ރިޕޯޓް އަޅާނުލެވި ދޫކޮށްލެވިފައިވާ ނުރަނގަޅު ޢަމަލެއް

އަޅާނުލެވި ދޫކޮށްލެވިފައިވާ ނުރަނގަޅު ޢަމަލެއް

އަޅާނުލެވި ދޫކޮށްލެވިފައިވާ ނުރަނގަޅު ޢަމަލެއް

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެ އަކީ "ސައްތައިން ސައްތަ" މުސްލިމް ޤައުމެކެވެ. އެއްބަޔަކު އަނެއްބަޔަކަށް އަޅާލާ އޯގަތެރި އެހީތެރިކަން ފޯރުކޮށްދޭ ހިތްހެޔޮ ބަޔަކު އުޅޭ ޤައުމެކެވެ. އެހެންނަމަވެސް އަޅުގަނޑުމެން ދިވެހިންގެ ފަރާތުން ފެންނަ ޢަމަލެއްގެ ވާހަކަ ޙިއްސާކޮށްނުލާ ހިތަށް ހަމަޖެހުމެއް ނުލިބުނީ އެވެ. މިލިޔުން ކިޔުމަށްފަހު އެއްބަޔަކު ހޭނެ އެވެ. އަނެއްބަޔަކު އެ ޢަމަލު ކުރިކަމުގައިވީ ނަމަވެސް އެއީ ނުރަނގަޅު ޢަމަލެއް ކަމަކަށް ގަބޫލުކުރަން ބޭނުމެއްނުވާނެ އެވެ. ދެން ތިބި ބަޔަކު މިއީ ގޯސް ޢަމަލެއް ކަމުގައި އެއްބަސްވިޔަސް އެ ޢަމަލު ހުއްޓާލާކަށް ބޭނުމެއް ނުވާނެ އެވެ.އެހެނަސް ވަރިހަމަ އެވެ. އަޅުގަނޑުގެ ލިޔުމައިގެން އަޅުގަނޑު ކުރިއަށްދާނަމެވެ.

މާލެއަކީ މިރާއްޖޭގެ ވެރިކަންކުރާ ރަށަށްވުމުން އެންމެންވެސް ދިރިއުޅެން ބޭނުންވަނީ މާލޭގަ އެވެ. ކިތައްމެ ގިނަ ދަތި އުދަގޫތަކެއް ކުރިމަތިވިޔަސްހެވެ. މާލެފަދަ "ހިތްގައިމު" ތަނެއް މިރާއްޖޭގައި ނެތް ކަހަލަ އެވެ. ނަތީޖާ އަކީ ކޮބައިތޯ އެވެ. ތަފާތު ގިނަ ނުރަނގަޅު ޢަމަލުތައް ގިނަވެ ނަމެއްގައި "ތަހުޛީބު" ވެގެން ދިއުމެވެ. މިގޮތުން ބަލާއިރު މާލޭގެ މަގުތައް ބޭނުންކުރައްވާ ބޭފުޅުން މަގުތައް ބޭނުންކުރައްވަނީ އެންމެ އެކަށީގެންވާ ގޮތުގައިތޯ އެވެ. ޤަވާއިދުތަކާއި ޚިލާފަށް އުޅަނދު ދުއްވުމާއި އެހެންމީހުންނަށް ވިސްނާލުމެއްނެތި ހިތުހުރި ގޮތަކަށް ޢަމަލުތައް ބެހެއްޓުން ވަކި މަދުތޯ އެވެ. މިގޮތުން މިލިޔުމުގައި ބަލައިލާނީ ވަކި ޤަވާއިދެއް ހެދިފައިނުވާ، ގިނަމީހުން މާބޮޑު އަޅާލުމެއްނުދޭ ޢަމަލަކަށެވެ. އާދެ، ބަރުގޮނު އެޅުމަށެވެ.

ބަރުގޮނު އެޅުމަކީ މާލޭގައި ވަރަށް އާންމު ކަމެކެވެ. މަގުމަތިން ދާއިރު އެންމެން އެއްފަހަރާ ބަރުގޮނު ނާޅާ މަންޒަރެއް ނުފެންނަ އެންމެ ދުވަހެއްވެސް ނުދާނޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. މަންޒަރު ބަލަން ހުންނަ މީހަކަށް ހީވާނީ އެކަކަށް ވުރެ ބާރަށް އަނެކަކު ބަރުގޮނުއަޅަން އުޅެނީ ހެންނެވެ. އެންމެ ބާރަށް ބަރުގޮނުއެޅެނީ ކާކަށްތޯ ބަލަން ބާއްވައިގެން އުޅޭ މުބާރާތެއްހެންވެސް ހީވާ ފަހަރު އާދެ އެވެ. ހީވާކަހަލައެވެ. އެންމެން އެއްފަހަރާ ބަރުގޮނުއެޅުމުން ނޫނީ ކުރިމަތީ އޮންނަ އެއްޗެއްގެ މަސައްކަތެއް އަވަހެއް ނުވާނެ އެވެ. މި ޢަމަލު ކުރާ މީހުން އޭގެ ސަބަބުން އަނެކުންނަށް ވާނެ އުދަގުލަކާއި ދޭތެރޭ ހަމަ ވިސްނާނުލަނީ ބާވައެވެ. އަނެކުންނަށް ކުރާ އަސަރުގެ ވާހަކަ އިހަށް ބާއްވަމާ ހިގާށެވެ. އެންމެ ފުރަތަމަ މިޢަމަލު ކުރާ މީހުންގެ ބޮލަކަށް އުދަގުލެއް ނުވޭބާވައޭ އަޅުގަނޑުގެ ހިތަށް އަރަ އެވެ. ކަންފަތު ތޫރި ފަޅާގެންދާ ހިސާބަށް ދާއިރުވެސް ހަމަ ބަރުގޮނުއަޅާލަ އަޅާލަ ތިބެދާނެ އެވެ. ކެއްތެރިކަން ކުޑަވިޔަސް، ތާކަށްދާ ގަޑިޖެހުނަސް ތިމާގެ ކަންފަތަށާއި ބޮލަށް ކުރާ އަސަރު ތިމާއަށް ވުރެ ބޮޑަށް އެގޭނީ ފަހެ ކާކަށް ހެއްޔެވެ.

މި ޢަމަލުކުރާ މީހުންގެ ޢަމަލުތައް މިހެންހުނަނީ ވަކި ސަބަބެއް ނެތިއެއްވެސް ނޫނެވެ. އާއެކެވެ. ހަނިމަގެއްގާ ކާރެއް މަޑުކޮށްގެން ގިނަވަގުތު ނަގަންޔާ ފަހަތުގާ ތިބޭ މީހުންނަށް ވަކި ކެތްކުރެވޭނެތޯ އެވެ. ޕިކަޕެއް މަޑުކޮށްގެން އެއަށް އެއްޗެހި އަރުވާ ބާލައި ހަދަން "އެތަށް ގަޑިއިރެއް" ހޭދަވާ ކަމުގައިވަނީނަމަ ދަތުރު ނުކުރެވިފާ ތިބި މީހުންގެ "ބޮލަށް ތުރާ" ނުވެ ނުދާނެއެވެ. ހަމަ އެހެންމެ ޓެކްސީއަށް އަރާ ފޭބުމަށް "ދިހަ ބާރަ ގަޑިއިރު" ނަގަންޔާ ދެންތިބި ދުއްވާމީހުންގެ ފުލަކަށް ބާރު ނުކުރާނެތޯ އެވެ. އެންމެ ފަހުން ބޮލަށް އުދަގުވެގެން ކެތްތެރިކަން ކޮޅުންލައިގެން އެންމެން އެއްފަަހަރާ ބަރުގޮނުއަޅަނީ އެވެ. އެކަކަށް ވުރެ އަނެކަކު ބާރަށެވެ. ކުރިމަތީ އޮތް އުޅަނދު ދޭތޯ ފަހަތުގައި ތިބި މީހުންނަށް ކުރެވޭނެ އިތުރު ކަމެއްނެތެވެ.

އެހެންނަމަވެސް ޤަބޫލުކުރަންޖެހޭ ހަގީގަތަކީ އެންމެން އެއްފަހަރާ ބަރުގޮނު އެޅުމުން ތިމާއަށްވެސް އަދި އަނެކާއަށް ވެސް އުދަނގޫ ވާނެކަމެވެ. އާއެކެވެ.މަގަކީ އެންމެންވެސް ބޭނުންކުރާ، އެންމެން ބޭނުންކުރަން ޖެހޭނެ ތަނެކެވެ. ކާރުންފައިބާ މީހުންވެސް އަދި ޕިކަޕެއްގެ ކަމެއްވިޔަސް ދެންތިބި ދަތުރުވެރީންނަށް ވިސްނާލަން ޖެހޭނެއެވެ. ހަމަ އެހެންމެއެންމެން އެއްފަހަރާ ބަރުގޮނު އެޅުމުން މަގު ހިނގާ އެތައް ބަޔަކަށް އަސަރު ކުރެއެވެ. މީގެ އިތުރުން ވަށައިގެން ތިބި ގެތަކުގެ އަހުލުވެރިންނަށް އުދަނގޫ ނުވާނެތޯ އެވެ. އެގެ ތަކުގައި ނިދާފައި ތިބި ތުއްތު ތުއްތު ކުދިންގެ ނިދިން އެކުދިން މަހުރޫމް ނުވާނެތޯ އެވެ. އެގެ ތަކުގައި ތިބި އަދި މަގުހިނގާ މުސްކުޅިންގެ އަޑުއިވުމުގެ ހިއްސު ނިކަމެތިވީ ކަމުގައިވިޔަސް، އެމީހުންނަށްވެސް އުދަގޫވާނެކަން ކަށަވަރެވެ. މީގެ އިތުރުން މަދަރުސާތަކުގައްޔާ ގޭގޭގައި ކިޔަވަންތިބޭކުދިންނާއި، މިސްކިތްތަކުގައި ނަމާދަށް ތިބޭމީހުންނާ ދޭތެރޭ ވިސްނޭބާވަ އެވެ.

މިހާރު މި ލިޔުން މާ ދިގުވެއްޖެދޯ އެވެ. އެހެންނަމަވެސް އަޅުގަނޑަށް ފެނުނު މަންޒަރެއްގެ ވާހަކަ ޙިއްސާކޮށްނުލާ ނިންމާލާ ހިތެއްނެތެވެ. އެއްދުވަހަކު ކާރަކަށް މަޑުކުރަން ޖެހުނީ ހަނި މަގެއްގައެވެ. ފަހަތުންއައި ކާރުތަކާއި ސައިކަލްތައް ވަކިމަދެއް ނޫނެވެ. އެކާރު މަޑުކުރުމަށްފަހު ދެމިނެޓު ނެގިހެނެއް ހީނުވެ އެވެ. ފަހަތުގައި ތިބި އެންމެން ބަރުގޮނުއަޅަން ފަށައިފި އެވެ. ކާރުން ފައިބަން މިއުޅެނީ މުސްކުޅި އަންހެނަކާއި ފިރެހެނެކެވެ. ވަރަށް އުދަނގުލުން ކާރުން ފައިބާގެން މަގުގެ އެއްއަރިއަށް އަރަން މަސައްކަތް ކުރަމުންދާއިރުވެސް އެންމެން "ހޭވައްޓާލާފައި" ބަރުގޮނުއަޅަނީ އެވެ. ކަހެރު ވަކެކޭވެސް ހީނުވާ ކަހަލަ އެވެ.

ޤަބޫލު ކުރަމެވެ. ކޮންމެ މީހަކީވެސް ކޮންމެވެސް ކަމަކު އަވަދި ނެތި އުޅޭނެ މީހެކެވެ. ކޮންމެވެސް ތާކަށްދާން ގަޑި ޖެހިގެން އުޅޭނެ މީހެކެވެ. އެހެންނަމަވެސް މިފަދަ ޢަމަލުތަކުގެ ސަބަބުން ދެންތިބި މީހުނަށް ވާނެ އުދަނގުލާއި ދޭތެރޭ ވިސްނާލަން ޖެހޭނެ އެވެ. މުސްލިމުންނަކީ އެކަކު އަނެކަކަށް އުދަނގޫ ވާފަދަ ޢަމަލުތަކުން ދުރުވެ ތިބެންޖެހޭނެ ބައެކެވެ. ކޮންމެ މީހަކުވެސް މަގު އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށްގެން މެނުވީ މިފަދަ ޢަމަލުތަކެއް ނުހުއްޓުވޭނެކަން ގައިމެވެ. އަޅުގަނޑުމެންގެ މި މުޖުތަމަޢުއަކީ އަމަންއަމާންކަން އޮންނަ ހިތްހަމަ ޖެހިލައިގެން ދިރިއުޅެވޭނެ ތަނެއްކަމުގައި ހެދުމައްޓަކައި އަޅުގަނޑުގެވެސް އަދި ތިޔަބޭފުޅާގެވެސް އެއްބާރުލުން ވަކި ކުޑައެއް ނޫނެވެ. ނިންމާލަމުން ދަންނަވާ ހިތްއޮތީ ﷲގެ އިރާދަފުޅާއިއެކު ކެތްތެރިކަމުގެ ނަތީޖާ ވަކި ހިއްޗެއް ނުވާނެއެވެ. =ވައްސަލާމް=

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.