"ހައްޖުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެންމެ ފަހު ގުރޫޕް ފުރަންދެން ހަރަކާތްތެރިވެދޭނެ." ކަމަށް އެމްއެންޑީއެފް އިން ހާމަކޮށްފިއެވެ.
އެމްޑީއެފްގެ ރަސްމީ ވެބްސައިޓްގައި ހާމަކޮށްފައިވާ ގޮތުގައި "މިއަހަރު ޙައްޖަށްދާ ހައްޖުވެރިން ފުރުމުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ޙައްޖުވެރިންގެ އެންމެ ފަހު ގުރޫޕް ފުރަންދެން ދިވެހި ސިފައިން ހަރަކާތްތެރިވުމަށް ހަމަޖެހިފައިވާ"ކަމަށެވެ. އަދި "މިއަހަރު ޙައްޖަށްދާ ޙައްޖުވެރިންގެ ތެރެއިން މިއަދު ފުރި ތިންސަތޭކަ ދެ ޙައްޖުވެރިން ފުރުމުގައި ދިވެހި ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާ"ކަމަށެވެ.
އެމްއެންޑީއެފްއިން މިމަސައްކަތް ކުރަމުންދަނީ އިސްލާމިކް މިނިސްޓްރީއާއި ގުޅިގެންނެވެ.
ޙައްޖުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެމްޑީއެފްއިން ދަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އެމްއެންޑީއެފްއިން ހާމަކޮށްފައިވާ ގޮތުގައި "ދިވެހި ސިފައިންވަނީ ޙައްޖުވެރިން ޖުމްހޫރީ މައިދާނުގައި މަޑުކޮށްލެވޭނޭ އިންތިޒާމްތައް ހަމަޖައްސަވައިދެއްވުމުގެ ގޮތުން އެސަރަޙައްދުގައި ޓެންޓު ޖެހުމާއި ހުޅުލެއަށް ފުރުމަށްޓަކައި ޖުމްހޫރީ މައިދާނަށްދިޔަ ޙައްޖުވެރިންނާއި އެމީހުންގެ ޢާއިލާތައް އެތަނުން ރިސީވްކޮށް، އެމީހުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ފެރީއަށް ލޮކޭޓްކޮށްދިނުމާއި، އެމީހުން ފުރުވާލުމުގައި ވާންޖެހޭ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެފަރާތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން އެމްއެންޑީއެފްގެ މެޑިކުންނާއި، ކޯރ އޮފް އިންޖިނިއާސްގެ ސިފައިންނާއި، މާލޭ އޭރިއާ އެމްޑީޔޫތަކުގެ މެރިންސް މިއަދު ޖުމްހޫރީ މައިދާނުގައި ހަރަކާތްތެރިވަމުން ދިޔައިރު، ހުޅުލޭގައިވެސް ދިވެހި ސިފައިންގެ ޓީމްތަކުން މިއަދު ދިޔައީ ހަރަކާތްތެރިވަމުންނެވެ. މިގޮތުން ހުޅުލޭގައި އެމްއެންޑީއެފް މާލޭ އޭރިއާގެ މެރިންސް އާއި އެމްއެންޑީއެފް ހުޅުލޭ ޕޯސްޓުގެ ސިފައިން ހަރަކާތްތެރިވިއިރު، އެއަރޕޯޓަށް ފުރުމަށްދިޔަ ޙައްޖުވެރިންގެ ފޮށިތަންމަތި ޓްރޮލީއަށް ލައިދިނުމާއި، އެފަރާތްތަކުން ގެނެސްފައިހުރި ދަބަސްފަދަތަކެތި އުފުލައިބާލައި ދިނުމުގެ އިތުރުން އެއަރޕޯޓްގެ ތެރޭގައި އުޅޭ އުޅުމުގައި އެފަރާތްތަކަށް ބޭނުންވާ އެހެނިހެން ބައެއް އެހީތެރިކަން ސިފައިން ފޯރުކޮށްދިނެވެ. އަދި ޙައްޖުވެރިންނަށް ކަންކަން މަގުފަހިކުރުވުމުގެ ގޮތުން ހުޅުލޭގައި ހަރަކާތްތެރިވާ އެހެނިހެން އިދާރާތަކަށްވެސް ސިފައިންގެ އެހީތެރިކަން ދިޔައީ ފޯރުކޮށްދެމުން"ކަމަށެވެ.
ޙައްޖުވެރިންގެ އެންމެފަހު ގުރޫޕް ފުރުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރ 5 ވަނަ ދުވަހުއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...