ވިޔަފާރިވެރިންނަށް ހެދިގެން އުޅުނު އީރާނުގެ ޖާސޫސުންތަކެއް ޔަމަނުގެ ސަލާމަތީ ބާރުތަކުން އަތުލައިގެންފިއެވެ.
ޔަމަނުގެ ދިފާޢީ ވުޒާރާގެ ރަސްމީ ވެބްސައިޓްގައި ހާމަކޮށްފައިވާ ގޮތުން ޔަމަނުގެ ވެރިރަށް ޞަންޢާ އާއި ޢަދަނާއި އަދިވެސް އެހެން ރަށްތަކުގައި އީރާނަށް ޖާސޫސްކޮށްދެމުން ދިޔަ ނެޓްވޯކެއްގެ މެންބަރުންތަކެއް ވަނީ އަތުލައިގެންފައެވެ. އޭގެ ތެރޭގައި ހިމެނެނީ އީރާނާއި ޞޫރިޔާގެ ރައްޔަތުންނެވެ.
ދިފާޢީ ވުޒާރާގެ ވެބްސައިޓްގައި ވާގޮތުން ހައްޔަރުކުރެވުނު އީރާނުގެ ޖާސޫސުން ވަނީ ވިޔަފާރިވެރިންގެ ގޮތުގައި ޔަމަނަށް ވަދެ އެޤައުމުގައި ފެކްޓްރީ ހިންގުމުގެ ހުއްދަ ހޯދައިފައެވެ. އެއަށް ފަހު ޢަދަނުގެ ބަނދަރު މެދުވެރިކޮށް ފެކްޓްރީ ޢިމާރާތްކުރުމަށް ބޭނުންވާ ސާމާނު ގެންނަން ފެށިއެވެ. ނަމަވެސް މުދާތައް ގެނެސްފައި ހުރި ކޮންޓޭނަރތައް ބަލައި ފާސްކުރުމުން ހާމަވިގޮތުގައި އޭގައި ހުރީ ޢިމާރާތްކުރުމަށް ބޭނުންވާ ސާމާނުގެ ބަދަލުގައި ނުރައްކާތެރި ޙަމަލަތަށް ދިނުމަށް ތައްޔާރުކޮށްފައި ހުރި ހަތިޔާރެވެ.
ޚަބަރުތައް ދިރާސާކުރާ ފަރާތްތަކުން ހާމަކުރާގޮތުގައި ޔަމަނުގައި އީރާނުގެ ޖާސޫސުންގެ ވަރުގަދަ ނެޓްވޯކެއް ދަނީ ހަރަކާތްތެރިވަމުންނެވެ. އޭގެ ތެރޭގައި އީރާނާއި ސޫރިޔާގެ ރައްޔިތުންގެ އިތުރުން ޚުދް ޔަމަނުގެ ރައްޔިތުންވެސް ހިމެނެއެވެ.
ޔަމަނުގެ ސަރުކާރުން ގެންދަނީ އެޤައުމުގެ އުތުރުގައި ވަކިވެގަތުމަށް މަސައްކަތްކުރަމުންގެންދާ ޝީޢީ މަޒްހަބަށް ނިސްބަތްވާ ޙޫޘީންނަށް އީރާނުން އެހީތެރިވަމުން އަންނަކަމަށް ތުހުމަތުކުރަމުންނެވެ.
___________________--
މަޞްދަރު : އަލްޢަރަބިއްޔާ

ކޮމެންޓް (0)
ލޯޑް ކުރަމުން...