
މާދަމާ ކަތިލެވޭނެ ބަކަރިތައް މިހާރު ހުރީ މާއިދާނާ އިންވެގެން ހުރި ވޮލީ ކޯޓަށް ގެނެވިފައި | ފޮޓޯ: އަޙްސަން
މާފަންނު ސްޓޭޑިއަމްގައި މާދަމާ ކުރެވޭ ޢީދުނަމާދުގެ ރަސްމީ ޖަމާޢަތަށް ފަހު މައިދާނާ އިންވެގެން އޮންނަ ވޮލީ ކޯޓުގައި އުޟްޙިޔާ ކަތިލުމުގެ އިންތިޒާމް ހަމަޖެހިފައިވާކަމަށް މަހަލްދީބް ފައުންޑޭޝަންގެ ފަރާތުން ހާމަކޮށްފިއެވެ. މަހަލްދީބް ފައުންޑޭޝަން އާއި ޢީދުނަމާދު ބޮޑު ޖަމާޢަތް އިންތިޒާމްކުރާ ފަރާތާއި ގުޅިގެން އިންތިޒާމްކުރާ މި މަޝްރޫޢުގައި ސާޅީހަކަށް ބަކަރި ކަތިލެވޭނެ ކަމަށް ދިއިސްލާމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މަހަލްދީބް ފައުންޑޭޝަންގެ ފަރާތުން ހިލޭ ވިއްސަކަށް ބަކަރި އަދި ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރުމުގެ އިންތިޒާމްކުރާ ފަރާތުން 5 ވަރަކަށް ކަތިލަން ހަމަޖެހިފައިވާއިރު، ބާކީ ހުރި ބަކަރިތައް ހުރި ވަރަކުން ޢާއްމުންނަށް ގަނެވޭނެ ފުރުޞަތު އޮންނާނެކަމަށް އިންތިޒާމްކުރާ ފަރާތުން މަޢުލޫމާތުދެއެވެ.
ބަކަރިތައް ވިއްކުމުގެ އަގުތައް ހަމަޖެހިފައިވަނީ ކުޑަ ބަކަރިއެއް ނަމަ 3500 ރުފިޔާއަށް އަދި ބޮޑު ބަކަރިއެއް 4000 ރުފިޔާއަށް، ކުޑަ ބަކަރިއެއް ނޮޅާ ސާފުކުރުމާއެކު ނަމަ 3800 ރުފިޔާއަށް އަދި ބޮޑު ބަކަރިއެއް ނޮޅާ ސާފުކުރުމާއެކު ނަމަ 4300 ރުފިޔާއަށެވެ.
އުޟްޙިޔާ ކަތިލުމުގެ މި މާތް ޢަމަލުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ އެދެވިގެންވާ ކަމެއްކަމަށް މަހަލްދީބް ފައުންޑޭޝަންގެ ރައީސް ފަޟީލަތުއްޝައިޚް މުޙައްމަދު ޢިޔާޟް ވިދާޅުވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...