މާލޭގައި މިއަދު ހުޅުވި ''ސެއިލާސް ކެފޭ'' އިން މިއަދު ލިބޭ ހުރިހާ ފައިސާއެއް މަނަދޫގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ ޖަމާޢަތަށް ހަދިޔާކުރާ ގޮތަށް ހަމަޖައްސަވާފައިވާ ކަމަށް އޯޝަންލިންކް މޯލްޑިވްސް އިން ވިދާޅުވެއްޖެއެވެ.
އޯޝަންލިންކް މޯލްޑިވްސްގެ ޗެއަރމަން ޙުސައިން ޝިޔާމް ވިދާޅުވިގޮތުގައި ކުންފުނީގެ ފަރާތުން މިއަދު މާލޭގައި ހުޅުވާ ކެފޭއިން މިއަދުގެ ސޭލްސްއަށް ލިބޭ ހުރިހާ ފައިސާއެއް ހަދިޔާ ކުރުމަށް ނިންމަވާފައިވަނީ މަނަދޫގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ޖަމާޢަތަށް ކަމަށެވެ.
'' މިގޮތަށް ނިންމީ އެކުދިން މަނަދޫގައި ދީނީ ހޭލުންތެރިކަން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުން. އަނެއްކޮޅުން ފެބްރުއަރީ މަހު ޖަމްޢިއްޔަތުއް ސަލަފުގެ ފަރާތުން މަނަދޫގައި ބާއްވާ ދީނީ މަހާސިންތާއަށްވެސް އެހީވެދިނުން. '' ފުޅާދާއިރާއެއްގައި ކޭޓަރިނގް ގެ ޚިދުމަތް ދެއްވަމުން ގެންދަވާ އޯޝަންލިން މޯލްޑިވްސްގެ ޗެއަރމަން ވިދާޅުވިއެވެ.
އޯޝަންލިންކް މޯލްޑިވްސް އިން ހުޅުވާ ކެފޭ ހުންނާނީ އޯކިޑް މަގުގެ ހަބީބު ބޭންކު ހިނގަމުން އަންނަ އެމްއެންއެސްއެލް ޢިމާރާތާއި އިންވެގެންނެވެ. މިކެފޭއިން ކޮފީ އާއި އެކިވައްތަރަކުގެ ފިނި ބުއިންތަކާއި ފާސްޓް ފުޑްގެ އިތުރުން ބާގަރ، ސެއިލާޒް ސްޕެޝަލް ޕިއްޒާ، ސަބްމެރިން ލިބެން ހުންނާނެ ކަމަށް ޙުސައިން ޝިޔާމް ވިދާޅުވިއެވެ.
މިއަދު ހުޅުވުނު މިކެފޭ ހުޅުވުމުގެ ހަފްލާގައި މަނަދޫގެ ކުދިބޮޑު އެންމެހާ ފާރަތްތަކުން ބައިވެރިވެވަޑައިގެންނެވުމަށް އޯޝަންލިންކް މޯލްޑިވްސް އިން ދަޢުވަތު އަރުވައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...