާ ކައިރިކޮށްފައި އެންމެން ކަނޑަށް ފުންމާލަން އެންގިއެވެ. ދެން އޭގެ ތެރެއިން ރަހީނުން ގެ ގޮތުގައި ގެންދެވުނު ދިވެހިންގެ ތެރެއިން ހާލުދެރަ މީހުން ވަގުތުނ އިންޑިޔާ ސިފައިންގެ ހެލިކޮޕްޓަރުގައި ޓްރެވެންޑްރަމް އަށް ގެންދެވުނެވެ. ބާކީ ތިބި ދިވެހިންނާއި ތަމަޅައިން މާލެގެނައީ މަނަވަރުގައެވެ.

ޝަރީޢަތް ކުރުން

މި އުދުވާނީ ހަމަލާއާ ގުޅިގެން ހައްޔަރުކުރެވޭ އެކި މީހުންނާ މެދު ޝަރީއަތް ހިންގުމަށްޓަކައި ބޭނުންވާ ތަހުގީގުތައް ކުރިއަށް ގެންދިއުމަށްޓަކައި ކޮމެޓީއެއް އުފެއްދިއެވެ. މި އުދުވާނީ ހަމަލާގެ ކުށްވެރިންގެ ޝަރީއަތްތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި ފެށުނީ 1989 މާރޗް 16 ވަނަ ދުވަހުއެވެ. އެގޮތުން ބިދޭސީ ޓެރަރިސްޓުން ކޯޓަށް ގެންދެވުނީ މޫނު ނިވާކުރުވައިގެން އަތުގާ ބިޑި އަޅުވައިގެންނެވެ. ދިވެހިން ގެންދެވުނީ މޫނު ނުބަނދެއެވެ. ޝަރީއަތް ކުރިއަށް ގެންދިޔައީ ހައިކޯޓުގެ އުއްތަމަ ފަނޑިޔާރާއި އިތުރު ދެ ފަނޑިޔާރުން ހިމެނޭ ބެންޗަކުންނެވެ. މި ޝަރީއަތްތައް އެއްކޮށް ނިންމާލެވުނީ 1989 ވަނަ އަހަރުގެ އޯގަސްޓް 12 ވަނަ ދުވަހުއެވެ. އެގޮތުން މެރުމަށް ނިޔާ ކަނޑައެޅީ 4 ދިވެހިންނާއި 12 ބިދޭސީ އެއްގެ މައްޗަށެވެ. އެހެންނަމަވެސް ފަހުން އެ އަދަބު އުމުރަށް ޖަލަށްލުމައް ބަދަލުކުރިއެވެ.

ނިންމުން

ކުރުގޮތަކަށް މި ބަލާލެވުނީ 3 ނޮވެމްބަރު 1988 ވަނަ ދުވަހު ހިނގާދިޔަ އުދުވާނީ ހަމަލާއާ ގުޅުން ހުރި ބައެއް ވާހަކަތަކެވެ. އެހެން ނަމަވެސް މި ވާހަކަތައް އަޅުގަނޑުމެންގެ ތެރޭގައި މިގޮތަށް ދެކެވޭލެއް މަދެވެ. ދެކެވުނަސް ދެކެވެނީ ވަރަށްފަނޑު ގޮތެއްގައެވެ. މިހެންވެ މި ވާހަކަތައް ހިރަފުސް ފޮޅާލައިފައި އަލުންބަލުން ހަނދާން ކޮށްލުމުގެ ގޮތުން ކިޔުންތެރިންނާ ހިސާބަށް ގެނެސްދިނީއެވެ. ދުޢާއަކީ މި ފަދަ ބިރުވެރި ދުވަހެއް ދެން އަޅަމެންނަށް ނުދެއްކެވުމެވެ.

ނޯޓް: 3 ނޮވެމްބަރު 1991 ވަނަ އަހަރު ރައީސުލްޖިމްހޫރިއްޔާ ގެ އޮފީހުން ”ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާ“ މިނަމުގައި އެހާތަނަށް އެއްކުރެވިފައިވާ މައުލޫމާތު ހިމަނައިގެން ފޮތެއް ނެރިފައިވެއެވެ. މި ލިޔުމަށް މައުލޫމާތު ނެގިފައިވާނީ އެ ފޮތުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.