އެހީ!

ތުއްތު އަރީން އަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެއްވާ!

މުސްލިމުންގެ މިސާލަކީ އެއް ހަށިގަނޑުގެ މިސާލެވެ. އެ ހަށިގަނޑުގެ ގުނަވަނެއްގައި ވޭން އަޅާނަމަ މުޅި ހަށިގަނޑު ހޭލާ ހުރުމާއި ހުން އައުމުން އެކަމުގައި ބައިވެރިވެ އެވެ. އަޅުގަނޑުމެންގެ ތެރޭގައި ތިބޭ އެހީތެރިކަމާއި އޯގާތެރިކަން ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހެ އެވެ.
ސ.މީދޫ ފިނިހިޔާ، އަޙްމަދު އަޔާޒާއި ފާޠިމަތު ލީޒާގެ ފުރަތަމަ ދަރިފުޅު އަރީން އަޔާޒަކީ އުފަންވީއިރުވެސް ބަލިކަމެއް ހުރި ކުއްޖެކެވެ. މިހާރު އަރީންގެ އުމުރުން 9 މަހެވެ. އުމުރުން 1 މަހުގައި އަރީންއަކީ ބަލި ކުއްޖެއްކަން ފާހަގަ ކުރެވުނު ކަމަށް އަރީންގެ ބައްޕަ ދިއިސްލާމަށް މައުލޫމާތު ދިނެވެ. އެގޮތުން އަތުގެ އިނގިލިތައް މެދު ހުޅުން ނުލެނބުމުގެ އިތުރުން، ގާތުން އެއްގޮތަކަށް ވެސް ނުބޯކަމަށް ޢާއިލާއިން ބުންޏެވެ.

އައްޑޫ ސިޓީގައި ކުޑަކުދިންގެ ޑޮކްޓަރެއް އޭރު ނެތުމުން، އާއިލާއަށް މަޖުބޫރުވީ ދަރިފުޅު ގޮވައިގެން މާލެ އައުމަށެވެ. މާލޭގެ އޭޑީކޭ ހޮސްޕިޓަލްގެ ކުޑަކުދިންގެ ޑޮކްޓަރަކު ބައްލަވާފައި ވިދާޅުވީ، އަރީން އަދި ކުޑަކަމުން އެއްޗެއް ދަންނަވަން ނޭގޭ ކަމަށެވެ. އެހެންކަމުން، ކްލިނިކެއްގައި މަސައްކަތްކުރައްވާ ކުޑަކުދިންގެ ޑޮކްޓަރަކަށް އަލުން ދެއްކި އެވެ. މި ފަހަރު ޑޮކްޓަރު ވިދާޅުވީ އަރީންގެ ކުޑަދޫ ދެކަފިވެފައިވާ ކަމަށާއި އޮޕަރޭޝަނެއް ކުރަން ޖެހޭނެ ކަމަށެވެ. އަދި މި އޮޕަރޭޝަނަކީ ރާއްޖޭއިން ކުރެވޭނެ އޮޕަރޭޝަނެއް ނޫން ކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ.

ޑޮކްޓަރު ވިދާޅުވި ގޮތުގައި، އޮޕަރޭޝަން ކުރެވޭނީ އަރީންގެ ބުރަދަނުގައި 10 ކިލޯ ހަމަވުމުންނެވެ. މިހާރު އަރީންގެ ބުރަދަނުގައި ހުންނަނީ 6 ކިލޯއެވެ. ނަމަވެސް އަރީންގެ ހާލަތު ގޯސް ވަމުން އަންނާތީ އާއިލާއިން ބޭނުން ވަނީ އަވަސް ފުރުސަތެއްގައި ރޭއްޖޭއިން ބޭރަށް ގޮސް ޑޮކްޓަރަށް ދައްކާ އޮޕަރޭޝަން ކުރެވޭނަމަ އަވަހަށް ކުރުމަށެވެ. އަރީންގެ ބައްޕަ މައުލޫމާތު ދިން ގޮތުގައި އަރީންއަށް ކާން ދިނުމުން ނޭފަތުން ކާއެއްޗެހި އައުމުގެ އިތުރަށް ކުޅުއައުން ވެސް ހިމެނެއެވެ. އަދި އަރީންގެ ވާތު ލޯ ކުޑަވެފައި މައްސަލަ ހުރިކަން ވެސް ފާހަގަކުރެވޭ ކަމަށް އާއިލާއިން ބުންޏެވެ.

އަރީންގެ ބައްޕަ މައުލޫމާތު ދިން ގޮތުގައި އޮޕަރޭޝަން ކުރަން ޖެހުމުން އާއިލާއިން ވަނީ އެކަމަށް މާލީގޮތުން ނުކުޅެދިފަ އެވެ. ވީމާ، އަރީންގެ ކުޑަދުލާއި، އަތުގެ އިނގިލިތައް އޮޕަރޭޝަންކޮށް، ލޮލަށް ފަރުވާ ހޯދުމަށްޓަކައި، ތިޔަފަރާތުގެ އެހީތެރިކަމަށް ވަނީ ބޭނުންވެފަ އެވެ.
އެ ތުއްތު ދަރިފުޅާއި، އެ އާއިލާއަށްޓަކައި ހަމަ ކޮންމެ ބޭފުޅަކުވެސް ޤުރުބާނީއެއް ވެލައްވާށެވެ. އަރީންގެ ފަރުވާއަށްޓަކައި ތިބާގެ އަތުން ދިއްކޮށްލާ އެންމެ ރުފިޔާއަކީ ވެސް މިއަދު އެ ޢާއިލާއަށް ރަނަށްވުރެވެސް އަގު ބޮޑު އެއްޗެކެވެ. އަދި އެހީތެރިކަމުގެ ކިތަންމެ ކުޑަ މިންވަރެއްވެސް އެ ޢާއިލާއިން ބަލައިގަންނާނީ ޝުކުރުވެރިކަމާއެކުގަ އެވެ.
ލަސް ނުކުރައްވާ އަރީންއަށް އެހީތެރިކަން ފޯރުކޮށްދެއްވާށެވެ. ﷲ ގެ މަގުގައި ހޭދަ ކޮށްލޭ އެންމެ ބައިރުފިޔާއަކީ ވެސް ގެއްލިގެން ދާނެ އެއްޗެއް ކަމުގައި ހީނުކުރާށެވެ. މާތް ﷲ ތިބާގެ މުދަލުގައި ބަރަކާތް ލައްވާނެ އެވެ. މާދަމާ ތިބާ ވެސް އެހެން މީހުންގެ ކިބައިން އެހީތެރިކަން ބޭނުން ވެދާނެކަން ހަނދާން ނައްތާނުލާށެވެ.

* އަރީންގެ ބައްޔާ ގުޅޭ ހުރިހާ ލިޔެކިޔުމެއް ދިއިސްލާމަށް ވަނީ ލިބިފަ އެވެ.

އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ:

- އަރީންގެ ބައްޕަ އަޙްމަދު އަޔާޒްގެ ނަންބަރު 9809690 ފޯނަށް ގުޅުއްވާށެވެ.

އަދި ފައިސާގެ އެހީ ދެއްވުމަށް ތިރީގައިވާ ބޭންކު އެކައުންޓަށް ޖަމާކޮށްދެއްވުން އެދެމެވެ.
- އެކައުންޓް ނަންބަރު : 101 310410 7716
- އެކައުންޓްގެ ނަން : ފާޠިމަތު ލީޒާ (އަރީންގެ މަންމަ)
- ބޭންކު : ބޭންކް އޮފް މޯލްޑިވުސް
- ފައިސާގެ ބާވަތް : ދިވެހި ރުފިޔާ

ގުޅުންހުރި

12 ޚިޔާލު

  1. މާތްﷲ ތިކުއްޖާއަށް ހެޔޮގޮތްމިންވަރު ކުރައްވާށި އަދި ތިކަމަށް ބޭނުންވާ ފައިސާ ވީހާއަވަހަކަށް ލިބުމަށް ﷲގެ ހަޒްތަރުގާ ދުއާދަންނަވަމެވެ.

  2. އަޜީންއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި.! އާމީން.!

  3. މާތް ﷲ މިކުޑަ ކުއްޖާފުޅަށް ހެޔޮރަޙްމަތް ލައްވާށި. އަދި ފަރުވާ އަށް ބޭނުންވާ ފައިސާ ލިބޭނޭގޮތް މިންވަރުކުރައްވާށި.. އާމީން

  4. ޔާ ﷲ. އެތުއްތު ފުރާނައަށް އަވަސް ޝިފާދެއްވާންދޭވެ. އަދި އާއިލާއަށް ކެއްތެރިކަން ދެއްވާން ދޭވެ.
    ދިއިސްލާމަށް: އެސް އެމް އެސް އިން ފައިސާގެ އެހީ ވެވޭނެ ގޮތެއް ތިޔަފަރާތުން ހަމަޖައްސަވައި ދެއްވަން ވީނޫންތޯ.

  5. އެސްއެމްއެސް އިން ފައިސާ ފޮނުވޭނެ ނަމަ ވަރަށް އުފާކުރާނަން. ރާއްޖެތެރޭގައި އުޅޭ މީހުނަށް އެކައުންޓަށް ޖަމާކުރަން ވަރަށް ދަތިވާނެ.
    މާތް ﷲ މި ލޯބިލޯބި ކުއްޖާފުޅަށް އަވަސް ޝިފާއެއް މިންވަރުކޮށްދެއްވައި ބާއްޖަވެރި ޙަޔާތެއް ދެއްވާށި! އާމީން

  6. ޔާﷲ، މިތުއްތު ކުއްޖާއަށް އަވަސް ޝިފާއެއް ދެއްވާންދޭވެ. އަދި އާއިލާއަށް ކެއްތެރިކަން ދެއްވާންދޭވެ. އާމީން. ދިއިސްލާމް…. އެސް އެމް އެސް އިން ފައިސާގެ އެހީ ދެވޭނެ ގޮތެއް ހަމަޖައްސަވައި ދެއްވަފާނަންތޯ؟ އޭރުން 5ރ. އިން ވިޔަސް 10ރ. އިން ވިޔަސް އެހީވެވިދާނެ. އޭރުން އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ ބައިވަރު މީހުން ވާނެ. މިކަމާމެދު ވިސްނާނެ ކަމަށް އުންމީދުކުރަން.

  7. އަރީން އަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި — އާމީން

  8. ތުއްތު ކުއްޖާ އަށް އަވަސް ޝިފާ އެތް ދެއްވުމަށް ދުޢާ ކުރަން.

  9. ަެއެ ތުއްތު ކުއްޖާގެ ބަލި ރަނގަޅުކޮށްދެއްވާނދޭވެ. އާމީން

  10. ދިރަަާގުން މި ތުއްތު ދަރިފުލަައް ، މަާދަމަައަަށް ލަސްނުކޮެށް ، އެސްްއެމްއެސްއިން ފައިސާ ލިބޭނެ އިންތިޒާމް ދިރާގުގެ މެނޭޖުމަންޓުން ހަމަ ޖަައްސަވައި ދެއްވުމަށް އެދި އިީޒީ ޖަމުއިއްޔާގެ މެމްބަރުން އިލްތިމާސް ކުރަމެވެ. އީޒީ .

  11. މާތް ﷲ މިކުޑަ ކުއްޖާފުޅަށް ހެޔޮރަޙްމަތް ލައްވާށި. އަދި ފަރުވާ އަށް ބޭނުންވާ ފައިސާ ލިބޭނޭގޮތް މިންވަރުކުރައްވާށި . ައީޒީ އެސޯސިއޭޝަން.

  12. މިކުއްޖާ ހެޔޮގޮތް މިންވަރު ކުރައްވާންދޭވެ

Your email address will not be published. Required fields are marked *

More in އެހީ!