ޢައްލާމާ އައްޝަނަވާނީ ވިދާޅުވިއެވެ:
ސުނަން އަބޫ ދާވޫދު ލިޔުއްވި އަބޫދާވޫދު (އައް-ސިޖިސްތާނީ)، އާއި ބެހޭ ގޮތުން އައިސްފައިވެއެވެ. އެއްފަހަރަކު އޭނާ ބޯޓެއްގައި ހުއްޓެވެ. އެއްގަމުގައި ހުރި މީހަކު ކިނބިއްސެއް އަޅައި އަދި "އަލްޙަމްދުލިﷲ - ހުރިހާ ހަމްދެއްވަނީ ހަމައެކަނި ﷲ އަށް " ބުނި އަޑު އަބޫދާވޫދަށް އިވުނެވެ.
އެހިނދު އަބޫ ދާވޫދު ފަލި ޖަހާ ބޮއްކުރައެއް 1 (އެކެއް) ދިރުޙަމަށް ކުއްޔަށް ހިފައި، އެއްގަމަށް ގޮސް އެއްކަލަ މީހާގެ ޖުމްލައަށް ރައްދުދެއްވިއެވެ. "ޔަރްޙަމުކުﷲ - ﷲ ތިބާއަށް ރަޙްމަތް ލައްވާށި"
އެއަށްފަހު އިމާމް އަބޫ ދާވޫދު އާއި މި ހިނގި ހާދިސާއާއި ގުޅޭ ގޮތުން ސުވާލު ދެންނެވުނެވެ. ޖަވާބުގައި އިމާމް އަބޫ ދާވޫދު ދެންނެވިއެވެ. "ވެދާނެ އެ ކިނބިހި އެޅި މީހާއަކީ އެ މީހެއްކުރާ ދުޢާ ﷲ އިޖާބަ ކުރައްވާ މީހުންގެ ތެރެއިން މީހެއްކަމަށް"
ބޯޓުގައި ތިބި މީހުންނަށް ނިދި ޖެހުނު ވަގުތު، ގޮވާލާ އަޑެއް އިވުނެވެ. "އޭ ބޯޓުގެ އަހުލުވެރިންނޭވެ! ހަމަކަށަވަރުން އަބޫ ދާވޫދު އެއް ދިރުޙަމަށް ﷲގެ ކިބައިން ސުވަރުގެ ގަނެފިއެވެ"
(އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ހެޔޮކަމެއް އެއީ ކިތަންމެ ކުޑަކަމެއްވިޔަސް އެއީ ކުޑަ ކަމެކޭ ހިތައި ދޫކޮށް ނުލާށެވެ! ބޭނުމެއް ޖެހިފައިވާ މީހަކާއި ދިމާވެއްޖެނަމަ އެއީ ކުޑަ ކަމެއްކަމުގައި ވިޔަސް އެކަމެއް ކުރުމުގެ ސަބަބުން ތިބާގެ ފާފަތައް ފުހެވިގެން ހިނގައިދާނެކަމަށް ވިސްނައި އެކަމަކަށް އަވަސްވެ ގަންނާށެވެ. އަހަރެމެންގެ ސަލަފުން ދެއްކެވި މިފަދަ ރިވެތި ނަމޫނާތަކުގައި ހިފާ އެއަށް ޢަމަލު ކުރާ ބަޔަކު ކަމުގައި އަޅަމެން ލައްވާށި! އާމީން!)
ނޯޓް: މިވާހަކަ ގެނެސް ދިނުމުގައި ބަހުން ބަހަށް ތަރުޖަމާ ކުރުމުގެ ބަދަލުގައި، އަސަރު ހިމެނޭނޭ ގޮތަށް ބައެއް ޖުމްލަ ވާނީ ބަދަލުކުރެވިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...