ދުނިޔެ ސިޑްނީގައި ބޭއްވި އަނިޔާވެރި މުޒާހަރާގައި އެކުރީ ޙަރާމް ކަންތައްތަކެއް : ޝައިޚް ފެއިޒް

ސިޑްނީގައި ބޭއްވި އަނިޔާވެރި މުޒާހަރާގައި އެކުރީ ޙަރާމް ކަންތައްތަކެއް : ޝައިޚް ފެއިޒް

ސިޑްނީގައި ބޭއްވި އަނިޔާވެރި މުޒާހަރާގައި އެކުރީ ޙަރާމް ކަންތައްތަކެއް : ޝައިޚް ފެއިޒް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މުސްލިމްވިލެޖް.ކޮމް އަށް ޝައިޚް ފެއިޒް މުޙައްމަދު އިންޓަވިއު ދެއްވަނީ

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށާއި އިސްލާމްދީނަށް ފުރައްސާރަކޮށް އެމެރިކާގައި ނެރުނު ފިލްމާ ދެކޮޅު ހެދުމުގެ ގޮތުން ނިމިދިޔަ ހަފްތާގައި އޮސްޓްރޭލިއާގެ ސިޑްނީގައި ބޭއްވި މުޒާހަރާތަކުގައި ހިންގާފައިވާ އަނިޔާވެރި ޢަމަލްތަކަކީ އިސްލާމްދީން މަނާކުރާ ކަންތައްތަކެއް ކަމަށް އޮސްޓްރޭލިއާގެ ދީނީ ޢިލްމުވެރިއެއް ކަމަށްވާ ޝައިޚް ފެއިޒް މުޙައްމަދު ވިދާޅުވެއްޖެ އެވެ.

މުސްލިމްވިލެޖް.ކޮމް އަށް ދެއްވި ޚާއްޞަ އިންޓަވިއު އެއްގައި ޝައިޚް ފެއިޒް ވިދާޅުވީ، މުޒާހަރާތަކުގައި ހަމަނުޖެހުން ހިންގުމަކީ ޙަރާމް ކަމެއް ކަމަށެވެ. އެހެނަސް، އެ ފިލްމަކީ ވަރަށް ގޯސް، ފާޙިޝް ފިލްމެއް ކަމަށް ޝައިޚް ވަނީ ސިފަކުރައްވާފަ އެވެ.

ނިމިދިޔަ ހޮނިހިރު ދުވަހު ސިޑްނީގެ ހެއީޑް ޕާރކްގައި މުޒާހަރާކުރި ހިޒްބުއްތަޙްރީރްގެ 400 މުސްލިމުންނާ ފުލުހުންނާ ދެމެދު ވަނީ ބޮޑު ހަމަނުޖެހުންތަކެއް ހިނގާފަ އެވެ.

"އެމީހުން ޖަޒްބާތުގައި ޖެހުމުގެ ސަބަބުން ކޮންޓްރޯލުން ނައްޓައިގެން ދިޔައީ. އެހެނަސް އެމީހުން ހިންގި ކަންތައްތަކަކީ އިސްލާމީ ނަޒަރަކުން ބުނާނަމަ، ކުށްވެރިކުރެވޭނެ ޢަމަލްތަކެއް. މުސްލިމުން އެބަ ޖެހޭ މިފަދައިން މުޒާހަރާކުރާ މީހުންނަށްވެސް ނަސޭހަތްދީ އެފަދަ ކަންކަން ތަކުރާރު ނުކުރުމަށް ގޮވާލަން." ޝައިޚް ފެއިޒް ދެއްވި އިންޓަވިއުގައި ވިދާޅުވި އެވެ.

މުޒާހަރާތަކުގައި ބައިވެރިވާ ޒުވާނުންނަށް ނަސޭހަތްދެއްވަމުން ޝައިޚް ވިދާޅުވީ ކެތްތެރިވެ އިސްލާމްދީނުގައި އަންގަވާފައިވާ މަގުން ކަންކޮށް، އިސްލާމްވާން ތިބި ޣައިރު މުސްލިމުންނަށް އިސްލާމްދީނުގެ ޙަޤީޤީ ތަޞައްވުރު ދަސްކޮށްދިނުމަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އަދި އިންޓަނެޓުން އަމިއްލައަށް އިސްލާމްދީނާބެހޭ މަޢުލޫމާތު ހޯދާ ޢިލްމުވެރިންގެ ޙަވާލާއެއްނެތި ތިމާއަށް ކަމުދާ ގޮތަށް ޤަބޫލުކުރަމުން ނުދިޔުމަށް ވެސް ޝެއިޚް އިލްތިމާސްކުރެއްވި އެވެ.

މުޒާހަރާ ދެގޮތަކަށް ކުރެވިދާނެކަމަށާއި، ހެޔޮ ނިޔަތުގައި ކުރެވޭ ޞުލްޙަވެރި މުޒާހަރާތަކަކީ ހުއްދަ މުޒާހަރާތަކެއް ކަމަށާއި، އެހެނަސް ބަޔަކަށް ގެއްލުންދޭން ނުވަތަ އަނިޔާވެރިކަން ފާޅުކުރުމަށް ކުރެވޭ މުޒާހަރާތަކަކީ ޙަރާމް މުޒާހަރާތަކެއް ކަމަށް ޝައިޚް ފެއިޒް ވިދާޅުވި އެވެ.

އިސްލާމްދީނަށް މަލާމާތްކޮށް ނެރުނު ފިލްމާ ދެކޮޅު ހެދުމުގެ ގޮތުން ހިނގާފައިވާ ބައެއް ހަމަނުޖެހުންތަކާ ގުޅިގެން، ސަޢުދީ ޢަރަބިއްޔާގެ އިސް މުފްތީ ފަޟީލަތުއްޝައިޚް ޢަބްދުލް ޢަޒީޒް ބިން ޢަބްދުﷲ އާލުއްޝައިޚްވެސް ވަނީ މުޒާހަރާތަކުގައި އެމްބަސީތަކަށާއި ސަފީރުންނަށް ހަމަލާދިނުމަކީ އިސްލާމްދީނާ ޚިލާފްކަމެއްކަމަށް ފަތުވާ ދެއްވާފަ އެވެ.

އިސްލާމްދީނަށް މަލާމަތްކޮށް އުފައްދާފައިވާ ފިލްމާ ގުޅޭ ގޮތުން މުސްލިމުން ކަންކުރަންވީ ގޮތާމެދު ޝައިޚް ފެއިޒް އާއި އެހެނިހެން ޢިލްމުވެރިން ބުދަ ދުވަހު ބާއްވަން އުޅުން ފޯރަމެއްވަނީ ބައެއް ފަރާތްތަކުގެ ހަމަނުޖެހުމުގެ ސަބަބުން ކެންސަލްކޮށްފަ އެވެ. އަހްލުއްސުންނާ ޖަމާޢަތާ ތަފާތުތަކެއް ހުންނަ ހިޒްބުއްތަޙްރީރުން ގޮވާލަމުންދަނީ، މުޒާހަރާކޮށް މުސްލިމުން އެމީހުންގެ "ޤަދަރުވެރި" މަސައްކަތް ކުރިއަށް ގެންދިޔުމަށް ގޮވާލަމުންނެވެ.

ޝައިޚް ފެއިޒަކީ އޮސްޓްރޭލިއާގެ އަހްލުއްސުންނަ ވަލް ޖަމާޢާ މަރުކަޒުގެ އަމީރެވެ. އަދި “ގްލޯބަލް އިސްލާމިކް ޔޫތު ސެންޓަރ” (GIYC) ގެ އަމީރުވެސް މެއެވެ.

ޝައިޚް ފެއިޒްގެ ޙަޔާތަކީ އަދުގެ ޒުވާނުން ޢިބުރަތް ލިބިގަންނަންވީ ޙަޔާތެކެވެ. ޝައިޚްގެ ޒުވާން ދުވސްވަރުގެ ޙަޔާތާއި ބައޮގްރަފީ ބައްލަވާ ލެއްވުމަށް "ދިއިސްލާމްގައި" ޝާއިޢުކޮށްފައިވާ ޝައިޚް ފެއިޒްގެ ބައޮގްރަފީ ވިދާޅުވެލައްވާށެވެ.

މުސްލިމްވިލެޖް.ކޮމް އަށް ޝައިޚް ފެއިޒް މުޙައްމަދު ދެއްވި އިންޓަވިއުގެ ވީޑިއޯ ބައްލަވާލައްވާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.