ލީބިޔާގެ ކުރީގެ ޚުދުމުޚުތާރު ލީޑަރު މުޢައްމަރު އަލްޤައްޛާފީ މިދިޔަ އަހަރު އޮކްޓޯބަރު މަހު ތެރޭގައި ހައްޔަރުކުރުމުގެ ޝަރަފްލިބިފައިވާ ޒުވާނުންގެތެރޭގައި ހިމެނޭ އެއް ޒުވާނެއްކަމަށްވާ ޢުމްރާން ޝާބާންއަށް ޤައްޛާފީގެ ވަފާތެރިން މިއަހަރު ދީފައިވާ އަނިޔާތަކަށް ފަރުވާކުރެވެމުން ދަނިކޮށް އަންގާރަ ދުވަހު ޝަހީދުވެއްޖެއެވެ.
ޢުމްރާންއާއި އޭނާގެ 3 އެކުވެރިން މިއަހަރު ޖުލައި މަހު ޗުއްޓީ ހޭދަކޮށްލުމަށް ފަހު އެނބުރި ރަށަށް އައި މަގުމަތީގައި "ބަނީ ވަލީދު" ކިޔުނު ރަށް ކައިރިންވަނީ ކިޑްނެޕްކުރެވިފައެވެ. މިކަމުގެ އަޑީގައި ތިބީ ޤައްޛާފީގެ ވަފާތެރިންނެވެ. ބަނީ ވަލީދަކީ ޤައްޛާފީގެ ވަފާތެރިން ގިނަ، ލީބިޔާގެ އެހެން ރަށްތަކާ ތަފާތުކޮށް ވަކިން އޮންނަ، އެއްލައްކަ މީހުންގެ އާބާދީގެ ރަށެކެވެ.
ޢުމްރާނާއި އޭނާގެ އެކުވެރިން ސަލާމަތްކުރުމަށްޓަކާ ލީބިޔާގެ މިހާރުގެ ރައީސް މުޙައްމަދު ޔޫސުފް އަލްމަޤާރީފްވަނީ ނުރައްކާތެރި ބަނީ ވަލީދަށް މިސެޕްޓެމްބަރު މަހު ވަޑައިގަނެފައެވެ. އަދި ޢުމްރާނާއި އޭނާގެ 2 އެކުވެރިއަކު ވަނީ ބަނީ ވަލީދުން އެފަހަރު ދޫކޮށްލާފައެވެ. ނަމަވެސް އެކަކު އަދިވެސް ވަނީ ޤައްޛާފީގެ ވަފާތެރިންގެ އަޅުވެތިކަމުގައި ހައްޔަރުކުރެވިފައެވެ.
ލީބިޔާގެ ޤައުމީ ބަޠަލެއްކަމުގައި ބެލެވޭ ޢުމްރާން އާއިލާއާ ޙަވާލުކުރެވުނު އިރު ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. އޭނާގެ ގަޔަށް ދެ ވަޒަނެއް އެރުމުގެ ސަބަބުން އުނަގަނޑުން ތިރި އެއްކޮށް ޕެރަލައިޒްވެފައިވާކަމަށާއި، ގައިގެ އެހެނިހެން ތަންތަނުގައި ތަޅާ އަނިޔާކޮށްފައިވާކަމުގެ ނިޝާންތައް ހުރިކަމަށް ޢާއިލާގެ ފަރާތުން ބުނެއެވެ. އަދި އޭނާ ގެޔަށް ގެނެވުނު އިރު އޭނާގެ މޭމަތީގައި ރޭޒަރަކުން ޅިޔަ އަޅާލާފައިވާކަމަށާއި އޭނާ އިރުއިރުކޮޅާ ހޭނެތިގެންދާކަމަށް އޭނާގެ އަޚް ޢަބްދުﷲ ޝާބާން ބުނެއެވެ.
ޢުމްރާންއަށް ލިބިފައިވާ އަނިޔާތަކަށް ފަރުވާކުރުމަށްޓަކާ ފަހުންވަނީ ފަރަންސޭސިވިލާތަށް ގެންގޮސްފައެވެ. ޢުމްރާންއަކީ އެޢާއިލާގައި ހުރި 2 ވަނައަށް އެންމެ ހަނގު މެމްބަރެވެ. ޢާއިލާގެ ފަރާތުން ބުނެފައިވާ ގޮތުގައި ޤައްޛާފީ ހައްޔަރު ކުރުމުން ސަރުކާރުން ދޭން ބުނެފައިވާ 1 މިލިޔަން ލީބިޔާ ދީނާރު ޝާބާންއަށް ލިބިފައެއް ނުވެއެވެ. ޢަބްދުﷲ ޝާބާން ބުނެފައިވަނީ، 1 މިލިޔަން ދީނާރު ނުލިބިގެން ޢުމްރާން ޝަކުވާކޮށްފައި ނުވާކަމަށާއި، ޤައްޛާފީ ހައްޔަރު ކުރެވުމަކީ އޭނާގެ ޤައުމީ ވާޖިބެއްކަމުގައި ދެކެފައިވާކަމަށެވެ. މިދިޔަ އަހަރު އޮކްޓޯބަރު 20 ވަނަ ދުވަހު ޞިރްޠުގެ ޖަންކްޝަން ހޮޅިއަކުން ޤައްޖާފީ ހައްޔަރު ކުރެވުމުން ލީބިޔާގައި އޭރު ހިނގަމުން ދިޔަ ލޭ އޮހޮރުވުން ބޮޑު ދާޚިލީ ހަނގުރާމަ ނިމުމަކަށް އައެވެ. މިކަމުގެ ޝަރަފްދެވިފައިވަނީ ޢުމްރާނާއި އޭނާއާ އެކު އެކަމުގައި ބައިވެރިވި ޒުވާނުންކޮޅަކަށެވެ.
ޢުމްރާންގެ ޖަނާޒާ ޤައުމީ ޢިއްޒަތުގައި މިދިޔަ އަންގާރަ ދުވަހު އޭނާގެ އުފަން ރަށް މިސްރަތާގައި ބޭއްވުނު އިރު، ޢުމްރާންގެ މަރުގެ ބަދަލު ހިފުމަށް ގޮވާލާ ވެރިރަށް ޠުރާބުލުސްގައި އެތައް ސަތޭކަ ބަޔަކުވަނީ މުޒާހަރާކޮށްފައެވެ. ލީބިޔާގެ ރައީސް މުޙައްމަދު އަލްމަޤްރަފީ އަންގާރަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ، ޝާބާންއަށް އަނިޔާވެރިވިކަމުގެ ޒިންމާ އުފުލަންޖެހޭ މީހުންނަށް ޙައްޤު އަދަބު ދޭނެކަމަށް ވަޢުދުވާކަމަށެވެ. ސަރުކާރާ ކުރިމަތިލާން ޖެހިފައި މިވަނީ ޤައްޛާފީއަށް ވަފާތެރި ބަނީ ވަލީދު ރަށަކީ ވެއްޓުނު ވެރިކަމުގެ ފަރާތުން ބަރު ހަތިޔާރު ގިނަ ޢަދަދަކަށް ލިބި، އަސްކަރީ ގޮތުންވެސް ބާރު ގަދަވެފައިވާ ރަށެކެވެ.
ލީބިޔާގައި މިދިޔަ ހަފްތާވަނީ އެމެރިކާގެ އެމްބެސަޑަރަކުވެސް މަރާލެވިފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...